ހ. ލުޣަވީގޮތުން ބިދުޢަ:
ލުޣަވީގޮތުން (އެބަހީ ޢަރަބިބަހުގައި) ބިދުޢައަކީ ކުރިން އެއްވެސް މިސާލެއް އަދި ނަމޫނާއެއްނެތި ގެނެސްގަނެވޭ ކޮންމެކަމެކެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ مَا كُنْتُ بِدْعاً مِنْ الرُّسُلِ)) الأحقاف: ٩ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުންކުރެ އެންމެ ފުރަތަމަ ރަސޫލުކަން ގެނެސްގެންނެވި ބޭކަލެއްކަމެއްގައި ތިމަންނުވަމެވެ.” އެބަހީ، ރަސޫލުބޭކަލުންކުރެ އެންމެ ފުރަތަމަ ރަސޫލާކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނުގެ ކުރިން އެތައްއެތައް ރަސޫލުންނެއް ފޮނުއްވުނެވެ. އަދިވެސް ނަޞާރާއިންގެ ޙާލަތު ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((وَرَهْبَانِيَّةً ابْتَدَعُوهَا)) الحديد: ٢٧ މާނައީ: “ރާހިބުކަމަކީ (އެބަހީ: ދުނިޔެ އަޅާފައި އަޅުކަމުގެ ނަމުގައި ތިބުމަކީ) އެބައިމީހުން އަމިއްލައަށް އުފެއްދިކަމެކެވެ.”
ހަމައެފަދައިން، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއްވެސް މިސާލެއްނެތި އުޑާއިބިން ހެއްދެވި އިލާހެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((بَدِيعُ السَّمَوَاتِ وَالأَرْضِ)) البقرة: ١١٧ މާނައީ: “(ﷲއީ) އިސްވެދިޔަ މިސާލަކާ ނުލައި އުޑާއިބިން ހެއްދެވި އިލާހެވެ.”(1)
ށ. ޝަރުޢުގައި ބިދުޢަ:
އިސްލާމީ މަޞްދަރުތަކަށް ބެއްލެވުމަށްފަހު، ޝަރުޢުގައި ބިދުޢައިގެ ތަޢްރީފު ގިނަ ޢިލްމުވެރިންތަކެއް ތަފާތު ޢިބާރާތްތަކުން ބަޔާންކޮށްފައިވެއެވެ.
* އިމާމުއް ޝާފިޢީ ކުރައްވާފައިވާ ތަޢްރީފް:
އިމާމުއް ޝާފިޢީ ރަޙިމަހުﷲ ތަޢާލާ (އ. 204ހ.) ވިދާޅުވެފައިވެއެވެ. “ކަންތައްތަކުގައި އާކަމެއް ގެނެސްގަތުމުގައި ދެބައެއްވެއެވެ. އެއިގެތެރެއިން ފުރަތަމަ ބަޔަކީ: ކީރިތި ޤުރުއާން ނުވަތަ ސުންނަތާ ނުވަތަ އިޖުމާޢާ ނުވަތަ (ޞައްޙަ) އަޘަރަކާ ޚިލާފަށް ގެނެސްގަނެވޭ ކަންކަމެވެ. ފަހެ، މިއީ މަގުފުރެދިގެންވާ ބިދުޢައެކެވެ.”(2)
* އިމާމުއް ނަވަވީއާއި އަލްޢިއްޒު ބުން ޢަބްދުއްސަލާމް ކުރައްވަފައިވާ ތަޢްރީފް:
އިމާމުއް ނަވަވީ ރަޙިމަހުﷲ ތަޢާލާ (އ. 676ހ.) ވިދާޅުވެފައިވެ. “ޝަރުޢުގައި ބިދުޢައަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި ނެތް ކަމެއް (ދީނުގެ ނަމުގައި) ގެނެސްގަތުމެވެ.”(3) މިފަދަ ޢިބާރާތަކުން އަލްޢިއްޒު ބުން ޢަބްދުއްސަލާމް (އ. 660ހ.) ވިދާޅުވެފައިވެއެވެ. “އެއީ (އެބަހީ ބިދުޢައަކީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި ނެތް ކަމެއް (ދީނުގެ ނަމުގައި) ކުރުމެވެ.”(4)
* ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ކުރައްވާފައިވާ ތަޢްރީފް:
ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ (އ. 728ހ.) ވިދާޅުވެފައިވެއެވެ. “ދީނުގައި ބިދުޢަ ދަންނައެވެ. އެއީ ﷲއާއި އެއިލާހުގެ ރަސޫލާ ޝަރުޢުކޮށްދެއްވާފައިނުވާ ކަންކަމެވެ. އެއީ ވާޖިބުކޮށާއި، އިސްތިޙްބާބްކޮށް އަމުރުކުރައްވާފައިވާ ނުވާ ކަންކަމެވެ.”(5) އަދިވެސް ވިދާޅުވެފައިވެއެވެ. “ބިދުޢައަކީ އިޢްތިޤާދުގައާއި އަޅުކަމުގައި، ﷲގެ ފޮތާއި، (ނަބިއްޔާގެ) ސުންނަތާއި، އުއްމަތުގެ ސަލަފުންގެ އިޖްމާޢުއާ ޚިލާފުވާ ކޮންމެކަމެކެވެ.”(6)
މިފަދަ އެތައް އިބާރާތަކުން ޢިލްމުވެރިން ބިދުޢަ ތަޢްރީފް ކޮށްފައިވެއެވެ. މިފަދަ ތަޢްރީފުތަކުގެ ތެރެއިން އެންމެ ފުރިހަމަ ޝާމިލު ތަޢްރީފެއް ކުރައްވާފައިވަނީ އިމާމުއް ޝާޠިބީ ރަޙިމަހުﷲ (އ. 790ހ.) އެވެ. އެކަލޭގެފާނު ބިދުޢައިގެ ތަޢްރީފުގައި ވިދާޅުވެފައިވެއެވެ. “عِبَارَةٌ عَنْ طَرِيْقَةٍ فِي الدِّينِ مُخْتَرَعَةٌ تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ” ޢިބާރާތުގެ މާނައީ: ” (ބިދުޢައަކީ) ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި މޮޅުއިތުރުކުރުމުގެ މަޤްޞަދުގައި ޝަރުޢީގޮތަކާ ނުވަތަ ޢަމަލަކާ ވައްތަރުވާގޮތަށް ދީނުގައި ގެނެސްގަނެވޭ ކޮންމެ އާ ގޮތަކާއި ޢަމަލަކަށް ބޭނުންކުރާ ޢިބާރާތެކެވެ.”(7)
ބަޔާންވެދިޔަ ޢިލްމުވެރިންނާއި، އެނޫންވެސް އެހެން ޢިލްމުވެރިން ޝަރުޢީގޮތުން ކުރައްވާފައިވާ ބިދުޢައިގެ ތަޢުރީފުތަކުން ނެގޭ މުހިއްމު ނުކުތާތަކަކީ:
1. ޝަރުޢީ ބިދުޢައަކީ ދީނަށް އަލަށް ގެނެސްގަންނަ ކަންކަމެވެ. ދުނިޔެވީ ބޭނުންތަކަށްޓަކައި އަލަށް ގެނެސްގަންނަ ކަންކަމަކީ ޝަރުޢީ ބިދުޢަކަށް ނުވާނެއެވެ. މިސާލަކަށް އުފެއްދުންތެރިކަމަށް ބޭނުންވާ ތަފާތު ވައްތަރުގެ އާލަތްތައް އުފެއްދުމާއި، ތަފާތު ޒަމާނީ އުޅަނދުފަހަރު ދުއްވުންފަދަ ކަންކަމަކީ މީސްތަކުންގެ ދުނިޔެވީ މަޞްލަޙަތާ ގުޅިފައިވާ ކަންކަމެވެ.
2. ބިދުޢައަކަށް ދަލީލުކޮށްދޭނެ އެއްވެސް ކަހަލަ އަޞްލެއް އަދި ދަލީލެއް ޝަރުޢުގައި ނުވާނެއެވެ. ބިދުޢަ ހަދާމީހުން އިސްތިދުލާލުކުރަނީ ޝަރުޢީ ނައްޞުތަކުގެ މުރާދު އޮޅުވާލައިގެންނެވެ. ޝަރުޢީ ޤަވާއިދަކާ ޚިލާފުނުވާނަމަ، ކަނޑައެޅިގެން ޢައިނިއްޔަ ގޮތެއްގައި ނައްޞެއް އައިސްފައި ނެތްކަމުގައި ވީނަމަވެސް އެއީ ޝަރުޢުގައި ބިދުޢައެއް ނޫނެވެ. މިސާލަކަށް؛ މިޒަމާނުގައި ހަނގުރާމަކުރުމަށް އުފައްދާފައިވާ މަތިންދާބޯޓުތަކާއި ޓޭންކަރު ފަދަ ހަނގުރާމަމަތީ އުޅަނދުފަހަރެވެ. މިފަދަ އުޅަނދެއް ކާފަރުންނާ ހަނގުރާމަކުރުމަށްޓަކައި އުފެއްދުމަކީ ޝަރުޢީ ބިދުޢައެއް ނޫނެވެ. މިފަދައުޅަނދުފަހަރާ މެދު ޝަރުޢުގައި ޢައިނިއްޔަގޮތެއްގައި ނައްޞެއް އައިސްފައެއް ނުވެއެވެ. އަދި ކާފަރުންނާ ހަނގުރާމަކުރުމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައިވެސް ބޭނުން ކުރައްވާފައެއްނުވެއެވެ. މިފަދަ އާލަތްތަކާއި އުޅަނދުފަހަރު ވަންނަ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ޢާއްމު ޙުކުމުގެ ތެރެއަށެވެ. ((وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ)) الأنفال: ٦٠ މާނައީ: “އެބައިމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ.” ހަމަމިފަދައިން، މިފަދަ އެންމެހާ ޢަމަލުތަކަކީ ޝަރުޢުގައި އަޞްލެއްވާ، އަދި ޝަރުޢުކުރައްވާފައިވާ ކަންކަމެވެ. އަދި މިފަދަ ކަންކަމަށް ބިދުޢައެކޭ ޝަރުޢުގައި ނުކިޔާނެއެވެ.
3. ކޮންމެ ޝަރުޢީ ބިދުޢައަކީ ހުތުރުކަންބޮޑު ފާފައެކެވެ. ޝަރުޢުގައި އެއްވެސް ހެޔޮ ރަނގަޅު ބިދުޢައެއް ނުހުންނާނެއެވެ. އެހެނީ، ޝަރުޢީ ކޮންމެ ބިދުޢައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތާ އިދިކޮޅު، އަދި އެޝަރީޢަތުގެ ދުޝްމަނެކެވެ. މިސާލަކަށް؛ ރަސޫލާގެ ޢީދުމީލާދު ފާހަގަކުރުމެވެ. މިކަމަކީ އެކަންކުރާ ބަޔަކަށް ކިތަންމެ ރަނގަޅު ހެޔޮކަމެއްކަމުގައި ހީކުރެވުނަސް، ޝަރުޢުގައި އެއްވެސް އަޞްލެއް އޮތްކަމެއް ނޫނެވެ.
4. ޝަރުޢުގައި ބިދުޢައަކީ ދީނަށް ކަމެއް އިތުރުކުރުން އެކަންޏެއް ނޫނެވެ. ހަމައެފަދައިން، ޝަރުޢުގައި ވަކިގޮތަކަށް، އަދި ވަކިމިންވަރަކަށް ބަޔާންވެފައިވާކަމެއް އުނި ކުރުމަކީވެސް ބިދުޢައެކެވެ. ނަމަވެސް މިކަމުގައި ޚާއްޞަ ޤަވާއިދެއްވާކަން ދެނެގަންނަންޖެހެއެވެ. އެހެނީ، އަމުރުވެވިގެންވާ ވާޖިބެއް ޢުޛުރެއްނެތި ދޫކޮށްލުމަކީ އުރެދުމެކެވެ. ފާފައެކެވެ. ބިދުޢައެއް ނޫނެވެ. ހަމައެފަދައިން މުސްތަޙައްބުކަމެއް ދޫކޮށްލުމަކީވެސް ބިދުޢައެކޭ ނުބުނެވޭނެއެވެ.(8)
ލުޣަވީ ބިދުޢައާއި ޝަރުޢީ ބިދުޢައާ ދެމެދުގައިވާ ތަފާތު:
ބަޔާންވެދިޔަ ބިދުޢައިގެ ތަޢްރީފުތަކަށް ނަޒަރުހިންގާލައިފިކަމުގައިވާނަމަ ފާހަގަކުރެވިގެންދާނެ ކަމަކީ، ޝަރުޢީގޮތުން ބިދުޢައަށްވުރެ ލުޣަވީގޮތުން ބިދުޢަ އާއްމުވެފައި ބޭނުންކުރެވޭލެއް ފުޅާކަމެވެ. އެހެނީ، ލުޣަވީގޮތުން ބިދުޢައަކީ އިސްވެދިޔަ މިސާލަކާނުލައި ގެނެސްގަނެވޭ ކޮންމެ ކަމެކެވެ. އެއާއިޚިލާފަށް، ޝަރުޢުގައި ބިދުޢައަކީ ދީނުގެ ތެރެއަށް ގެނެސްގަންނަ، ޝަރުޢީ ނައްޞަކަށާއި، ޝަރުޢީ ޤަވާޢިދަކަށް ނުފެތޭ ކަންކަމެވެ.
ކަންމިހެން ހުރިއިރު، ބަހުގެގޮތުން ބިދުޢައަކަށް ވާކަމެއް، ޝަރުޢުގައި ބިދުޢަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ޝަރުޢުގައި ބިދުޢައަކަށްވާކަމަކަށް ބަހުގެގޮތުން ބިދުޢައެކޭ ބުނެވޭނެއެވެ. މިސާލެއްގެގޮތުން، ޝަރީޢަތްތައް ބަޔާންވެގެން އައި ޒަމާނުގައި ނައްޞުތަކުން ކަމެއްކުރުމަށް ބާރުއަޅުއްވާފައިވާކަމެއް، ޙާލަތު ނިޔާކުރާގޮތެއްގެ މަތީން ކުޅަދާނަކަން ނެތުމުގެ ސަބަބުން ނުވަތަ އެކަންކުރުމަށް ހުރަސްއެޅޭފަދަ ޢުޛުރުތަކެއް ހުރުމުގެ ސަބަބުން، ޝަރީޢަތްތައް މެދުކެނޑި ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވުމަށްފަހުގައި އެކަން ކުރުމުގެ ކުޅަދާނަކަން ލިބި، އެޢުޛުރު މެދުކެނޑުމުން އެކަމެއްކުރުމެވެ. މިފަދަ ޙާލަތެއްގައި ބަހުގެގޮތުން ބަލާއިރު އެކަމަކީ ބިދުޢައެކެވެ. އެއީ ކުރިން މިސާލެއްނެތްކަމެއް ގެނައީއެވެ. ނަމަވެސް ނައްޞުތަކުން އެކަމަށް ދަލީލުކުރާތީ، އެއީ ޝަރުޢުގައި ބިދުޢައެކޭ ނުބުނެވޭނެއެވެ.
ޞަޙާބީންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައިވާނަމަ މިފަދަ އެތައް މިސާލުތަކެއް ވެއެވެ. މިސާލެއްގެގޮތުން، އަބޫބަކުރުގެފާނުގެ (އ. 13ހ.) ޚިލާފަތުގައި ޤުރުއާން ޖަމާކުރެއްވުމާއި، ޢުމަރުގެފާނުގެ (އ. 23ހ.) ޚިލާފަތުގައި ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވުމާއި، ޢުޘްމާންގެފާނުގެ (އ. 35ހ.) ޚިލާފަތުގައި ހުކުރުނަމާދުގެ އިހު ބަންގި ތަޢާރަފުކުރެއްވުން ފަދަ މިސާލުތަކެވެ. މިފަދަ ޢަމަލުތައް ޝަރުޢީ ޤަވާއިދުތަކަށް ފެތޭތީވެ، ޝަރުޢުގައި ބިދުޢައަކަށް ނުވާނެއެވެ. ނަމަވެސް ބަހުގެގޮތުން އެއީ ބިދުޢައެކޭ ބުނުން ޞައްޙަވާނެއެވެ. މިސަބަބާހުރެ، ޢުމަރުގެފާނު ރަމަޟާންމަހުގެ ރޭއަޅުކަން އެއްއިމާމެއްގެ ފަހަތުގައި މީސްތަކުން ޖަމާކުރެއްވުމަށްފަހު، މިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. “نِعْمَتِ البِدْعَةُ هَذِهِ” މާނައީ: “މިއީ ކިހާ ރަނގަޅު ބިދުޢައެއް ހެއްޔެވެ.”(9) ޢުމަރުގެފާނު މިތަނުގައި ބިދުޢަ ބޭނުންކުރައްވާފައިވަނީ ބަހުގެގޮތުންނެވެ. ޝަރުޢީގޮތަކުން ނޫނެވެ.(10)
ކަންމިހެންހުރިއިރު، ބިދުޢައަކީ ކޮބައިކަމާއި، ބިދުޢަވެރިންނަކީ ކޮބައިކަމާއި، ޝަރުޢުގައި މަނާކުރައްވާފައިވާ ބިދުޢައާއި އެނޫން ބިދުޢަ ތަފާތުކޮށް ދެނެގަތުމަށްޓަކައި، ޝަރުޢުގައި ބިދުޢަ ތަޢްރީފްކޮށްފައިވާ ގޮތަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ، މިކަމާގުޅޭ އެންމެހާ ޙުކުމްތަކެއް ބިނާވެފައިވާނީ ޝަރުޢީ ތަޢްރީފަށެވެ. އެތަޢްރީފަށް ނުފެތޭކަމެއް މީހަކު ކުރިނަމަވެސް، އެކަމަކީ ޝަރުޢުގައި ބިދުޢައަކަށް ނުވާނެއެވެ. އަދި އެކަންކުރާ މީހާގެ މައްޗަށް ބިދުޢަވެރިއެއްގެ ޙުކުމެއްވެސް ނުހިނގާނެއެވެ. والله أعلم.
______________________________
މަރުޖިޢުތައް:
(1) انظر: لسان العرب لابن منظور (9 /351-352)
(2) انظر: إعلام الموقعين لابن القيم (4/121)، ودرء تعارض العقل والنقل لابن تيمية (249/1)، والمسوّدة لابن تيمية ص.301، والمنثور للزركشي ص. 217،218
(3) تهذيب الأسماء واللغات للنووي (22/3)
(4) قواعد الأحكام في مصالح الأنام للعز بن عبد السلام (172/2)
(5) مجموع الفتاوى لابن تيمية (107/4)
(6) مجموع الفتاوى لابن تيمية (346/8)
(7) الاعتصام للشاطبي (37/1)
(8) انظر: موقف أهل السنة والجماعة من أهل الأهواء والبدع لإبراهيم بن عامر الرحيلي (1 /91-92)
(9) رواه البخاري (حديث: 2010)، فتح الباري (321/4)
(10) انظر: موقف أهل السنة والجماعة من أهل الأهواء والبدع لإبراهيم بن عامر الرحيلي (93/1)