(އަޙްމަދު، ބައްޕައާ އެކު ގޭގައި އިންދާ ބަންގި ގޮވާ އަޑު އިވިއްޖެއެވެ.)
އަޙްމަދު: ބައްޕާ މިއީ އަޞުރު ވަޤުތުތޯ؟
ބައްޕަ: އާން ދަރިފުޅާ. ހިނގާ އަވަހަށް ވުޟޫކޮށްގެން މިސްކިތަށް ދަމާ.
އަޙްމަދު: ލައްބަ ބައްޕާ.
(ބައްޕަ ވުޟޫކޮށް ނިމިގެން ވުޟޫގެ ދުޢާ ތަންކޮޅެއް އަޑު ހަރުކޮށް ކިޔައިލިއެވެ.)
އަޙްމަދު: ބައްޕާ ކޯއްޗެއްތޯ ތިކިޔަނީ؟
ބައްޕަ: އެހަށް ވުޟޫކޮށްލާ ވުޟޫކޮށް ނިމުމުން ކިޔައިދޭނަން.
އަޙްމަދު: (ވުޟޫކޮށް ނިމިގެން ބައްޕައާއިއެކު ނަމާދަށް ދިއުމަށް ހިނގައިގަތެވެ. ދިޔަ މަގުމަތީގައި …) ބައްޕާ! ބުނެދީބަލަ ވުޟޫކޮށް ނިމިގެން ބައްޕަ ކީ ކޮން އެއްޗެއްތަ؟
ބައްޕަ: ބައްޕަ ކީ ދުޢާއެއް.
އަޙްމަދު: ބައްޕަ ކީއްވެތަ އެވަޤުތު ދުޢާކުރީ؟
ބައްޕަ: އެއީ އަހަރުމެންގެ ރަސޫލާ صلى الله عليه وسلم އެކަން ކުރުމަށް އަންގަވާދެއްވާފައިފަވާތީ.
އަޙްމަދު: އެވަޤުތައް ޙާއްޞަ ދުޢާއެއް ވޭތަ؟
ބައްޕަ: އާން ދަރިފުޅާ. أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ – رواه مسلم މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އަދި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި އެއިލާހުގެ ރަސޫލާކަމަށްވެސް މިއަޅާ ހެކިވަމެވެ.” ވުޟޫކޮށް ނިމިގެން މިފަދައިން ކިއުމަށް މުސްލިމުންނަށް ރަސޫލާ އަންގަވާފައިވެއެވެ. އަދި މިދުޢާގެ މާތްކަމާ މެދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާކަމުގައި ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތީގެތެރެއިން އެއްވެސް ބޭކަލަކު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު: ” أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ މިފަދައިން ކިޔައިފިނަމަ އެމީހަކަށް ސުވަރުގެއަށް ވަނުމަށްޓަކައި ދޮރެއް އިޚްތިޔާރުކުރުމަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލެވިގެންދާނެއެވެ.” رواه مسلم
އަދި ސުނަން އައްތިރުމިޛީގައި ރިވާވެގެންވާ ޙަދީޘްގައި، ބަޔާންކުރެވުނު ބަޔަށްފަހު اَللَّهُمَّ اجْعَلْنِيْ مِنَ التَّوَابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَ – رواه الترمذي މާނައީ:” އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތައުބާވާ މީސްތަކުންނާއި ޠާހިރުވާ މީސްތަކުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!” މިދުޢާ ރިވާކުރައްވާފައިވޭ.
އަޙްމަދު: ބައްޕައަށް ﷲ ރަޙްމަތް ލައްވާށި! ބައްޕާ! ބަންގިއަށް ފަހުވެސް ދުޢާއެއް ކިޔަންޖެހޭތަ؟
ބައްޕަ: އާން ދަރިފުޅާ! އިނގޭތަ ކިހިނެތްކަން ބަންގި ގޮވަން ފެށުނީ؟
އަޙްމަދު: ނޫން ބައްޕާ ކިޔައިދީބަލަ.
ބައްޕަ: ބަންގި ޝަރުޢުކުރެއްވުނީ ހިޖުރައިން ފުރަތަމަ އަހަރު، މާތް ﷲ ރުއްސުން ލެއްވި ޢަބްދުﷲ ބުނު ޢުމަރުގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުސްލިމުން ޖަމާވެ ނަމާދުވަޤުތުތައް މިންވަރުކޮށް އުޅުނެވެ. އަދި އެކަކުވެސް އޭރުގައި ނަމާދަށް ބަންގިގޮވައެއް ނޫޅެއެވެ. ދެން އެއްދުވަހަކު މީސްތަކުން ޖަމާވެ އެކަމާބެހޭގޮތުން ވާހަކަދައްކައިފިއެވެ. އެއްބަޔަކު ބުނީ ނަޞާރާއިން ގެންގުޅޭފަދަ ރަނގަބީލެއްފަދަ އެއްޗެއް ހެދުމަށެވެ. އަދި އަނެއްބަޔަކު ބުނީ ޔަހޫދީން ގެންގުޅޭފަދަ ނާގޫރެއްފަދަ އެއްޗެއް ހެދުމަށެވެ. ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. ނަމާދަށް ގޮވާނެމީހަކު ތިޔަބައިމީހުން ފޮނުވަންވީނޫންހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އޭ ބިލާލެވެ! ތެދުވެ ނަމާދަށް ގޮވާލައްވާށެވެ!”
މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޒައީދު ބުން ޢަބްދު ރައްބަހޫގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަޞާރާއިންނާ އެއްގޮތްކުރެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިނުގަންނަވާޙާލު، މީސްތަކުން ނަމާދަށް ޖަމާކުރެއްވުމަށްޓަކައި ރަނގަބީލުޖެހުމަށް އަމުރުކުރައްވާފައި ވަނިކޮށް، އަހުރެން ނިދާފައި އޮއްވައި އަހުރެންނަށް ހުވަފެނުގައި ފެންނަނީ ރަނގަބީލެއް ހިފައިގެން އަހުރެންގެ ގާތަށް މީހަކު އައިތީއެވެ. ފަހެ އަހުރެން އެމީހާއަށް ދަންނަވައިފީމެވެ. އޭ ﷲގެ އަޅާއެވެ! ތިޔަ ރަނގަބީލު ވިއްކަންވީ ނޫންހެއްޔެވެ؟ އެމީހަކު ބުންޏެވެ. އެއިން ތިބާ ކުރާނީ ކީއްހެއްޔެވެ؟ އަހުރެން ދަންނަވައިފީމެވެ. އެއިން އަހުރެމެން ނަމާދަށް ގޮވާނީއެވެ. އެމީހަކު ބުންޏެވެ. އެއަށްވުރެ މާރަނގަޅުގޮތެއް ބުނެދެންހެއްޔެވެ؟ އަހުރެން ދަންނަވައިފީމެވެ. އާއެކެވެ. އެމީހަކު ބުންޏެވެ. ތިބާ މިފަދައިން ކިޔާށެވެ. اللَّهُ أَكْبَرُ اللَّهُ أَكْبَرُ (އެންމެބޮޑީ ﷲއެވެ. އެންމެބޮޑީ ﷲއެވެ). أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ, أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ (ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ, أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ (ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅުހެކިވަމެވެ). حَيَّ عَلَى الصَّلاَةِ, حَيَّ عَلَى الصَّلاَةِ (ނަމާދަށް އަވަސްވެގަންނާށެވެ). حَيَّ عَلَى الفَلَاحِ, حَيَّ عَلَى الفَلَاحِ (ކާމިޔާބު ހޯދުމަށް އަވަސްވެގަންނާށެވެ). اللَّهُ أَكْبَرُ اللَّهُ أَكْبَرُ (އެންމެބޮޑީ ﷲއެވެ. އެންމެބޮޑީ ﷲއެވެ). لاَ إِلَهَ إِلاَّ اللهُ (ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ). ދެން އެމީހަކު ހިނގައްޖެއެވެ. މާގިނައިރުތަކެއްނުވެ އަލުން އައިސް ބުނެފިއެވެ. އަދި ތިބާ ނަމާދަށް ޤަމަތްދޭނަމަ މިފަދައިން ކިޔާށެވެ. اللَّهُ أَكْبَرُ اللَّهُ أَكْبَرُ, أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ, أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ, حَيَّ عَلَى الصَّلاَةِ, حَيَّ عَلَى الفَلَاح, قَدْ قَامَتِ الصَّلَاةُ, قَدْ قَامَتِ الصَّلَاةُ, اللَّهُ أَكْبَرُ اللَّهُ أَكْبَرُ, لاَ إِلَهَ إِلاَّ اللهُ ” ދެން ހެނދުންވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަހުރެން އައިސް އަހަރެންނަށް ފެނުނު ހުވަފެނުގެ ވާހަކަ ދަންނަވައިފީމެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ﷲ އިރާދަކުރެއްވިއްޔާ އެއީ ތެދު ހުވަފެނެކެވެ. ދެން ބިލާލާއެކު ތެދުވެގެންގޮސް ތިބާއަށް ހުވަފެނުގައި ފެނުނު އެއްޗެހި ބިލާލަށް އުނގަންނައިދޭށެވެ. ދެން ބިލާލު އެކަލިމަތަކުން ބަންގިދޭހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ތިބާއަށްވުރެ ބިލާލުގެ އަޑު ގަދަވެފައި ރީތިވެގެންވެއެވެ.” ދެން އަހުރެން ބިލާލާއެކުގައި ތެދުވެގެންގޮސް ބިލާލަށް އުނގަންނައިދީފީމެވެ. އަދި އެކަލޭގެފާނު އެކަލިމަތަކުން ބަންގިދެއްވަން ފައްޓަވައިފިއެވެ. ފަހެ ޢުމަރުގެފާނު ގޭގައި ހުންނަވަނިކޮށް އެއަޑުއައްސަވައި އަވަސްއަވަހަށް ރިދާކޮޅު ދަންމަވަމުން ވަޑައިގެން ދަންނަވައިފިއެވެ. ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވިފަރާތް ގަންދީ ބުނަމެވެ. އެކަލޭގެފާނަށް ހުވަފެނުގައި އެފެނިވަޑައިގަތް ގޮތަށް އަހުރެންނަށްވެސް ހުވަފެނުގައި ފެނިއްޖެއެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ފުޅުކުރެއްވިއެވެ. “َفَلِلَّهِ الْحَمْد” ” ފަހެ ހުރިހާ ޙަމްދެއްހުރީ ﷲ އަށެވެ.” رواه أحمد وأبو داود وابن ماجه وابن خزيمة والترمذي
މިއީ ބަންގި ގޮވެންފެށިގޮތަކީ. ބަންގީގެ އަޑު އިވޭ ކޮންމެ މީހަކު ބަންގިއަށް ޖަވާބުދިނުން ސުންނަތްވެގެންވެއެވެ.
އަޙްމަދު: ބައްޕާ ކިހިނެތް ބަންގިއަށް އިޖާބަދޭނީ؟
ބައްޕަ: ބަންގިއަށް ޖަވާބުދޭނީ ބަންގީގެ އަޑުއިވޭ ކޮންމެމީހަކު ބަންގިދޭމީހާކިޔާ ކަލިމަތައް އޭނާގެ ފަހަތުން ހަމައެގޮތަށް ކިއުން ސުންނަތްވެގެންވެ. އެއީ حَيَّ عَلَى الصَّلاَةِ އާއި حَيَّ عَلَى الفَلَاحِ މިދެކަލިމަ ފިޔަވައި، މިދެކަލިމައިގެ ބަދަލުގައި ކިޔާނީ (لاَ حَوْلَ ، وَلاَ قُوَّةَ إِلاَّ بِاللَّهِ.) (ހެޔޮކަމެއްކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުންމެނުވީ ނުވެއެވެ.)
އަޙްމަދު: ބަންގިދީ ނިމުމުން ދެން ކިހިނެތް ކަންތައް ކުރަންޖެހޭނީ؟
ބައްޕަ: ބަންގިދީ ނިމުމުން ބަންގިދިން މީހާއާއި ބަންގީގެ އަޑު އިވުނު މީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން ސުންނަތްވެގެންވެއެވެ.
އަޙްމަދު: ކިހިނެތް ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާނީ؟
ބައްޕަ: ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާނީ މިފަދައިން: ” اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدُ اللَّهُمَّ بَارِكْ عَلَى مُحَمَدٍ وَعَلَى آلِ مُحَمَدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ” މާނައީ:”އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތް ލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲ އީ ހުރިހާ ޙަމްދުތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.”
ދެން އެއަށްފަހު ދުޢާ ކިޔާނީއެވެ. ﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ބަންގި އަޑުއިވުމަށްފަހު اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ” މިފަދައިން ކިޔައި ދުޢާކޮށްފި މީހާއަށް ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ ޝަފާޢަތް ޙައްޤުވާނެއެވެ. މިދުޢާގެ މާނައީ:” އޭ މިފުރިހަމަވެގެންވާ ގޮވާލުމާއި، މިޤާއިމުވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދު ކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ!”
އަދި ދަރިފުޅަށް އިނގޭތަ ބަންގިއާއި ޤަމަތާދެމެދުގައިވާ ވަޤުތަކީ ދުޢާ ޤަބޫލުކުރެވޭ ވަޤުތެކެވެ. އެހެންކަމުން އަހަރުމެން އެވަޤުތު ދުޢާކުރުމުން ފައިދާ ލިބިގަންނަން ޖެހޭނެއެވެ.
އަޙްމަދު: ބައްޕަ! ޤަމަތައް ފަހުގައި ދުޢާ ކުރާކަށް ނުޖެހޭތަ؟
ބައްޕަ: އާން ދަރިފުޅާ ޤަމަތަށް ފަހު ދުޢާކުރުމެއް ނެތް، ޤަމަތަށް ފަހު އަވަސްވެގަންނަންޖެހޭނީ ކައިރިއިރީގައި ސަފު ތަރުތީބުކޮށް ނަމާދުކުރުމަށް.
އަޙްމަދު: ބައްޕައަށް ހެޔޮ ޖަޒާ ދެއްވާށި! އަދި އަޅުގަނޑުމެންނަށް މިފަދަ ކަންތައްތައްވެސް ކުރުމުގެ ތަޢުފީޤު ދެއްވާށި!