ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވެވި ބިމަކީ އެބިމެއްގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި ބައިބައި ވުމާއި ދެކޮޅުވެރިކަން، އިންތިހާއަށް ގޮސްފައިއޮތް ބިމެކެވެ. ވެރިކަމާއި ޒަޢާމަތައްޓަކައި ހަނގުރާމަކޮށް ތަޅާފޮޅައި ލޭ އޮހޮރުވަމުން ދިޔައެވެ. ޤަބީލާ ހަނގުރާމައެވެ. ކޮންމެ ޤަބީލާއެއްވެސް ބޭނުންވަނީ، އެބައެއް އެއީ ވެރިކަން ކުރާމީހުން ކަމުގައި ވުމަށެވެ. ބާރުވެރި ފަރާތަކީ އެބައިމީހުން ކަމުގައި ވުމަށެވެ. ލޭ އޮހޮރުވުމާއި މާރާމާރީ ހިންގުން އޮތީ އިންތިހާގައެވެ. އިންސާނިއްޔަތުގެ ހާލަތު މިފަދަ ދަށުދަރަޖައެއްގައި އޮއްވައި، މުޅި އިންސާނިއްޔަތަށް އޯގާވަންތަވެ ވޮޑިގަންނަވައި ﷲ ތަޢާލާ އެބައިމީހުންގެ ގާތައް ހަމަ އެބައި މިހުންގެ ތެރެއިން ރަސޫލަކު ރިސާލަތާއިގެން ފޮނުއްވެވި އެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ. (( لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ))﴿١٢٨﴾ سورة التوبة މާނަ:” ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ. “
ލޮބުވެތި މުސްލިމު ދިވެހި ރައްޔިތުންނޭވެ. މިއަދު އަޅުގަނޑުމެންގެ ޤައުމު މިސްރާބު ޖަހާފައި މިވަނީ ކޮންދިމާއަކަށްތޯއެވެ؟ ޤައުމުގެ ހާލަތާއި މެދު ވިސްނާ ފިކުރުކޮށްލީ ކިތައް ކިތައް ބޭފުޅުންތޯއެވެ. އިންސާފުވެރި ނަޒަރަކުން ވިސްނާ ފިކުރުކޮށްލައިފި ކޮންމެ ސިކުނޑިއަކަށް ހާމަވެގެންދާނީ، އަޅުގަނޑުމެންގެ ޤައުމު މިއަދު މިސްރާބު ޖަހާފައި މިވަނީ ހަމަ ޖާހިލައްޔަ ޒަމާނުގެ ޤަބީލާ ހަނގުރާމައާ ދިމާއަށް ކަމެވެ. އަޅުގަނޑުމެނަށް ޤަބޫލު ކުރެވުނަސް އަދި ނުކުރެވުނަސް މިއަދު ކަންތައް މިދަނީ އެދުވަސްވަރާއި ވަކި ތަފާތުގޮތަކަށްނޫނެވެ. ޤަބީލާ އޭ ނުކިޔާ ” ޕާޓީ ” އޭ ކިޔާކަން ފިޔަވާ ދެން އޮތީ ކޮންތަފާތެއްހެއްޔެވެ؟
ތިމަންނަގެ ޕާޓީގެ މީހަކު ގޯސްކަމެއް ކުރާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަނެއް ޕާޓީގެ މީހާ ރަނގަޅު ކަމެއް ކުރާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަނެއް ޕާޓީ ގެ މީހަކު ކިތައްމެ ހެޔޮބަހެއް ބުންޏަސް، ގަބޫލެއްނުކުރެވެއެވެ. އަދި ތިމަންނަގެ ޕާޓީގެ އިސްމީހަކު ﷲ ގެ ދީނަށް ފުރައްސާރަކޮށް ، ﷲ ގެ ރަސޫލާއަށް ބަދުބަސްބުނެ ޝަރުޢީ ޙުކުމްތަކަށް ހަޖޫޖަހަމުން ދާއިރުވެސް ތިމާގެ ހިތުގައި ﷲ އާއި އެއިލާހުގެ ރަސޫލާއަށް އެއްވެސް ޣީރަތްތެރިކަމެއް ނޯވެއެވެ. އެއީ އެއްވެސް އެއްޗަކަށް ނުވެއެވެ. ނަމަވެސް ތިމަންނަގެ ޕާޓީގެ އިސް މީހެއް ކޮށްފައިވާ ގޯސްކަމެއްގެ ވާހަކަ އެހެން މީހަކަށް ބުނެވިއްޖެ ނަމަ، އެހެން އެބުނި މީހަކާ ދިމާއަށް ރުޅިބާލައި އެއްޗެހި ގޮވާ ހަދައެވެ. އެމީހަކާއި ގުޅުން ކަނޑާލައެވެ. ދެމަފިރިން ވަރިވެއެވެ. ރަޙިމުގެ ގުޅުން ކަނޑާލައެވެ. “ޕާޓީ” އަށްޓަކައި ދަރީން އެއީ ދަރީން ނޫންކަމަށް ހެދުމަށާއި ، އަނބިމީހާ ވަރިކޮށްލަންވެސް ތައްޔާރަށް ހުރިކަމަށް މީސްތަކުން ބުނަމުން ދާކަމީ މިއަދުގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަވާ ކަމެކެވެ. ޕާޓީ ލޯބީގައެވެ. އާދެ ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ޤަބީލާ ލޯބީގައި، ޤަބީލާއަށްޓަކައި ޤުރުބާންވީފަދައިންނެވެ.
ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމު އަޚުންނޭވެ! އަޅުގަނޑުމެންގެ ލޯބި ބިނާވެފައި އޮންނަންވީ ޤަބީލާގެ ނުވަތަ ޕާޓީގެ މައްޗަކަށްނޫނެވެ. އާދެ ޑިމޮކްރަސީ އެއީ އަޅުގަނޑުމެން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނޭ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއީ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމާއި ފަސާދައުފައްދާނެ އެއްޗެކެވެ. އަޅުގަނޑުމެންގެ ލޯބި ބިނާވެފައި އޮންނަންވާނީ ތަވްޙީދުގެ ކަލިމަ لاَ إِلَهَ إِلاَّ اللَّهُ ގެ މައްޗަށެވެ. އިސްލާމް ދީނުގެ މައްޗަށެވެ. އެކަލިމައަށް ނަސްރުދޭ މީހުންނަކީ އަޅުގަނޑުމެން އެބަޔަކަށް ނަސްރުދޭންވީމީހުންނެވެ. އަޅުގަނޑުމެން ނަސްރުދޭންވީ ވަކި ނަމެއް ކިޔާ މީހަކަށް ވީމައެއްނޫނެވެ. ނުވަތަ ވަކި ނަމެއްކިޔާ ޤަބީލާ އެއް ނުވަތަ މިހާރުގެ ގޮތުންނަމަ ޕާޓީ އަކަށްވީމައެއްވެސް ނޫނެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެއްބައިވަންތަކުރީ އެކަލިމައިގެ ސަބަބުންނެވެ. އެކަލިމައިން ފޭވެ ކުފުރުގެ ތަފާތު ނިޒާމުތަކުގެ މައްޗަށް އެއްބައިވާން އުޅުނަސް އެކަމެއް ނުވާނެއެވެ. އެއާއި ޚިލާފަށް އަޅުގަނޑުމެންގެ ތެރޭގައި އޭގެ ސަބަބުން ބައިބައި ވުމާއި ހަމަނުޖެހުމާއި ލޭއޮހޮރުވުން ފިޔަވައި އެހެން ކަމެއް އާލާނުވާނެއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. (( وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ )) ﴿١٠٣﴾ سورة آل عمران މާނަ : ” ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިޔަބައިމީހުންނަށް ދެއްވި (އަޚުވަންތަކަމުގެ) ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ. ﷲ އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. ” ގަބީލާ ލޯބީގައި ބައިބައިވެފައިވަނިކޮށް އިސްލާމީ ޝަރީޢަތުގެ ސަބަބުން ﷲ ތަޢާލާ އެބައިމީހުން އެއްބައެއްކަމުގައި ލެއްވިއެވެ. އަޅުގަނޑުމެންގެ ޤައުމު މިއަދު އެފަދަ ދަށު ދަރަޖައަކަށް ވެއްޓިފައި ނުވޭތޯއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ މަސައްކަތް ކުރަމާތޯއެވެ.
މުއުމިނުން އެންމެ ލޯބިވާ ފަރާތަކީ މުޅި ކައުނު ނެތުމުގެތެރެއިން ވުޖޫދަށް ގެންނެވި ޚާލިޤުވަންތަ ﷲ ތަބާރަކަ ވަތަޢާލާއެވެ. އެއިލާހަށް ވާލޯބި އެއްވެސް މަޚްލޫޤަކަށް އަނބުރާލައިފިނަމަ ނުވަތަ އެފަދަ ލޯތްބެއް އެއްވެސް މަޚްލޫޤެއްދެކެ ވެއްޖެނަމަ އެއީ ކަނޑައެޅިގެން ޝިރުކެވެ. ތިމާ އެމީހަކު ދެކެވާ ލޯތްބެއްގެ ސަބަބުން، އެމީހަކު ﷲ ތަޢާލާގެ ދީނަށް ކިތައްމެ ފުރައްސާރައެއްކުރިޔަސް އެއިލާހުގެ ޝަރީޢަތަށް ހަޖޫޖެހިޔަސް އެކަން އެއީ މާބޮޑުކަމަކަށް ނުވަނީ، އިންސާނުންދެކެ ލޯބިވުމުގައި ހައްދުފަހަނަ އަޅައިދިޔައީމައެވެ. ﷲ ތަޢާލާގެ ޝަރީޢަތަށް ފުރައްސާރަކުރާމީހުންދެކެ ނާންނަ ރުޅި، ” ގަބީލާ ” ގެ އިސް މީހަކާ ދިމާއަށް އެއްޗެކޭ ބުނާމީހާދެކެ އާދެއެވެ. ސަބަބަކީ ﷲ ތަޢާލާއަށް ވާންޖެހޭ ލޯބި ” ގަބީލާ ” ގެ އިސްމީހުންދެކެ ވެވުނީތީއެވެ. ގަބީލާއާ އަށްޓަކައި ޤުރުބާންވަނީ އެވެ. ފުރާނަ ދުއްވާލަނީ އެވެ. ނަމަވެސް ﷲ ގެ ދީނަށް ނަސްރު ދިނުމަށްޓަކައި އެއްވެސް އެދުންވެރިކަމެއް ނުހުރެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (( وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ … )) ﴿١٦٥﴾سورةالبقرة މާނަ : ” އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެއުރެން އެ މީހުން ދެކެ ލޯބިވެތެވެ. އަދި އީމާންވީ މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ … “
ދިވެހި ރާއްޖޭގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެ ނަފްރަތުވަނީ ހަމަ އެކަނި ﷲ އަށްޓަކައެވެ. އެއީ އަނބި ފިރިކަމުގެ ލޯބިކަމުގައި ވިޔަސް، ދަރިންނާއި މައިން ބަފައިންގެ މެދުގައި އޮންނަ ލޯބިކަމުގައި ވިޔަސް މެއެވެ. އެއްވެސް ހާލެއްގައި ޕާޓީ އަށްޓަކައި ނުވަތަ ގަބީލާއަށްޓަކައެއްނޫނެވެ. އެބައިމީހުން ގުޅުންކަނޑައި ގުޅުން ބާއްވަނީވެސް ހަމައެކަނި ﷲ އަށްޓަކައެވެ. އެއްވެސް ހާލެއްގައި ޕާޓީއަށްޓަކައި ނުވަތަ ޤަބީލާއަށްޓަކައެއްނޫނެވެ. ކުރިން މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ އިސްލާމްދީނުގެ ޝިޔާރުތައް ފުނޑުކޮށްލަން މަސައްކަތްކުރި މީހެއްދެކެ އަންނަ ރުޅި އެއީ، އަނެއްމީހާ ދެކެ ލޯބިވާން އޮތް ސަބަބެއްނޫނެވެ. ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކާއި ނަފްރަތުވާން ޖެހޭ ވަގުތުގައި ނަފްރަތުވާން ޖެހޭނެއެވެ. މީހުންދެކެ ލޯބިވެ ރުޅި އަންނަން ޖެހެނީ ﷲ އަށްޓަކައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ((سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ… )) رواه البخاري މާނަ: ” ﷲ ތަޢާލާގެ އަރުޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއްނުވާ ދުވަހުގައި ހަތް ވައްތަރެއްގެ ބަޔަކަށް ﷲ ތަޢާލާ އަރުޝީގެ ހިޔާވަހިކަން ދެއްވައެވެ. ” އާދެ އެދުވަހަކީ އިރުގެ ހޫނުކަން އިންތަހާއަށް ގަދަވެގެންދާ ދުވަހެވެ. މީސްތަކުންގެ ގައިން އޮހޮރޭ ދަލުގެ ސަބަބުން އެކި މިންވަރަށް މީސްތަކުން ޣަރަޤުވެގެންދާނެއެވެ. އެފަދަ ސުންޕާ ބިރުވެރިކަން ބޮޑުދުވަހެއްގައި ﷲ ތަޢާލާ އެއިލާހުގެ އަރުޝީގެ ހިޔާވަހިކަން ދެއްވާ ހަތް ވައްތަރެއްގެ މީހުންގެ ތެރެއިން އެއް ވައްތަރެއްކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ((…وَرَجُلاَنِ تَحَابَّا فِي اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ… )) رواه البخاري މާނަ : ” އަދި ދެމީހެކެވެ. އެދެމީހުން އެކަކު އަނެކަކަށް ލޯބިވެ އެއްބައިވީ ﷲ އަށްޓަކައެވެ. އަދި ގުޅުންކަނޑާލައި ވަކީވީ ވެސް ހަމަ ﷲ އަށްޓަކައެވެ.”
އެހެންކަމުން ﷲ ތަޢާލާގެ ދީނަށް ފުރައްސާރަކޮށް އެދީނުގެ ޝިޢާރުކަށް ފަރުވާކުޑަކޮށް އެއިލާހުގެ ޝަރީޢަތަށް ހަޖޫޖަހާނަމަ، އެއީ ތިމާގެ ކިތައްމެ ލޯބިވާ މީހެއްކަމުގައި ވިޔަސް، އެމީހަކީ ގާތްމީހެއްކަމުގައި ހަދައި އެމީހާއަށް ނަސްރުދީ ހެދުމަކީ އިސްލާމީ އުސޫލެއްނޫނެވެ. މީހުންނާއި ގުޅުންބާއްވައި ގުޅުން ކަނޑަންވީ ޒާތިކަންކަމުގައެއްނޫނެވެ. ޕާޓީ އަށްޓަކައެއްވެސްނޫނެވެ. ނަމަވެސް ﷲ ތަޢާލާއަށްޓަކައެވެ. އެކަން ބަޔާންކޮށްދެއްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ )) ﴿٢٢﴾ سورة المجادلة މާނަ: ” ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ލިބިފައިވާ ރޫޙަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ ﷲ ގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲ ގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ. “