[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ހަތަރުވަނަ ދަރުސް)

ހަތަރުވަނަ ދަރުސް (ތައުޙީދު ބެހޭ ބައިތަކާއި ޝިރުކު ބެހޭ ބައިތައް)

 
  • ތައުޙީދު ބެހޭ ބައިތައް ބަޔާން ކޮށްދިނުން.

 

ތައުޙީދު ބެހެނީ ތިން ބަޔަށެވެ. އެއީ ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞިފާތުއެވެ.

  1. ތައުޙީދުއް ރުބޫބިއްޔާ އަކީ: އެންމެހާ ތަކެތި ހެއްދެވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށް އީމާންވުމާއި، ހުރިހާ ކަމެއް ހިންގަވަނީ އެކަލާނގެ ކަމާއި އަދި އެކަމުގައި އެކަލާނގެއަށް ޝަރީކަކު (ބައިވެރިޔަކު) ނުވާކަމަށް އީމާންވުމެވެ.
  2. ތައުޙީދުލް އުލޫހިއްޔާ އަކީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އީމާންވުމާއި އަދި އަޅުކަންކުރުމުގައި އެކަލާނގެއަށް ޝަރީކަކު (ބައިވެރިޔަކު) ނުވާކަމަށް އީމާންވުމެވެ. އެއީ لَاإِلٰهَ إِلَّا اللهُ ގެ މާނައެވެ. ފަހެ ހަމަކަށަވަރުން އެ (ކަލިމައިގެ) މާނައަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހަކު ނުވާކަމެވެ. ފަހެ، ނަމާދާއި ރޯދަ ފަދަ އެންމެހާ އަޅުކަންތައް އަދި އެނޫނަސް ވެސް އަޅުކަމެއް ނަމަ އެކަމެއް އިޚްލާޞްތެރިކަމާއެކު އަދާކުރުން ވާޖިބުވެގެންވަނީ ހަމައެކަނި ﷲ އަށެވެ. އަދި އެކަލާނގެ ފިޔަވާ އެހެންފަރާތަކަށް އެކަންތައްތައް އަދާކުރުން ހުއްދަވެގެން ނުވެއެވެ.
  3. ތައުޙީދުލް އަސްމާއި ވައްޞިފާތަކީ: ކީރިތި ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުގައި ވާރިދު ވެފައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އަދި އެކަލާނގެއަށް އެކަށީގެންވާ ގޮތުގައި އެޞިފަފުޅުތައް ޘާބިތު ކުރުމެވެ. އެކަންކުރާނީ އޭގެ މާނަތައް ފުރޮޅާނުލާ، ނަފީކުރުމާއި ނުލާ، ކައިފިއްޔަތު ބަޔާންކުރުމާއި ނުލާ އަދި މިޘާލުކިޔާ ވައްތަރު ކުރުމާއި ނުލައެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަންނަނިވި ބަސްފުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ.

﴿ قُلْ هُوَ اللَّهُ أَحَدٌ (١) اللَّهُ الصَّمَدُ (٢) لَمْ يَلِدْ وَلَمْ يُولَدْ (٣) وَلَمْ يَكُنْ لَهُ كُفُواً أَحَدٌ (٤) ﴾ [سورة الإخلاص]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. (1) ﷲ އީ އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.  (2) އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. (3)  އަދި އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. (4)”

އަދިވެސް މާތް ﷲ ވަޙީ ކުރެއްވިއެވެ.

﴿ …لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ ﴾   [سورة الشورى ١١]

މާނައީ: “…އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަދި ހަމަކަށަވަރުން ބައެއް ޢިލްމުވެރިން ތައުޙީދު ދެބަޔަކަށް ބައްސަވާފައިވެއެވެ. އަދި ތައުޙީދުލް އަސްމާއި ވައްޞިފާތު ތައުޙީދު އައްރުބޫބިއްޔާގެ ތެރޭގައި ހިމަނާފައިވެއެވެ. ނަމަވެސް މި ދެ ބެއްސެވުމުގައި ވެސް މަޤްޞަދު ސާފުވެ ބަޔާންވުމުން ދެބައި މީހުން ދެގޮތަށް އިސްތިލާހު ކުރި ނަމަވެސް އެއީ މައްސަލައެއް ނޫނެވެ.

 

  • ޝިރުކު ބެހެނީ ތިން ބަޔަށެވެ.

 

އެއީ ބޮޑު ޝިރުކު، ކުޑަ ޝިރުކު އަދި ފޮރުވި ވަންހަނާވެފައިވާ ޝިރުކެވެ.

  1. ފަހެ ބޮޑު ޝިރުކު ޢަމަލުތައް ބާޠިލު ކޮށްލައެވެ. އަދި އެކަމުގެ މަތީގައި މަރުވި މީހާ އޭގެ ސަބަބުން އަބަދުގެ އަބަދަށް ނަރަކައިގައި އޮންނަން ޖެހެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿…وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ﴾   [سورة الأنعام ٨٨]

މާނައީ: “…އެބޭކަލުންވެސް (ﷲ އަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލުވީހެވެ.”

އަދިވެސް މާތް ﷲ ވަޙީ ކުރެއްވިއެވެ.

﴿ مَا كَانَ لِلْمُشْرِكِينَ أَنْ يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَى أَنفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ ﴾   [سورة التوبة ١٧]

މާނައީ: “އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކާފިރުކަމަށް ހެކިވެތިބި ޙާލުގައި، ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، މުޝްރިކުންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ އެއުރެންގެ ޢަމަލުތައް ބާޠިލުވެފައިވާ މީހުންނެވެ. އަދި ހަމަ އެއުރެންނީ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.”

އަދި ހަމަކަށަވަރުން ބޮޑު ޝިރުކުގެ މަތީގައި މަރުވެއްޖެ މީހާގެ ފާފަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުވަހަކުވެސް ނުފުއްސަވާނެއެވެ. އަދި ސުވަރުގެ އެމީހެއްގެ މައްޗަށް ޙަރާމް ވެގެންވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿ إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ… ﴾ [سورة النساء ٤٨]

މާނައީ: “ހަމަކަށަވަރުން ﷲ އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ…”

އަދިވެސް މާތް ﷲ ވަޙީ ކުރެއްވިއެވެ.

﴿ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴾ [سورة المائدة ٧٢]

މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

ބޮޑު ޝިރުކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ: މަރުވެފައިތިބޭ މީހުންގެ ކިބައިން ކަންކަމަށް އެދުން، ބުދުތަކަށް ދުޢާކުރުމާއި ބޮޑެތި ޙާޖަތުގެ ވަޤުތުގައި އެހީއާއި މަދަދަށް  އެތަކެތީގެ ކިބައިން އެދުން، އެތަކެއްޗަށް ނަދުރު ބުނުން، އެތަކެއްޗަށް ކަތިލުން، އަދިވެސް މިފަދަ އެހެނިހެން ކަންކަމެވެ.

  1. ކުޑަ ޝިރުކަކީ: ކީރިތި ޤުރުއާނުން ނުވަތަ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ޝިރުކެއް ކަމަށް ނައްޞުން ޘާބިތުވެފައި، ޝިރުކެއްކަމަށް ނަންދެވިފައިވާ ކަންކަމުގެ ތެރެއިން ބޮޑު ޝިރުކުގެ ވައްތަރުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމެވެ. މިގޮތުން ދެއްކުންތެރިކަމާއި ﷲނޫން އެހެންފަރާތެއް ގަންދީ ހުވާކުރުމާއި (ﷲއާއި މިވެނި މީހަކު އިރާދަކުރިގޮތޭ) މިފަދައިން ބުނުމާއި އަދިވެސް މިފަދަ ކަންކަމެވެ.

މިކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم އަންނަނިވި ޙަދީޘެވެ.

((أَخْوَفُ مَا أَخَافُ عَلَيْكُمْ الشِّرْك الأَصْغَر))

މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބިރުފުޅުވެވަޑައިގަންނަވާ (ކަމަކީ) ކުޑަޝިރުކެވެ.” ދެން ފަހެ އެކަމާ ބެހޭގޮތުން އެކަލޭގެފާނަށް ސުވާލުދެންނެވުމުން ފަހެ ޙަދީޘްފުޅުކުރެއްވިއެވެ.   ((الرِّيَاءُ)) “(އެއީ) ދެއްކުންތެރިކަމެވެ.”

މިހަދީޘް އިމާމު އަޙްމަދު، އައްޠަބަރާނީ އަދި ބައިހަޤީ މަޙްމޫދު އިބުނު ލަބީދު އަލްއަންޞާރީ رضي الله عنه ގެ އަރިހުން ޖައްޔިދު ސަނަދަކުން ރިވާކުރައްވާފައިވެއެވެ. އަދި އައްޠަބަރާނީ  (عن محمود بن لبيد ، عن رافع بن خديج ، عن النبي صلى الله عليه وسلم) މިމަގުން ޖައްޔިދު ދަރަޖައަށްދާ ސަނަދުތަކަކުން ރިވާކުރެއްވިއެވެ.

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ حَلَفَ بِشَيْءٍ دُوْنَ اللهِ فَقَدْ أَشْرَكَ)) 

މާނައީ: “ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކޮށްފި މީހާ ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ.” 

މިޙަދީޘަކީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ އަރިހުން އިމާމު އަޙްމަދު ޞައްޙަ ސަނަދަކުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އަދި އަބޫދާވޫދާއި ތިރުމިޛީ، އިބްނު ޢުމަރު رضي الله عنهما ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ހަމަކަށަވަރުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ.

((مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ))

މާނައީ: “ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ ފަހެ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ. ނުވަތަ ޝިރުކުކޮށްފިއެވެ.” 

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لاَ تَقُوْلُوا : مَا شَاءَ اللهُ وَشَاءَ فُلَانٌ ، وَلكِنْ قُوْلُوا : مَا شَاءَ اللهُ ثُمَّ شَاءَ فُلاَنٌ.))

މާނައީ: “ތިޔަބައިމީހުން ނުބުނާށެވެ: ﷲ އިރާދަކުރެއްވިގޮތެވެ. އަދި މިވެނި މީހަކު ބޭނުންވިގޮތެވެ. އެކަމަކު ތިޔަބައިމީހުން ބުނާށެވެ: ﷲ އިރާދަކުއްވިގޮތެވެ. އަދި އެއަށްފަހު މިވެނި މީހަކުވެސް ބޭނުންވި ގޮތެވެ.”

ފަހެ (ޝިރުކުގެ) މިބާވަތް އެކަން ކުރާ މީހާ މުރުތައްދުވުން ވާޖިބެއް ނުކުރެއެވެ. އަދި ނަރަކައިގައި ދާއިމަށް އޮތުމަށްވެސް ވާޖިބެއް ނުކުރެއެވެ. ނަމަވެސް ތައުޙީދުގެ ވާޖިބު މިންވަރުގެ ފުރިހަމަކަން މިބާވަތުގެ ޝިރުކު ނަފީ ކުރެއެވެ.

  1. ތިންވަނަ ބައި: އެއީ ފޮރުވިފައިވާ ޝިރުކެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘެވެ.

((أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِيْ مِنَ المسِيْحِ الدَّجَّالِ ؟)) قَالُوا : بَلَى يَا رَسُوْلَ اللهِ ، قَالَ : ((الشِّرْكُ الخَفِيُّ ، يَقُوْمُ الَّرجُلُ فَيُصَلِّيْ فَيُزَيِّن صَلَاتَهُ لِمَا يَرَى مِنْ نَظَرِ الرجل إِلَيْهِ))  

މާނައީ: “މަސީޙުއް ދައްޖާލައްވުރެވެސް ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވާ ކަމަކާއިމެދު ޚަބަރު ދެއްވަމުތޯއެވެ. އެބޭކަލުންދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އާދޭހެވެ. އެކަލޭގެފާނު ޙަދީޘްފުޅު  ކުރެއްވިއެވެ. (އެއީ) ފޮރުވިފައިވާ ޝިރުކެވެ. މީހަކު ނަމާދުކުރަން ތެދުވެ އެހެންމީހުން އޭނާއަށް ނަޒަރު ހިންގާތީވެ އޭނާގެ ނަމާދު ޒީނަތްތެރި ކުރާކުރުމެވެ.”  

މިޙަދީޘް އިމާމު އަޙްމަދުގެ މުސްނަދުގައި އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ ކިބައިން ރިވާކުރެއްވިއެވެ.

ހަމަ އެކަނި ދެބަޔަކަށް ޝިރުކު ބަހާލުންވެސް ހުއްދަވެގެންވެއެވެ. އެއީ ބޮޑު ޝިރުކާއި ކުޑަ ޝިރުކެވެ. ފަހެ ފޮރުވިފައިވާ ޝިރުކު އިސްވެދިޔަ ދެބާވަތަށްވެސް އާންމު ގޮތެއްގައި ވަދެއެވެ.

ފަހެ (ފޮރުވިފައިވާ ޝިރުކު) ބޮޑުޝިރުކަށް ވަންނަ ގޮތުގެ މިޘާލަކީ މުނާފިޤުން ކުރާ ޝިރުކެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ބާޠިލު ޢަޤީދާތައް ފޮރުވައި އިސްލާމެއްކަމަށް ފާޅުކޮށް އުޅެނީ ދެއްކުންތެރިކަމުގެ ގޮތުންނާއި އަދި އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބިރުވެތިވާތީއެވެ.

އަދި (ފޮރުވިފައިވާ ޝިރުކު) ކުޑަ ޝިރުކުގެ (ތެރެއިން) ވާގޮތުގެ މިޘާލަކީ ދެއްކުންތެރިކަމެވެ.

އެއީ އިސްވެދިޔަ މަޙްމޫދު އިބުނު ލަބީދު އަލްއަންޞާރީގެ ޙަދީޘްއާއި ޛިކުރުވެވިގެން ދިޔަ އަބޫ ސަޢީދުގެ ޙަދީޘްގައިވެސް ވާފަދައިންނެވެ.

والله ولي التوفيق.

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް