ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ބިދުޢައިގެ ސަބަބުން މިކަމުގެ ތެރޭގައި އެހެން ބިދުޢަތައް އުފެދުމަށްވެސް މަގު ހުޅުވިގެން ދެއެވެ. އަދި އެބައިމީހުން ސުންނަތުން އެއްކިބާވެގެން ދެއެވެ. ބިދުޢަވެރިން ބިދުޢައެއް ހެދުމަށް ވަރަށް ހީވާގިވާނެއެވެ. ނަމަވެސް އެބައިމީހުންގެ ގާތަށް ސުންނަތެއް އަތުވެއްޖެނަމަ އެކަމެއް ކުރުން އެބައިމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެމީހުން ސުންނަތަށް ނަފްރަތުކުރާނެއެވެ. އަދި އެކަން ކުރާ މީހުންނަކީ އަދުއްވުންތަކެއް ކަމުގައި ދެކޭނެއެވެ. މިބައިމީހުން ވަނީ ތަފާތު އެތަކެއް ބައިތަކަކަށް ބެހިފައެވެ. މީގެން ކޮންމެ ބަޔަކުވެސް އެމީހުންގެ އިމާމުންގެ އުފަންދުވަސް ފާހަގަކުރެއެވެ. އެގޮތުން އަލް ބަދަވީ، އިބްން ޢަރަބީ، އައްދާސޫޤީ އަދި އައްޝާދިލީގެ އުފަންދުވަސް ހިމެނެއެވެ. މިކަމުގެ ސަބަބުން އެބައިމީހުންނަށް، މިމަރުވެފައިވާ މީހުންގެ ކިބައިން ގެއްލުމާއި ފައިދާ ލިބޭނެކަމަށް ޤަބޫލުކުރެއެވެ. އަދި އެބައިމީހުންނަށް ދުޢާކޮށް ކަންކަމުގައި އެދި ދަންނަވައެވެ. މިގޮތުން އެބައިމީހުން ދީން ދޫކޮށްލައި ޖާހިލިއްޔަ ޒަމާނުގެ ޖާހިލު ގޮތްތަކަށް އެނބުރި ދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ- (سورة الزمر: 3) މާނައީ:” ދަންނާށެވެ! ޚާލިޞްވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާ ދޭތެރޭގައި ﷲ، އެއުރެންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފަރަކަށް ﷲ ތެދުމަގު ނުދައްކަވާނެތެވެ.”
ބައެއް މީހުން ބުނަނީ މިކަމަކީ ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމުގައެވެ. އެބައިމީހުން މިކަމުގައި ދައްކާ ބަހަނާތަކުގެ ތެރޭގައި ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވެ ލޯބިވުން ހިމެނެއެވެ. އެހެނެއްކަމަކު ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވެ ލޯބިވުމަކީ އެކަލޭގެފާނު ގެންނެސްދެއްވި އެންމެހައި ތަކެތީގައި ހިފައި އެއަށް ބޯލެނބުމެވެ. އަދި އެކަލޭގެފާނު ނަހީ ކުރެއްވެވި އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. އަދި އެކަލޭގެފާނަށް ލޯބިވުން ހައްޤު ގޮތުގައި ލޯބިވުމެވެ. ބިދުޢައާއި ޚުރާފާތުގެ ކަންތައްތަކާއި ނުކިޔަމަންތެރިވުމާއި ފާފަތައްކުރުމީ ފަހަރައްގައިވެސް އެކަލޭގެފާނަށް ލޯބިވުން ކަމުގައި ނުވާނެއެވެ. އެހެންކަމުން، އެކަލޭގެފާނުގެ އުފަންދުވަސް ފާހަގަ ކުރުމަކީ އެކަލޭގެފާނަށް ލޯބިވުމުގެ ތެރެއިން ވާކަމެއް ނޫނެވެ.
ރަސޫލާ صلى الله عليه وسلم އަށް އެންމެ ފުރިހަމަ ގޮތުގައި ތަބަޢުވީ ބަޔަކީ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނެވެ. ޢުރުވާ ބިން މަސްޢޫދު ޤުރެއިޝުންނަށް ވިދާޅުވިއެވެ. أَيْ قَوْمِ وَاللَّهِ لَقَدْ وَفَدْتُ عَلَى الْمُلُوكِ وَوَفَدْتُ عَلَى قَيْصَرَ وَكِسْرَى وَالنَّجَاشِيِّ وَاللَّهِ إِنْ رَأَيْتُ مَلِكًا قَطُّ يُعَظِّمُهُ أَصْحَابُهُ مَا يُعَظِّمُ أَصْحَابُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُحَمَّدًا وَاللَّهِ إِنْ تَنَخَّمَ نُخَامَةً إِلَّا وَقَعَتْ فِي كَفِّ رَجُلٍ مِنْهُمْ فَدَلَكَ بِهَا وَجْهَهُ وَجِلْدَهُ وَإِذَا أَمَرَهُمْ ابْتَدَرُوا أَمْرَهُ وَإِذَا تَوَضَّأَ كَادُوا يَقْتَتِلُونَ عَلَى وَضُوئِهِ وَإِذَا تَكَلَّمَ خَفَضُوا أَصْوَاتَهُمْ عِنْدَهُ (رواه البخاري) “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެން އެކިއެކި ރަސްކަލުންގެ ގާތައް ޒިޔާރާތްކުރީމެވެ. އަހުރެން ޤައިޞަރާއި، ކިސްރާއާއި، ނަޖާޝީގެ އަރިހަށް ދިޔައީމެވެ. އެކަމަކު އަހުރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމަވެ. މުޙައްމަދަށް ތަބަޢަވާ މީހުން އެކަލޭގެފާނު މަތިވެރިކޮށް ލޯބިވާވަރަށް، އެހެން އެއްވެސް ރަސްކަލަކަށް، އެރަސްކަލަކަށް ތަބަޢަވާ މީހުން މާތްކޮށްހިތާ ތަނެއް އަހުރެން ނުދެކެމުއެވެ. ﷲގަންދީ ހުވާކޮށް ބުނަމެވެ. އެކަލޭގެފާނު ކުޅުޖައްސަވައިފިނަމަ، (އެ ބިންމަތީގައި ޖެހުމުގެ ބަދަލުގައި) އެއިން ބޭކަލެއްގެ އަތުގައި މެނުވީ ނުޖެހެއެވެ. ދެންފަހެ އެބޭކަލުންގެ މޫނާއި ގައިގައި އެ ހާއްކަވައެވެ. އެކަލޭގެފާނު އެބޭކަލުންނަށް އަމުރެއް ކުރައްވައިފިނަމަ، އެ ތަންފީޛުކުރެއްވުމުގައި އެބޭކަލުން އަވަސްވެލައްވައެވެ. އަދި އެކަލޭގެފާނު ވޫޟޫކުރައްވައިފިނަމަ، ބާކީވާ ފެންފޮދު ހޯއްދެވުމަށްޓަކައި އެބޭކަލުންތައް އަވަސްވެ ވާދަކުރައްވައެވެ. އަދި އެކަލޭގެފާނު ވާހަކަފުޅު ދައްކަވާ ހިނދު، (އެކަލޭގެފާނުގެ ބަސްފުޅު ކަނުލައި އަޑުއައްސަވައި) އެބޭކާލުންގެ އަޑު މަޑުކުރައްވައެވެ.” މިވަރަށް އެކަލޭގެފާނުގެ ޞަޙާބީން، އެކަލޭގެފާނު މާތްކުރެއްވި އިރުވެސް އެކަލޭގެފާނުގެ އުފަންދުވަސް އެއްވެސް ގޮތެއްގައި ފާހަގަކޮށްފައެއް ނެތެވެ. އިސްލާމްދީނުގައި މިކަންކުރުމަށް އައިސްފައިވާނަމަ މިބޭފުޅުން އެކަން ދުލެއް ނުކުރެއްވީސްކަން ކަށަވަރެވެ.
ބައެއް މީހުން މިކަން ކުރަނީ އެހެން ޤައުމުތަކުގައިވެސް މިކަން ކުރާކަމުގައި ބުނަމުން، އެއީ ހުއްޖަތެއް ކަމުގައި ބަލައިގެންނެވެ. މިފަދަ މީހުން ދަންނަންވީ، ޙުއްޖަތް ނެގޭނީ އިސްލާމްދީނުގެ މަޞްދަރުތަކުން ކަމެވެ. އެއީ ﷲ ގެ ފޮތާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ސާބިތުވާން އޮތީ، ދީނުގެ ތެރެއަށް އަލަށް ވެއްދޭ ބިދުޢަތަކަކީ ޙަރާމްކުރެވިގެންވާ ކަންތައްތަކެއް ކަމެވެ. އަދި ﷲތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ (سورة الأنعام: 116) މާނައީ:”އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.”
ކޮންމެ ޒަމާނަކުވެސް މިބިދުޢައާއި ދެކޮޅުހަދައި މީގެ ބާތިލްކަން ބަޔާންކޮށްދޭ ބަޔަކުވެއެވެ. ޙައްޤު ބަޔާންކޮށްދެވުމުން، އެބިދުޢައަށް އެނބުރި ދިއުމަށް ދައްކާނެ އެއްވެސް ހުއްޖަތެއް އެބިދުޢަ ހަދަމުންދާ މީހުންގެ އަތުގައި ނުވެއެވެ. އެހެންކަމުން އެއްވެސް އަސާސެއް ބުރަދަނެއް ނެތް ވާހަކަތައް މިފަދަ މީހުން ދައްކައި އުޅެއެވެ.
ބައެއް މީހުން ބުނާގޮތުން ރަސޫލާ صلى الله عليه وسلم ގެ އުފަންދުވަސް ފާހަގަކުރުމުން އެކަލޭގެފާނުގެ ޛިކުރާ އާކުރެވެއެވެ. ރަސޫލާ صلى الله عليه وسلم ގެ ޛިކުރާ އަކުރަން، އަހަރެމެން މުސްލިމުން މިފަދައިން އެކަލޭގެފާނުގެ އުފަންދުވަސް ނުވަތަ ޢީދު މީލާދު ފާހަގަކުރާކަށް ނުޖެހެއެވެ. އެހެނީ މުސްލިމުން ދުނިޔެމަތީގައި ކުރާ ގިނަ ކަންތައްތަކުން އެކަލޭގެފާނުގެ ޛިކުރާ އާވާނެއެވެ. ބަންގިއާއި، ގަމަތާއި، ޚުޠުބާގައި އެކަލޭގެފާނުގެ ޛިކުރާ އާކުރެވެއެވެ. ވުޟޫކޮށް ނިމިގެން ޝަހާދަތުގެ ދެކަލިމަ ކިޔާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ ޛިކުރާ އާކުރެވެއެވެ. އަދި ހަމައެއާއެކު ނަމާދުތަކުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔަވާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ ޛިކުރާ އާވެގެން ދާނެއެވެ. އެހެނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަށް މުސްލިމުންނަށް ވަނީ އަމުރުކުރައްވައި ވާޖިބުކުރައްވާފައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (الاحزاب: ٥٦) “ހަމަކަށަވަރުން، ﷲއާއި، އެއިލާހުގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!” މިފަދަ ކަންތައްތަކުން އެކަލޭގެފާނުގެ ޛިކުރާ މުސްލިމެއްގެ ހިތުގައި މުޅި ދުވަހު، މުޅި އަހަރު، އަދި ކިއެއް މުޅި އުމުރުގައިވެސް އާވެއާވެ ހުންނާނެއެވެ. އަހަރުމެންނަށް ﷲ އަންގަވާފައިވަނީ އެކަލާނގެ ފޮނުއްވި ރަސޫލާ މުޙައްމަދުން صلى الله عليه وسلم ގެމަތިން އަހަރަކު އެއް ފަހަރު ހަނދުމަކުރުމަކަށް ނޫނެވެ. އެކަލާނގެ ވަނީ އަބަދާއި އަބަދު އެމީހަކަށްވީ އެންމެ ގިނައިން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް މުސްލިމުންގެ މައްޗަށް އަމުރުކުރައްވަވާފައެވެ. މިފަދަ ބިދުޢަވެރި ކަންތައްތަކުން އެކަލޭގެފާނުގެ ޛިކުރާ އާކޮށް، މަތިވެރިކުރާކަށް ނައަންގަވައެވެ. އެހެނީ ﷲ ވަނީ އެކަލޭގެފާނު މާތްކުރައްވައި މަތިވެރި ކުރައްވާފައެވެ. ﷲ ވަޙީކުރައްވަވާފައިވެއެވެ. وَرَفَعْنَا لَكَ ذِكْرَكَ (سورة الشرح: 4) މާނައީ: “އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.”
އަދި ހަމައެއާއިއެކު ﷲ ކީރިތި ޤުރުއާނުގައި އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ވާހަކައެއް ޛިކުރުކުރައްވަވާފައެއް ނުވެއެވެ. ނަމަވެސް ﷲ ޛިކުރުކުރައްވާފައިވަނީ ރަސޫލާ صلى الله عليه وسلم ގެ ރިސާލަތެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅެވެ. ﷲ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ. لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (سورة آل عمران: 164) މާނައީ: “ހަމަކަށަވަރުން މުއްމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔައިދެއްވާ އަދި، އެއުރެން ޠާހިރު ކުރައްވާ، އަދި ފޮތާއި ޙިކްމަތް އެއުރެންނަށް އުގަންނަވައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.”
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (سورة الجمعة: 2) މާނައީ: “އުއްމިއްޔީންގެ ތެރެއަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރުކުރައްވަތެވެ. އަދި ފޮތާއި، ޙިކްމަތް އެއުރެންނަށް އުގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.”
– ނުނިމޭ-