[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲގެ ވަލީވެރިންނާއި އެބޭކަލުންގެ ކަރާމާތް

ﷲގެ ވަލީވެރިންނަކީ، ﷲއަށް އީމާންވެ، އެއިލާހަށް ތަޤުވާވެރިވެ، އަދި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވާ ކޮންމެ މީހެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((أَلا إِنَّ أَوْلِيَاءَ اللَّهِ لا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ)) يونس: ٦٢ މާނައީ: “ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަލީންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުވެއެވެ.” އެބައިމީހުންނަކީ ކޮންބައެއްކަން ބަޔާންކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ. ((الَّذِينَ آمَنُوا وَكَانُوا يَتَّقُونَ)) يونس: ٦٣ މާނައީ: “އެބައިމީހުންނަކީ އީމާންވެ، ތަޤްވާވެރިވެ އުޅުނު މީހުންނެވެ.”

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((اللهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنْ الظُّلُمَاتِ إِلَى النُّورِ)) البقرة: ٢٥٧ މާނައީ: “ﷲއީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެބައިމީހުން ނެރުއްވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا وَلِيُّكُمْ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ * وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمْ الْغَالِبُونَ المائدة: ٥٥ – ٥٦ މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ. އަދި އީމާންވެގެންތިބި މީހުންނެވެ. އެބައިމީހުންނީ ނަމާދު ޤާއިމުކޮށް، ޒަކާތްދޭ މީހުންނެވެ. އަދި ރުކޫޢުކުރާ މީހުންނަކީވެސް ހަމައެބައިމީހުންނެވެ. ﷲއާއި، އެކަލާނގެ ރަސޫލާއާއި، އީމާންވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ﷲގެ ޖަމާޢަތެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ آلَ أَبِي فُلاَنٍ لَيْسُوا لِي بِأَوْلِيَاءَ، إِنَّمَا أَوْلِيَائِي الْمُتَّقُون)) (متفق عليه) މާނައީ: “ހަމަކަށަވަރުން އެވެނިމިވެނި މީހެއްގެ އާލުންނަކީ ތިމަންކަލޭގެފާނުގެ ވަލީންނެއް ނޫނެވެ. ތިމަންކަލޭގެފާނުގެ ވަލީންނަކީ ތަޤްވާވެރިންނެވެ.”

އަދި އަލްޙަސަން (އަލްބަޞަރީ) ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބަޔަކު ﷲ ދެކެ ލޯބިވާކަމުގެ ދަޢުވާ ކުރެއެވެ. އެހިނދު ﷲ އެބައިމީހުން ((قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمْ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ)) آل عمران: ٣١ މިއާޔަތުން އިމްތިޙާނު ކުރައްވަތެވެ.” (އާޔަތުގެ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާ ވާށެވެ. އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”)

އަދި ޝާފިޢީ ރަޙިމަހުﷲ ތަޢާލާ ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުންނަށް މީހަކު ފެންގަނޑެއްގައި ހިނގާފައި ދާތަން، ނުވަތަ ވައިގެތެރޭގައި އުދުހިފައިދާތަން ފެނުނު ނަމަވެސް، އެމީހަކު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވާ މިންވަރެއް ތިޔަބައިމީހުންނަށް އެނގުމުގެ ކުރިން، އެމިހާގެ އެކަން ތެދުނުކުރާށެވެ. އަދި އެމީހާ ތިޔަބައިމީހުން ޣާފިލުކުރުވިޔަ ނުދޭށެވެ.”

ވަލީވެރިންގެ ކަރާމާތްތަކަކީ ޙައްޤު ކަންކަމެވެ. އެއީ (އެބަހީ ކަރާމާތަކީ) ވަލީވެރިންގެ ބާރަކާނުލައި، އަދި (ﷲ) ގޮންޖެއްސެވުމަކާނުލައި، އެބައިމީހުންގެ އަތްމައްޗަށް ފާޅުވާ އާދަޔާ ޚިލާފު ކަންކަމެވެ. އަދި އެބައިމީހުންނަށް އެނގުމަކާނުލައިވެސް ﷲ އެބައިމީހުންގެ އަތްމައްޗަށް އެފަދަކަމެއް ފާޅުކުރައްވަ ފާނެއެވެ. އޭގެމިސާލަކީ ކަހުފުބާގައިގެ މީހުންގެ ވާހަކައާއި، ހިލަގަނޑުގެ އަހުލުވެރިންގެ ވާހަކައާއި، ރާހިބު ޖުރައިޖުގެ ވާހަކައެވެ. މިއިންކޮންމެ ކަރާމާތަކީ އެބައިމީހުންގެ ނަބިއްޔުންގެ މުޢުޖިޒާތެވެ. މިއުއްމަތުގެ ނަބިއްޔާގެ މުޢުޖިޒާތްތައް ބޮޑެތިވުމުގެ ސަބަބުންނާއި، އެކަލޭގެފާނުގެ ކަރާމާތްތެރިކަމުގެ ސަބަބުން މިއުއްމަތުގައި ކަރާމާތްތައް ގިނަވެ، ބޮޑުވެގެންވެއެވެ. މިގޮތުން މުރުތައްދުވީ މީހުން މުރުތައްދުވި ދުވަސްވަރު އަބޫބަކުރުގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ކަންތައްތަކާއި، ލަޝްކަރު ޝާމްކަރައިގައި ހުންނަވަނިކޮށް ޢުމަރުގެފާނު މަދީނާގައި ހުންނަވައި ލަޝްކަރަށް ގޮވާލެއްވުމުން އެއަޑުއިވުން ވެއެވެ.

އަދި ޢުމަރުގެފާނު މިޞްރުގައިވާ ނީލަކޯރަށް ސިޓީއެއް ލިޔުއްވުމުން އެކޯރުގެ ފެންގަނޑު ދެމެންފެށުމާއި، ރޫމީންނާ ކުރެވުނު ހަނގުރާމާގައި އަލްޢަލާ ބުން ޙަޟްރަމީ އާއި އެކަލޭގެފާނުގެ ލަޝްކަރުގެ މީހުން އަސްތަކުގައި ކަނޑު ހުރަސްކުރެއްވުމާއި، އަލްއަސްވަދުލް ޢަނަސީ ރޯކުރި އަލިފާންގަނޑެއްގެ ތެރޭގައި އަބޫ މުސްލިމުލް ޚަވްލާނީ ނަމާދުކުރެއްވުން ފަދަ ކަރާމާތްތައްވެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައާއި، އެކަލޭގެފާނުގެ ފަހުން ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައާއި، އަދި އެބޭކަލުންގެ ފަހުން މިއަދާޖެހެންދެން އަދި ޤިޔާމަތާޖެހެންދެން މިއުއްމަތުގެ މީހުންގެ އަތްމައްޗަށް މިފަދަ ކަރާމާތްތައް ފާޅުވާ ހުއްޓެވެ. މިއެންމެހާ ކަރާމާތްތަކަކީ ޙަޤީޤަތުގައި އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަގެ މުޢުޖިޒާތެވެ. އެހެނީ، މިފަދަ ކަރާމާތްތައް ފާޅުވަނީ އެބައިމީހުން އެކަލޭގެފާނަށް ތަބާވުމުގެ ސަބަބުންނެވެ. ނަބިއްޔާއަށް ތަބާނުވާ މީހެއްގެ ފަރާތުން ފާޅުވާ އާދަޔާ ޚިލާފު ކަންކަމަކީ ފިތުނައެކެވެ. އަދި ސިޙުރެކެވެ. ކަރާމަތެއް ނޫނެވެ. އަދި އެފަދަ މީހަކީ ރަޙްމާންވަންތަ އިލާހުގެ ވަލީވެރިއެއް ނޫނެވެ. އެހެނެއްކަމަކު، އެފަދަ މީހަކީ ޝައިޠާނާގެ ވަލީވެރިއެކެވެ. ﷲ އަޅަމެން ސަލާމަތް ކުރައްވާށިއެވެ.

____________________________________________

*މަރުޖިޢު:

أعلام السنة المنشورة، لاعتقاد الطائفة الناجية المنصورة – حافظ بن أحمد الحكمي رحمه الله