[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 10 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ * وَلا تَقْرَبُوا مَالَ الْيَتِيمِ إِلا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لا نُكَلِّفُ نَفْسًا إِلا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ * وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام: ١٥١-١٥٣)
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ. އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. * ހުއްދަކުރައްވާފައިވާ ހެޔޮގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންއިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. * އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! (އޭރުން) އެއިލާހުގެ މަގުން ތިޔަބައިމީހުން އެއްކިބާވެ ވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތްކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.

__________________________________

ޝަރަޙަ

މިއީ ކިތާބުއްތަޥްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ފަސްވަނަ އާޔަތެވެ. މިއާޔަތްތަކަށް ‘އާޔާތުލް ވަޞާޔާ އަލް ޢަޝްރި’ އޭ ކިޔެއެވެ. އެއީ މި އާޔަތްތަކުގައި 10 ކަމަކަށް ﷲތަޢާލާ ވަޞިއްޔަތްކުރައްވައި އަމުރުކުރައްވާފައިވާތީއެވެ. އެއީ ޝިރުކުން ދުރުވުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، ދަރިން ނުމެރުމާއި، އެންމެހައި ފާޙިޝްކަންތަކުން ދުރުވުމާއި، ﷲޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި ނުމެރުމާއި، ޔަތީމުންގެމުދާ ހުއްދަނޫންގޮތުގައި ނުކެއެމާއި، ފުރިހަމައަށް މިނައި ޢަދުލުވެރިކަމާއެކު (އެއްޗެހި) ކިރުމާއި، ﷲގެ އަހުދަށް ވަފާތެރިވުމާއި، ޢަދުލުވެރިވުމާއި، ﷲގެ ސީދާވެގެންވާ މަގަށް ތަބަޢަވުމެވެ.

މުޞްޙަފުގެ ތަރުތީބަށް ބަލާއިރު، އެންމެފުރަތަމަ އަމުރަކީ ﷲ އެއްކައުވަންތަކުރުމަށް ކުރައްވާފައިވާ އަމުރެވެ. އެއީ ބަޤަރާ ސޫރަތުގެ 21ވަނަ އާޔަތުގައެވެ. އަދި އެންމެފުރަތަމަ ނަހީއަކީ ޝިރުކުން އެއްކިބާވުމަށް އަންގަވާފައިވާ ބަސްފުޅެވެ. އެއީ ބަޤަރާ ސޫރަތުގެ 22ވަނަ އާޔަތުގައެވެ.

(قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ): ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ.

މިއާޔަތުގައި ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތަކޭ އައުމުން، ޙަރާމްކުރެއްވުމާއި، ޙަލާލްކުރެއްވުމަކީ އެއިލާހަށްވާ ޙައްޤެއްކަން އެނގިގެންދެއެވެ. އެހެންކަމުން އެއިލާހު ޙަލާލުކުރައްވާފައިވާ ކަމެއް ޙަރާމްކުރުމާއި، ޙަރާމްކުރައްވާފައިވާ ކަމެއް ޙަލާލުކުރުމުގެ ބާރު އެއްވެސް މަޚުލޫޤަކަށް ލިބިގެންނުވާކަން އެނގިގެންދެއެވެ. އެފަދައިން ބަޔަކު ޢަމަލުކުރުމުން، އެބައިމީހުންނަށް ތަބަޢަވުމަކީ އެއިލާހާއި އެހެންފަރާތްތަކެއް ބައިވެރިކޮށް ޝަރީކުކުރުމެވެ.

ހަމައެފަދައިން ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތަކޭ ބަޔާންކުރެއްވުމުން، މިއީ ތިމަންކަލޭގެފާނު އަމިއްލަފުޅަށް ވިދާޅުވާ ބަސްފުޅުތަކެއް ނޫންކަމާއި، އެއްވެސް ޝައްކެއްނެތި ހަމަތިޔަބައިމިހުންގެ ވެރިރައްބު އަންގަވާފައިވާ ބަސްފުޅުތަކެއްކަން އެގިގެންދެއެވެ.

(أَلا تُشْرِكُوا بِهِ شَيْئًا): ތިޔަބައިމީހުން، އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ!

ﷲތަޢާލާ ޙަރާމްކުރައްވާފައިވާ ކަންތައް ބަޔާންކުރައްވައި، އެންމެ ފުރަތަމަ އަންގަވާފައިމިވަނީ ޙަރާމްކަންތަކުގެ ތެރެއިން އެންމެ ބޮޑު ފާފައެވެ. އެއީ ﷲއަށް ޝަރީކު ކުރުމެވެ. އެހެންކަމުން އެންމެބޮޑު ފާފައަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ، އޭގެ ޖަވާބަކީ ﷲއަށް ޝަރީކުކުރުމެވެ. އަދި އެންމެބޮޑު މުންކަރާތަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބަކީވެސް މިއެވެ.

ޝިރުކަކީ އެންމެ ނުރައްކާތެރި ފާފައެވެ. އެއީ އެއްވެސް އަޅުކަމެއް ﷲ ފިޔަވައި އެހެންފަރާތަކަށް ކޮށް، ﷲއަށް އަޅުކަންކުރުމުގައި އެހެންފަރާތްތައް ބައިވެރިކުރުމެވެ. މިއާޔަތުގައި، شَيْئًا (އެއްވެސް އެއްޗެއް) އޭ އަންގަވާފައިވުމުން، ﷲފިޔަވައި އަޅުކަންކުރެވޭ ހުރިހާ ފަރާތެއް ޝާމިލުވެގެންދެއެވެ. އެއީ މަލާއިކަތްބޭކަލެއްކަމުގައިވިއަސް، ނަބީ ބޭކަލެއްކަމުގައިވިއަސް، ޞާލިޙު އަޅެއްކަމުގައިވިޔަސް މެއެވެ. އަދި އެއީ ގަހެއް، ނުވަތަ ހިލައެއް ނުވަތަ ޤަބުރެއް ނުވަތަ އެނޫން އެހެން އެއްޗެއް ކަމުގައިވިޔަސްމެއެވެ.

ހަމައެފަދައިން ޝިރުކުގެ އެންމެހާ ވައްތަރުތަކެއްވެސް ޙަރާމްވެގެންވާކަން މިއާޔަތުން އެނގިގެންދެއެވެ. އެހެނީ شَيْئًا (އެއްވެސް އެއްޗެއް) އޭ ބަޔާންވެފައިވުމުން ކުޑަޝިރުކާއި ބޮޑުޝިރުކުވެސް ޝާމިލުވެގެންވެއެވެ. އަދި ފާޅުވެގެންވާ ޝިރުކާއި ވަންހަނާވެފޮރުވިފައިވާ ޝިރުކުވެސް ހިމެނެއެވެ.

(وَبِالْوَالِدَيْنِ إِحْسَانًا): އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.

މީހަކު ބުނެފާނެއެވެ. އާޔަތުގެ ކުރީ ކޮޅުގައި އަންގަވާފައިވަނީ ޙަރާމްކުރެއްވި ކަންތައްތަކެއް ބަޔާންކުރައްވާ ވާހަކައެވެ. ދެން އެކަންތައް ބަޔާންކުރައްވަމުން އެންމެ ފުރަތަމަ އަންގަވާފައި މިވަނީ ޝިރުކު ނުކުރުމެވެ. އަދި އެއަށްފަހު މައިންބަފައިންނަށް އިޙްސާންތެރިވުމެވެ. އެހެންވީމާ ޝިރުކު ނުކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ޙަރާމްކަމެއްކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު: މި އަޔާތުގައި އަންގަވާފައި މިވަނީ އެކަންތަކުން ދުރުވުމަކީ ޙަރާމްކަމެއް ކަމުގައެވެ. މާނައަކީ، ޝިރުކުނުކުރުމުން ދުރުހެލިވުމަކީ ޙަރާމްކަމެކެވެ. އަދި މައިންބަފައިންނަށް އިޙްސާންތެރިވުމުން ދުރުހެލިވެ އެއްކިބާވުމަކީ ޙަރާމްކަމެކެވެ. މިކަންތައް ޙަރާމްވުމުން އޭގެ އިދިކޮޅު ވާޖިބުވާނެއެވެ. އެއީ ޝިރުކު ނުކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ﷲއެއްކައުވަންތަ ކުރުމަށް އަމުރުކުރެއްވުމަށްފަހު، އެއާ ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަމުރުކުރައްވާފައިވެއެވެ.

މިއާޔަތާއި ތަޥްޙީދާއި އޮތް ގުޅުން.

މިއާޔަތްތަކުގައި ﷲތަޢާލާ އަމުރުކުރައްވާފައިވާ 10 ކަންތަކުގެ ތެރެއިން އެންމެފުރަތަމަ ކަމަކީ ޝިރުކު ކުރުމުން ދުރުހެލިވުމެވެ. އެހެންކަމުން ޝިރުކުން ދުރުހެލިވުމާއި، ތަޥްޙީދުގެ މުހިއްމުކަން އެނގިގެންދެއެވެ.

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-‘އާޔާތުލް ވަޞާޔާ އަލްޢަޝްރި’ އޭ މި އަޔަތްތަކަށް ކިޔުނީ ކީއްވެ؟

2-އެންމެބޮޑު ފާފައަކީ ކޮބާ؟

3-ޝިރުކުގެ އެންމެހާ ވައްތަރުތައް ޙަރާމްކަން މިއާޔަތުން އެނގެނީ ކިހިނެއް؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް