[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 22

ދެވަނަ އިންތިފާޟާ (28 ސެޕްޓެމްބަރު 2000 – 8 ފެބްރުއަރީ 2005)

 

އޭރިއަލް ޝެރޯން އިސް ދައުރެއް އަދާކުރި، ޞަބްރާ (Sabra)އާއި ޝާތީލާ (Shatila)ގެ ޤަތުލުޢާންމަށް 18 އަހަރު ފުރުމުން، 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފަލަސްޠީނުގެ އަލުހުވެރިން އެކަން ފާހަގަކުރިއެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން ޝެރޯން މަސްޖިދުލް އަޤްޞާއަށް ވަނެވެ. މިކަމުގެ ޚަބަރު ފަލަސްޠީނުގެ އަހުލުވެރިންނަށް ލިބުމުން، ޖެހިގެންއައި ދުވަހު ފަލަސްޠީނުގެ އެތައް ސަތޭކަ މީހުން މަސްޖިދުލް އަޤްޞާގެ ސަރަހައްދަށް އެއްވެ އެތަނުގައި ތިބި އިޒްރޭލުގެ ސިފައިންނާ ކުރިމަތިލިއެވެ. އެބައިމީހުންގެ ހަތިޔާރަކީ އޮއްގަލެވެ. އެއާއެކު އިޒްރޭލު ސިފައިން އެތަނަށް އެއްވި މީހުންގެ ތެރެއަށް ބަޑިޖަހަން ފެށިއެވެ. އެދުވަހު އެތަނުގައި ފަލަސްޠީނުގެ 200 އެއްހާ މީހުން ޒަޚަމްވެ، 4 މީހުން މަރުވިއެވެ. އެއާ ވިދިގެން ދެބައި މީހުންގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ފެށިގެން ދިޔައެވެ.

މިއީ ފަލަސްޠީނުގެ ދެވަނަ އިންތިފާޟާއެވެ. މި އިންތިފާޟާއަށް އަލްއަޤްޞާ އިންތިފާޟާވެސް ކިޔައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިފާޟާގެ ފުރަތަމަ މަހުގައި ފަލަސްޠީނުގެ 131 މީހުން މަރުވިއެވެ. އަދި ދެވަނަ މަހުގައި 116 މީހުން މަރުވިއެވެ. މިތަނުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު އެއް ނުކުތާއަކީ އިންތިފާޟާ ފެށިގެން ފުރަތަމަ އަހަރު ހިނގާދިޔަ ކަންކަމަކީ ރޭވިގެން، ވަކި ބަޔަކު އިސްނަގައިގެން ހިންގި ކަންކަމެއް ނޫނެވެ. އެއީ ފަލަސްޠީނުގެ އަހުލުވެރިން އަމިއްލަ ދިފާޢުގައި ފެށި ރައްދު ހަމަލާދިނުންތަކެކެވެ. އެ ހަމަލާތައް އަމާޒުކުރީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ތަނުގައި ގެދޮރުއަޅާ ވަޒަންވެރިވެ ތިބި ޔަހޫދީންނާއި އެބައިމީހުން ހިމާޔަތްކޮށްދިނުމަށް ޗެކްޕޮއިންޓުތައް ހަދައިގެން ތިބި ޔަހޫދީ ސިފައިންނަށެވެ. އެބައިމީހުން ފެނުނު ކޮންމެ ތަނަކުން އޮއްގަލުން ހަމަލާ ދެމުން ދިޔައީއެވެ. އެއީ ވަކި ބަޔަކު ރާވައިގެން، ވަކި ނިޒާމަކުން ކުރަމުން ދިޔަކަމެއް ނޫނެވެ. ޖެހުނު ތަނަކުން، ޖެހުނު އިރަކުން ދެމުންދިޔަ ހަމަލާތަކެކެވެ. މި އިންތިފާޟާގެ ތެރޭގައި “ޙަމާސް” އިން އިސްނަގައިގެން ފުރަތަމަ ހަމަލާއެއް ދިނީ 2002 ވަނަ އަހަރުގެ މާރޗު މަހުގައެވެ. އެއީ އިންތިފާޟާ ފެށުނުތާ 15 މަސް ފަހެވެ. އެއަށް ފަހުގައި ދެން ފެނިގެން ދިޔައީ ޚާއްޞަ ގޮތެއްގައި ރޭވިގެން ދެމުންދިޔަ ހަމަލާތަކެކެވެ.

އެއާ ވިދިގެން އިޒްރޭލުގެ ޤަތުލުޢާންމުތައްވެސް އިތުރުވެގެން ދިޔައެވެ. 2002 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 އިން މާރޗު މަހުގެ 14 އަށް އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި 300 ފަލަސްޠީނުގެ މީހުން މަރުވިއެވެ. އޭގެ ތެރެއިން 200 މީހުން މަރުވީ މާރޗު މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައެވެ. މާރޗު މަހުގެ ތެރޭގައި ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢަތްތަކުން އިޒްރޭލަށް ދެމުން ދިޔަ ހަމަލާތައްވެސް ވަރުގަދަވެ، އިތުރުވެގެން ދިޔައެވެ. އެގޮތުން އެ މަހުގައި އިޒްރޭލުގެ 130 މީހުން މަރުވިއެވެ. މި އިންތިފާޟާގެ ފުރަތަމަ އަހަރު ފަލަސްޠީނުގެ 702 މީހުން މަރުވިއެވެ. އަދި މި އިންތިފާޟާއަށް 2 އަހަރު ވީއިރު މަރުވި މީހުންގެ ޢަދަދު 1900 އާ ގާތްކުރެއެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު 45000 އާ ގާތްކުރެއެވެ. ފުރަތަމަ އިންތިފާޟާގެ 6 އަހަރުގެ ތެރޭގައި (1987 – 1993) ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 1605 މީހުންނެވެ. އަދި އިޒްރޭލުގެ ސަރުކާރުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިފާޟާގެ ފުރަތަމަ އަހަރު އިޒްރޭލުގެ 164 މީހުން މަރުވިއެވެ. އަދި މި އިންތިފާޟާގެ ފުރަތަމަ 23 މަހުގެ ތެރޭގައި (31 އޮގަސްޓް 2002 އާ ހަމައަށް) 610 މީހުން މަރުވިއެވެ. އަދި 4498 އިޒްރޭލު މީހުން ޒަޚަމްވިއެވެ. އެހެންކަމުން ފުރަތަމަ އިންތިފާޟާއާ އަޅާބަލާއިރު ދެވަނަ އިންތިފާޟާ ވެގެންދިޔައީ އިންސާނީ ބޮޑު ކާރިޘާއަކަށެވެ.  [1]

1975 ވަނަ އަހަރު އދ އިން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމުގެ ނަމުގައި އދ ގައި ހަދާފައިވާ ކޮމިޓީއިން، މި އިންތިފާޟާ ފެށުމާއެކު ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކޮށްދިނުމަށް އެދި އދ އަށް ސިޓީއެއް ފޮނުވިއެވެ. އަދި އެކޮމިޓީން 2000 ވަނަ އަހަރު އދ އަށް ހުށަހެޅި އަހަރީ ރިޕޯޓުގައި މި އިންތިފާޟާގެ ކުރީކޮޅު އިޒްރޭލުގެ ސިފައިން ހިންގާފައިވާ ޖަރީމާތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އިޒްރޭލު ސިފައިންނާ ދިމާއަށް އޮއްގާ އުކަމުން ދިޔަ ފަލަސްޠީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ނެރުނީ ބަޑިއާއި ޓޭންކުތަކާއި ހެލިކޮޕްޓަރުތަކާއި “އެންޓި-ޓޭންކް” ރޮކެޓުތަކާއި ގްރެނޭޑުތައްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން މަރުވި ފަލަސްޠީނުގެ މީހުންގެ ޢަދަދާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އަދި އިޒްރޭލުގެ މި ޢަމަލުތައް ކުށްވެރިކޮށްފައިވެއެވެ. މިކަމާ ގުޅިގެން އދ ގައި ބޭއްވުނު ބައްދަލުވުންތައް ނިމިގެން ދިޔައީ އެއްވެސް ނަތީޖާއެއް ނުފެނިއެވެ. ޝެރޯން މަސްޖިދުލް އަޤްޞާއަށް ވަނުން އދ އިން “ހަރުކަށި ޢިބާރާތްތަކުން ކުށްވެރި” ކުރިއެވެ. އަދި އެއާ ވިދިގެން އިޒްރޭލު ސިފައިން ހިންގި ޒަރީމާތައްވެސް އެފަދައިން ކުށްވެރިކުރިއެވެ. އަދި އދގެ ސަލާމަތީ ލަޝްކަރެއް ފޮނުވަން ވާހަކަދެކެވުނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޢަމަލީ ސިފައެއް ނުގެނެވުނެވެ. އެހެންކަމުން 2000 ވަނަ އަހަރު ނިމިގެން ދިޔައީ ފަލަސްޠީނުގައި ހިނގަމުންދިޔަ ޤަތުލުޢާންމުތަކަށް އެއްވެސް އަލިމަގެއް ނުފެނިއެވެ. [2]

 

=ނުނިމޭ=

 


 

[1] ބައްލަވާ: الانتفاضة والمقاومة والعمليات الاستشهادية التأثيرات والإشكاليات لماجد كيالي، مجلة الدراسات الفلسطين، المجلد: 13، العدد: 52، 2012، (ص:43).

[2] ބައްލަވާ: The Origin and Evolution of the Palestine Problem, Part V (1989 – 2000) by UN (page 65 – 66).

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް