الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ހަމަޖެހޭ އުފާވެރި މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް ރައްކާތެރިވެގެންނެވެ. އެގޮތުން އަވަށްޓެރިންގެ ޙައްޤުތައް އަދާކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކާ ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އަވަށްޓެރިންގެ ޙައްޤުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެވިފައިވެއެވެ.
“އަވަށްޓެރިންގެ ޙައްޤުތަކަކީ ހަމައެކަނި އެމީހުންނަށް ގޯނާކުރުމުން ދުރުހެލިވުމެއްނޫނެވެ. އެމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް އަޅުގަނޑުމެން ކެތްތެރިވެ، އެމީހުންނަށް ހެޔޮކޮން ހިތަންވެސް ޖެހޭނެއެވެ. ހެޔޮ ކަންތައްތަކަށް އިސްނަގާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި އިސްނަގާ އަވަށްޓެރިންނަށް ސަލާމްކުރަން ޖެހޭނެއެވެ. ރުޅިވެރިކަމުގައި ގިނަދުވަސްތަކެއް ވަންދެން ތިބެގެން ނުވާނެއެވެ.
އެމީހުން ބަލިވެއްޖެނަމަ ގޮވާލަން ދާންޖެހޭނެއެވެ. ހިތާމައިގެ ވަގުތުތަކުގައި ހިތްވަރުދީ އަދި އުފާވެރިކަމުގެ ވަގުތުތަކުގައި މަރުހަބާކިޔަން ޖެހޭނެއެވެ. އެމީހުންގެ ކުށްތަކަށް މާފުކޮށްދޭން ޖެހޭނެއެވެ. އެމީހުންގެ ގޭތެރެއަށް ލޯދިއްކޮށް ބަލައިގެން ނުވާނެއެވެ. އެމީހުންގެ ފާރުގައި ފިލާ ފަދަ އެއްޗެހި ހަރުކޮށް އެމީހުން ރުޅިއަރުވައިގެން ނުވާނެއެވެ. އެމީހުންގެ ދިޔަދޮވިތަކަށް ފެންއޮއްސާ ހަދައިގެން ނުވާނެއެވެ. އަދި އެމީހުންގެ ގޯތިތެރެއަށް ކިސަޑު އުކައިގެން ނުވާނެއެވެ. އެމީހުންގެ ގޭގެތެރެއަށް ވައްދާ ތަކެއްޗަށް ބަލައިގެން ނުވާނެއެވެ. އެމީހުންގެ ޒާތީ ކަންތައްތަކުގެ ތެރެއިން އިޚްތިޔާރަކާނުލާ ހާމަވާ ކަންތައްތައް ފޮރުވައިދޭން ޖެހޭނެއެވެ. އެމީހުން ދައްކާ ވާހަކަ ސިއްރުން އަޑުއަހައިގެން ނުވާނެއެވެ. އެމީހުންގެ އަންހެނުންނަށް ބަލައިގެން ނުވާނެއެވެ. އަދި އެމީހުން ނެތިއްޖެ ވަގުތެއްގައި އެމީހުންގެ ޢާއިލާގެ ބޭނުންތައް ބަލަހައްޓައިދޭން ވާނެއެވެ. އެމީހުންގެ ޚާދިމުންނަށް އުނދަގޫ ކޮށްގެން ނުވާނެއެވެ. އެމީހުންގެ ކުޑަކުދީންނަށް ކަމޭހިތަން ޖެހޭނެއެވެ. ދީނީ އަދި ދުނިޔަވީ ކަންތައްތަކުގެ ތެރެއިން އެކަމެއްގެ ޢިލްމު އެމީހުންނަށް ފުރިހަމައަށް ލިބިގެން ނުވާ ކަންކަމުގައި އެމީހުންނަށް މަގުދައްކައިދޭން ޖެހޭނެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ:
﴿ وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالاً فَخُوراً ﴾ (سورة النساء ٣٦)
މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، މުދާހުސްވެ ޙާލުގައިޖެހިފައިވާ ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.”
އިމާމް އަލް ޤުރްޠުބީ (رحمه الله) ވިދާޅުވިއެވެ: އަވަށްޓެރިންނާއި ބެހޭގޮތުން އެކަލާނގެ ފޮތުގައި އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ޛަރީޢާއިން ﷲ ތަޢާލާ އަމުރު ކުރައްވާފައިވަނީ އޭނާ ރައްކާތެރިކޮށްދީ، އޭނާގެ ޙައްޤުތަކަށް އިޚްތިރާމްކޮށް އަދި އޭނާގެ މަސްލަހަތު ހުރި ކަންކަމުގައި އަޅާލުމަށެވެ. އަވަށްޓެރިންގެ ވާހަކަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ވާހަކައަށްފަހު ގެންނަވާފައިވާތަން ތިބާ ނުދެކެން ހެއްޔެވެ؟ ‘ގާތް އަވަށްޓެރިޔާ’އޭ އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ ތިބާގެ ގާތްތިމާގެ މީހުންނެވެ. އަދި ‘ދުރު އަވަށްޓެރިޔާ’އޭ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ ތިބާއާއި ޢާއިލީ ގުޅުމެއް ނެތް މީހުންނެވެ. މިއީ އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅެވެ.
އަލް ޤުރްޠުބީ (رحمه الله) ވިދާޅުވިއެވެ: މިގޮތުން ބަލާއިރު އަވަށްޓެރިންނަށް އަޅާލުމަކީ ދީނީ ކަމެކެވެ. އެއީ އެމީހުންނަކީ މުސްލިމުންކަމުގައިވިޔަސް ނުވަތަ ކާފަރުން ކަމުގައިވިޔަސްމެއެވެ. އަދި ރަނގަޅު ރައުޔަކީ މިއީއެވެ. އިޙްސާންތެރިވުމުގެ މާނައަކީ ހަމައެކަނި އޭނާ ހިތްހަމަޖައްސުވައިދީ، އޭނާއަށް ހެޔޮކޮށްހިތާ، އޭނާއަށް އުނދަގޫ ކުރުމުން ދުރުހެލިވެ އަދި އޭނާއަށް ރައްކާތެރިކަންދިނުމެވެ.” 1
_____________________________________________
[1] އިންވިޓޭޝަން ޓު އިސްލާމް އިން ޗާޕްކޮށްފައިވާ (އެޑްވައިސް އޮން އެސްޓެބްލިޝިން އެން އިސްލާމިކް ހޯމް…) އެފޮތުން ނަގާފައި