[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 15 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: وَلا تَقْرَبُوا مَالَ الْيَتِيمِ إِلا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لا نُكَلِّفُ نَفْسًا إِلا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ (الأنعام: ١٥٢)
އަދި ހުއްދަކުރައްވާފައިވާ ހެޔޮގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންއިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.

___________________________________

ޝަރަޙަ

(وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ): އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ!

ﷲތަޢާލާ އަންގަވާފައިމިވަނީ، ވިޔަފާރިވެރީން އެއްޗެހިތައް ވިއްކުމަށް މިނެކިރާއިރު ޢަދުލުވެރިވުމަށެވެ. އެބަހީ މިނެކިރުމުގައި މަކަރުހަދައި އުނިކޮށް ނެހެދުމަށެވެ. މިނުމަކީ މިސާލަކަށް ކޮތަޅަކަށް އެޅުމަށްފަހު ނުވަތަ އެހެންވެސް އެފަދައެއްޗަކަށް އެޅުމަށްފަހު ކިރުމަކާނުލައި ވިއްކުމެވެ. މިސާލަކަށް ފިޔާ ބަސްތާއެއް މިވެނި ވަރަކަށް، އަދި 2 ބަސްތާ އެވެނި ވަރަކަށް ވިއްކުމެވެ. މިގޮތަށް ވިއްކާއިރު ނުކިރާނަމަ އެއީ މިނެގެން ވިއްކުމެވެ. އަދި ކިރައިގެން ވިއްކުމަކީ މިސާލަކަށް ކިލޯކިލޯއިން ވިއްކުމެވެ.

ހަމަމިފަދައިން އަނބުފަދަ އެއްޗެހި ވިއްކާއިރު ހަލާކުވެފައިވާ އަނބުތަކުގެ މަތީގައި ރީތިއަނބުތައް ބެހެއްޓުމަށްފަހު، އެކޮތަޅުގައި ނުވަތަ ޓުކުރީގައިވަނީ މުޅީންވެސް އެފަދަ ރަނގަޅު އަނބުތައް ކަމުގައިބުނެ ވިއްކުންވެސް ހިމެނެނީ މިނެކިރުމުގައި މަކަރުހެދުމުގެ ތެރެއިންނެވެ. ﷲތަޢާލަ ވަޙީކުރައްވާފައިވެއެވެ. وَلا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلا تَعْثَوْا فِي الأرْضِ مُفْسِدِينَ (الشعراء: ١٨٣) “އަދި ތިޔަބައިމީހުން މީސްތަކުންނަށް އެބައިމީހުންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ!”

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. مَرَّ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِرَجُلٍ يَبِيْعُ طَعَامًا فَأَدْخَلَ يَدَهُ فِيْهِ فَإِذَا هُوَ مَغْشُوْشٌ فَقَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَيْسَ مِنَّا مَنْ غَشَّ (رواه ابن ماجه وصححه الألباني) “ކާއެއްޗެހިތަކެއް ވިއްކަން ހުރިމީހެއް ކައިރިން ވަޑައިގަންނަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކާއެއްޗެހީގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅުލެއްވިއެވެ. އެހިނދު މަކަރުހަދައި އޮޅުވާލާފައި ވާކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. (އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. އެމީހާ ހުރީ ރަނގަޅު ރޯކަދުރުތަކެއް، ހަލާކުވެފައިހުރި ރޯކަދުރުގެ މަތީގައި ބަހައްޓާފައެވެ.) ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޮޅުވައި މަކަރުހަދާ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ ބައެއް ނޫނެވެ.” މި ހަދީޘުންވެސް މިކަމުގެ ޚުޠޫރަތްތެރިކަން އެނގިގެން ހިނގައްޖެއެވެ. ހަމަމިއާއެކު ޤުރުއާނުގެ އާޔަތްތަކަށް ބަލައި ތަދައްބުރު ކުރާމީހަކަށްވެސް މިކަމުގެ ޚުޠޫރަތްތެރިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. މިނެކިރުމުގައި މަކަރުހެދުމުގެ ސަބަބުން ﷲތަޢާލާ ޝުޢައިބު ޢަލައިހިއްސަލާމްގެ ޤައުމަށް ޢަޛާބުފޮނުއްވައި ހަލާކުކުރެއްވި ވާހަކަ އެއިލާހުވަނީ ކީރިތިޤުރުއާނުގައި ބަޔާންކުރައްވާފައެވެ. އަދި މިނެކިރުމުގައި މަކަރުހަދާ މީހުންނަށް ހަލާކުހުރިކަންވެސް އެއިލާހު ވަނީ ކީރިތި ޤުރުއާނުގެ މުޠައްފިފީން ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި ބަޔާންކުރައްވާފައެވެ.

 (لا نُكَلِّفُ نَفْسًا إِلا وُسْعَهَا): ތިމަންއިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ.

މީސްތަކުންނަށްވަނީ އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މިނެކިރުމަށް މަސައްކަތްކުރުމެވެ. އޭނާ މިކަމަށް މަސައްކަތްކުރާހާލު، ޤަސްދަކާނުލައި މަދުވާ މިންވަރުގެ ސަބަބުން އޭނައަށް ފާފައެއް ނެތެވެ. އެހެނީ އޭނާވަނީ އެގޮތަށް ވިޔަނުދިނުމަށްޓަކައި އޭނައަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްފައެވެ.

 އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-މިނެކިރުމުގައި ޢަދުލުވެރިވުމަށް މަސައްކުރުމާއެކުވެސް، އެންމެ ޢަދުލުވެރިގޮތުގައި އެކަން ނުކުރެވުމުގެ ސަބަބުން އެމީހާ ފާފަވެރިވާނެތަ؟

2-މިނެކިރުމުގައި މަކަރުހެދުމުގެ ސަބަބުން ހަލާކުކުރައްވާފައިވަނީ ކޮންބައެއް؟

3-ހަލަކުވެފައިހުންނަ އެއްޗިއްސާއި ރަނގަޅު އެއްޗެހި އެއްކުރުމަށްފަހު އެކަން ބަޔާންކޮށްނުދީ ވިއްކުމުގެ ޙުކުމަކީ ކޮބާ؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް