الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާ ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ކުރަންޖެހޭނީ އިޚްލާސްތެރިކަމާއެކު ﷲ ތަޢާލާއަށް ބިރުވެތިވާހާލުއެވެ. އެހެނީ އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ބައްލަވާވޮޑިގެންވާ އަދި މޮޅަށް އައްސަވާވޮޑިގެންވާ އިލާހެވެ. އިންސާނާގެ ހިތުގައި ހިނގާ ޝުޢޫރުތައްވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
މިގޮތުން ހަޤީޤީ މުއުމިނުން ޞާލިޙު ޢަމަލެއްކުރާއިރުވެސް މި ޝުޢޫރު އޭނާގެ ނަފުސުގައި އަބަދުމެ ދައުރުކުރެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿ وَالَّذِينَ يُؤْتُونَ مَا آتَوا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ ﴾ (المؤمنون:٦٠)
މާނައީ: “އަދި އެއުރެންނީ ހަމަކަށަވަރުން އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ.”
ޢަރަބިބަހުގައި ‘”تقوى” މި ލަފްޒު ނެގިފައިވާނީ “وقى” މި ފިޢުލުންނެވެ. އޭގެ ލަފްޒީ މާނައަކީ ރައްކާތެރިކުރުމެވެ. ތަޤްވާގެ އިޞްޠިލާޙީ މާނައަކީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގެންވާ ކަންތައްތައް ކޮށްގެން، އެކަލާނގެ ޢަޛާބުން ރައްކާތެރިވުމެވެ.’1 2
ﷲ ތަޢާލާއަށް ބިރުވެތިނުވާމީހާ އޭނާ ހެޔޮކަންތައްކުރަނީ މީހުން ބުނެފާނެ އެއްޗަކަށްޓަކައެވެ. ނުވަތަ ދުނިޔޭގެ ލަދަށްޓަކައެވެ. ނުވަތަ އެނޫންވެސް ދުނިޔަވީ ބޭނުންތަކަށްޓަކައެވެ.
‘އަބޫ ޙުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަންއެހީމެވެ. “ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ނިޔާކަނޑައެޅޭނީ ޝަހީދެއްގެގޮތުގައި މަރުވި މީހެއްގެ މައްޗަށެވެ. އެމީހާ ގެނެވި އެކަލާނގެ އެމީހާއަށް ދެއްވި ނިޢުމަތްތަކުގެ ޚަބަރު ދެވޭނެއެވެ. އަދި އޭނާއަށް އެނިޢުމަތްތައް އެނގޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އަދި ތިބާ އެތަކެތިން ކުރީ ކީއްހެއްޔެވެ؟” އެމީހާ ޖަވާބުގައި ބުނާނެއެވެ. “އަހަރެން ޝަހީދުވަންދެން އިބަރަސްކަލާނގެ މަގުގައި ޖިހާދުކުރީއެވެ.” ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިބާ ދޮގުހަދައިފިއެވެ! ތިބާ ޖިހާދުކުރީ މީހުން ތިބާއާމެދު “އޭނާ ހާދަ ހިތްވަރުގަދައޭ” ބުނުވުމަށްޓަކައެވެ. އަދި އެހެން ބުނެވުނެވެ.” އަދި އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލުމަށް އަމުރުކުރެއްވޭނެއެވެ. ދެން ގެނެވޭ މީހަކީ (ދީނުގެ) ޢިލްމު އުނގެނި، އުނގަންނައިދީ އަދި ޤުރުއާން ކިޔަވާއުޅުނު މީހެކެވެ. އެމީހާ ގެނެވި އެކަލާނގެ އެމީހާއަށް ދެއްވި ނިޢުމަތްތަކުގެ ޚަބަރު ދެވޭނެއެވެ. އަދި އޭނާއަށް އެނިޢުމަތްތައް އެނގޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އަދި ތިބާ އެތަކެތިން ކުރީ ކީއްހެއްޔެވެ؟” އެމީހާ ޖަވާބުގައި ބުނާނެއެވެ. “އަހަރެން އިބަރަސްކަލާނގެއަށްޓަކައި (ދީނުގެ) ޢިލްމު އުނގެނި، އުނގަންނައިދީ އަދި ޤުރުއާން ކިޔެވީމެވެ.” ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިބާ ދޮގުހަދައިފިއެވެ! ތިބާ ދީނީ ޢިލްމު އުނގެނުނީ މީހުން ތިބާއާމެދު “އޭނާ އަކީ ކިޔަވައިގެންހުރި މީހެކޭ” ބުނުވުމަށްޓަކައެވެ. އަދި ތިބާ ޤުރުއާން ކިޔެވީ މީހުން ތިބާއާމެދު “އޭނާ އަކީ ހާދަ ރީތިކޮށް ޤުރުއާން ކިޔަވާ މީހެކޭ” ބުނުވުމަށްޓަކައެވެ. އަދި އެހެން ބުނެވުނެވެ.” އަދި އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލުމަށް އަމުރުކުރެއްވޭނެއެވެ. ދެން ގެނެވޭ މީހަކީ ﷲ ތަޢާލާ މުއްސަނދިކުރެއްވި މީހެކެވެ. އެމީހާ ގެނެވި އެމީހާއަށް އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ ޚަބަރު ދެވޭނެއެވެ. އަދި އޭނާއަށް އެނިޢުމަތްތައް އެނގޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އަދި ތިބާ އެތަކެތިން ކުރީ ކީއްހެއްޔެވެ؟” އެމީހާ ޖަވާބުގައި ބުނާނެއެވެ. “ފައިސާ ހޭދަކުރުމަށް އިބަރަސްކަލާގެ ރުހިވޮޑިގެންވާ އެއްވެސް މަގެއް ދޫކޮށްނުލާ އިބަރަސްކަލާނގެއަށްޓަކައި އަހަރެން ހޭދަކުރީމެވެ.” ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިބާ ދޮގުހަދައިފިއެވެ! ތިބާ އެފަދައިން ކަންތައްކުރީ މީހުން ތިބާއާމެދު “އޭނާ އަކީ ހާދަ ދީލަތި މީހެކޭ” ބުނުވުމަށްޓަކައެވެ. އަދި އެހެން ބުނެވުނެވެ.” އަދި އޭނާ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލުމަށް އަމުރުކުރެއްވޭނެއެވެ.” [صحيح مسلم / كتاب: الإمارة/ باب: من قاتل للرياء… / رقم الحديث:٤٩٠٠ ]‘ 3
ތަޤްވާވެރިކަމެއް ނެތްނަމަ ދުނިޔެމަތީ ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އާޚިރަތުގައި އޭގެ ފައިދާއެއް ނުކުރާނެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެކަމެކެވެ. އަޅުގަނޑުމެން އިސްވެދިޔަ ޙަދީޘުން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. ދުނިޔޭގައި މިލިބޭ ކުޑަ ވަގުތުކޮޅު ކުރާ ހުރިހާ މަސައްކަތެއް ބޭކާރުވުމަށް އެއްވެސް މީހަކު ނޭދޭނެކަން ޔަޤީނެވެ.
‘އިންސާނުންގެ ތެރޭގައި ކުރެވޭ މުއާމަލާތްތަކުގައި އިސްލާމްދީން އެންމެ އިސްކަމެއްދެނީ ތަޤްވާއަށެވެ. މިޘާލަކަށް ކައިވެންޏާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އަންހެނަކާއި ކައިވެނި ކުރެވެނީ ހަތަރު ސަބަބަކަށްޓަކައެވެ. އެއީ: އޭނާގެ މުދާވެރިކަމަށްޓަކައި، އޭނާގެ ޤަދަރުވެރިކަމަށްޓަކައި، އޭނާގެ ރީތިކަމަށްޓަކައި، އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރި މީހަކު އިޚްތިޔާރުކުމުން ކާމިޔާބު ޙާޞިލުކުރާހުށިކަމެވެ.” [صحيح البخاري / كتاب:النكاح/ باب:الأكفاء في الدين/ رقم الحديث:٥٠٩٠] … ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުން މީގެ އިދިކޮޅު މާނަވެސް ރަނގަޅުކަން އެނގެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ ދީންވެރިކަމާމެދު ތިބާ ހިތްހަމަޖެހޭ މީހަކު ތިބާގެ އަންހެންދަރީގެ ކައިވެންޏަށް އެދެފިނަމަ އެދެމީހުން ކައިވެނި ކޮށްދޭށެވެ. އެފަދައިން ކަންތައް ނުކޮށްފިނަމަ މިބިންމަތީ ފަސާދަ ފެތުރިދާނެއެވެ.” [رواه الترمذي/ كتاب: النكاح/ باب: إذا جاءكم من ترضون…/ رقم الحديث:١٠٨٤ / وحسنه الألباني في الإرواء ١٨٦٨]‘ 4
އިންސާނުން އެކަކު އަނެކެއްގެ މައްޗަށް މާތްވެގެންވަނީ އެމީހެއްގެ މުދާވެރިކަމަކުން ނޫނެވެ. އަދި އެމީހެއްގެ ނަސަބުގެ ޢިއްޒަތްތެރިކަމުން ނުވަތަ އެމީހެއްގެ ކުލައަކުން ނޫނެވެ. އަދި އެމީހެއްގެ މަތީ މަގާމަކުންވެސް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ކުރައްވަނީ: ﴿ يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ﴾ (سورو الحجرات ١٣)
މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.”
އަޅުގަނޑުމެންނަށް ބައެއްފަހަރު މިއީ މާބޮޑުކަމެއްކަމުގައި ހީނުވިޔަސް ޙަޤީޤަތުގައި މިއީ ވަރަށް ބޮޑުކަމެކެވެ. ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އަމިއްލަ ނަފްސާ ސުވާލު ކުރައްވާށެވެ. “އަހަރެން މިކަން މިކުރަނީ އިޚްލާސްތެރިކަމާއެކު، ﷲ އަށް ބިރުވެތިވެ ހުރެ ހެއްޔެވެ؟” އެއީ ދީނުގެ އަޅުކަމެއްކަމުގައިވިޔަސް ނުވަތަ ތިބާގެ ވަޒީފާކަމުގައިވިޔަސް ފުރިހަމަ ވާންޖެހޭ ފުރަތަމަ ޝަރުތަކީ އިޚްލާސްތެރިކަމެވެ. ދުނިޔޭގެ ލޯތަކަށް ނުފެނި މިއަދު އަޅުގަނޑުމެންނަށް ކިތަންމެ ކަމެއް ކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ސިއްރުން ކަމެއް ކުރެވިދާނެތޯއެވެ؟
_____________________________________________
[1] ، [3] ، [4] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖުރާތު – ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި