[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝަރުޢީ ޙިޖާބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް

 

އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއްޝިޢާރަކީ އެދީނަށް ހެޔޮގޮތުގައި ތަބާވާމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އެބައިމީހުންނަކީ އިސްލާމްދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެއުޅޭ ބައެއްނޫނެވެ. އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބިނާކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ. އެދީނުގެ ޙުކުމްފުޅުތަކުގައި މަނާކުރައްވާފައިވާކަމެއްކަމުގައިވާނަމަ އެކަމަކުން ދުރުވެގަންނަބައެކެވެ. ބަޔާންވެ މިދިޔައީ ފުރިހަމައަށް ﷲއަށް ކިޔަމަންތެރި މީހުންގެ ޢަމަލުތައް ބައްޓަންކުރާނެގޮތެވެ.

މިގޮތުން، މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އެކަނބަލުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވާފައެވެ. އެއްވެސް ޙާލެއްގައި އެއީ ބަޔަކަށް ދަތިއުނަދަގުލެއް ކުރިމަތިކުރެއްވުމަކަށް ނޫނެވެ. ހަމައެކަނބަލުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަކައެވެ. އެއީ އެކަނބަލުން ހެއްދެވި ޙިކުމަތްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ އަމުރުފުޅެވެ. މިކަމާބެހޭ ވާހަކަތައް މިމަޢުޟޫޢާގުޅޭ ވަރަށްގިނަ ފޮތްފޮތުގައި ބަޔާންވެގެންވެއެވެ.

ނަމަވެސް ހިތާމައަކީ، މުސްލިމް އަންހެނުންގެ ތެރޭގައި މިމަތިވެރި ހެދުންއެޅުމުގެ ވަށްޓަފާޅިއަށް ފުރަގަސްދޭ މީހުން އުޅޭކަމެވެ. ޝަރުޢީ ޙިޖާބުން ޙިޖާބުވާން ޖެހުލުންވާމީހުން އުޅޭކަމެވެ. ކަމަކީ ބޭރުފުށުން އެންމެންނަށް ފެންނަކަމެއްކަމުގައިވުމުން މިކަމަށް ހުރަސްއަޅާ ތަފާތު އުޒުރުތަކެއް ހުރެދާނެއެވެ. މިއުޒުރުތަކާދެކޮޅަށް މީހާކުރަންޖެހޭ ޖިހާދަކީ ބޮޑުވެގެންވާ ޖިހާދެކެވެ. ޝަރުޢީ ޙިޖާބުން ޙިޖާބުވެއްޖެނަމަ އަތުވެދާނެ އިމްތިޙާނުތަކާ ދެކޮޅަށް ތިމާގެ އީމާންކަމާއި، ވިސްނުމާއި، ޤަބޫލުކުރުން ތަރުބިއްޔަތު ކޮށްގެންމެނުވީ މިކަމުގައި ފަލާޙާ ކާމިޔާބެއް ނުލިބޭނެއެވެ. މިގޮތުން މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް ހުރަސްއަޅާ ބައެއް ޢުޒުރުތަކުގެ ތެރޭގައި:

1. އަހަރެންގެ ރައްޓެހިން އަހަރެން ދޫކޮށްލާނެއެވެ.

އަހަރެންގެ ރައްޓެހިންގެ ތެރެއިން ބައެއް މީހުންނަކީ ބުރުގާނާޅާ ފެޝަނަށް ލޯބިކުރާބައެކެވެ. އަނެއްބައިމީހުންނަކީ ބުރުގާ އެޅިނަމަވެސް ފެޝަނެއްގެގޮތުން ބުރުގާ އަޅާ ބައެކެވެ. އިސްލާމްދީނުގައިވާ ބުރުގާއެޅުމަށް އަންގަވާދެއްވާފައިވާގޮތާ މިމީހުން ބުރުގާ އަޅާ ގޮތާ ޚިލާފެވެ.

އަހަރެންގެ މިރައްޓެހިންގެ މަޖަލަކަށް ވެފައިއޮންނަނީ އިސްލާމްދީނުގައިވާ ގޮތަށް ބުރުގާއަޅާ މީހުންނަށް ކުޑައިމީސްކިޔުމެވެ. ޖޯކުޖެހުމެވެ. “ހާދަ ހޫނުގަދަވާނެއެވެ.” “ފެޝަނެއް ނުދަންނަބައެކެވެ.” މިއީ ހައްތަހާވެސް އަހަރެންގެ ރައްޓެހިންގެ ދޫމަތީ ބަސްތަކެވެ. އަހަރެން ޝަރުޢީ ބުރުގާއެއް އަޅައިފިނަމަ، ރައްޓެހިންގެ މިމަލާމާތުގެ ބަސްތަކަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މިގޮތަށް އެމީހުން އަހަރެންނާ ދިމާކުރާކަށް ނޭދެމެވެ. އެމީހުން އަހަރެން ބާކީކޮށް އެއްފަރާތްކޮށްލާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދެއެވެ.

2. އަހަރެންގެ ވަޒީފާ ގެއްލިދާނެއެވެ.

އަހަރެންނަކީ މަތީ ވަޒީފާއެއްގައި އުޅޭ، ބޮޑު މުސާރައެއް ލިބޭ މީހެކެވެ. ވަޒީފާއަދާކުރާތަނުގެ މުވައްޒަފުންގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން ނުހަނު މަތިވެރި ޤަދަރެއް ލިބިފައިވެއެވެ. މިވަޒީފާއަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަޒީފާއެކެވެ. މީހުންގެ ހިތްތަކުގައި އަހަރެންނަށް ދެވިފައިވާ ލޯތްބާއި އިޙްތިރާމު އަބަދުވެސް އެގޮތުގެމަތީ ދެމިއޮންނަން ބޭނުމެވެ. މިއެންމެހާ ކަމެއް، ބޮލުގައި އަޅާލާ “ފޮތިގަނޑަކަށްޓަކައި” ނަގާލުމަކީ އަހަރެންނަށް ވާނޭ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް ހުރެ ރަސްމީ ބައްދަލުވުންތަކާއި އިޖްތިމާޢީ ކަންތައްތަކުގައި އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މީހުން އަހަރެންނާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންނާމެދު މީހުން ދެކެމުން އައިގޮތް މުޅިން ބަދަލުވެދާނެއެވެ. އަހަރެން ވަޒީފާއިން ކަނޑާލަ ފާނެއެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނުލިބޭނެއެވެ. އޭރުން އަހަރެންނާއި ދަރިންގެ ޚަރަދުތައް ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟

3. އަހަރެންގެ އާއިލާއަކީ ފެޝަނަށް ލޯބިކުރާ އާއިލާއެކެވެ.

އަހަރެންގެ އާއިލާގައި ބުރުގާއަޅާމީހުންނާއި ނާޅާމީހުން އުޅެއެވެ. މިއެންމެންނަކީވެސް ފެޝަނަށް ވަރަށް ލޯބިކުރާ ބައެކެވެ. ހެދުން އެޅުމުގައި އެއިރެއްގެ އެންމެ ހިނގާ ފެޝަނަކަށް ޚާއްޞަ ސަމާލުކަމެއްދޭ ބައެކެވެ. ޕާޓީތަކާއި އެހެނިހެން ހަފްލާތަކުގައި އާއިލާއެންމެން އެއްވައްތަރުން، އެހަފްލާއަކާގުޅޭގޮތަށް ހެދުން އެޅުމަކީ އާއިލީ އާދަކާދައެކެވެ. މަންމަވެސް ބުރުގާ އަޅައިގެން ހުއްޓަސް ޖިންސާއި، ބާރު ޓޮޕް ލައެވެ. ގޭގެ ކޮޓަރިތަކުގެ ރީތިވާ މޭޒުމަތި ފުރި ބަނޑުންލާފައިވަނީ ރީތިވާ މޭކަޕް ސާމާނުތަކުންނެވެ.

ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ މީހެއްގެ ބަހަށް އަހަރެން އެންމެ ކުޑައިރުއްސުރެ މިއަދާހަމައަށް އުޅެމުން މިއައިގޮތް ބަދަލުކުރަންވީ ހެއްޔެވެ؟ މިއަދާޖެހެންދެން އަހަރެންނަށް ކިޔަވަދީ، އެންމެހާ ޚަރަދަކާއި، އެހީތެރިކަން ފޯރުކޮށްދެމުންގެންދިޔަ އާއިލާ މީހުންނާ ދެކޮޅަށް މިފަދަ ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނާ ދެކޮޅަށް ކަމެއްކުރާކަށް އަހަރެންނަކަށް ނުކެރޭނެއެވެ.

4. މީހުންގެ ލޯތަށް އަހަރެންނާ ދިމާލަށް ހުއްޓޭނެއެވެ.

ޝަރުޢީ ބުރުގާއަކުން ބުރުގާ އަޅައިގެން މަގުމައްޗަށް ނުކުމެއްޖެނަމަ މީހުންގެ ނަޒަރު ޚާއްޞަކޮށް އަހަރެންނާ ދިމާލަށް ހުއްޓޭނެއެވެ. މީހުން ބުނެފާނެ ބަސްތަކަށް އަހަރެން ލަދުގަނެއެވެ.

5. އަހަރެން މާރަނގަޅެވެ.

ދީނީ ތަފާތު ލިޔުންތަކުންނާއި، މަޖައްލާތަކުންނާއި، ސައިޓުތަކުގައި އަންހެނުން ބުރުގާ އެޅުމުގެ ވާހަކަ ވަރަށްގިނައިން ގެނެސްފައިވާތަން ފެނެއެވެ. އެއީ ރަނގަޅުގޮތްކަންވެސް އެނގެއެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އިސްލާމްދީނުގައި އަންގަވާ ދެއްވާފައިވާގޮތަށް ބުރުގާ ނާޅަނީ ތިމަން އެކަންޏެއްނޫނެވެ. އެތައް ބަޔަކު އެބައުޅެއެވެ. މަގުމަތިން ދާއިރު ބަލާލިޔަސް، އޮފީސްތެރެއަށް ބަލާލިޔަސް ގިނަމީހުންނަށްވުރެ އަހަރެން ހެދުންއަޅާގޮތް މާރަނގަޅެވެ. އެހާވަރުން އެކަންކަމާނޫޅުނަސް ރަނގަޅުވާނެއެވެ.

6. އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ.

އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ބޮޑެތި ބުރުގާތައް އަޅައިގެން އުޅޭ މީހުންނަކީ ހަރުކަށިކަމަށް ލޯބިކުރާ، އަމިއްލައަށް އުނދަގޫ ޖެހިގެން އުޅޭ ބައެކެވެ. ބުރުގާއަޅައިގެން ގޭގައާއި މަގުމަތީގައި އުޅެން ހާދައުނދަގޫ ވާނެއެވެ. ހަމައެހާމެ ހޫނުގަދަވާނެއެވެ. އަދި ބުރުގާ އެޅުމުން ބިހިނަގައި، ބޯހިރުވާ، ބޮލުން އިސްތަށިފައިބާ، ބޮލުގަރިއްސައޭ ބުނާ އަޑު އަހަމެވެ. މިހާއުނދަގުލޭ ބުނާކަމެއް އިސްލާމްދީނުގައި އޮންނާނެ ހެއްޔެވެ؟ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އަހަރެން ނަމާދުކޮށް، ރޯދަމަހު ރޯދަހިފާ އުޅެމެވެ. އެހައިވަރުން ފުދޭނެއެވެ.

7. އަހަރެންގެ މިނިވަންކަމެވެ.

އަހަރެންގެ ހަށިގަނޑަކީ އަހަރެންގެ އަމިއްލަ މިނިވަން އެއްޗެކެވެ. އެހަށިގަނޑާމެދު ޢަމަލުކުރަންޖެހޭގޮތް އެނގޭނީ އަހަރެންނަށެވެ. އަހަރެންގެ އަމިއްލަ މިނިވަންކަމާ އެކަކަށްވެސް ނުބެހެވޭނެއެވެ. އަހަރެންނަށް ރީތިގޮތްގޮތަށް އަހަރެންގެ ހަށިގަނޑަށް ހެދުމަކީ އަހަރެންގެ މިނިވަންކަމެވެ.

8. ދަތްހުރިދުވަހު ކާށި ކާނީއެވެ.

ބުރުގާއެޅުމަކީ ޒުވާންކަން ގެއްލުވާލާ ކަމެކެވެ. ބުރުގާ އަޅައިގެން އުޅޭ އަހަރެންގެ ބައެއް ރައްޓެހިން ފެނުމުން ހާދަ ހަޑިއެވެ. ހީވަނީ ދުވަސްވެފައިވާ ބައެއް ހެންނެވެ. ޒުވާންކަމުގެ ލައްޒަތްތައް އެމީހުންނަށް އެވަނީ ގެއްލިފައެވެ. އަދި އަހަރެން މިއުޅެނީ “ޓީނޭޖު” މިކިޔާ އުމުރުތަކުގައެވެ. އަދި އުމުރުގައި ވަރަށްދުވަސް ބާކީ އެބައޮތެވެ. މީހަކާ އިނދެފައި، ނުވަތަ މުސްކުޅިވުމުން ތަވްބާވެފައި ބުރުގާ އަޅާނީއެވެ. އެހެންނޫނީ ޒުވާންކަމުގެ މިދުވަސްތަކުން ލިބެންއޮތް ލައްޒަތުތައް ގެއްލިގެންދާނެއެވެ.

 ބަޔާންވެމިދިޔައީ، އަޅުގަނޑުމެންގެ މުޖުތަޢުތެރޭގައި، ޝަރުޢީ ބުރުގާއިން ބުރުގާއެޅުމަށް ހުރަސްއަޅާ ބައެއްސަބަބުތައް ކުރުގޮތަކަށް ބަޔާންވެގެންނެވެ. މިޢުޒުރުތަކުގެ ސަބަބުން ނުވަތަ މީގެން ޢުޒުރެއް މެދުވެރިވުމުން ﷲގެ އަމުރުފުޅުން އިސްތިޘްނާ ވެވިދާނެ ހެއްޔެވެ؟

ލޮބުވެތި އުޚުތާއެވެ! އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤު އިލާހެވެ. އެއިލާހުގެ ފޮތް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ފެންނާށެވެ. އެފޮތުގައި، އެއިލާހު ވަނީ އެންމެހާ ކަމެއްގެ ބާރާއި، މީސްތަކުންގެ ރިޒްޤާއި، އެންމެހާ ކަމެއް ހިނގަމުން ދަނީ އެއިލާހުގެ ފުރިހަމަ ބައްލަވާވޮޑިގަތުމުގެ ދަށުން، އެއިލާހުގެ އަމުރުފުޅާއެކުގައި ކަމުގައި އަންގަވާފައެވެ. މިކަންކަމަކީ ﷲ އަކީ އިލާހެއްކަމުގައި އަޅުގަނޑުމެން އީމާންވާނަމަ ހިތުގެ އަޑިން ޤަބޫލުކުރުން ލާޒިމުކަންކަމެވެ. ހަމައެފަދައިން، ﷲ ވަނީ އެއިލާހުގެ ފޮތުގެ އެތައްތަނެއްގައި އެއިލާހުގެ އަމުރުފުޅުތަކަށާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމަށް އަންގަވާ އަމުރުކުރައްވާފައެވެ. މިބަސްފުޅުތަކާމެދު ވިސްނާފިކުރުނުކުރަނީ ކީއްވެތޯއެވެ؟ ﷲ އެއިލާހުގެ ފޮތުގައި އަންގަވާ ކަންކަމާމެދު ވިސްނާފިކުރުކޮށްލުމަށް ވަގުތުކޮޅެއް ދޭށެވެ!

ﷲ ވަނީ އެއިލާހުގެ ފޮތުގައި މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވާފައެވެ. އެއީ ތިބާއަށް އުނދަގުލަކަށެއް ނޫނެވެ. ހަމަ ތިބާގެ ސަލާމަތާއި ރައްކާތެރިކަމަށާއި ބާއްޖަވެރިކަމަށެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً)) (الأحزاب: 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި (އެބަހީ އެކަނބަލުންނަކީ، ޢިއްފަތްތެރި އަދި މިނިވަން އަންހެނުންކަން އެނގިގެންވުމަށާއި) އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.” ސުބުޙާނަﷲ! މިއާޔަތުގައި ހަމައެކަނި ޙިޖާބުވުމަށް އަންގަވާފައި ﷲ ފުއްދަވާލެއްވީއެއް ނޫނެވެ. ހަމައެއާއެކު، އެކަމުގެ މުހިއްމުކަމާއި، އެކަމުގެ ބޭނުން މިއާޔަތުގެ ފަހަތުކޮޅުގައި އެވަނީ އަންގަވާ ދެއްވާފައެވެ. ތިބާއީ މުއުމިނު އަންހެނެއްކަމުގައި ވާނަމަ އަވަހަށް މިގޮވާލުމަށް އިޖާބަދިނުމަށް އަވަސްވެގަންނަށް ނުވޭތޯއެވެ؟

ޙައްޤަކީ ޝަރުޢީ ޙިޖާބުވުންކަމުގައި ތިބާއަށް ޤަބޫލުކުރެވޭނެކަމަށް އުއްމީދުކުރަމެވެ. ވީހިނދު، ޙައްޤު އެނގި ބަޔާންވެފައި ވަނިކޮށް، ބާޠިލު މަގުން ހިނގުމަށް ޚިޔާރުކުރާނީ ކިހާބޮޑު މޮޔައެއްތޯއެވެ؟ ވަގުތުފާއިތުވުމުގެ ކުރިން ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާށެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވެ ހުންނަ، ރިވެތި ނަމޫނާއަކަށް ވާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާނެތެވެ!

ޝަރުޢީ ޙިޖާބު އެޅުމުގެ ސަބަބުން މުޞީބާތްތަކެއް ޖެހުމަކީ އެކަށީގެންވާކަމެކެވެ. އެކަމާ ހިތާމަކުރުމުގެ ބަދަލުގައި އުފާކުރާށެވެ. ﷲއަށްޓަކައި ތިމާގެ އަމިއްލަ އެދުން ދޫކުރާމީހަކަށްވުރެ މަތިވެރިމީހަކު ހުންނާނެތޯއެވެ؟ އެފަދަ މުޞީބާތުގެ ދަނޑިވަޅުތަކުގައި، ﷲ އަށް ރުޖޫޢަވުމުގެ ވަރުގަދަ ވާފަށުގައި ހިއްޕަވާށެވެ. އަބަދުވެސް ﷲ ގެ ނަޞްރު ލިބޭނީ އެއިލާހުގެ މަގުގައި ޘާބިތުވާ މީހުންނަށްކަން ހަނދާން ބަހައްޓަވާށެވެ. އެދިމާވާ މުޞީބާތްތަކަށް ކެތްކުރުމަކީ، ތިބާގެ ހެޔޮކަމުގެ ތިލަފަތް އިންތިހާއަށް ބަރުވެގެންދާނެކަމެއްކަން ދަންނާށެވެ. ތިބާ ފަދަ ކިތައްތައް ޞާލިޙު މުސްލިމް އަންހެނުން އެގޮތުގައި އުޅޭނެކަން ވިސްނާލައްވާށެވެ.

ހަނދާން ނައްތާނުލައްވާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވާ މީހުންނަށް އެއިލާހުގެ މަދަދާއި ނަޞްރު ލިބޭނެކަން ހަނދުމަކުރައްވާށެވެ. އެއިލާހު ދެއްވަން ހުރި އެއްޗެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެއެވެ. އަދި އެއިލާހު މަނާ ކުރެއްވި އެއްޗެއް ދެވޭނެ ހަމައެކަކުވެސް ނުވެއެވެ. މުދަލަކީ ﷲގެ މުދަލެވެ. އަޅުގަނޑުމެންނަށް އޮތީ ﷲ އެންގެވިގޮތުގެ މަތީން އެހޯދުމަށް ސަބަބުތަކުގައި ހިފުމެވެ.

ޝަރުޢީ ޙިޖާބުން ޙިޖާބުވުމަކީ ތަޤްވާވެރިކަމެކެވެ. ތަޤްވާވެރިންނަށް ﷲ ދެއްވަވާފައިވާ އުފާވެރިކަން ބައްލަވާށެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجاً * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) الطلاق: 2-3 މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.” މިއާޔަތުގައި ﷲ އެއަންގަވަނީ އެއިލާހަށް ތަޤްވާވެރިވުމަށެވެ. އަޅުގަނޑުމެން ތަޤްވާވެރިވަނީނަމަ، ދުނިޔެއާއި އާޚިރަތުގައި ދިމާވާ އެންމެހާ މުޞީބާތްތަކުން ސަލާމަތްވާނެ މަގުދައްކަވާނެތެވެ. އަދި އެމީހަކަށް އެކަލާނގެ ރިޒްޤު ތަނަވަސްކޮށް ދެއްވާނެތެވެ. މިއީ ﷲގެ ވަޢުދުފުޅެކެވެ. އެއިލާހުގެ ވަޢުދުފުޅާ އެއިލާހު ޚިލާފުވެވޮޑިގެންނުވެއެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْراً)) الطلاق: 4 މާނައީ: “އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

ކަންމިހެން ހުރިއިރު، ﷲގެ އަމުރުފުޅު ތަކަށް އިޖާބަދޭށެވެ. ތިބާ ހިމާޔަތްކުރެއްވުމުގައި ﷲ ވޮޑިގެންވާނެތެވެ. ތިބާގެ ޢުޒުރުތަކަށްވުރެ، ﷲގެ އަމުރުފުޅު މީޒާނުގައި ބަރުވެގެންވާކަން ދަންނާށެވެ. ފަހެ، ﷲ އަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ވަކީލުކުރުމަށް އެއިލާހަށްވުރެ މަތިވެރިވެގެންވަނީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟