[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 4

 

عَنِ المُغِيْرَةِ بن شُعْبَةَ رَضِيَ الله عَنْهُ قَالَ : كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَتَوَضَّأَ، فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ فَقَالَ : (( دَعْهُمَا فَإِنِّيْ أَدْخَلْتُهُمَا طَاهِرَتَيْنْ )). فَمَسَحَ عَلَيْهِمَا. (متفق عليه)

 މިޙަދީޘްގެ މާނާ:

މުޣީރަތު ބުން ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔާއެކު ދަތުރެއްގެ މަތީގައި ވީމެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވިއެވެ.  ފަހެ، ތިމަންކަލޭގެފާނު،  އެކަލޭގެފާނުގެ ޚުއްފު ބޭލުމައްޓަކައި އަވަސް އަވަހަށް ގުދުވިހިނދުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޚުއްފު ދޫކޮށްލާށެވެ! ތިމަންކަލޭގެފާނު އެދެޚުއްފު ތުރުކުރެއްވީ ޠާހިރުކަންމަތީގައެވެ.” ދެން އެކަލޭގެފާނު އެޚުއްފުމަތީގައި ފެން ފުއްސެވިއެވެ.

މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމެވެ.

މިޙަދީޘުން ލިބޭ ބައެއް ފައިދާ:

 * ވުޟޫ ކުރުމުގައި ޚުއްފުމަތީގައި ފެންފުހުމަކީ ހުއްދަކަމެއްކަން.

 * ފެންފުހެވޭނީ ޠަހާރަތުގެ މަތީގައި އަރާފައި ހުންނަ ޚުއްފެއްގައިކަން.

 * ބައެއްކަހަލަ މީހުނަށް އިޙްތިރާމުއަދާކުރުމުގެގޮތުން ޝަރުޢީ މިންގަނޑުގެ ތެރޭން ޚިދުމަތް ކުރެވިދާނެކަން. މިސާލަކަށް ޢިލްމުވެރިންނަށް.

ޚުއްފުގައި ފެން ފުހުމުގެ މުއްދަތު:

ޚުއްފުގައި ފެންފުހެވޭނީ ދަތުރުވެރިއެއްނަމަ ތިންދުވަހާއި ތިންރެޔެވެ. މިކަމަށް ދަލީލުލިބޭ ރިވާޔަތަކީ މިއެވެ.

عَنْ صَفْوَانْ بِنْ عَسَّالٍ رَضِيَ الله عَنْهُ قَالَ : ((كَانَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ يَأْمُرُنَا إِذَا كُنَا سَفَرًا أَلاَّ نَنْزِعَ خِفَافَنَا ثَلاَثَةَ أَيَّامٍ وَلَيَالِيْهِنَّ إِلاَّ مِنْ جَنَابَةٍ، وَلَكِنْ مِنْ غَائِطٍ وَبَوْلٍ وَنَوْمٍ)) رَوَاهُ أحمد والنسائي والترمذي وصححه

މާނާއަކީ: ޞަފްވާނު ބިން ޢައްސާލު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ތިމަންބޭކަލުން ދަތުރެއްގެމަތީގައި ވެއްޖެނަމަ ތިންދުވަހާއި ތިންރޭވަންދެން ޚުއްފު ނުބޭލެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވިއެވެ. އެހެނަސް އެއީ ހިނައިގަތުމަށް މެނުވީއެވެ. އެހެނެއްކަމަކު ބޮޑުކަމުދިޔުމާއި، ކުޑަކަމުދިޔުމާއި، ނިދުމުންނެވެ. (އެބަހީ، އެކަލޭގެފާނު އަމުރުކުރެއްވީ ބޮޑުކަމުދިޔުމާއި، ކުޑަކަމުދިޔުމާއި، ނިދުމުން ވުޟޫ ގެއްލިއްޖެނަމަ، ވުޟޫކުރާއިރު ޚުއްފުނުބޭލެއްވުމަށެވެ.)

މިޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދާއި ނަސާއީ އަދި ތިރުމިޛީ އެވެ.

ވީމާ މިޙަދީޘުން އެނގޭގޮތުގައި ދަތުރުވެރިޔަކަށް ތިންދުވަހާއި ތިންރޭ ވަންދެން ޚުއްފުގައި ފެން ފުހެވިދާނެއެވެ. އަދި ރަށުގައި ޤާއިމުވެ ހުންނަ މީހަކަށް ޚުއްފުގައި ފެންފުހެވޭނީ އެއްދުވަހާއި އެއްރޭ ވަންދެނެވެ. ޚުއްފުގައި ފެންފުހުން ހުއްދަކުރައްވާފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަ ކުރެއްވުމުގެ ގޮތުންނެވެ.