[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 11 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

 

 

 

قَالَ الطَّحَاوِيُّ رحمه الله: “لاَ تَبْلُغُهُ الأَوْهَامُ، وَلاَ تُدْرِكُهُ الأَفْهَامُ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ހީތައް އެއިލާހާ ހަމައަށް ނުފޯރާނެތެވެ. (އެބަހީ، ހީއަކުން އެއިލާހު ޞިފަނުކުރެވޭނެތެވެ.) އަދި (ޤުރުއާނާއި ސުންނަތުގެ ޢިލްމު ފިޔަވައި އެހެން) ޢިލްމުތަކުން އެއިލާހު ލިބިނުގަނެވޭނެތެވެ. (އެބަހީ، ދެނެނުގަނެވޭނެތެވެ.)”

____________________________________________________

ޝަރަޙަ:

* އިމާމް ޠަޙާވީ ތަޙިމަހުﷲ ގެ މިބަސްފުޅަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޖިސްމުފުޅެއް ވާކަމަށް ބުނާ “المُجَسِّمَة” (އަލްމުޖައްސިމާ) އިންނަށާއި، ﷲގެ ޞިފަފުޅުތައް ނަފީކުރާ “المُعَطِّلَة” (މުޢައްޠިލާ) އިންނަށްވާ ރައްދެކެވެ. “لاَ تَبْلُغُهُ الأَوْهَامُ” އެބަހީ، ފިކުރުކުރާމީހަކު އެއިލާހާމެދު ފިކުރުކޮށް، އޭނަގެ އަމިއްލަ ނަޒަރިއްޔާތަށް ޚިޔާލުކޮށް ކިތަންމެވަރަކަށް ވިސްނިނަމަވެސް، އޭނަގެ ހީއާއި ފިކުރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ޞިފަކޮށް، އެއިލާހުގެ ޛާތުފުޅު ބަޔާންކޮށް ދެވުމާ ހަމައަށް ނުފޯރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لا تُدْرِكُهُ الأَبْصَارُ وَهُوَ يُدْرِكُ الأَبْصَارَ)) الأنعام:103 މާނައީ: “(ޚަލްޤުތަކުންގެ) ލޯތަކަށް އެކަލާނގެ ލިބިނުގަނެވޭނެއެވެ. (އެބަހީ، ދުނިޔެމަތީގައި އެއިލާހު ދުށުމުގެ ކުޅަދާނަކަން ނުލިބޭނެތެވެ.) އަދި އެކަމަކު އެކަލާނގެ އެންމެހާ ތަކެތީގެ ލޯތައް ދެކެވޮޑިގަންނަވައެވެ.” އަދި “وَلاَ تُدْرِكُهُ الأَفْهَامُ” އެބަހީ، އެއްވެސް ޢިލްމަކުންވެސް އެއިލާހު ޞިފަކޮށް، އެއިލާހުގެ ޛާތުފުޅު ދެނެގަނެ ބަޔާންކޮށެއް ނުދެވޭނެއެވެ. މީގެ ތެރެއިން އިސްތިޘްނާވެގެންވަނީ ﷲގެ ފޮތް ކީރިތިޤުރުއާނާއި، އެއިލާހުގެ މާތްނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުގެ ޢިލްމެވެ. އެދެމަޞްދަރުގައި ބަޔާންވެގެންވާ ގޮތެއްގެ މައްޗަށް މެނުވީ އެއިލާހާ ބެހޭގޮތުން ވާހަކަދައްކާ ހެދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِهِ عِلْماً)) طه: 110 މާނައީ: “އަދި އެމީހުންގެ ކުރީގައިވާ ކަންތަކާއި، އެމީހުންގެ ފަހަތުގައިވާ ކަންތައް (އެބަހީ: އެބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތަކާއި، ކުރާނެ ކަންތަކާއި، އާޚިރަތްދުވަހުގެ ކަންތައް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ޛާތުފުޅާމެދު (އެބަހީ، އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާމެދު) އެމީހުންގެ އެނގުން ނުފޯރައެވެ.”

އިމާމް ޠަޙާވީގެ މިބަސްފުޅަކީ “المُجَسِّمَة” (އަލްމުޖައްސިމާ) އިންނަށްވާ ރައްދެކެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިންސާނުންނެކޭ އެއްފަދައިން ޖިސްމުފުޅެއް ލިބިގެންވެއެވެ. މިއީ މިބައިމީހުންގެ ޚިޔާލާއި، ވިސްނުމާއި، ފިކުރާ އެއްގޮތަށް ބުނެއުޅޭ ބާޠިލު ބުނުމެކެވެ. ހަމައެފަދައިން މިބަސްފުޅަކީ “المُعَطِّلَة” (މުޢައްޠިލާ) އިންނަށްވާ ރައްދެކެވެ. މިބައިމީހުން ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޚްލޫޤުންނާ އެއްވައްތަރުކުރެއެވެ. އަދި ހަމައެއާއެކު އެއްވައްތަރުނުކުރަންވެގެން އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރެއެވެ. “المُجَسِّمَة” (އަލްމުޖައްސިމާ) އިންނެކޭ އެއްފަދައިން މިބައިމީހުންވެސް މިބައިމީހުންގެ ޚިޔާލާއި، ވިސްނުމާއި، ފިކުރާ އެއްގޮތަށް ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޚްލޫޤުންނާ އެއްވައްތަރުކުރަނީއެވެ. އަދި ހަމައެފަދައިން މިއީ ޞޫފީންނާއި، ޞޫފީންގެ ހަރުކަށިމީހުންނަށްވާ ރައްދެކެވެ. މިބައިމީހުން ޤަބޫލުކުރާގޮތުގައި އަޅުކަމުގައި މީހާ ވަކި ވަރަކަށް ދިޔުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ފެންނަ ހިސާބަށް ފޯރާނެއެވެ. އަދި އެމީހަކަށް ޣައިބުގައިވާ ކަންކަން ފެންނާނެއެވެ. މިއީ ކަނޑައެޅިގެން ބާޠިލު ޢަޤީދާއެކެވެ.

ޙިކުމަތްތެރިންނާއި، ވިސްނުންތެރިންނާއި، ޝަރުޢުގެ އަހުލުވެރިން އިއްތިފާޤުވެފައިވާގޮތުގައި އިންސާނާއަށް ކަންތައްތައް އެނގެންފަށަނީ މަޑުމަޑުންނެވެ. މިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ((وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمْ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ)) النحل:78 މާނައީ: “ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، ޝުކުރުކުރުމަށްޓަކައެވެ.” ފަލްސަފާވެރިން މިކަމަށް ކިޔަނީ “ދެނެގަތުމުގެ ނަޒަރިއްޔާ” ނުވަތަ “ދެނެގަތުމަށް ވާޞިލުކޮށްދޭ ނަޒަރިއްޔާ” އެވެ.

މިގޮތުން ދެނެގަތުން ދެބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ލޮލުންނާއި، ކަންފަތުންނާއި، ދުލުންނާއި، ނޭފަތުންނާއި، ހަންގަޑު މިފަސްހިއްސުން ދެނެގަނެވޭ ކަންކަމެވެ. މިއީ އިންސާނާއަށް އިޙްސާސްވެގެން ދެނެގަންނަ ދެނެގަތުމެވެ. ކުޑަކުއްޖަކު އެންމެ ފުރަތަމަ ކަންކަން ދެނެގަންނަނީ މިގޮތަށެވެ.

ދެވަނީ: ވިސްނުމާއި، ކުރިން ދެނެގެންފައިވާ ކަމަކުން ދެނެގަންނަ ކަންކަމެވެ. މިދެނެގަތުން ބިނާވެފައިވަނީ އަޅާކިޔުމުގެ މައްޗަށެވެ.

މިގޮތުން ޙިއްސުތަކުން ދެނެގަންނަ ކަންކަމަކީ ޟަރޫރީ ދެނެގަތުމެވެ. މިދެނެގަތުމަށް އިތުރު ހެއްކެއް ބޭނުމެއް ނުވާނެއެވެ. މިސާލަކަށް ފަތިސްވެއްޖެކަމުގެ ޢަލާމާތްތައް ފެނިއްޖެނަމަ އިތުރު ހެއްކަކަށް ބޭނުމެއް ނުވާނެއެވެ. ދެވަނަ ދެނެގަތުމަކީ އަޅާކިޔުމުގެ މައްޗަށް ބިނާވެފައިވާ ދެނެގަތުމެވެ. މިސާލަކަށް، ފޮތެއް ފެނުމުން އަޅުގަނޑުމެންނަށް އޭގެ ބޮޑުކުޑަމިނާއި، ކުލައާއި، ޞިފަ ދެނެގަނެވޭނެއެވެ. އަދި އެހެން ފޮތެއް ފެނިއްޖެނަމަ، ކުރިން ފެނުނު ފޮތާއި، ފަހުން ފެނުނު ފޮތް އަޅާކިޔަން އެނގޭނެއެވެ. މިގޮތުން ދެފޮތުގެ އެއްގޮތްކަންތައްތަކާއި، ފަރަޤު ދެނެގަނެވޭނެއެވެ.

ކަންމިހެންހުރިއިރު، އިންސާނާއަށް ކަމެއް ދެނެގަނެ، ޚިޔާލުކުރަން އެނގޭނީ އަންނަނިވިގޮތްތަކުގެ ތެރެއިން ކަމެއް މެދުވެރިވުމުންނެވެ. އެއީ:

1. އެއްޗެއް ފެނިގެން.

2. ނުވަތަ ފަސްޙިއްސުގެ ތެރެއިން ޙިއްސަކަށް އިޙްސާސްވެގެން.

3. ނުވަތަ އެއްވައްތަރުކުރެވޭފަދަ އެއްޗެއް ކުރިން ދެނެގެންފައިވުން. މީގެ މިސާލަކީ، މީހަކު އަޅުގަނޑުމެން އަޑުނާހާ އަދި ނުދެކޭ ޖަނަވާރެއްގެ ނަންބުނުމެވެ. ޖަނަވާރެއްކަން އެނގުމާއެކު، އެއްކޮށް ޞިފަނުކުރެވުނަސް ޖަނަވާރެއްގެ ބައެއް ޞިފަތަށް ވިސްނޭނެއެވެ. އަދި އޭގެ ސައިޒަކީ މިސާލަކަށް ބުޅަލެއްގެ ސައިޒުކަމުގައި ބުނެއްޖެނަމަ އަޅުގަނޑުމެންނަށް އޭގެ ސައިޒު ދެނެގަނެވޭނެއެވެ. ކުލައަކީ ވަކިކުލައެއްކަން ބުނެއްޖެނަމަ އޭގެ ކުލަ ދެނެގަނެވޭނެއެވެ. މިފަދައިން އިންސާނާ ޚިޔާލީ މަންޒަރުތައް ކުރަހައެވެ.

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ހީއަކުން، އަދި ޢިލްމަކުން ދެނެނުގަނެވޭނެއެވެ. ހަމައެކަނި އެއިލާހު ދެނެގަނެވޭނީ ޤުރުއާނާއި، އެއިލާހުގެ މާތް ނަބިއްޔާގެ ސުންނަތުންނެވެ. އެހެނީ، އެއްވެސް އިންސާނަކަށް އެއިލާހު މިދުނިޔެމަތީގައި ފެނިފައެއް ނުވެއެވެ. އަދި އެއިލާހާ އެއްފަދަ، އެއްވައްތަރު އެއްވެސް އެއްޗެއް ނުވެއެވެ. ވީއިރު، އިންސާނާއަށް ފެންނަކަންކަމާއި، އިޙްސާސްވާކަންކަމުން އެއިލާހު ދެނެގަނެވޭނީ ކޮންފަދައަކުންތޯއެވެ. ރަސޫލުން މެދުވެރިކުރައްވައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި، ޞިފަފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީއެވެ. އެހެނީ، އިންސާނާގެ އަމިއްލަ ވިސްނުމާއި ފިކުރަށް އެއިލާހު ދެނެނުގަނެވޭނެއެވެ.

_________________________________________________

ސުވާލު:

1. އިމާމް ޠަޙާވީގެ “لاَ تَبْلُغُهُ الأَوْهَامُ” މިބަސްފުޅުގެ މުރާދަކީ ކޮބާ؟

2. އިމާމް ޠަޙާވީގެ “وَلاَ تُدْرِكُهُ الأَفْهَامُ” މިބަސްފުޅުގެ މުރާދަކީ ކޮބާ؟

3. އިމާމް ޠަޙާވީގެ “لاَ تَبْلُغُهُ الأَوْهَامُ، وَلاَ تُدْرِكُهُ الأَفْهَامُ” މިބަސްފުޅަކީ ކޮންބަޔަކަށްވާ ރައްދެއް؟

4. ﷲއާމެދު “المُجَسِّمَة” (އަލްމުޖައްސިމާ) އާއި “المُعَطِّلَة” (މުޢައްޠިލާ) އިންގެ ޢަޤީދާ ބަޔާންކުރޭ!

5. އިންސާނާގެ އަމިއްލަ ޢިލްމާއި، ވިސްނުމާއި، ފިކުރަށް ﷲ ދެނެނުގަނެވެނީ ކީއްވެ؟

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް