الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަސަބާއި ކުންޔާ
އެކަލޭގެފާނަކީ ޢަލީ ބުން އަބީ ޠާލިބު [1] ބުން ޢަބްދުލްމުއްޠަލިބު ބުން ހާޝިމް ބުން ޢަބްދުމަނާފް ބުން ޤުޞައްޔެވެ. ޢަލީގެފާނަކީ ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެއެއްގެ ދަރިކަލެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަނބަލުން، ފާޠީމާ رضي الله عنها ގެ ފިރިކަލުންނެވެ. ޢަލީގެފާނުގެ މަންމައަކީ ފާޠިމާ ބިންތު އަސަދު ބުން ހާޝިމް ބުން ޢަބްދު މަނާފެވެ.
އެކަލޭގެފާނުގެ ކުންޔާއަކީ އަބުލް ޙަސަން އަދި أَبُو السِّبْطَينِ އެވެ. [2] އަދި ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނަށް އަބޫ ތުރާބުގެ ނަންވެސް ދެއްވާފައެވެ. [3]
އަބޫ ތުރާބުގެ ކުންޔާ އެކަލޭގެފާނަށް ދެއްވާފައި އެވަނީ ވެއްޔަށް ނިސްބަތްކޮށެވެ. ޢަރަބިބަހުގައި تُرَاب ގެ މާނައަކީ: ވެއްޔެވެ. އެކަލޭގެފާނަށް އަބޫ ތުރާބުގެ ކުންޔާ ދެއްވުނު ޙާދިޘާ އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައި ވެއެވެ.
دَخَلَ عَلِيٌّ عَلَى فَاطِمَةَ ثُمَّ خَرَجَ فَاضْطَجَعَ فِي المَسْجِدِ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَيْنَ ابْنُ عَمِّكِ»، قَالَتْ: فِي المَسْجِدِ، فَخَرَجَ إِلَيْهِ فَوَجَدَ رِدَاءَهُ قَدْ سَقَطَ عَنْ ظَهْرِهِ، وَخَلَصَ التُّرَابُ إِلَى ظَهْرِهِ، فَجَعَلَ يَمْسَحُ التُّرَابَ عَنْ ظَهْرِهِ ” فَيَقُولُ: «اجْلِسْ يَا أَبَا تُرَابٍ مَرَّتَيْنِ» [رواه البخاري (3703)]
މާނައީ: “ޢަލީގެފާނު ފާޠިމަތުގެފާނުގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. ދެން ނުކުމެވަޑައިގެން މިސްކިތަށް ވަޑައިގެން ބިންމަތީގައި އޮންނެވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم (ފާޠިމަތުގެފާނަށް) ޙަދީޘްކުރެއްވިއެވެ.
“ކަމަނާގެ ބޮޑުބޭބެގެ ދަރިކަލުން ކޮބާ ހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ. “(އެކަލޭގެފާނު ވީ) މިސްކިތުގައެވެ.”
ދެން ފަހެ، (ނަބިއްޔާ صلى الله عليه وسلم) ނުކުމެވަޑައިގެން އެކަލޭގެފާނުގެ (އެބަހީ: ޢަލީގެފާނުގެ) އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ (އެބަހީ: ޢަލީގެފާނުގެ) ރިދާކޮޅު ބުރަކަށިފުޅުން ވެއްޓިފައިވާ ތަނެވެ. އަދި އެކަލޭގެފާނުގެ (އެބަހީ: ޢަލީގެފާނުގެ) ބުރަކަށިފުޅުގައި ވެލި ހޭކިފައިވާތީއެވެ. ފަހެ، އެކަލޭގެފާނު ޢަލީގެފާނުގެ ބުރަކަށިފުޅުން ފެލި ފޮޅުއްވަމުން ޙަދީޘްކުރެއްވިއެވެ.
“އަބޫ ތުރާބެވެ! އިށީނދެ ވަޑައިގަންނަވާށެވެ.” އެފަދައިން ދެ ފަހަރު ޙަދީޘްކުރެއްވިއެވެ.
______________________
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
[1] އަބޫ ޠާލިބުގެ އަޞްލު ނަމަކީ ޢަބްދުމަނާފެވެ.
[2] سِبْط އަކީ: އަންހެން ދަރީގެ ދަރިންނެވެ. ޢަލީގެފާނަށް މި ނަމުން ނަންދެވިފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަނބަލުން، ފާޠިމަތުގެފާނުގެ ދެ ދަރިކަލުންކަމުގައިވާ ޙަސަނުގެފާނާއި ޙުސައިންގެފާނަށް ނިސްބަތްކޮށެވެ.
[3] ބައްލަވާ: أسد الغابة لابن الأثير (4 / 88) والإصابة لابن حجر (4 / 464).