الْحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِين.
ސުންނަތް ނަމާދުކުރުން އެންމެ މޮޅުއިތުރުވެގެން ވަނީ ގޭގައެވެ. އެއީ ކޭތަ ނަމާދު ފަދައިން ޖަމާޢަތް ހަދައިގެން ކުރުން ސުންނަތް ނަމާދަކަށް ނުވާނަމައެވެ. ނުވަތަ ހުކުރު ނަމާދުގެ ކުރިން (ވަކި ޢަދަދެއް ނެތި ދެ ރަކުޢަތުން ދެ ރަކުޢަތުން) ކުރާ ސުންނަތް ނަމާދު ފަދައިން އެ ނަމާދެއް މިސްކިތުގައި ކުރުމަށް ބާރުއަޅުއްވާފައިވާ ނަމާދަކަށް ނުވާނަމައެވެ. [1] ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޢަމަލުފުޅުންނާއި އެކަލޭގެފާނުގެ ބަސްފުޅުތަކުން މިކަން ޘާބިތުވެއެވެ. މީގެ ތެރެއިން ބައެއް ދަލީލުތައް ތިރީގައި މިވަނީއެވެ.
އިބްނު ޢުމަރު رَضِيَ اللهُ عَنْهُ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާކުރައްފާއި ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«اجْعَلُوا فِي بُيُوتِكُمْ مِنْ صَلاَتِكُمْ وَلاَ تَتَّخِذُوهَا قُبُورًا» [2]
މާނައީ: “ތިޔަބައިމީހުންގެ ގެތަކުގައި ބައެއް ނަމާދުކުރާށެވެ. އަދި އެތަންތަން (އެބަހީ: ގެތަށް) ޤަބުރުސްތާނުތަކެއް ކަމުގައި ނުހަދާށެވެ.”
އިމާމު ނަވަނީ (ނޔވ 676) ވިދާޅު ވިއެވެ.
“ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ މި ޙަދީޘްބަސްފުޅު «اجْعَلُوا فِي بُيُوتِكُمْ مِنْ صَلاَتِكُمْ وَلاَ تَتَّخِذُوهَا قُبُورًا» ގެ މާނައަކީ އެ ތަނުގައި (އެބަހީ: ގޭގައި) ނަމާދުކުރާށެވެ. ނަމާދު ނުކޮށް ދޫކޮށްލެވިފައިވާ ގަބުރުސްތާނުތަކެއް ފަދައިން ގެތައް ނުހަދާށެވެ. އޭގެ މުރާދަކީ ސުންނަތް ނަމާދުތަކެވެ. މާނައަކީ ސުންނަތް ނަމާދުތައް ގޭގައި ކުރާށެވެ.”[3]
ޒައިދު ބުނު ޘާބިތު رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން ވެއެވެ.
“ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގައި ނަމާދުކުރަން ކުޑަ ކޮޓަރިކޮޅެއް ޚާއްޞަކުރެއްވިއެވެ. އެ ކޮޓަރިކޮޅުގައި ވަނީ ކުނަލެއް އަޅުއްވާފައިހެން ހީވާކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު އެ ކޮޓަރިކޮޅުގައި ބައެއް ރޭރޭ ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން އެކަލޭގެފާނު (ނަމާދުކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާތީ އެބޭކަލުންވެސް އެކަލޭގެފާނުގެ) ފަހަތްޕުޅުގައި ނަމާދުކުރެއްވިއެވެ. މިކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވުމުން (އެބޭކަލުންގެ މައްޗަށް އެކަން ފަރުޟު ވެދާނެތީ އެކަމަށް ބިރުފުޅުގެންވަޑައިގެން އިމާމުވެ ނުކުރެއްވުމަށްޓަކައި) އިށީނދެ އިންނަވައި (އެބޭކަލުންނަށް ނުފެންނާނޭހެން ދެން ނަމާދުކުރެއްވިއެވެ. އެއަށްފަހު) އެބޭކަލުންގެ އަރިހަށް ނިކުމެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ.
«قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ المَرْءِ فِي بَيْتِهِ إِلَّا المَكْتُوبَةَ» [4]
މާނައީ: “ތިޔަބައިމީހުން ކަންތައް ކުރެއްވި ގޮތް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ގެތަކުގައި ނަމާދު ކުރާށެވެ. ފަހެ ހަމަކަށަވަރުން ފަރުޟު ނަމާދުތައް ފިޔަވައި އެންމެ މަތިވެރި ނަމާދަކީ އަޅާ އޭނާގެ ގޭގައި ކުރާ ނަމާދެވެ.”
އަލްޙާފިޡު އިބްނު ޙަޖަރު (ނޔވ 852) ވިދާޅު ވިއެވެ.
“މި ޙަދީޘްގެ ބޭރުފުށުގެ މާނައަށް ބަލާނަމަ ސުންނަތް ހުރިހާ ނަމާދެއްވެސް މީގައި ހިމެނޭނެއެވެ. ސަބަބަކީ “الْمَكْتُوبَةَ”ގެ މުރާދަކީ ފަރުޟު ނަމާދުތަކެވެ. އެހެންނަމަވެސް ޙަދީޘްގައި މިވަނީ ޖަމާޢަތުގައި ކުރުން ޝަރުޢުވެގެންވާ ސުންނަތް ނަމާދުތައް ފިޔަވައެވެ. އަދި ހަމަ މިގޮތަށް މަސްޖިދު ސުންނަތް ފަދައިން މިސްކިތުގައި ކުރުމަށް ޚާއްޞަ (ސުންނަތް) ނަމާދުތައް ފިޔަވައެވެ. ތިމަންބޭކަލުންގެ ބައެއް އިމާމުން ވިދާޅުވެފައިވަނީ މިފަދައިންނެވެ.”[5]
ޢަބްދުالله ބުނު ޝަޤީޤު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ޢާއިޝާ رَضِيَ اللهُ عَنْهَا ގެ އަރިހުގައި، ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތް ނަމާދާއި ބެހޭގޮތުން ސުވާލު ދެންނެވީމެވެ. ފަހެ އެކަމަނާ ވިދާޅުވިއެވެ.
«كَانَ يُصَلِّي فِي بَيْتِي قَبْلَ الظُّهْرِ أَرْبَعًا، ثُمَّ يَخْرُجُ فَيُصَلِّي بِالنَّاسِ، ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ، وَكَانَ يُصَلِّي بِالنَّاسِ الْمَغْرِبَ، ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ، وَيُصَلِّي بِالنَّاسِ الْعِشَاءَ، وَيَدْخُلُ بَيْتِي فَيُصَلِّي رَكْعَتَيْنِ، وَكَانَ يُصَلِّي مِنَ اللَّيْلِ تِسْعَ رَكَعَاتٍ فِيهِنَّ الْوِتْرُ، وَكَانَ يُصَلِّي لَيْلًا طَوِيلًا قَائِمًا، وَلَيْلًا طَوِيلًا قَاعِدًا، وَكَانَ إِذَا قَرَأَ وَهُوَ قَائِمٌ رَكَعَ وَسَجَدَ وَهُوَ قَائِمٌ، وَإِذَا قَرَأَ قَاعِدًا رَكَعَ وَسَجَدَ وَهُوَ قَاعِدٌ، وَكَانَ إِذَا طَلَعَ الْفَجْرُ صَلَّى رَكْعَتَيْنِ» [6]
މާނައީ: “މެންދުރު ނަމާދުގެ ކުރިން އެކަލޭގެފާނު ގެކޮޅުގައި ހަތަރު ރަކުޢަތް ކުރައްވައެވެ. އެއަށްފަހު ނިކުމެ ވަޑައިގެން މީސްތަކުންނާއިގެން (މެންދުރު) ނަމާދު ކުރައްވައެވެ. އަދި އެއަށްފަހު (ގެކޮޅަށް) ވަދެވަޑައިގެން ދެ ރަކުޢަތް ކުރައްވައެވެ. އަދި މީސްތަކުންނާއިގެން މަޣްރިބު ނަމާދު ކުރެއްވުމަށް ފަހު (ގެކޮޅަށް) ވަދެވަޑައިގެން ދެ ރަކުޢަތް ކުރައްވައެވެ. އަދި މީސްތަކުންނާއިގެން ޢިޝާ ނަމާދު ކުރެއްވުމަށް ފަހު ތިމަންކަމަނާގެ ގެކޮޅަށް ވަދެވަޑައިގެން ދެ ރަކުޢަތް ކުރައްވައެވެ. އަދި އެކަލޭގެފާނު ރޭގަނޑުގައި ނުވަ ރަކުޢަތް ކުރައްވައެވެ. އޭގެ ތެރޭގައި ވިތުރި ނަމާދުވެސް ހިމެނެއެވެ. އެކަލޭގެފާނު ރޭގަނޑު ކޮޅަށް ހުންނަވައި އަދި އިށީނދެ އިންނަވައިގެންވެސް ނަމާދު (އެބަހީ: ރޭއަޅުކަން) ކުރައްވައެވެ. އަދި އެކަލޭގެފާނު ރޭއަޅުކަން ވަރަށް ދިގުކޮށް ކުރައްވައެވެ. އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ނަމާދުގައި ކިޔަވާ ވިދާޅުވެއްޖެނަމަ ރުކޫޢާއި ސަޖިދައަށް ވަޑައިގަންނަވަނީ ކޮޅަށް ހުންނަވާފައެވެ. އަދި އެކަލޭގެފާނު އިށީނދެވަޑައިގެން އިންނަވާ ކިޔަވާ ވިދާޅުވެއްޖެނަމަ ރުކޫޢާއި ސަޖިދައަށް ވަޑައިގަންނަވަނީވެސް އިށީނދެވަޑައިގެން އިންނަވާފައެވެ. އަދި ފަޖުރުލުމުން ދެ ރަކުޢަތް ކުރައްވައެވެ.”
އިމާމު ނަވަނީ (ނޔވ 676) ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި ވިދާޅުވިއެވެ.
“މި ޙަދީޘްގައި މިވަނީ ރަވާތިބު ސުންނަތްތަކާ އަދި އެހެނިހެން ސުންނަތް ނަމާދުތައް ގޭގައި ކުރުން މުސްތަޙައްބުވެގެންވާ ކަމެވެ. ތިމަންބޭކަލުންގެ އަރިހުގައި މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ. ރޭގަނޑުގެ ނުވަތަ ދުވާލުގެ ފަރުޟު ނަމާދުތަކުގެ ރަވާތިބު ސުންނަތްކަމުގައި ވިޔަސް މެއެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީވެސް މިފަދައިންނެވެ.”[7]
ޖާބިރު رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«إِذَا قَضَى أَحَدُكُمُ الصَّلَاةَ فِي مَسْجِدِهِ، فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلَاتِهِ، فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلَاتِهِ خَيْرًا»[8]
މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު މިސްކިތުގައި ނަމާދެއް އަދާކޮށްފިނަމަ އެ މީހެއްގެ ގޭގައިވެސް ނަމާދުތަކުން ބައެއް ނަމާދުތައް ކުރާށެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ނަމާދުގެ ސަބަބުން (އެބަހީ: ގޭގައި ކުރާ ނަމާދުގެ ސަބަބުން) الله އޭނާގެ ގޭގައި ހެޔޮކަން ލައްވައެވެ.”
ޢަބްދުއް ރައޫފު އަލްމުނާވީ (ނޔވ 1031) ވިދާޅުވިއެވެ.
“( ތިޔަބައިމީހުން ކުރެ މީހަކު މިސްކިތުގައި ނަމާދެއް އަދާކޮށްފިނަމަ) – މާނައަކީ: ފަރުޟު ނަމާދެއް ޖަމާޢަތުގައި އަދާކޮށްފިނަމަ – މިސްކިތުގައި ކަމަށް ޚާއްޞަކޮށްފައި މިވަނީ، އެއީ ފަރުޟު ނަމާދު އަދާކުރުން ވަނީ މިސްކިތުގައި ކަމަށް ވާތީއެވެ.
(އެ މީހެއްގެ ގޭގައި) މާނައަކީ: އެ މީހަކު ދިރިއުޅޭ ގެއެވެ.
(ބައެއް) މާނައަކީ: ބައެއް ނަމާދުތަކެވެ.
(ނަމާދުތަކުން) މާނައަކީ: ފަރުޟު ނަމާދު މިސްކިތުގައި އަދާކޮށް އަދި ސުންނަތް ނަމާދު އެ މީހެއްގެ ގޭގައި ކުރާށެވެ. އެއީ އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ފަދައިން ގެއާއި ގޭގެ އަހުލުންނަށް ބަރަކާތް ލެއްވިގެން ވުމަށެވެ.
(ފަހެ ހަމަކަށަވަރުން އޭނާގެ ނަމާދުގެ ސަބަބުން الله އޭނާގެ ގޭގައި) މާނައަކީ: އޭނާ ގޭގައި ކުރާ ނަމާދުގެ ސަބަބުންނެވެ.
(ހެޔޮކަން ލައްވައެވެ.) މާނައަކީ: މަތިވެރިވެގެންވާ ގިނަގުނަ ހެޔޮކަމެވެ. އެއީ الله ގެ ޛިކުރާއި އެ އިލާއަށް އަޅުކަން ކުރުމުގެ މަތީގައި އެ މީހެއްގެ ގެ ފަޅުފިލުވުމުންނާއި، މަލާއިކަތުން ޙާޟިރުވެ އުފާވެރިކަމުގެ ޚަބަރުދެއްވުމާ އަދި ގޭގެ އަހުލުންނަށް ޘަވާބާއި ބަރަކާތް ލިބެނިވި ކަންކަން ފަހިވުމެވެ.
އަދި ސުންނަތް ނަމާދު އެންމެ މާތްވެގެންވަނީ މިސްކިތުގައި ކުރުމަށް ވުރެ ގޭގައި ކުރުންކަން ވެސް މި ޙަދީޘްގައި ވެއެވެ. އެއީ މަސްޖިދުލް ޙަރާމްކަމުގައި ވިޔަސް މެއެވެ.”[9]
މިކަމަށް (އެބަހީ: ގޭގައި ސުންނަތް ނަމާދުތައް ކުރުން މޮޅުއިތުރުވެގެންވާ ކަމުގެ މައްޗަށް) މިއަށްވުރެ ގިނަ ދަލީލުތައްވެސް ވެއެވެ. ފަހެ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ރަވާތިބު ސުންނަތްތަކާއި ރޭއަޅުކަމާއި ޟުޙާ ނަމާދާ އަދި މި ހުރިހާ ނަމާދެއް ވެސް ކުރެއްވީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. މި ލިޔުމުގައި ބަޔާންކޮށްފައި މިވަނީ މިކަމުގެ ޚުލާޞާއެކެވެ.
ގޭގައި ސުންނަތް ނަމާދުކުރުމުގެ ޙިކުމަތާއި ބެހޭގޮތުން ބައެއް ޢިލްމުވެރިން ވާހަކަފުޅުދައްކަވާފައި ވެއެވެ. އިބްނު ޤުދާމާ (ނޔވ 620) ވިދާޅުވިއެވެ.
“ސުންނަތް ނަމާދު އެންމެ މޮޅުއިތުރީ ގޭގައި ކުރުމެވެ. ސަބަބަކީ ގޭގައި ކުރެވޭ ނަމާދު އިޚްލާޞްތެރިކަމާ ބޮޑަށް ގާތްވެފައި، ދެއްކުންތެރިކަމާ ދުރުވެގެންވެއެވެ. އެއީ ސިއްރުން ކުރެވޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. (ސުންނަތް ނަމާދު) މިސްކިތުގައި ކުރުމަކީ މީސްތަކުންނަށް ފެންނާނެ ކަމެކެވެ. ސިއްރުން ކުރުން މާ ހެޔޮވެގެންވެއެވެ.”[10]
އަދި ހަމަ އެހެންމެ، ގޭގެ އަހުލުންގެ ތެރެއިން ނަމާދުކުރުމަށް ހަނދާން ނެތިފައިވާ މީހާއަށް ހަނދާންވުމާއި ނަމާދުކުރަން ނޭނގޭ މީހާއަށް އުނގަންނައި ދިނުން އެކަމުގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނިގެން ވެއެވެ.
ކޭތަ ނަމާދުކުރުން މުސްތަޙައްބުވެގެން ވަނީ މިސްކިތުގައެވެ. މިކަމުގެ ދަލީލާ މެދު ދަންނައެވެ. އަބޫ ބަކްރާ رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ.
كُنَّا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَانْكَسَفَتِ [ص:34] الشَّمْسُ، فَقَامَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَجُرُّ رِدَاءَهُ حَتَّى دَخَلَ المَسْجِدَ، فَدَخَلْنَا، فَصَلَّى بِنَا رَكْعَتَيْنِ حَتَّى انْجَلَتِ الشَّمْسُ، فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ الشَّمْسَ وَالقَمَرَ لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ، فَإِذَا رَأَيْتُمُوهُمَا، فَصَلُّوا، وَادْعُوا حَتَّى يُكْشَفَ مَا بِكُمْ» [11]
މާނައީ: “ތިމަންބޭކަލުން ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ތިއްބަވަނިކޮށް އިރުކޭތަ ހިފިއެވެ. ދެން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ތެދުވެވަޑައިގެން (ބިރުފުޅުގެންވަޑައިގެން އަވަސްއަވަހަށް) އެކަލޭގެފާނުގެ ރިދާކޮޅު ދަންމަވަމުން މިސްކިތަށް ވަދެވަޑައިގެންނެވިއެވެ. ތިމަންބޭކަލުންވެސް އެކަލޭގެފާނާ އެކު މިސްކިތަށް ވަދެވަޑައިގަތީމެވެ. ދެން އެކަލޭގެފާނު ކޭތަފިލައްޖައުމަށް ދާންދެން ތިމަން ބޭކަލުންނާއިގެން ދެ ރަކުޢަތް ކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ކޭތަހިފަނީ މީހަކު މަރުވުމަކުން ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނުމުން، ކޭތަ ފިލައްޖައުމަށް ދާންދެން اللهއަށް ދުޢާކޮށް، ނަމާދުކުރާށެވެ.”
ހުކުރު ނަމާދުގެ ކުރީގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރުން މުސްތަޙައްބުވެގެންވަނީވެސް މިސްކިތުގައެވެ. މިކަމުގެ ދަލީލު ތިރީގައި މިވަނީއެވެ.
ސަލްމާނުލް ފާރިސީގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنِ اغْتَسَلَ يَوْمَ الجُمُعَةِ، وَتَطَهَّرَ بِمَا اسْتَطَاعَ مِنْ طُهْرٍ، ثُمَّ ادَّهَنَ أَوْ مَسَّ مِنْ طِيبٍ، ثُمَّ رَاحَ فَلَمْ يُفَرِّقْ بَيْنَ اثْنَيْنِ، فَصَلَّى مَا كُتِبَ لَهُ، ثُمَّ إِذَا خَرَجَ الإِمَامُ أَنْصَتَ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ الأُخْرَى» [12]
މާނައީ: “ހުކުރު ދުވަހު ހިނައިގަނެ އަދި އެ މީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ޠާހިރުވެ، އެއަށްފަހު ބޮލުގައި ތެޔޮލައި ނުވަތަ މީރުވަސްދުވާ އެއްޗެއްލުމަށް ފަހު މިސްކިތަށް ގޮސް، ދެމީހުންގެ ދެމެދުގައި ނު އިށީނދެ (އެބަހީ: ހުސްޖާގައެއް ނުވަނީސް ދެ މީހެއްގެ ދެމެދުން ޖާގައެއް ނުހަދާ)، އެ މީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް (ދެ ރަކުޢަތުން ދެ ރަކުޢަތުން ސުންނަތް) ނަމާދުކޮށް، ދެން އިމާމު މީހާ (ޚުޠުބާ) ކިއުމަށް ނުކުތުމުން، ކަނުލާ އަޑުއަހާ މީހަކު ދަންނައެވެ. އެ މީހަކަށް އެ ހުކުރާ އަދި ޖެހިގެން އަންނަ ހުކުރާ ދެމެދުގައިވާ ފާފަތައް ފުއްސެވޭނެއެވެ.”
وَاللَّهُ أَعْلَم.
[1] އެހެނަސް ގޭތެރެ ތޮއްޖެހިފައިވާތީ ހަމަޖެހިލައިގެން ނަމާދުކުރާނޭ ޖާގައެއް ނުވާނަމަ ނުވަތަ ޖެހިގެން އޮތް ނަމާދުގެ ވަގުތު ޖެހޭއިރުގައިވެސް ގެއަށް ދެވޭނެހެން ހީ ނުވާނަމަ ނުވަތަ މިސްކިތުގައި އެ ނަމާދު ނުކޮށްފިނަމަ ދެން އެ ސުންނަތް ފާއިތުވުމުގެ ބިރު އޮތްހެން ހީވާނަމަ ދަންނައެވެ. އެ ޙާލަތްތަކުގައި މިސްކިތުގައި ސުންނަތް ނަމާދުތައް ކުރުމަކީ ރަނގަޅު ކަމެކެވެ. އެހެން ނޫންނަމަ އެންމެ މޮޅު އިތުރީ ގޭގައި ސުންނަތް ނަމާދުތައް ކުރުމެވެ.
[2] صحيح البخاري (432). كتاب الصلاة، باب كراهية الصلاة في المقابر. ومسلم (777). كتاب صلاة المسافرين وقصرها، باب استحباب صلاة النافلة فِي بيته وجوازها فِي المسجد.
[3] شرح النووي على مسلم (67/6). كتاب صلاة المسافرين وقصرها، قولها فرضت الصلاة، باب استحباب صلاة النافلة في بيته وجوازها في المسجد.
[4] صحيح البخاري (731). كتاب الأذان، باب صلاة الليل. ومسلم (781). كتاب صلاة المسافرين وقصرها، باب استحباب صلاة النافلة فِي بيته وجوازها فِي المسجد.
[5] فتح الباري لابن حجر (215/2)، جزء 2، قوله باب صلاة الليل.
[6] صحيح مسلم (730). كتاب صلاة المسافرين وقصرها، باب جواز النافلة قائما وقاعدا.
[7] شرح النووي على مسلم (9/6). كتاب صلاة المسافرين وقصرها، باب فضل السنن الراتبة قبل الفرائض وبعدهن وبيان.
[8] صحيح مسلم (778). كتاب صلاة المسافرين وقصرها، باب استحباب صلاة النافلة فِي بيته وجوازها فِي المسجد.
[9] فيض القدير (418/1) — عبد الرؤوف المناوي (ت 1031)
[10] المغني لابن قدامة – ت التركي (565/2). كتاب الصلاة، باب الساعات التي نهى عن الصلاة فيها، مسألة (239): قال: (وإن تطوع بأربع في النهار فلا بأس)، فصل.
[11] صحيح البخاري (1040). كتاب الجمعة، باب الصلاة في كسوف الشمس.
[12] صحيح البخاري (910). كتاب الجمعة، باب لا يفرق بين اثنين يوم الجمعة.