[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ ރަޙިމަހުﷲ

 

އިބްނު ޙަޖަރު ރަޙިމަހުﷲ ގެ ފުރިހަމަ ނަންފުޅަކީ ޝިހާބުއްދީން އަބުލް ފަޟްލު އަޙްމަދު ބުން ޢަލީ ބުން މުޙައްމަދު ބުން މުޙައްމަދު ބުން ޢަލީ ބުން މަޙްމޫދުލް ކިނާނީ އަލްޢަސްޤަލާނީ އަލްމިޞްރީއެވެ. އެކަލޭގެފާނު މަޝްހުރުވެ ވަޑައިގެންފައިވަނީ “އިބްނު ޙަޖަރު” ގެ ނަންފުޅުންނެވެ.

އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު ބޮޑުފުޅުވަމުން ވަޑައިގަތީ ޔަތީމު ޙާލުގައެވެ. އެކަލޭގެފާނަށް ފަސްއަހަރުވުމުގެ ކުރިން ލިޔެއުޅުއްވާ ކާތިބުންގެ އަރިހަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ތުއްޕުޅު ޙަޔާތުގައި ވަނީ ވިސްނުންތޫނުކަމަށާއި، ހިތުދަސްކުރުމުގެ ބާރުގަދަކަމުގެ ޢަލާމާތްތައް ފެންނަން ފަށާފައެވެ. ﷲ ދެއްވެވި މިބޮޑު ދެނިޢުމަތުގެ ބޭނުން ހިއްޕަވައި، ޢިލްމީ ޙަޔާތް ފެއްޓެވުމުގެ ގޮތުން އެކިއެކި ޢިލްމީ ފަންނުތަކުގެ މުހިއްމު ފޮތްތައް ހިތުދަސްކުރެއްވިއެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތުއްޕުޅު އިރުން ފެށިގެންވަނީ ހިތުދަސްކުރުމުގެ މަތިވެރި ނިޢުމަތް ދެއްވަވާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ކީރިތި ޤުރުއާނުގެ ފޮތެއްގެ ދެބައިކުޅަ އެއްބައި ހިތުދަސްކުރައްވައެވެ. އަދި މަރްޔަމް ސޫރަތް އެއްދުވަހުން ހިތުދަސްކުރެއްވިއެވެ. އަދި ގިނަދުވަސްދުވަހު “އަލްޙާވީ އައްޞަޣީރު” މިފޮތް އިޞްލާޙުކުރެއްވެވުމަށްފަހު، އެއިޞްލާޙުކުރެވުނު ބައި ވިސްނުންތެރިކަމާއެކު އަލުން ކިޔުއްވައެވެ. އަދި ތިންވަނަ ފަހަރު ހިތުން އެބައި ކިޔުއްވައެވެ. އެކަލޭގެފާނުގެ ލިޔުއްވާފައިވާ ފޮތްތަކަށް ނަޒަރު ހިންގާލައިފިމީހަކަށް، އެކަލޭގެފާނުގެ ހިތުދަސްކުރެއްވުމުގެ އަވަސްކަމާއި، ޢިލްމީ މައިދާނުގައި އެކަލޭގެފާނުގެ މަތިވެރި ދަރަޖަ ބަޔާންވެގެންދާހުށްޓެވެ. އަދި އެއިން ކޮންމެ ފޮތަކީ ޢިލްމީ ޚަޒާނާއިން މުއްސަނދިކުރެވިފައިވާ، މިއަދާހަމައަށްވެސް އެފޮތްތަކަށް މީސްތަކުން ބޭނުން ޖެހިފައިވާ ފޮތްތަކެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲ ގެ ހިތްޕުޅުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކާބެހޭ ޢިލްމުއުނގެނުމުގެ ޝައުޤުވެރިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވިއެވެ. މިގޮތުން ޙަދީޘް ޢިލްމުގެ ފަންނުގައި އެކަލޭގެފާނުގެ ފުރަތަމަ ޝައިޚަކީ އަލްޤާޟީ އަލްޙާފިޡު ޖަމާލުއްދީން އަބޫ ޙާމިދު މުޙައްމަދު ބުން އަބްދުﷲ ބުން ޡަހީރު އަލްމައްކީ އެވެ. އެޝައިޚާއެކު މައްކާގައި “ޢުމްދަތުލް އަޙްކާމް” ދިރާސާކުރެއްވެވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ ބާރަ އަހަރުފުޅެވެ. އޭގެ ފަހުން އެޒަމާނުގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޢިލްމުއުނގެނިވަޑައިގެން، ޙަދީޘް ޢިލްމުގައި ޙަދީޘުގެ ސަނަދާއި، މަތަނާއި، ޢިލަލާއި، އިޞްޠިލާޙާއި، ފިޤުހުގެ ޢިލްމު ޙާޞިލުކުރައްވައި، އެކަލޭގެފާނަށް ފަހު އެފަންނުތަކުގައި މީހަކަށް އެދަރަޖައަށް އަރައިހަމަނުވެވޭނެ ފަދަ މަތީދަރަޖައަކަށް އެޢިލްމުތަކުގައި ކުރިއަރައި ދިޔައެވެ. މިޢިލްމުތައް ޙާޞިލުކުރުމަށްޓަކައި މައްކާއަށާއި، މަދީނާއަށާއި، ޔަމަނަށާއި، ޝާމްކަރަ ފަދަ އެތައް ރަށްތަކަކަށް ދަތުރުކުރެއްވިއެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲގެ ޝައިޚުން:

އިބްނު ޙަޖަރު ރަޙިމަހުﷲ ޢިލްމު ޙާޞިލުކުރެއްވި ޝައިޚުން ވަރަށް ގިނައެވެ. އެކަލޭގެފާނު ވަނީ، އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ޢިލްމުވެރިން ބަޔާންކުރައްވައި ފޮތެއް އެކުލަވާލައްވާފައެވެ. އެފޮތުގެ ނަމަކީ “އަލްމުޖުމަޢުލް މުއައްސަސު ލިލްމުޢުޖަމިލް މުފަހްރަސް” އެވެ. އެފޮތް އެކަލޭގެފާނު ތަރުތީބު ކުރައްވާފައިވަނީ އަލިފުބާ ތަރުތީބުންނެވެ. އެފޮތުގައި ޢާއްމު ޝައިޚުން ފިޔަވައި، ހަމައެކަނި ފޮތްތައް އަޑުއައްސަވާފައިވާ، އަދި އެކަލޭގެފާނަށް ފޮތްތަކުގެ އިޖާޒާ ދެއްވި 450 ޝައިޚުން ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ މަޝްހޫރު ދަރިވަރެއްކަމުގައިވާ އަލްޙާފިޡް އައްސަޚާވީ ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި، ތަކުރާރުކުރުމެއްނެތި އިބްނު ޙަޖަރުގެ ޝައިޚުންގެ ޢަދަދު 630 އަށް އަރައެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲ ޢިލްމު ޙާޞިލުކުރެއްވި ޝައިޚުންގެ ތެރޭގައި:

1. އިބްރާހީމް ބުން އަޙްމަދު ބުން ޢަބްދުލްވާޙިދު އައްތަނޫޚީ (އ. 800ހ.): މިޝައިޚުގެ އަރިހުގައި އިބްނު ޙަޖަރު ތިން އަހަރު ހޭދަކުރެއްވިއެވެ. މިޝައިޚުގެ އަރިހުން “ޞަޙީޙް ބުޚާރީ”، “ސުނަން އައްތިރުމިޛީ”، “ސުނަން އަންނަސާއީ”، “އިމާމްމާލިކުގެ މުޥައްޠާ”ގެ ޔަޙްޔާ އައްލައިޘީގެ ރިވާޔަތާއި، “ސުނަން އައްދާރަމީ”، “ޞަޙީޙް އިބްނު ޙިއްބާން” ފަދަ އެތައް ފޮތެއް އަޑުއައްސަވައި ނުވަތަ ޝައިޚަށް ކިޔުއްވައި ދެއްވިއެވެ.

2. އަލްއިމާމް އަލްޙާފިޡް އަބުލް ފަޟުލު އަލްޢިރާޤީ (އ. 806ހ.): ހަދީޘް ޢިލްމުގައި މަޝްހޫރު މިޝައިޚުގެ އަރިހުގައި އިބްނު ޙަޖަރު ދިހަ އަހަރު ހޭދަކުރެއްވިއެވެ. މިޝައިޚުގެ ފަރާތުން އިބްނު ޙަޖަރަށް ވަރަށް ބޮޑެތި ޢިލްމީ ފައިދާތައް ކުރިއެވެ. އަދި މިޝައިޚު އިބްނު ޙަޖަރަށް “އަލްޙާފިޡް” ގެ ލަޤަބު ދެއްވިއެވެ.

3. އަލްޙަފިޡް ޢަލީ ބުން އަބީބަކުރު އަލްހައިޘަމީ (އ. 807ހ.).

4. އަލްއިމާމް ޢުމަރު ބުން ރަސްލާން އަލްބުލްޤީނީ (އ. 805ހ.).

5. އަލްއިމާމް އިބްނު މުލައްޤިން ޢުމަރު ބުން ޢަލީ ބުން އަޙްމަދު (އ. 804ހ.).

6. އަލްއިމާމް މުޙައްމަދު ބުން އަބީބަކުރު ބުން ޢަބްދުލްޢަޒީޒު ބުން މުހައްމަދު އިބްނު ޖަމާޢާ (އ. 819ހ.).

ބަޔާންވެ ދިޔަ ކޮންމެ ބޭކަލަކީ އެބޭކަލުންގެ ޒަމާނުގައި ޢިލްމުވެރިކަމުގައި މަޝްހޫރު، އަދިއަދަށްވެސް އެބޭކަލުންގެ ފޮތްތަކަށް މީސްތަކުން ޙާޖަތްޖެހިފައިވާ އެތައްފޮތެއް ލިޔުއްވި ބޭކަލުންނެވެ. މިއިން ކޮންމެ ބޭކަލެއްގެ އަރިހުގައި އިބްނު ޙަޖަރު ވަނީ ޢިލްމުއުނގެނުމަށްޓަކައި އަހަރުތަކެއް ހޭދަކުރައްވާފައެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲގެ ދަރިވަރުން:

އިބްނު ޙަޖަރު ރަޙިމަހުﷲ ގެ އަރިހުން ދަރިވަރުވެފައިވާ އެތައް ދަރިވަރުންނެއް ވެއެވެ. މިގޮތުން އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އަލްޙާފިޡް އައްސަޚާވީ ރަޙިމަހުﷲ ވަނީ އިބްނު ޙަޖަރުގެ ދަރިވަރުން ޢަދަދުކުރައްވައި، އަލިފުބާ ތަރުތީބުން އެކުލަވާ ލައްވާފައެވެ. އެގޮތުން އައްސަޚާވީ ރަޙިމަހުﷲ 626 އިބްނު ޙަޖަރުގެ ދަރިވަރުންގެ ނަން ގެންނަވާފައިވެއެވެ. އަދި މިއީ އައްސަޚާވީއަށް އެނގިލެއްވި މިންވަރެވެ. މީގެ އިތުރަށްވެސް ޢަދަދުނުކުރެވިވާ ދަރިވަރުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲގެ އަރިހުން ދަރިވަރުވެވަޑައިގެންނެވި މަޝްހޫރު ބޭކަލުންގެ ތެރޭގައި:

1. އަލްޙާފިޡް އަޙްމަދު ބުން އަބީބަކުރު އަލްބޫޞީރީ އައްޝާފިޢީ (އ. 840ހ.).

2. އަލްޙާފިޡް މުޙައްމަދު ބުން ޢަބްދުއްރަޙްމާން އައްސަޚާވީ (އ. 902ހ.).

3. މުޙައްމަދު ބުން ޢަބްދުލްވާޙިދު އިބްނު އަލްހުމާމް އަލްޙަނަފީ (އ. 861ހ.).

4. ޢުމަރު ބުން މުޙައްމަދު އިބްނު ފަހުދު އަލްމައްކީ (އ. 885ހ.).

5. އަލްޙާފިޡް ޤާސިމް ބުން ޤުޠުލޫބުޣާ އަބުލްޢަދުލް އަލްޙަނަފީ (އ. 879ހ.).

6. ބުރުހާނުއްދީން އިބްރާހީމް ބުން ޢުމަރު އަލްބަޤާޢީ (އ. 885ހ.).

އިބްނު ޙަޖަރު ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތްތައް:

އައްސަޚާވީ ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި، އިބްނު ޙަޖަރު ރަޙިމަހުﷲ  ލިޔުއްވާފައިވާ ފޮތްތަކުގެ ޢަދަދު 273 ފޮތަށް އަރައެވެ. އަދި ޑޮކްޓަރ ޝާކިރު މަޙްމޫދު ޢަބްދުލްމުންޢިމް ވަނީ، އިބްނު ޙަޖަރު ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތްތަކުގެ ނަންތައް ބަޔާންކުރައްވައި، އެފޮތްތަކުގެ ޗާޕުތަކާއި، ޗާޕުނުވެހުރި ފޮތްތައް ހުރި ތަންތަނުގެ ނަންތައް ބަޔާން ކުރައްވައި އަގުހުރި ދިރާސާއެއް ކުރައްވައި ފޮތެއް ލިޔުއްވަފައެވެ. އެފޮތުގެ ނަމަކީ “ابن حجر العسقلاني مصنفاته ودراسة في منهجه وموارده في كتابه الإصابة” އެވެ. މިފޮތުގައި އިބްނު ޙަޖަރު ލިޔުއްވަފައިވާ 282 ފޮތް ބަޔާންކުރައްވާފައިވެއެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:

1. ފަތުޙުލް ބާރީ ފީ ޝަރަޙި ޞަޙީޙުލް ބުޚާރީ: މިއީ ޞަޙީޙް ބުޚާރީއަށް އިބްނު ޙަޖަރު ލިޔުއްވާފައިވާ ވަރަށް ފުރިހަމަ ޝަރަޙައެކެވެ.

2. ތަހުޛީބުއް ތަހުޛީބް: މިފޮތަކީ ޞަޙީޙް ބުޚާރީއާއި، ޞަޙީޙް މުސްލިމްއާއި، ސުނަން އަބީދާވުދާއި، ޖާމިޢުއް ތިރުމިޛީ އާއި، ސުނަން އަންނަސާއީއާއި، ސުނަން އިބްނިމާޖާ ގައި ހިމެނޭ ޙަދީޘްތަކުގެ ރާވީންގެ ޙާލަތު ބަޔާންކުރައްވާ އަލްޙާފިޡް އަލްމިއްޒީ ލިޔުއްވާފައިވާ “ތަހްޛީބުލްކަމާލި” މިފޮތް ފުރިހަމަކުރައްވައި އިބްނު ޙަޖަރު ލިޔުއްވާފައިވާ ފޮތެކެވެ. އެއަށްފަހު އިބްނު ޙަޖަރު މިފޮތުގެ ޚުލާޞާއެއްކަމަށްވާ “ތަޤްރީބުއް ތަހްޛީބު” ލިޔުއްވިއެވެ. މިދެފޮތަކީ ޙާދީޘްގެ ރާވީންގެ ޙާލަތު ދެނެގަތުމުގައި މުހިއްމު ދެފޮތެވެ.

3. ބުލޫޣުލް މަރާމް މިން އަޙާދީޘުލް އަޙްކާމް: މިފޮތަކީ ފިޤުހީ ކިތާބުތަކަށާއި ބާބުތަކަށް ޙަދީޘްތައް އަތުރުއްވާފައިވާ ފޮތެކެވެ.

4. އަލްއިޞާބާ ފީ ތަމްޔީޒިއް ޞަޙާބާ: މިފޮތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ ނަންފުޅުތައް ބަޔާންކުރައްވާފައިވާ ފުރިހަމަ ފޮތެކެވެ. ޞަޙާބީން ދެނެގަތުމުގައި މިއީ ވަރަށް މުހިއްމު ފޮތެކެވެ.

5. ލިސާނުލް މީޒާން: މިފޮތަކީވެސް ޙަދީޘްތަކުގެ ރާވީންނާބެހޭ ފޮތެކެވެ. މިފަދަ އެތައް ފޮތެއް ހިމެނެއެވެ.

އަވަހާރަވުން:

ޤާޟީންގެ ޤާޟީކަމުގެ މަޤާމުން އަމިއްލައަށް ދުރުވެވަޑައިގަންނަވައި، ޢުމުރުގެ ބާކީ އޮތް ބައި ފޮތްތައް ލިޔުއްވުމާއި، ދިރާސާކުރެއްވުމާއި، ލިޔުއްވުމާބެހޭ މަޖިލިސްތަކުގައި ވަގުތުތައް ހޭދަކުރައްވަން ފެއްޓެވިއެވެ. މިގޮތުން ހިޖުރީ ސަނަތުން 852 ވަނަ އަހަރު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތެވެ. މިބަލިފުޅުގައި މަސްދުވަސް ހޭދަކުރެއްވުމަށްފަހު، މިއަހަރުގެ ޛުލްޙިއްޖާ މަހުން އަށާރަވީ ހޮނިހިރު ދުވަހުގެ ރޭ އެކަލޭގެފާނު އަވަހާރަވިއެވެ.

އިބްނު ޙަޖަރު ރަޙިމަހުﷲއަށް ކަށުނަމާދު ކުރުމަށް މުޞައްލާއަށް ގެންދެވުމާއެކީ އުޑުމަތި ބަނަވެ ވާރޭ ވެހެން ފެށިއެވެ. އެދުވަސްވަރަކީ ވާރޭ ވެހޭ މޫސުމެއް ނޫނެވެ. އައްސުޔޫޠީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެޒަމާނުގެ މަޝްހޫރު ޝާޢިރު އައްޝިހާބު އަލްމަންޞޫރު ތިމަންނައަށް ކިޔައި ދިނެވެ. އޭނާ އެޖަނާޒާއަށް ޙާޟިރުވިއެވެ. ފަހެ، ކަށުނަމާދުކުރުމަށް މުޞައްލާއަށް ކައިރިވުމާއެކީ އުޑުމަތިން ވާރޭ ވެހެންފެށިއެވެ. އެދުވަސްވަރަކީ ވާރޭވެހޭ ދުވަސްވަރެއް ނޫނެވެ.” ސުޔޫޠީ ވިދާޅުވިއެވެ. އެވަގުތު އަންނަނިވި ޅެންބައިތު ކިޔެވެ.

((قَدْ بَكَتِ السَّحْبُ عَلَى *** قَاضِي القُضَاة بِالمطَرِ

وَانْهَدَم الرّكن الّذي ***  كَان مشيداً مِن حَجَرْ))

ބައިތުގެ މާނައީ: “ހަމަކަށަވަރުން ވާރޭވެހުމުން ވިލާތައް ޤާޟީންގެ ޤާޟީގެ މައްޗަށް ރޮއެފިއެވެ. އަދި ހިލައިން ވަރުގަދަވެގެންވި ރުކުން ހަލާކުވެއްޖެއެވެ.”

ﷲ ސުބުޙާނަހޫ ވަތަޢާލާ ޙާފިޡް އިބްނު ޙަޖަރަށް ރަޙްމަތް ލައްވައި ފާފަފުއްސަވާށި! އާމީން.

____________________________________________

މަރުޖިޢު:

1. من كتاب التلخيص الحبير:- تحقيق: د. محمد الثاني بن عمر بن موسى.

2. الإصابة في تمييز الصحابة:- تحقيق: خليل مأمون شيخا.