އިންސާނީ ނަސްލުފެށިގެންއައީ ތައުޙީދުގެ މަތިވެރި ކަލިމައިގެ މަތީގައެވެ. އަޅުގަނޑުމެންގެ ބަފާކަލުން، އާދަމް عليه السلام އިން ފެށިގެން އެތައް އަހަރުތަކެއް ވަންދެން މިބިންމަތީ އިންސާނުން އަޅުކަން ކުރަމުން ގެންދިޔައީ އެއްކައުވަންތަ މާތް ﷲ އަށެވެ. ނަމަވެސް އިންސާނާއަށް ޢަދާވާތްތެރި ޝައިޠާނާ މީސްތަކުންގެ ތެރެއިން ބަޔަކު މަގުފުރައްދާ، އެބައިމީހުންނީ ﷲ ތަޢާލާއަށް ޝިރުކުކުރުން މިބިންމަތީ ތަޢާރަފުކުރި ބަޔަކުކަމުގައި ހަދައިފިއެވެ. ﷲ ތަޢާލާ ލައުނަތްލެއްވި ޝައިޠާނާ ސުވަރުގެއިން ބޭރުކޮށްލެވުމުން، އޭނާގެ އެންމެ ބޮޑު މަޤުޞަދަކަށްވީ އިންސާނުން މަގުފުރެއްދުމެވެ.
“އާދަމް عليه السلام އިން ފެށިގެން ދިގު ޒަމާންތަކެއް ވަންދެން ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެންތިބި މީސްތަކުންގެ ތެރެއަށް، ފުރަތަމަ ފަހަރަށް ޝިރުކު ތަޢާރަފުވުމުގައި ސީދާ ކަންހިނގައިދިޔަގޮތް މުޙައްމަދު صلى الله عليه وسلم ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށް ދެއްވާފައެވެ. ނޫޙް عليه السلام އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށް ގޮވާލެއްވި ހިނދު އެބައިމީހުން ދިން ޖަވާބު، ﷲ ތަޢާލާ ވަނީ ނޫޙް ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުން، އެއާޔަތުގެ ތަފްސީރުކޮށްދެއްވިއިރު، އެމަންޒަރު ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވެއެވެ.
﴿ وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدّاً وَلا سُوَاعاً وَلا يَغُوثَ وَيَعُوقَ وَنَسْراً ﴾
(سورة نوح ٢٣)
މާނައީ: “އަދި އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި ދޫކޮށްނުލާހުށިކަމެވެ.”
ކީރިތި ޤުރުއާނުގެ މި އާޔަތްތަފްސީރުކޮށްދެއްވަމުން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ:
“މި ބުދުތަކަކީ ނޫޙް عليه السلام ގެ ގައުމުގެ މީހުންގެ ބުދުތަކެވެ. ޒަމާންތައް ފާއިތުވަމުންގޮސް އެންމެ ފަހުން ޢަރަބީންގެ ތެރެއަށް މިތަކެތި އައީއެވެ. ދައުމަތުލް ޖަންދަލް ސަރަހައްދުގެ ކަލްބު ޤަބީލާގެ ކަލާނގެއަށްވީ ވައްދުއެވެ. ހުދައިލް ޤަބީލާގެ މީހުން އިޚްތިޔާރު ކުރީ ސުވާޢުއެވެ. ސަބާ ކައިރީގައި އޮންނަ ޖުރްފުގެ ޣުތައިފް ޤަބީލާ އިޚްތިޔާރުކުރީ ޔަޣޫސްއެވެ. ޔަޢޫޤް ނެގީ ހަމްދާން ޤަބީލާއިންނެވެ. އަދި ނަސްރުވީ ހިމްޔާރު ޤަބީލާގެ ޛުލްކަލާ ދަރިކޮޅުގެ ކަލާނގެއަށެވެ.
މި ބުދުތަކަށް ނަންދެވިފައިވަނީ ނޫޙް عليه السلام ގެ ގައުމުގައި އުޅުނު ޞާލިޙު ބޭކަލުންތަކެއްގެ ނަމުންނެވެ. މިބޭކަލުން މަރުވުމުން ޝައިޠާނާ މީސްތަކުންނަށް ވަސްވާސް ދިނީ މިބޭކަލުންގެ ޞޫރަ ހަދާ، އެބުދުތަކަށް އެބޭކަލުންގެ ނަން ދިނުމަށެވެ. ޞާލިޙު ބޭކަލުންގެ ހަނދާނުގައި ކަމަށް ބުނެ އެބޭކަލުން މަޖްލިސްކުރުމަށް އެންމެ ލޯބިކޮށްއުޅުނު ތަންތަނުގައި މި ބުދުތައް ބެހެއްޓުނެވެ. އަދި އެޖީލުގެ އެއްވެސް މީހަކު މިތަކެއްޗަށް އަޅުކަމެއް ނުކުރެއެވެ.
ނަމަވެސް އެޖީލު މަރުވެ ދިއުމުން އެ ބުދުތަކުގެ މަޤުޞަދު ހަނދާންނެތުނެވެ. އޭގެފަހުން އައި މީހުންގެ ގާތަށް ޝައިޠާނާ އައެވެ. އަދި ވާރޭވެހެނީ އެބުދުތަކުގެ ސަބަބުންކަމަށްވީތީ، އެމީހުންގެ ކުރިން އުޅުނު މީހުން އެތަކެއްޗަށް އަޅުކަން ކޮށް އުޅުނުކަމުގައި ބުންޏެވެ. ފަހުގެ ޖީލުގެ މީހުން ޝައިޠާނާއަށް ހެއްލުނެވެ. އަދި ބުދުތަކަށް އަޅުކަންކުރަންފެށިއެވެ. އޭގެ ފަހުން އައި ޖީލުގެ މީހުންވެސް އެތަކެއްޗަށް އަޅުކަންކުރަމުން ގެންދިޔައެވެ.”
…މި(ޙާދިޘާއިން) މީސްތަކުން ދުވަހަކަށްވުރެއް ދުވަހަކު ދީނާދުރަށްދާކަމުގެ ތަސައްވުރު ސާބިތުކޮށްދެއެވެ. އަދި ގަދީމީ ޒަމާނުގައި ކާބަފައިންގެ އަޅުކަން ފެށިގެން އައިގޮތްވެސް ހާމަކޮށްދެއެވެ. އަދި ހަމައެހެންމެ އިސްލާމްދީނުގައި އިންސާނުންނާއި ޖަނަވާރުންގެ ޞޫރަކުރަހާ ބުދުހެދުން ވަރުގަދައަށް މަނާކުރެވިގެންވާ ސަބަބުވެސް ބަޔާންވެގެން ދެއެވެ.” 1
ޝައިޠާނާގެ މިނުބައި ވަސްވާސްތައް ފެށިގެން އައިގޮތަށް ބަލާ ވިސްނައިފި މީހަކަށް މިއީ ޢިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. ޝިރުކުގެ ފެށުން ދިރާސާ ކުރުމުން އަޅުގަނޑުމެންނަށް ހާމަވެގެންދާ އެންމެ ބޮޑު ޙަޤީޤަތަކީ އިސްލާމްދީނުގައި ކަމެއް މަނާކޮށް ނަހީ ކުރައްވާފައިވަނީ ހަމަ އަޅުގަނޑުމެން އިންސާނުންގެ ލާބައާއި މަންފާއަށްޓަކާކަމެވެ. އެހެނީ ތަޞްވީރު ކުރަހާ ޞޫރަ ހެދުން ވަނީ މަނާ ކުރެވިގެންނެވެ. މިކަމުގެ ޙިކުމަތް، މި ޢިބްރަތުން ފުރިގެންވާ ދަރުސްގައި މިވަނީ ބަޔާންކުރެވިގެންނެވެ. މިއަދު އަޅުގަނޑުމެންގެ ގޯތިގެދޮރާއި ތުއްތުކުދީންގެ ހެދުމާއި ކުޅޭސާމާނުތަކަށް ބަލާލުމުން މިކަންކަމަށް މުޖުތަމަޢުގެ އަފުރާދުން ޣާފިލުވެފައިވާ މިންވަރު ތަޞައްވަރުވެއެވެ. އަދި ކިއެއްހެއްޔެވެ. މިއަދުގެ ބައެއް ޒުވާނުން މިސްކިތްތަކަށް ނަމާދަށް ދާއިރުވެސް މިފަދަ ޞޫރަކުރަހާފައި ހުންނަ “ބްރޭންޑެޑް” ހެދުންތައް ލައިގެން ދިޔުން މިއީ ވަރަށްވެސް ހިތާމަހުރިކަމެކެވެ.
“… އެންމެފަހުގެ ނަބިއްޔާ صلى الله عليه وسلم ވަނީ ސޫރަ ކުރަހާ އަދި ބުދު ހަދާ މީހުންނަށް ﷲ ތަޢާލާ ކަށްވަޅުގައާއި އާޚިރަތުގައި ޢަޛާބު ދެއްވާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެފަދަ ތަކެތި ފެންނާނޭހެން ތަންތަނުގައި އަޅުވާފައި ބަހައްޓާ މީހުންނަށްވެސްމެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:
“އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم ތިމަންކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު، ތިމަންކަމަނާގެ ގުދަން ނިވާކުރެވިފައިވަނީ ވޫލުން ހަދާފައިވާ ފޮތިގަނޑަކުންނެވެ. އެފޮތިގަނޑުގައި ފިޔަގަނޑު ލާފައިހުރި އަސްތަކެއް ހުއްޓެވެ. އެކަލޭގެފާނަށް އެފޮތިގަނޑު ފެނިވަޑައިގަތުމުން މޫނުފުޅުގެ ކުލަ ބަދަލުވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ‘އޭ ޢާއިޝާއެވެ. އާޚިރަތް ދުވަހުން އެންމެ ވޭންދެނިވި ޢަޛާބު ލިބޭ ބަޔަކީ ﷲ ތަޢާލާގެ ޚަލްޤުކުރެއްވުމާއި ވާދަކުރާ މީހުންނެވެ. އެމީހުންނަށް ޢަޛާބުދެވި އަދި އެމީހުން ހެދި ތަކެތި ދިރުއްވުމަށް އެންގޭނެއެވެ.’ އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘ހަމަކަށަވަރުން އެގެއެއްގައި ތަސްވީރާއި ބުދު ހުންނަ ގޭގެއަށް މަލާއިކަތުން ވަދެވަޑާއިނުގަންނަވައެވެ.’ ” ދެން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ‘އެހެންކަމުން ތިމަންކަމަނާ އެ(ފޮތިގަނޑު) ކުދިކުދި އެތިކޮޅުކޮޅަށް ކަފާލާ އޭގެން ބާލީހެއް ނުވަތަ ދެ ބާލީސް ހެއްދެވީއެވެ.’ ” 2
___________________________________
[1] ، [2] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑްމެންޓަލްސް އޮފް ތައުހީދު- ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި