ﷲ ގެ ޝަރީޢަތަށާއި، ރަސޫލާއަށް ކިޔަމަންވާންވީ ގޮތް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ވަރަށް ސާފު ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ _ سورة آل عمران -31
މާނައީ:” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢުވާށެވެ! އޭރުން، ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”
اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلًا مَا تَذَكَّرُونَ _ سورة الأعراف -3
މާނައީ:” ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާއްވައިލެއްވި ފޮތަށް ތިޔަބއިމީހުން ތަބަޢު ވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބަޢު ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.”
وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ _ سورة الأنعام – 153 މާނައީ:” އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެމަގަށް ތިޔަބައިމީހުން ތަބަޢުވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢު ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެއެވެ. އެކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”
އަދި ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަވާފައިވެއެވެ.
“إِنَّ أَصْدَقَ الْحَدِيْثِ كِتَابُ اللَّهِ , وَأَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ, وَشَرَّ الْأُمُوْرِ مُحْدَثَاتُهَا” _ سنن النسائي
މާނައީ: ހަމަކަށަވަރުން އެންމެ ތެދު ބަސްފުޅަކީ ﷲގެ ފޮތެވެ. އަދި އެންމެ ރަނގަޅު ހިދާޔަތަކީ މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްމަ)ގެ ހިދާޔަތެވެ. އަދި ކަންތައްތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ކަމަކީ އަލަށް އުފެދޭ ކަންކަމެވެ. (އެބަހީ ދީނަށް އަލަށް އުފައްދާ ބިދުޢަތަކެވެ)”.
އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްމަ ޙަދީޘްކުރެއްވެވިއެވެ. “مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدّ”_ رواه البخاري و مسلم
މާނައީ: ” އަހުރެމެންގެ މިދީނުގައި ނުވާކަމެއް، މިދީނުގެތެރެއަށް އީޖާދުކޮށް ވައްދައިފި މީހާ ދަންނާށެވެ. ފަހެ އެކަން (އޭނަގެ މައްޗަށް) ރައްދުކުރެވޭނެއެވެ،”
އަދި އިމާމް މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ. “مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدّ” މާނައީ: “އަހުރެމެން، މިދީނުގައި ނުކުރާ އާކަމެއް ކޮށްފިމީހާ ދަންނާށެވެ. އެކަން (އޭނަގެ މައްޗަށް) ރައްދުކުރެވޭނެއެވެ.”
އެގޮތުން މީހުން ދީނަށް އިތުރުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުފަންދުވަސް ނުވަތަ ރަބީޢުލް އައްވަލް މަހު ޢީދުމީލާދު ފާހަގަކުރުން ހިމެނެއެވެ. އެމީހުން މިދުވަސް އެކި ގޮތްގޮތަށް ފާހަގަކުރެއެވެ:
ބައެއް މީހުން މިދުވަހު ހަމައެކަނި ތަނަކަށް އެއްވެލާފައި މައުލޫދު ކިޔައިލައެވެ. އަދި ކޮންމެވެސް ވަރެއްގެ ނަސޭޙަތުގެ ބަސްކޮޅެއްވެސް ކުރިޔަށްގެންދެއެވެ. އަދި ބައެއް ޅެން ހަދައިގެން ކިޔައި ހަދައެވެ. ބައެއް މީހުން ކާތަކެތި މީސްތަކުންނަށް ބަހާކަމުގައި ވެއެވެ. އަދި ބައެއް މީހުން މިސްކިތްތަކާއި ގެތަކުގައިވެސް، މިދުވަސް ފާހަގަކުރާކަމުގައި ވެއެވެ.
އަދި ބައެއްމީހުން މިވަރުންވެސް ނިންމައެއް ނުލައެވެ. އަންހެނުންނާއި ފިރިހެނުން އެއްވެ ލަވަކިޔުމާއި، ނެށުން ފަދަ ޙަރާމް ކަންތައްތައް ހިންގައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ކަންކަމަށް އެދުމާއި، އެކަލޭގެފާނަށް ގޮވައި އާދޭސްކުރުމާއި، އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެކަލޭގެފާނަށް ދެންނެވުންފަދަ އެތައް އެތައް ޝިރުކުގެ ޢަމަލުތަކެއްވެސް މިކަމުގެތެރޭގައި ކުރަމުން ގެންދެއެވެ.
ކޮންމެފަދަ ގޮތަކަށް ކޮންމެ ނިޔަތެއްގައި މިކަން މިބައިމީހުން ކުރިކަމުގައި ވިޔަސް، މިކަމަކީ ކަނޑައެޅިގެން އަލަށް އުފައްދާފައިވާ ބިދުޢައެއްކަން ވަރަށް ސާފުކޮށް އެއްވެސް ޝައްކެއްނެތި އެނގެއެވެ. މިކަން އުފައްދާފައިވަނީ އެންމެ ހެޔޮ 3 ޤަރުނުގެ ފަހުން މިދީން ހަލާކުކޮށްލުމަށްޓަކައި ޝީޢީންގެ ފާޠިމީންނެވެ. އިބްނު ޚައްލިކާން ފަދަ ބައެއް ތާރީޚު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުން، މިބައިމީހުންނަށްފަހު މިކަން ކުރީ އިރުބިލްގެ ރަސްގެފާނު އަލްމުޡައްފަރު އަބޫ ސަޢީދު ކުޥްކުބޫރީއެވެ. އެއީ ހަވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. ނުވަތަ ހަތްވަނަ ޤަރުނުގެ ކުރީކޮޅުގައެވެ.
އަބޫ ޝާމާ ވިދާޅުވިއެވެ. “މޫޞަލުގައި އެންމެ ފުރަތަމަ މިކަންކުރީ ޢުމަރު ބުން މުޙައްމަދު އަލްމަލާ އެވެ. އެއަށްފަހު އިރުބިލުގެ ރަސްގެފާނާއި، އަދި އެހެންމީހުންވެސް އެއަށް ޢަމަލުކުރަންފެށިއެވެ.”
އަލް ޙާފިޡު އިބްނު ކަޘީރު “އަލް ބިދާޔަ ވަން ނިހާޔާ” ގައި އަބޫ ސަޢީދު ކުޥްކުބޫރީގެ ވާހަކަ ގެންނަވަމުން ވިދާޅުވެފައިވެއެވެ. “އަބޫ ސަޢީދު ކުޥްކުބޫރީ ރަބީޢުލްއައްވަލުމަހު މަޥްލިދު ފާހަގަކުރެއެވެ. އަދި އެމުނާސަބަތުގައި ބޮޑު ހަފުލާއެއް ބާއްވައެވެ. އެގޮތުން ބައެއް މިފަދަ މަޥްލިދުތަކުގައި އަލްމުޡައްފަރު ހަފުލާއަށް ދިޔަ ބައެއް މީހުން ބުނިގޮތުގައި އެ ހަފްލާތަކުގައި 5000 ބަކަރީގެ ބޯ ފިހާ ކަމުގައިވެއެވެ. އަދި 10000 ކުކުޅާއި، 100000 ބޮޑެތި ކެއުންތަކާއި، އަދި 30 ތަބަކުގެ ފޮނިކާތަކެތި ބަހައްޓާކަމުގައި ވެއެވެ… އަދި މެންދުރުން ފެށިގެން ފަޖުރުލުމާއި ހަމައަށް ލަވަކިޔުމުގައި ސޫފީން ދޫކޮށްލައެވެ. އަދި އެމީހުންނާއެކު އޭނާވެސް ނަށާކަމުގައިވެއެވެ.”
އިބްނު ޚައްލިކާން ވިދާޅުވިއެވެ: “ސަފަރު މަހުގެ ފުރަތަމަ ދުވަސް އައުމުން އެބައިމީހުން އެ ގެތައް އެކި ވައްތަރުގެ އެއްޗެތިން ޒީނަތްތެރިކުރެއެވެ. އަދި އެއިން ކޮންމެ ތަނެއްގައި ލަވަކިޔާ ގުރޫޕަކާއި މިއުޒިކު ސާމާނުތައް ކުޅޭ މީހުން ތިބެއެވެ. އަދި އެހެން ގުރޫޕެއް އައުމުން މެނުވީ، އެބައިމީހުން އެތަންތަން ދޫކޮށްފަ ނުދެއެވެ. މިދުވަސްވަރު އެބައިމީހުން ހުރިހާ މަސައްކަތްތަކެއް ދޫކޮށްލައި، އަދި ހަމައެކަނި އެތަނަށް ގޮސް އެ މަޖާކުރުންތައް ބެލުން ނޫންކަމެއް ނުކުރާކަމުގައިވެއެވެ. މަޥްލިދަށް ދާން ދެދުވަހަށް ވުމުން، އެބައިމީހުން ވަރަށް ބައިވަރު ޖަމަލާއި، ގެރިއާއި، އަދި ބަކަރި ގެނެއެވެ. އަދި އެއަށް ބެރާއި މިއުޒިކު ސާމާނުތައް އަރުވައެވެ. އެއަށްފަހު އެއްވުމަށް ހަމަޖެހިފައިވާ ތަނަށް ދެއެވެ. އަދި މިބައިމީހުން މަޥްލިދުގެ ރޭ މަޣުރިބުނަމާދަށްފަހު ރަށް ބޭރަށް ނިކުމެ މަދަޙަ ކިޔާކަމުގައިވެއެވެ.”
މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް މީހުންވެސް، ފަރުޟު ބައެއް ކަންތަކަށްވެސް ފަރުވާ ނުބަހައްޓާ މިންވަރަށް ފަރުވާބަހައްޓައި ފާހަނގަކުރަމުންދާ، ޢީދުމީލާދު، ފާހަގަކުރުން ފެށިގެން އައި ގޮތެވެ. ބޭކާރު މަޖާކުރުންތަކެވެ. ހޭދަކުރަން ނުޖެހޭ ކަމަކަށް ގިނަ ފައިސާތަކެއް ހޭދަކުރުމެވެ. ފައިސާ އިސްރާފުކުރުމެވެ. އަދި އެކަމެއް ކުރުމުން އެއްވެސް ފައިދާއެއް، އެމީހަކަށް ހާޞިލުނުވާ ބޮޑު ބިދުޢައެއްގެ ތެރޭގައި ހޭދަކުރެވޭ ވަޤުތުތަކެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ބިދުޢަތައް ދޫކޮށްލައި، އެފަދަ ކަންތައްތަކުން ދުރުވުމަކީވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭނެކަމެކެވެ. އެއްވެސް ކަމެއް، އެކަމެއް ދީނުގައި އޮތް ގޮތް ނޭންގި ކޮށްގެން ނުވާނެއެވެ.
– ނުނިމޭ-