ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلهِ) سورة البقرة 165 މާނައީ:” އަދި އިމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.”
(އަހުމަދު އޭނާގެ ހެދުންތައް ހަޑިވެފައިވާ ހާލުގައި އައިސް ގެއަށްވަނެވެ. އޭނާ ވަނީ ފުޓްބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިފައެވެ. އަޙުމަދު ކޮޓަރިއަށް ވަންނަން ދަނިކޮށް މަންމައަށް ފެނިއްޖެއެވެ. އެހެންވެ އަވަސް އަވަހަށް ކާފަގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ކާފަ މިއާޔަތް ކިޔަވާ ވިދާޅުވާ އަޑު އިވުނެވެ. ( وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلهِ) سورة البقرة 165 މާނައީ:” އަދި އިމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.”
އަޙުމަދު: ކާފާ! އައްސަލާމް ޢަލައިކުމް
ކާފަ: ވަޢަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަބަރަކާތު،
އަޙުމަދު: ކާފާ! ތިއާޔަތުގެ މާނައަކީ ކޮބައިތަ؟
ކާފަ: (އައިނު ނަގާފައި ވިދާޅުވިއެވެ.) މިއާޔަތުގައި މިވަނީ ﷲ އަށް އީމާންވެ، އެކަލާނގެއަށް އަޅުކަން ކުރާ މީހުންނަށް މުޚާތަބު ކުރައްވާފައި. މިއާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ ﷲ އަށް އީމާންވި މީހުން ﷲ ދެކެ ލޯބިވާލެއް މާބޮޑުކަމުގައެވެ.
އަޙުމަދު: އެކަލާނގެ މަގަށް ރުޖޫޢަވާ މީހުންނަށްވެސް އެކަލާނގެ ލޯބިވެވޮޑިގެންވޭތަ؟
ކާފަ: އާން ދަރިފުޅާ. އަދި އެބައިމީހުން ސުވަރުގެއަށްވެސް ވައްދަވާނެ، އެތަނުގައި ދާއިމަށް ދެމިތިބޭނެ.
އަޙުމަދު: (އަޙުމަދު ވަރަށް އުފާވެލާފައި) އޯކޭ ކާފާ! އަހަރެން ﷲ ދެކެ ލޯބިވޭ.
ކާފަ: (ކުޑަކޮށް ހީލާފައ) އަޙުމަދު! ﷲ ގެ ލޯބި ބޭނުންނަމަ، ﷲ ލޯބިވެވޮޑިގެންވީ މީހުން ކުރި ކަންތައްތައްކޮށް، އެބޭކަލުން އުޅުނު ގޮތަށް އުޅެންޖެހޭނެ..
އަޙުމަދު: ކޮބާ ﷲ ލޯބިވެވޮޑިގެންވާ މީހުންނަކީ؟
ކާފަ: ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވޭ ދޮގު ހެދުން ދޫކޮށްލައި ތެދުބުނާ ތެދުވެރިންނަށް.
އަޙުމަދު: (ވަރަށް ދެރަވެލާފައި) ކާފާ! އަޅުގަނޑު ދޮގެއް ނުހަދަން. އަޅުގަނޑު އުޅުނީ މަންމަ ރުޅި އަޔަ ނުދިނުމަށްޓަކައި އެކަން ފޮރުވަންވެގެން.. މިހާރު، އަޅުގަނޑު މަންމަ ކައިރީގައި ތެދުބުނެފިއްޔާ ﷲ އަޅުގަނޑު ދެކެ ލޯބިވެވޮޑިގެންވާނެތަ؟
ކާފަ: ލައްބަ. ﷲ ތެދުބުނާ މީހުން ދެކެ ލޯބިވެވޮޑިގެންވޭ
އަޙުމަދު: ﷲ އަހަރެން ދެކެ ލޯބިވެވޮޑިގެންވާނެ (އުފަލުން ފުމެމުން ފުމެމުން ދޮރުން ނިކުތުމަށް ދިޔަ)
ކާފަ: އެކަމަކު ﷲ އީ ރީތިކަމަށާއި ސާފުތާހިރުކަމަށް ލޯބިވެވޮޑިގެންވާ ކަލާނގެއެވެ.
އަޙުމަދު: (އަޙުމަދުގެ ކިލާވެފައިވާ ހެދުމަށް ބަލައިލިއެވެ) ކާފަ ތިބުނީ ރަނގަޅު ވާހަކައެއް. (ކުޑައިރުކޮޅަކު ވިސްނާލުމަށްހުރެފައި) ކުޑަ އިރުކޮޅަކުން އަންނާނަން އިނގޭ ކާފާ.
ކާފާ: އެންމެ ރަނގަޅު ދަރިފުޅާ.
އަޙުމަދު: (އަޙުމަދު ކޮޓަރިއަށް ވަދެ ހެދުމެއް ހިފައިގެން ފާޚާނާއަށްގޮސް ފެންވަރައިގެން ނިކުމެއްޖެއެވެ. ދެން، އެއަށްފަހު ލޯގަނޑުގެ ކައިރީގައި ހުރެ ފުނާ އަޅައިގެން، ކާފަގެ ގާތަށް އެނބުރި ހިގައްޖެއެވެ.) ކާފާ މިހާރު ކިހިނެތް؟
ކާފާ: އާނ!!! މިހާރު ވަރަށް ރީތި.
(މަންމަ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ކޮޓަރީގައި ހިނގަމުންދާ ކަންތަކާއި ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. އެވަގުތު އަޙުމަދު މަންމައަށް ވީގޮތް ކިޔައިދިނެވެ. އަދި މަންމަ ވަރަށް އުފާވެއްޖެއެވެ.)
އަޙުމަދު: އަހަރެން ތެދު ބުނެފިން އަދި ފެންވެސްވަރައި ތިއްތިވެގެން މިހުރީ، ﷲ އަޅުގަނޑު ދެކެ ލޯބިވެވޮޑިގެންވާނެތަ؟
ކާފަ: ހަމަޔަޤީން ދަރިފުޅާ. ތެދުހަދާ މީހުންނާ ސާފު ތާހިރުވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވޭ.
އަޙުމަދު: (ފުންމާލާފަ) ރަނގަޅު، ރަނގަޅު. ﷲ އަޅުގަނޑު ދެކެ ލޯބިވެވޮޑިގެންވޭ. އަދި އަޅުގަނޑުވެސް ﷲ ދެކެ ލޯބިވޭ.
ކާފައާއި މަންމަ: (ހީލާފައި) ﷲ ދަރިފުޅަށް ލޯބިވެވޮޑިގަންނަވާށި އަދި ރުހިވޮޑިގަންނަވާށި އަޙުމަދު.
އެއަށްފަހު މަންމައާއި ކާފައާއި އަޙުމަދު މިއާޔަތް ކިޔެވިއެވެ. (وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّـهِ جَمِيعًا وَأَنَّ اللَّـهَ شَدِيدُ الْعَذَابِ) سورة البقرة 165 މާނައީ: “އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެއުރެން އެ ޝަރީކުންދެކެ ލޯބިވެތެވެ. އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (އާޚިރަތްދުވަހުގެ) ޢަޛާބު ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ ﷲ އަށްކަމާއި، އަދި ހަމަކަށަވަރުން ﷲއީ ޢަޛާބު ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ.”