[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުވައެއް… މައްސަލައެއްބާ؟

އޭ ލޮބުވެތި މުސްލިމުންނޭވެ! އަޅުގަނޑުމެން އީމާންވެއްޖެކަމަށް ބުނުމުން ނުވަތަ މުސްލިމުންނޭ ދުލުންބުނެލާ ބުނެލުމަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިމްތިޙާނުނުކޮށް ދުކޮށްލައްވާފާނެކަމަށް ހީކުރަނީހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން އީމާންކަމުގައި ތެދުވެރިންނާއި ދޮގުވެރިން އެއިލާހު ހަމަކަށަވަރުން ދެނެވޮޑިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ހިދާޔަތެއްކަމުގައި ބާވައިލެއްވި ދުސްތޫރުގައި ވަޙީކުރައްވާފައިވެއެވެ. (أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾) މާނައީ:  ” މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާންނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ (2) އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާންކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. (3) “(ޢަންކަބޫތު 2،3) ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އީމާންކަމުގެ ތެދުވެރިކަން އިމްތިޙާންކުރެއްވުމުގެ ކުރިން، އަޅުގަނޑުމެންނީ އީމާންތެރިކަމުގައި ކިހާތެދުވެރި ބައެއްކަމާމެދު އަމިއްލަނަފްސާއި ސުވާލުކޮށްލަންވީ ނޫންތޯއެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާއީ ހަމައެކަނި ޙައްޤުވެގެން އަޅުކަންވެވޭ އިލާހުކަމުގައި ތެދުކޮށް ކަށަވަރުކޮށް އެއިލާހަށް ޙައްޤުގޮތުގައި ލޯބިވާކަމަށް ދަޢުވާކުރާނަމަ، އެއިލާހުގެ ރަސޫލާ صلى الله عليه و سلم އަށް ތަބަޢަވަންހެއްޔެވެ؟ އެކަލޭގެފާނަށް ފުރިހަމަޔަށް ތަބަޢަނުވެވޭނަމަ އަޅުގަނޑުމެންނީ އީމާންކަމުގެ އަހުލުވެރިންނެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾ قُلْ أَطِيعُوا اللَّـهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِينَ﴿٣٢﴾) މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ (*) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކާފަރުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ “ (އާލް ޢިމްރާން 31، 32) އަޅުގަނޑުމެންގެ މައިންބަފައިންނާއި ލޮލުގެނޫރު ކަމުގައިވާ ދަރިންނާއި އެންމެހައި މީސްތަކުންދެކެވާ ލޯތްބަށްވުރެ އެކަލޭގެފާނަށް އަޅުގަނޑުމެން ލޯބިކުރަންތޯއެވެ؟ ލޯބިނުކުރަންޏާ އަޅުގަނޑުމެން އީމާންކަމުގެ އިމްތިޙާނުން ފާސްނުވީއެވެ. ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން އަނަސް رضي الله عنه ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ((لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ)) متفق عليه މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ މައިންބަފައިންނާއި ދަރިންނާއި އެހެންމެހާ މީސަތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށްދާންދެން އީމާންވިކަމުގައިނުވެއެވެ. “

އޭ ލޮބުވެތި މުސްލިމުންނޭވެ! މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލަކީވެސްމިއެވެ. މުސްލިމުންނޭ ދުލުންބުނެ ދަޢުވާކުރަމުންދާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އިންސާނާކަމުގައިވާ މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު صلى الله عليه و سلم އަށާއި އެކަލޭގެފާނުގެ ޠާހިރު ސުންނަތަށް ފުރައްސާރަކުރަމުން މިދަނީ މުސްލިމެއްގެގޮތުގައި ހުރެއެވެ. މިއީ ކޮންފަދަ ތަޤުވާވެރި މުސްލިމެއްހެއްޔެވެ؟ އެކަލޭގެފާނަށް ތަބަޢަނުވެ ﷲ އަށް އީންމާންވެވުނީކަމުގައި ތިބާއަށްހީވާނަމަ ތިބާއަށްވުރެ ނުވިސްނޭމީހަކު އަޅެފަހެ ކޮބައިހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ) މާނައީ: ” ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.” (އައްނިސާ 80) ރަސޫލާ صلى الله عليه و سلم ގެ އަރިހުން އަބޫހުހައިރާ رضي الله عنه ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ((مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ وَمَنْ عَصَانِي فَقَدْ عَصَى اللَّهَ)) رواه البخاري މާނައީ: ” ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެމީހާ ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ﷲ އަށް އުރެދިއްޖެއެވެ. “ އެކަލޭގެފާނަށް މަލާމާތްކޮށް ހަޖޫޖަހައި އެކަލޭގެފާނުގެ ސުންނަތަށް ތަބަޢަނުވެ މުސްލިމެއްގެގޮތުގައި ހުރެގެން ސުވަރުގެ ވަދެވޭނެކަމަށް ހީވަންޏާ ތިބާއަކީ ބުއްދިހަމަނުޖޭހޭ މޮޔައަކަށްވުރެވެސް ދަށްފަންތީގެމީހެކެވެ. ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން އަބޫހުރައިރާ رضي الله عنه ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ((كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى)). رواه البخاري މާނައީ:  ” ދެކޮޅުހަފައިފި މީހަކުމެނުވީ ތިމަންކަލޭގެފާނުގެ މުޅިއުއްމަތް ސުވަރުގެ ވަންނާނެއެވެ. އެހިނދު ޞަޙާބީން ސުވާލުކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ދެކޮޅުހަދަނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ހަމަކަށަވަރުންވެސް ދެކޮޅުހަދައިފިއެވެ.  “

އެކަލޭގެފާނުގެ ޠާހިރު ސުންނަތަށް ދަތްކުނޑިވިކައިގެންހުރެ ނަފްރަތުކޮށް މަލާމާތްކުރަމުންދާ އިންސާނާއެއެވެ! ތިބާގެ އަމިއްލަނަފްސުގެ ޙަލަތާއިމެދު އެއްފަހަރުވެސް ވިސްނާލިންތޯއެވެ؟ ތިބާއަށް މިއަދު ތަނެއްގެ މަތީމަޤާމެއް ލިބުމުން ނުވަތަ މަޖިލީހުގައި ތިބާޔަށް ޢިއްޒަތްތެރި މެމްބަރުގެ ޢިބާރާތްތަކުން މުޚާޠަބު ކުރެވުމުން ތިބާއަށް ޢިއްޒަތްލިބުނީކަމަށް ހީނުކުރާށެވެ. ހިތަށްއެރިހާއެއްޗެއް ދުލުން ބޭރުކުރިޔަސް ޢިއްޒަތެއް ނުލިބޭނެއެވެ. މީހުންގެމެދުގައި މަޝްހޫރުވެދާނެކަމަށް ހީކޮށް އެކަލޭގެފާނަށް ފުރައްސާރަކުރުމުން ދުނިޔެއާއި އާޚިރަތުގައި ތިބާއަށް ގެއްލުމާއި ހަލާކު ނޫނީ ނުލިބޭނެކަން ދަންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.  (وَلِلهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ ﴿٨﴾) މާނައީ: ” ޢިއްޒަތްވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެތެވެ.  “ (އަލްމުނާފިޤޫން 8 )

އޭ ލޮބުވެތި މުސްލިމުންނޭވެ! ޙަޔާތުގައި ގިނަދުވަސްތަކެއް ފާޙިޝްކަންކަމުގައި ހޭދަކޮށް، މިއަދު ތިމާގެ ލަޤާޔަތާއި ފެންވަރުނެތްފަދަ މަޤާމެއް ލިބިމުން އެކަލޭގެފާނުގެ ސުންނަތަށް މަލާމާތްކުރާމީހަކު އަޅުގަނޑުމެންގެ ޢިއްޒަތްތެރިޔަކަށް ބަލައިގަންނާނަންތޯއެވެ؟ އެކަލޭގެފާނު އުއްމުލް މުއުމިނީން ޢާއިޝަތު  رضي الله عنها  އެކަމަނާގެ އުމުރުފުޅުން 9 އަހަރުފުޅުގައި ކައިވެނިފުޅުބައްލަވައިގަތުން އެއީ މައްސަލައެއްކަމަށްބުނެ އަޑުންއަޑުނަގައި ހަޅޭލަވަމުންދާއިރު އެކަމުގެ ޙަޤީޤަތްހޯދަން މަސައްކަތްނުކޮށް އެމީހުންގެ ބަސްޤަބޫލުކޮށް އަޅުގަނޑުމެންނީ ﷲ އާއި ރަސޫލާގެ ސުންނަތަށް ތަބަޢަވެގެންތިބި މުސްލިމުންނޭ ބުނަން ހަމަލަދެއްވެސް ނުގަންނަނީހެއްޔެވެ؟

އަޑުއައްސަވާށެވެ! އެކަމަނާގެ އުމުރުފުޅުން ނުވައަހަރުފުޅުގައި ކައިވެނިބެއްލެވުން މައްކާގެ މުޝްރިކުންވެސް އެކަމާ ކަންބޮޑުވެގެންނޫޅެއެވެ އަދި މައްސަލައަކަށްވެސްނުދެކެއެވެ. އެބައިމީހުންނަށް ބޮޑުކަމަކަށްވީ އެކަލޭގެފާނު އިސްލާމްދީން ފަތުރުއްވަން ރެއާއިދުވާލު މިންނެތް މަސައްކަތްޕުޅުކުރައްވާތީއެވެ. މުޝްރިކުންގެ ޙާލަކީ މިއީކަމަށްވާއިރު އަޅުގަނޑުމެން މުސްލިމުން މިކައިވެނިފުޅާއިމެދު ނަފްރަތުކުރަންވީ ކީއްވެގެންހެއްޔެވެ؟ މިއީ ދީނުގައި ޝައްކުތައް އުފައްދަން މަސައްކަތްކުރާ މީހުންގެ މަޅިއެވެ. އެކަލޭގެފާނު އެކަމަނާއާއި 9 އަހަރުފުޅުގައި ކައިވެނިބައްލަވައިގަތުމުން އަޅުގަނޑުމެންގެ ދަރިންވެސް އެއުމުރުގައި ކައިވެނިކުރަން ކޮންމެހެން ޖެހޭނެކަމަށް ނޫނީ އެއީ ވާޖިބެއްކަމަށް ހީވަންޏާ އެއީ އަޅުގަނޑުމެންގެ ޢިލްމީ ފެންވަރުގެ އުނިކަމެވެ. ﷲ އާއި ރަސޫލާ صلى الله عليه و سلم އަޅުގަނޑުމެންގެ މައްޗަށް އެ އުމުރުގައި ކާވެނިކުރަން ވާޖިބުކުރައްވާފައެއްނުވެއެވެ. އަދި ހަމައެހެންމެ އެކަލޭގެފާނުގެ އެކައިވެނިފުޅުން އެއީ ވާޖިބެއްކަމަށް ދަލީލެއް ނުކުރެއެވެ.

ރަސޫލުންނާއި ނަބީބޭކަލުންގެ ހުވަފެންފުޅުތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަންނަ ވާޙީކަމަށް އަޅުގަނޑުމެން އީމާންވާން އެބަޖެހެއެވެ. ރަސޫލާ صلى الله عليه و سلم ޢާއިޝާތު رضي الله عنها އަށް ވިދާޅުވިކަމަށް ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވެއެވެ. ( ތިންރޭވަންދެން ތިމަންކަލޭގެފާނަށް ހުވަފެންފުޅުގައި ކަމަނާދެއްކެވުނެވެ. ފަށުވިފޭރާމެއްގެ ތެރެއަށްލައިގެން މަލާއިކަތަކު ކަމަނާގެންނަވާފައި ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. މިއީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. ދެން ތިމަންކަލޭގެފާނު އެފޮތިކޮޅު ކަޝްފުކުރެއްވިއިރު އޭގެތެރޭގައިވަނީ ކަމަނާއެވެ. އަދި ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިހުވަފެންފުޅަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންއައި ޚަބަރެއްނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ މިހުވަފެންފުޅު ތެދުވެރި ހުވަފެންފުޅެއްކަމުގައި ލައްވަވާނެއެއެވެ.) ދުނިޔެއާއި އާޚިރަތުގައި އެކަމަނާއީ އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގެ އުފާވެރިޚަބަރު ދެއްވީ ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ދެން އަޅުގަނޑުމެން މިކައިވެނިފުޅާއިމެދު ނަފްރަތުކޮށް ހަޖޫޖަހަންވީ ކީވެގެންހެއްޔެވެ؟

އަޑުއައްސަވާށެވެ! އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖަތު رضي الله عنها އަވަހާރަވެވަޑައިގަތުމުން އެކަލޭގެފާނަށް ވަރަށްބޮޑަށް ހިތްދަތިކަން އިޙްސާސްކުރެއްވުނެވެ. އެމަންޒަރު އެކަލޭގެފާނުގެ މޫނުފުޅުމަތިން ފެނިވަޑައިގަތުމުން ޢުޘްމާން ބުން މަޡުޢޫން رضي الله عنه ގެ އަނބިކަނބަލުން ޚައުލަތު رضي الله عنها އެކަލޭގެފާނަށް ކައިވެންޏެއް ބައްލަވައިގަތުމަށް އިރުޝާދުދެއްވައި ދެ ހުށައެޅުމެއް ހުށައެއްޅުއްވިއެވެ. އެއީ ސަޢްދަތު ބިންތު ޒަމްޢަތާއި ޢާއިޝަތު رضي الله عنهما އެވެ. އެހިނދު އެކަލޭގެފާނު ޚައުލަތަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ކައިވެނީގެ ހުށައެޅުއްވުން އެދެކަނބަލުންނަށްވެސް ހުށައަޅުއްވާށެވެ. ލޮބުވެތި މުސްލިމުންނޭވެ! މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާގެ ޚުލްޤުފުޅުގެ ރިވެތިކަން ދެކިބަލާށެވެ. އަޅުގަނޑުމެން ކުޑައިރުއްސުރެ ލޯބިވެގެން، އެތަކެއް އަހަރުތަކެއް ފާއިތުވެގެންދާއިރުވެސް ޒަވާޖީޙަޔާތެއް ފެށޭވަރެއް ނުވެއެވެ. އެކަކު އަނެކަކަށް އެނގޭވަރަށް ލޯބިވާންޖެހެއެވެ. ކައިވެންޏާއި ހަމަޔަށް ވާޞިލްވާއިރު އިތުރަށް ކުރަންޖެހޭކަމެއްނޯވެއެވެ. ކައިވެނީގެ ޙަޔާތްފަށާރޭ މައްސަލަތައް ފުނިފުންޏަށްޖެހި ގިނަދުވަސްތަކެއް ނުވަނީސް ޙަޔާތުގެ ގޮށް މޮހާލެވިގެންދާ މަންޒަރު ފެންނަލެއް މަދެއްނޫނެވެ. ވާނީވެސް އެހެންތާއެވެ. އަޅުގަނޑުމެންނަށް ރީތި ކަންތައްތައް ހުތުރުވެ، ފާޙިޝްކަންބޮޑު ހުތުރުކަންތައްތައް ރީތިކަމަށް ޤަބޫލްވެ އިސްލާމްދީނާއި ދުރަށްދެވެނީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ) މާނައީ: ” ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. “ (އައްރޫމް21) އެކަލޭގެފާނުގެ މިހުށައެޅުއްވުމަށް ޢާއިޝަތު رضي الله عنها ގެ މަންމާފުޅު އުއްމުރޫމަން رضي الله عنها ދެއްވިޖަވާބު އަޑުއައްސަވާށެވެ. އެކަމަނާ އުފާފުޅުކުރައްވާ ޙާލު އެކަމަނާގެ ދަރިކަނބަލުން ރަސޫލުކަމާއި ނަބީކަން ޚަތިމްކުރައްވާ މާތް ސާޙިބާއާއި ކައިވެނިބައްލަވައިގަތުން އެއީ ދުނިޔެއާއި އާޚިރަތުގެ ހެވާއި ދަރުމަ ލިބޭނެކަމެއްކަން އިޙްސާސްކުރެވުނެވެ.  މިހުށައެޅުމަށް އެކަމަނާ އިންކާރެއް ނުކުރައްވައެވެ. އަދި ޢާއިޝަތު  رضي الله عنها އުމުރުފުޅުގެ ހަގުވާހަކައެއް ނުދައްކަވައެވެ. އަދި އެކަލޭގެފާނާއި އެކަމަނާއާއި އުމުރުފުޅުގެ ގޮތުންހުރި ތަފާތެއްގެވާހަކައެއްވެސް ނުދައްކަވައެވެ. އަދި ދުނިޔެވީ އެއްވެސްކަމަކަށް ބެއްލެވުމެއްނެތި އެކަމަނާގެ ބައްޕާފުޅު އަބޫބަކުރު رضي الله عنه އަށް ކައިވެނީގެ ހުށައެޅުއްވުމުގެ ޚަބަރުދެއްވުމަށް ދެންނެވިއެވެ. އެހެނީ ޢާއިލާގެ ބެލެހެއްޓުންތެރިޔަކީ ފިރިހެންމީހާކަމުގައި ވާތީއެވެ. އެކަލޭގެފާނު ކައިވެންޏަށް ރުހި ޤަބޫލުފުޅުވުމުން އަޅުގަނޑުމެން އަނގަފުޅާކޮށްގެން މިއުއްމަތުގެ މާތްނަބިއްޔާ އެންމެ 9 އަހަރުފުޅުގެ އަންހެން ބޭކަނބަލަކާއި ކައިވެނިފުޅު ބައްލަވައިގެންފިއޭބުނެ ހަޅޭލެވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދަރިފުޅުގެ މައިންބަފައިން ކައިވެނިކުރަންރުހި ހުއްދަދިނުމުން އެފަދަކައިވެންޏަކަށް ހަޖޫޖަހައި މަލާމާތްކުރާމީހާގެ ހަމަބުއްދިހުރިކަމާއިމެދުވެސް ޝައްކެވެ.

އަޑުއައްސަވާށެވެ! ހިޖްރީގޮތުން އަންހެންކުއްޖަކަށް 9 އަހަރުފުރުމުން ޢާއްމުގޮތެއްގައި އެކުއްޖާ ބާލިޣުވެއެވެ. މައްސަރުކަންތައްތައް ފެށެއެވެ. ދީނުގެ ވާޖިބުތައް އަދާކުރުމުގެ މައްސޫލިއްޔަތުތައް އެކުއްޖެއްގެ ޒިންމާއަކަށްވެއެވެ. މައްސަރުކަންތައްތައް ފެށުން ދަލީލިކޮށްދެނީ އެކުއްޖާއަކީ ފުރާފުރިހަމަވެފައިހުރި ކުއްޖެއްކަމެވެ. ދުނިޔޭގައި ހިނގާފައިވާ ހާދިސާތަކަށް ތިޔަބޭފުޅުން ވިސްނާލެއްވުން ކިހިނެއްތޯއެވެ. 1939ވަނަ އަހަރުގެ ޓައިމްމެގަޒިންގެ މޭއި މަހުގެ އަދަދު ތިބޭފުޅުން ބައްލަވާށެވެ. މޭއި މަހުގެ 29 ވަނަދުވަހުގެ ލިޔުމެއްގައި ޕެރޫގެ 5 އަހަރާއި 7 މަހާއި 21 ދުވަހުގެ އަންހެންކުއްޖެއް ކަމަށްވާ ލީނާ މެޑީނާ ސިއްޙަތު ރަނގަޅު ފިރިހެންދަރިޔަކު ވިހާފައިވެއެވެ. އަދި 2010 ވަނައަހރު ޗައިނާގެ އިރުއުތުރު ސަރަހައްދެއްގެ 9 އަހަރުގެ އަންހެންކުއްޖަކު ‘ޗަންޗުން’ ނަމަކަށްކިޔާ ހޮސްޕިޓަލެއްގައި ކުއްޖަކު ވިހާފައެވެ. އަދި 2010 ވަނައަހަރުގެ މޭއި މަހު މެލޭޝިޔާގެ ރަށެއްކަމުގައިވާ ޕެނަންގުގައި 9 އަހަރުގެ އަންހެންކުއްޖަކުވަނީ ޞިއްޙަތު ރަނގަޅު ފިރިހެންކުއްޖަކު ވިހާފައެވެ. ނަމަވެސް ކައިވެނި ކުރަން ވާޖިބެކޭ ފަހަރެއްގަވެސް ނުދަންނަވަމެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫންބުނާގޮތުން ކުއްޖަކު ފުރާފުރިހަމަވަނީ އެކުއްޖާގެ އުމުރުން 18 އަހަރު ފުރިހަމަވުމުންނެވެ. އޭގެކުރިންއެއީ ތުއްތުކުއްޖެކެވެ. މިހެންއޮތުމުގެ ހިތިނަތީޖާ މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީއެވެ. ސުކޫލްތަކުގެ ދަރިވަރުން ބަލިވެއިނުން އިތުރުވަނީއެވެ. ‘ތުއްތުކުދިންގެ’ ބަނޑުބޮޑުވަނީ  ކީއްވެގެންތޯކަމާއިމެދު ތިޔަލޮބުވެތި މުސްލިމުން ވިސްނާލެއްވިންތޯއެވެ؟ މިކުދިން ބަލިވެއިންނަނީ ކޮންކައިވެންޏެއް ކޮށްގެންތޯއެވެ؟ މިކުދިންނަކީ ‘ތުއްތުކުދިން’ކަމަށް ދަޢުވާކުރަމުންދާއިރު މިކުދިން ބަލިވެއިންނަނީ ކީވެގެންތޯއެވެ؟ ދެންވެސް ޙަލާލުގޮތުގައި މީހަކު ކައިވެންޏެއް ކޮށްފިނަމަ މަލާމާތްކުރުމުގެ ބަދަލުގައި ޙަރާމް ގޮތުގައި ދަރިންތައް ބަލިވެއިންނަކަން އެނގޭދުވަހު މުޖުތަމަޢުގެ ދޫތަކުން ސަލާމަތްވުމަށް ޙަލާލުމަގު އިޚްތިޔާރުކުރާށެވެ. އޭރުން ޢާޚިރަތުގައިވެސް ބާއްޖެވެރިކަންހުއްޓެވެ. ކައިވެންޏަކީ ވަރަށްވެސް ބޮޑު އިޖުތިމާޢީ ރައްކާތެރިކަމެއްކަން ހަނދާންކުރާށެވެ. ޢާއިޝަތު رضي الله عنهاގެ ބަސްފުޅުއަޑުއައްސަވާށެވެ. މަދީނާގެ ޖައްވުގެ ސަބަބުން އެކަމަނާގެ ހަށިކޮޅު އަނަރޫފަވެ މޫނުފުޅުގެ ކުލަ ބަދަލުވެގެންދިޔައެވެ. އެކަމަނާ ވިދާޅުވިއެވެ. ” އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައި އެކަލޭގެފާނުގެ ގެކޮޅަށް ފޮނުއްވުމަށްޓަކައި ތިމަންކަމަނާގެ މަންމާފުޅު ތިމަންކަމަނާ ތައްޔާރުކުރެއްވިއެވެ. ތިމަންކަމަނާގެ ހަށިކޮޅުން މަދުވެގެންދިޔަ ބަރުދަން ފޫބެއްފުމަށްޓަކައި ކިއުކަމްބަރ އާއި ރޯކަދުރު ކާންދެއްވިއެވެ. ތިމަންކަމަނާގެ ހަށިގަނޑު ވަރުގަދަވެ މީހަކުހުންނާނޭ އެންމެ ރަނގަޅު ބައްޓަމަކަށް ތިމަންކަމަނާގެ ހަށިގަނޑު ދުޅަހެޔޮވެގެންދިޔައެވެ. “ މިއީ އެކަމަނާ، އެކަމަނާގެ ނަފްސު ސިފަކުރައްވާފައިވާ ގޮތެވެ. އެކަމަނާ މިކައިވެންޏަށް ރުހިވަޑައިގަންނަވާއިރު ދެން އަޅުގަނޑުމެން މިމާތްގުޅުމަށް ހަޖޫޖަހަނީ ކީއްވެތޯއެވެ؟

ލޮބުވެތި މުސްލިމުންނޭވެ! އެކަލޭގެފާނުގެ ފަރާތްޕުޅުން ކުށްހޯދުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙުކުރެވޭތޯ ބަލާށެވެ. 29 އެޕްރީލް 2010ވަނަ އަހަރު އޮސްޓުރިޔާގައި މަޝްހޫރުވެގެންދިޔަ ވާހަކަ ހަނދުމަފުޅު ނެތުނީތޯއެވެ. ބައްޕަޔަކު އަމިއްލަދަރިފުޅު 24 އަހަރުވަންދެން ބިންގަރާހެއްގައި ބަންދުކޮށްގެން ރޭޕްކޮށް 7 ދަރިން ހޯދިއިރު އެއީ މާބޮޑުކަމެއްކަމަށް އަޅުގަނޑުމެންނަށް ހީއެއްނުވެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރެވެމުންދާއިރު އެކަންތައްތަކުގެ ވާހަކަ ގިނަގިނައިން ދެކެވޭތަނެއް ނުފެނެވެ. ޒިނޭކުރުމާއި ނަޙަލާލަށް ދަރިންވިހެއުމާއި ދަރިންމެރުން ގިނަވެގެންދާއިރު އެއީ މާބޮޑެތި ކަންކަންކަމުގައި މަޖިލީސްތަކުގައި މަޝްވަރާކުރެވިފައެއް ނުވެއެވެ. ނަމަވެސް ހިތާމައަކީ މިފަދަބޮޑެތި ޖަރީމާތްތަކުގެ ވާހަކަ މަޖިލީސްތަކުގަޔާއި ޖަލްސާތަކުގައި ދެއްކުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ އަބުރުފުޅަށް ހަމަލާތައް އަމާޒުވަމުންދާކަމެވެ! އެކަލޭގެފާނު، އުއްމުލް މުއުމިނީން ޢާއިޝަތު رضي الله عنها ގެ އުމުރުފުޅުން 9 އަހަރުފުޅުގައި ކައިވެނިބެއްލެވުމުން އެކަމަށް ހަޖޫޖަހައި މަލާމާތްކޮށް ފުރައްސާރަކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ގިނަވަމުންދާކަމެވެ. ރަސޫލުﷲ صلى الله عليه و سلم އަކީ އިންސާނުންގެ ތެރެއިން އެންމެ ބޮޑަށް ﷲއަށް ތަޤުވާވެރިވާ ޚުލްޤުފުޅުހެޔޮ ސާހިބާއެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެން އިންސާނުން އުޅެންވީގޮތް ދަސްކޮށްދެވުމަށްޓަކައި ﷲ ތަޢާލާ ފޮނުއްވި ސާހިބާއެވެ. އެހެންކަމުން އެކަލޭގެފާނު ގެންނެވި ކޮންމެކަމަކީ އަޅުގަނޑުމެން ހިތުން ރުހުމުން ބަލައިގަންނަން ވާޖިބުވެގެންވާ ކަންތައްތަކެވެ. އެކަންތައްތަކަށް ފާޑުކިޔައި ގޮތްކިޔުމަކީ ހަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފާޑުކިޔައި ގޮތްކިޔުމެވެ. އެހެންކަމުން މިކަމާމެދު އަޅުގަނޑުމެން ބިރުވެތިވާންޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا) މާނައީ: ” ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި،  އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. “