[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 24

މި ވަސީލަތްތަކުގެ ތެރެއިން ދެން އޮތީ މީގެ އެންމެ ނުރައްކާތެރި އަދި ޒުވާނުންނާއި ކުޑަކުދިންގެ ސިކުނޑިތަކާ އެންމެ ކުޅެލާ ދެ ވަސީލަތެވެ.

 

ފުރަތަމައީ: އިންޓަރނެޓު

 

މި ވަސީލަތަކީ މި ވަސީލަތް ފެތުރިފައިވާ މިންވަރާއި މީގެ ނުރައްކާތެރިކަން ކިޔާދޭން ޖެހޭވަރަށް ވުރެވެސް މިކަމުގައި މަޝްހޫރު ވަސީލަތަކެވެ. ފަހެ އިންޓަނެޓު ބޭނުންކޮށްގެން އަދުގެ ޒަމާނީ އެކި ބާވަތްތަކުގެ ވަސީލަތްތަކުން މިކަން ފެތުރެމުން ދެއެވެ. އަދި ޚަބަރުތައް ފެތުރުމަށްވެސް ބޭނުންކުރާ މި އާ ވަސީލަތަކީ ވަރަށް ފުޅާ އަދި މަސްއޫލުވެރިންނަށް އެ ބެލެހެއްޓުމަށް އެހާމެ ދަތިވެފައިވާ ވަސީލަތެކެވެ.

 

އިލްޙާދުގެ ފިކުރު އިންޓަރނެޓު ބޭނުންކޮށްގެން ފަތުރާ އެކިއެކި ގޮތްތައް ވެއެވެ. އޭގެ ތެރޭގައި:

  1. ޓްވިޓާއާއި ފޭސްބުކްފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް: މިއަދު ކަން ހިނގާ ގޮތަށް ބަލާލުމުން ފާޅުކޮށް އެނގިގެން ދަނީ މިއީ ޘަޤާފީ ގޮތުން ވަރަށް ބޮޑަށް އަޘަރުކުރުވާ “ބޮޑު ރާޅެއް”ކަމެވެ. ކޮންމެ ދުވަހެއްގެވެސް އެތައް ގަޑިއިރެއް ވަންދެން އެކަމުގެ ތެރޭގައި އުޅޭ މީހުން ވެއެވެ. އެއީ ވަރަށް ވަރުގަދައަށް މީސްތަކުން އެއާ ދިމާއަށް ދަމާ ވަސީލަތަކަށް މިވަނީ ވެފައެވެ.

ފަހެ މިކަން ދިރާސާކުރާ މީހަކަށް ފެނިގެންދާނީ މުލްޙިދުން މި ދޮރު ޚިޔާރުކޮށް، ވަރަށް ރޭވުންތެރިކަމާ އެކުގައި، ވަރަށް ފޯރީގައި އަދި ވަރަށް ވިސްނުންތެރިކަމާއެކު މީގެ ބޭނުން ހިފާކަމެވެ.

އެގޮތުން ބައެއް ފަހަރު ޞަރީޙަ އުސްލޫބަކުން އަދި އަނެއްބައި ފަހަރު އިޝާރާތުން އެބައިމީހުންގެ ބަލިކަށި ނަޒަރިއްޔާތުތައް މީސްތަކުންނަށް ޒީނަތްތެރިވާނޭހެން މީގައި ގެނެސްދެއެވެ. އަދި އިލްޙާދުގެ ބޮޑުންނާއި އެބައިމީހުންގެ ފިކުރީ އުފެއްދުންތައް މަތިވެރިކޮށްފައިވެސް ގެނެސްދެއެވެ. ނުވަތަ މީސްތަކުންނަށް އޮޅުން އަރާފަދަ ޝުބުހަތައް މަކަރުވެރި ގޮތެއްގައި ގެނެސްދެއެވެ. ނުވަތަ ދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރެއެވެ. ނުވަތަ ދީނުގައި ކަނޑައެޅިގެން ބަޔާންވެފައިވާ ކަންކަމާ މެދުގައި ޝައްކު އުފައްދައެވެ. ނުވަތަ ޢިލްމުވެރިންނާ މެދުގައި އޮންނަ އިތުބާރު ގެއްލުވާލައެވެ. ނުވަތަ އެބައިމީހުންގެ ފިކުރަށް މަގުކޮށައިދޭ ޢިބާރާތްތައް ނުވަތަ ވިސްނުންތައް ފަތުރައެވެ. މިސާލަކަށް: އެއްވެސް ހިފެހެއްޓުމެއް ނެތް މިނިވަންކަމަށް އެބައިމީހުން ދަޢުވަތު ދެއެވެ. އެކަންކަމަކީ އޭގެ ސަބަބުން އިސްލާމްދީނަށް ކުޑައިމީސް ކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި އިސްލާމްދީން ދޫކޮށްލާފައި ދިޔުން ޒީނަތްތެރިކޮށްދޭ ކަމެކެވެ.

 

  1. އެކިއެކި ވީޑިއޯތައް ފަތުރާ ވަސީލަތްތައް: އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ވަސީލަކީ ޔޫޓިއުބެވެ. އިންޓަރނެޓު ބޭނުންކުރާ ގިނަ މީހުން އެ ބޭނުން ކުރެއެވެ.

އެގޮތުން މުލްޙިދުން އިލްޙާދަށް މަގުކޮށައިދޭ ނުވަތަ އެއަށް ގާތްކޮށްދޭ އެކި ވީޑިއޯތައް ރެއާއި ދުވާލު އޭގެން ފޮނުވަމުން ދެއެވެ. އަދި އެބައިމީހުންގެ މަކަރުވެރިކަމުން އެބައިމީހުން އެ ފަތުރާ އިރުގައި ޢާންމު ގޮތެއްގައި އޭގެ ސުރުޚީއަކަށް ބޭނުން ކުރަނީ ނުވަތަ އެއާ އެއްކޮށް ހޭޝްޓެގުގެ ގޮތުގައި ބޭނުންކުރަނީ ޒުވާނުން ޢާންމުކޮށް ހޯދާ އުޅޭ އެކި ބާވަތްތަކުގެ ލަފްޒުތަކެވެ. އެގޮތުން ފުޓުބޯޅަ މެޗުތަކާއި ގޯލުތަކާއި ނުވަތަ ފިލްމުކުޅޭ މީހުންނާއި އެކި ފަންނާނުންނާއި ކުޅިވަރުކުޅޭ މަޝްހޫރު މީހުންގެ ނަންތަކާ އަދި ފިލްމުތަކާއި ސީރީސްތަކުގެ ނަންތައް އެމީހުން އޭގައި ބޭނުން ކުރެއެވެ. އެއީ ޒުވާނުން އެފަދަ ނަންތައް ހުންނަ ކްލިޕްތައް ހޯދުމަށް ޝައުޤުވެރިކަން ހުންނަކަން އެބައިމީހުން ދަންނާތީއެވެ. އިލްޙާދު ފަތުރާ އެފަދަ ކްލިޕެއް އޮޅިގެން ހުޅުވުމުންވެސް ބައެއް ޒުވާނުން އޭގައި އޮތް އެއްޗެއް ބަލާލަން ބައެއް ފަހަރު މަޑުކުރެއެވެ. އަދި އޭގެ ސަބަބުން އެ ޒުވާނުންގެ ހިތްތަކަށް މި ބަލިމަޑުކަން ވަދެއެވެ.

 

  1. އެކި ބާވަތްތަކުގެ އޮންލައިން ފޯރަމްތައް: މުލްޙިދުން އިންޓަނެޓުގެ އެކި ފޯރަމްތަކުގައި އެބައިމީހުންގެ މަޅިތައް ޖަހައެވެ. އެގޮތުން އޭގައި ޒުވާނުންނަށް އޮޅުން އަރާފަދަ ކަންތައްތައް ފަތުރައެވެ. އަދި އޭގެ ޛަރީޢާއިން ޒުވާނުން އެބައިމީހުންގެ ޝިކާރައަކަށް ހަދައެވެ.

އެކަމުގައި އެބައިމީހުން ޢަމަލުކުރާ ގޮތަކީ:

– އެތަނަށް ވެއްދުން

– އެމީހަކު އެތަނަށް ވަނުމުން މަރުޙަބާ ކިޔުން

– އެމީހެއްގެ ހިތުގައި ޝައްކުއުފެއްދުން

– އިލްޙާދުގެ ފިކުރަށް އެމީހަކަށް ބިންގާ އަޅައިދިނުން

ފިރިހެން އަދި އަންހެން ބައިވެރިންގެ ތެރެއިން އެބައިމީހުންނަށް ލަގަން ހަވާލުކޮށްލާފަދަ މީހަކު ހުރިނަމަ އަދި އެފަދަ މީހަކު ބައިވެރިވެއްޖެނަމަ އެބައިމީހުން އެމީހަކަށް ވަރަށް ޘަނާ ކިޔާނެއެވެ. އެއީ މިނިވަންވުމަށް އެދޭކަމަށް އެބައިމީހުންނަށް ފެންނަ މީހުންނެވެ. ނުވަތަ ޢާދަކާދަތައް ކަމުނުދާ މީހުންނެވެ. ނުވަތަ ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތް މަނާކުރާތީ އެކަން ކަމުނުދާ މީހުންނެވެ.

ފަހެ އެފަދަ މީހުންނާއި އެ ފޯރަމް ހިންގާ މީހުންގެ މެދުގައި މިކަމުގެ ސަބަބުން ގުޅުން އުފެދިގެން ދެއެވެ. ދެން އެއަށް ފަހު އެ ގުޅުން ތަރައްޤީކުރަމުން ދެއެވެ. އެގޮތުން އީމޭލުކުރުމާއި ޗެޓުކުރުމާ އަދި އެއަށް ފަހު ބައިވެރިވެގެން (subscribe ކޮށްގެން) އަންނަ ލިޔުންތަކާއި ފޮތްތައް އެފަދަ މީހުންނަށް އާދެއެވެ. އަދި އެކިއެކި ސައިޓުތަކުގެ ލިންކުތަކާއި ބްލޮގުތައް އެފަދަ މީހުންނަށް ފޮނުވައެވެ. އެންމެ ފުރަތަމަ މިފަދަ އެއްޗެހީގައި އިލްޙާދުގެ ފިކުރު ޞަރީޙަކޮށް ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ފަހުން އެފަދަ މީހުން އެމީހުންގެ ޝިކާރައަކަށްވެ ނިމިދެއެވެ.

 

  1. އިލްޙާދުގެ ސައިޓުތަކާއި ބްލޮގްތައް: މިއީ މި ފިކުރުގެ އަސާސެވެ. އަދި މިއީ ޒުވާނުން އެދިމާއަށް ގެންދިޔުމަށް އެބައިމީހުން ޙަޤީޤަތުގައި ބޭނުންވާ ދިމާލެވެ. މިއީ މީހަކު ވަގުތުން މަރާލާ ވިހައެއްފަދަ އެއްޗެކެވެ. މިއީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ވަރަށް ކުޑަކޮށް “ސާރޗް”ކޮށްލައިގެން އިލްޙާދުގެ ވަރަށް ގިނަ ސައިޓުތަކާއި ބްލޮގްތައް އަޅުގަނޑަށްވެސް ފެނުނެވެ. އެފަދަ އެއްޗެތި ފަތުރަނީ އިސްވެ ބަޔާންވެ ދިޔަ ވަސީލަތްތަކުގައެވެ.

ވަރަށް އަވަސް ނަޒަރެއް މި ސައިޓުތަކާއި ބްލޮގްތަކަށް ހިންގާލުމުންވެސް އަޅުގަނޑަށް ކަށަވަރުކޮށް ބުނަން އެނގެނީ ޝަރުޢީ ޢިލްމު ވަރަށް ކުޑަކޮށް މެނުވީ ނޭނގޭ ޒުވާނަކު އެއަށް ވަދެފައި އޭގައި ފަތުރާފައިވާ ޝުބުހަތައް (އޮޅުން އަރާފަދަ ކަންތައްތައް) ކިޔައިފިނަމަ ދަންނައެވެ. އޭނާ ދެން އެއިން ނުކުންނާނީ ކުރިން އެއަށް ވަން ޙާލުގައެއް ނޫނެވެ.

އެއަށް ވަންނަ ގިނަ ޒުވާނުންނަކީ ވަރަށް ކުޑަކޮށް މެނުވީ ޝަރުޢީ ޢިލްމު ދަންނަ ބައެއް ނޫނެވެ. – ﷲ ތަޢާލާ ރައްކާތެރިކޮށްދެއްވި އަޅަކު މެނުވީ އެއިން ރައްކާތެރި ނުވެވޭނެއެވެ. – އެހެނީ އެފަދަ ތަކެތި ހިންގާމީހުން އެބޭނުން ކުރަނީ އެކިއެކި އުސްލޫބުތަކެވެ. އަދި އެބައިމީހުން އޭގައި އެ ކިޔާ އޮޅުން އަރާފަދަ ކަންތައްތައްތަކަކީ އެކަން ރަނގަޅަށް ނޭނގޭ މީހުންގެ ހިތްތަކުގައި ވަކި ހިތްޕާލާނެފަދަ ކަންކަމެވެ. އޭގައި އެވަނީ އިޙްސާސްތަކާ ކުޅޭ ފަދަ އުސްލޫބެވެ. އަދި ބުއްދީގެ ގޮތުން ހުންނަ އޮޅުންތަކެވެ. އަދި ވަރަށް އުނދަގޫ، އޮޅުން އަރާފަދަ މައްސަލަތަކެވެ. އަދި ޙަޤީޤަތްތައް އޮޅުވާލުމެވެ. އަދި (ދީނާއި އޭގެ އަހުލުވެރިންނަށް) ފުރައްސާރަކުރުމެވެ. އަދި އެކި ބާވަތްތަކުގެ ވާހަކަތަކާއި ޅެންތަކެވެ. އެއީ މަކަރުވެރިކަމާއި އޮޅުވާލުމުގެ ދިގު ސިލްސިލާއެކެވެ.

 

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް