[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ 6: ސަލާމްކުރުމުގެ މުހިއްމުކަން

 

(ޢީދު ނަމާދަށްފަހު ޢަބްދުﷲ މުޙައްމަދާއެކު)

ޢަބްދުﷲ: މުޙައްމަދު، ﷲ އަހަރުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި!

މުޙައްމަދު: ﷲ ޢަބްދުﷲއަށް ހެޔޮ ޖަޒާ ދެއްވާށި!

ޢަބްދުﷲ: ޚުޠުބާ އަޑު އެހިންތަ؟

މުޙައްމަދު: އާން، ﷲއަށް ޙަމްދު ހުރި.

ޢަބްދުﷲ: ޚުޠުބާއިން ކޯއްޗެއްތަ މިހާރު ހަނދާން ހުރީ.

މުޙައްމަދު: ޚުޠުބާގަ ނަޞޭޙަތްދިނީ: މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާމްކުރުމަށާއި، އެއްމުސްލިމަކު އަނެއް މުސްލިމެއްގެ ޙާލުބެލުމަށާއި އަޅާލުމަށް.

ޢަބްދުﷲ: މުޙައްމަދު، އަދި ހެޔޮކަންތައްތައް ކުރުން ގިނަކުރުމަށްވެސް ނަޞޭޙަތްތެރި ވިއެއްނުދޯ!

މުޙައްމަދު: އާނ، އަހަރެން މުޅި ރޯދަމަހު ރޯދަހިފިން، އަދި ހުރިހާ ނަމާދެއް ބައްޕައާއެކު ބަރާބަރަށް ވަޤުތުގައި އަދާކުރިން، އަދި ތަރާވީޙް ނަމާދުވެސް ކުރިން، އަދި މައިންބަފައިންނަށް ކަމޭހިތިން، އަދި ކޮންމެ ދުވަހެއްގެ ތާވަލުގައި ޤުރުއާން ކިޔެވުން ހިމެނިން.

ޢަބްދުﷲ: ތިޔަ ހެޔޮކަންތައްތައް ﷲ ޤަބޫލުކުރައްވާށި! ސަލާމްކުރުމުގެ ވާހަކަ ޚުޠުބާގައި ދެއްކުމުން ކުއްލިއަކަށް އަހަރެންނަށް ހަނދާންވީ ރަޙްމަތްތެރި ޙަސަނުގެ މަތިން. މީގެ ހަފްތާއެއްކުރިން އަހަރެމެން ވަނީ ކުޅެން އުޅެފަ ޙަސަނާ މައްސަލަޖެހިގެން ރުޅިވެފައެއްނު.

މުޙައްމަދު: ތިވާހަކަ ހުއްޓާލާ. އެއީ އަހަރެމެންނާ އަބަދުވެސް ދިމާކޮށް މަލާމާތް ކުރާ ކުއްޖެއް، އޭނަ ޖެހޭނެ އަހަރެމެންގެ ކައިރިއަށް އައިސް މަޢާފަށް އެދެން.

ޢަބްދުﷲ: އަހަރެމެން މުސްލިމުން މީހަކު ދެކެ ރުޅިއައިސްގެން ތިންދުވަހަށް ވުރެން ގިނައިން ނުތިބުމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ބުންޏެއްނު.

މުޙައްމަދު: އެކަމަކު ޙަސަނަކީ ….

ޢަބްދުﷲ: ހަމައެފަދައިން “އެދެމީހުންކުރެ އެންމެ ރަނގަޅު މީހަކީ އެންމެ ކުރިން ސަލާމް ކުރި މީހާއޭ” ރަސޫލާ ޙަދީޘްކުރައްވާފައިވާކަމަށް ޚުޠުބާގައި ބުންޏެއްނު.

މުޙައްމަދު: ﷲ ޢަބްދުﷲއަށް ހެޔޮ ޖަޒާ ދެއްވާށި!

ޢަބްދުﷲ: އަދި އިސްލާމް މުދައްރިސް ވިދާޅުވި ދެމުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު އަތާއިއަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ، އެދެމީހުން ވަކިވުމުގެ ކުރިން އެދެމީހުންގެ ފާފަތައް ފުއްސަވާނެކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާކަމަށް. އަދި މުދައްރިސް ވިދާޅުވީ ރަސޫލާ ޙަދީޘްކުރައްވާފައިވެއޭ ސަލާމްކުރުމަކީ އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވާނެކަމެއްކަމަށް.

މުޙައްމަދު: އެހެންވީމަ ހިނގާ އަވަހަށް ޙަސަނާ ބައްދަލުކުރަން. ﷲ އަހަރުމެންނާއި ހަސަނުގެ ފާފަތައް ފުއްސަވައިދެއްވާށި!

(ޢަބްދުﷲ އާއި މުޙައްމަދު، ޙަސަނުމެންގެ ގެއަށް ދިޔަ މަގުމަތިން ޙަސަނާ ބައްދަލުވިއެވެ.)

ޙަސަނު: އައްސަލާމް ޢަލައިކުމް.

ޢަބްދުﷲ އާއި މުޙައްމަދު: ވަޢަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

ޙަސަނު: ޢަބްދުﷲ އާއި މުޙައްމަދު ކޮންތާކަށް ތިދަނީ؟

ޢަބްދުﷲ: އަހަރެމެން މިދަނީ ޙަސަނުއާ ބައްދަލުކުރަން.

ޙަސަނު: އަހަރެންވެސް މިދަނީ ޢަބްދުﷲ އާއި މުޙައްމަދާ ބައްދަލުކުރަންވެގެން.

މުޙައްމަދު: ޙަސަނުއާ ރުޅިވެވުނީތީ އަހަރެމެން މިއައީ އެކަމަށް މަޢާފަށް އެދެން.

ޙަސަނު: އަހަރެންވެސް ޢަބްދުﷲއާއި މުޙައްމަދާ ބައްދަލުކުރަން ބޭނުންވެގެން މިއުޅެނީ ހަމަ ތިޔަހެން ވެގެން. އަހަރެންނަށް މަޢާފުކުރޭ. ދެން އަހަރެން އެގޮތަކަށް ކަންތަކެއް ނުކުރާނަން. މިހާރު އަހަރެންނަށް ވިސްނިއްޖެ.

ޢަބްދުﷲ އާއި މުޙައްމަދު: އަހަރެމެން މަޢާފުކޮށްފިން. ހިނގާ އެންމެން ޢީދުގެ ތަހްނިޔާކިޔަން ގޭގެއަށް ޒިޔާރަތްކޮށްލަން. އޭގެފަހުން އެންމެން ކުޅެން ދާނީދޯ؟

ޙަސަނު: އަހަރެންވެސް މަޢާފުކޮށްފިން. އަވަހަށް ހިނގާދަމާ.