الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ތަރައްޤީ އާއި ތަހުޒީބުގެ ގޮތުން ދުނިޔެ ކުރިއަރަމުން ދާއިރު، އިންސާނުންނަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތުގެ ބޭނުންކޮށް، މިވަނީ ތަފާތު ވައްތަރުގެ އެއްޗެހި އީޖާދުކޮށްފައެވެ. މިއިން ކޮންމެ އެއްޗެއް އުފެއްދި ބަޔަކު އެއެއްޗަކާއެކު، އެ ބޭނުންކުރާގޮތް ކިޔައިދީފައިވާ “ޔޫސަރ މެނުއަލް” އެއް ހިމަނާފައިވެއެވެ. އެހެނީ އެންމެ ރަނގަޅަށް އެއްޗަކާބެހޭ މަޢުލޫމާތު އެނގޭނީ އެއެއްޗެއް އުފެއްދި މީހަކަށްކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން އިންސާނުންނަށް އެންމެ ފައިދާހުރި ރަނގަޅުގޮތް އެންމެ ރަނގަޅަށް އެނގޭނީ އިންސާނުން ޚަލްޤުކުރެއްވި ފަރާތަށެވެ. ﷲ ތަޢާލާއަށެވެ. އެކަލާނގެވަނީ އިންސާނުން އުޅެންވީ މަގު ބަޔާންކޮށް ކީރިތި ޤުރުއާން ބާވާލައްވާފައެވެ. އަދި އެފޮތުގައި ވާއެއްޗެއް ޝަރަޙަ ކޮށްދިމުނުގެގޮތުން މުޙައްމަދު صلى الله عليه وسلم އިސްލާމްދީނުގެ ރިސާލަތާއިގެން ފޮނުއްވަވާފައެވެ. އެހެންކަމުން އިންސާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭނެ އެއްޗަކީ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެވެ. އެއީ އެއެއްޗަކަށް އެންމެހާ އިންސާނުން ފުރިހަމައަށް ތަބާވާންޖެހޭ ދެއެއްޗެވެ.
‘ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
﴿ وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ لَوْ يُطِيعُكُمْ فِي كَثِيرٍ مِنَ الأَمْرِ لَعَنِتُّمْ وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُوْلَئِكَ هُمُ الرَّاشِدُونَ ﴾ (سورة الحجرات ٧)
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރޭގައި ﷲގެ ރަސޫލާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ. ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ދަތިއުނދަގޫކަން ޙާޞިލުވެ ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު ﷲ ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެއީމާންކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ކާފަރުކަމާއި، ފާސިޤުކަމާއި، އެންމެހާ އުރެދުންތަކަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.”
މިއާޔަތުގައި މުއުމިނުންނަށް އަންގަވާފައިވަނީ ނަބިއްޔާ صلى الله عليه وسلم އަށް ލޯތްބާއި އިޙްތިރާމާއެކު ކިޔަމަންވުމަށެވެ. އެއީ އެކަލޭގެފާނަކީ ﷲ ތަޢާލާ ފޮނުއްވެވި ރަސޫލަކަށް ވީތީއެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް އެބައިމީހުން ފުރިހަމައަށް ބޯލަނބަން ޖެހޭނެއެވެ. އަދި އެކަލޭގެފާނު މަނާކުރެއްވި ކޮންމެކަމަކުން ދުރުހެލިވާންޖެހެއެވެ.’ 1
އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިތަކުން ފަރުމާކޮށް، ކޮށާ މަށާފައިވާ ޤާނޫނުތަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ލޯބިކޮށް ކިޔަމަންތެރިވާންޖެހޭނީ އިސްލާމީ ޝަރީޢަތަށެވެ. އަދި އަޅުގަނޑުމެން ނަމޫނާ އަކަށް ބަލަންޖެހޭ ޝަޚްސިއްޔަތަކީ އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ صلى الله عليه وسلم އެވެ.
‘ޤުރުއާނުގައި މީސްތަކުންނަށް އަންގަވާފައިވާ އެންގެވުންތައް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ތަފްސީލުކޮށްދެއެވެ. އަދި އެއީ އިލާހީ އިރުޝާދުގެ ދަށުން އެންމެހާ އިންސާނުންނަށް އެއަށް ތަބާވުމަށްޓަކައި ދައްކަވާފައިވާ ނަމޫނާއެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި އެންމެހާ އިންސާނުންނަށް އަންގަވާފައިވަނީ:
﴿ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ … ﴾ (سورة الأحزاب ٢١)
މާނައީ: “ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. …”
ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމާއެކު ވަޙީ ހުއްޓުނެވެ. އަދި އިސްލާމްދީނުގެ ރިސާލަތުވަނީ ފުރިހަމަވެފައެވެ. ދިރިއުޅުމުގެ ނިޒާމުކަމުގައިވާ އިސްލާމްދީން، އޭގެ އެންމެ ފުރިހަމަގޮތުގައި ނަބިއްޔާ صلى الله عليه وسلم ފޯރުކޮށްދެއްވާފައިވާކަން އަންނަނިވި އާޔަތުން ﷲ ތަޢާލާ ބަޔާންކޮށްދެއްވައެވެ.
﴿ … الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِيناً … ﴾ (سورة المائدة ٣)
މާނައީ: “… މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. …”
ނަބިއްޔާ صلى الله عليه وسلم ދުނިޔެއިން ވަކިވެގެން ދިއުމުގެ ކުރިން އެކަލޭގެފާނުވަނީ އިސްލާމްދީނުގެ ދަޢުވަތު ދުނިޔޭގެ ބާކީ އޮތް ބަޔަށް ފޯރުކޮށްދިނުމަށް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އަމުރުކުރައްވާފައެވެ. އެއްފަހަރެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުން (އިވުނު އެއްޗެއް) ފޯރުކޮށްދޭށެވެ. އެއީ (ޤުރުއާނުގެ) އެންމެ އާޔަތެއް ކަމުގައިވީ ނަމަވެސްއެވެ.” [ صحيح البخاري / كتاب: أحاديث الأنبياء / باب: ما ذكر عن بني إسرائيل / رقم الحديث: ٣٤٦١ ]
…މުއުމިނުންނަށް ލޮބުވެތި އެއްޗެއްކަމުގައި އީމާންކަން ލެއްވުމުގެ އިތުރުން، ﷲ ތަޢާލާވަނީ އެބައިމީހުން ކުފުރަށް ނަފްރަތްތެރިކުރުވާ އެއީމާންކަން ރައްކާތެރިކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ އިރާދަފުޅާއެކު ނުކިޔަމަންތެރިވުމުގެ ހުރިހާކަމަކުން މުއުމިނުން ދުރުހެލިވާނެއެވެ. އެއީ ހަމައެކަނި ﷲ ތަޢާލާގެ ޢަޛާބަށް ބިރުންނެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތުތެރޭގައި އެކަމަށް އޮތް ނަފްރަތެއްގެ ބޮޑުކަމުންނެވެ. އީމާންކަމުގެ ތެރޭގައި ހިމެނޭ މި ލޯތްބާއި ނަފްރަތާއި މެދު ނަބިއްޔާ صلى الله عليه وسلم އިތުރަށް ޙަދީޘްކުރައްވާފައިވެއެވެ. “އެއްވެސް މީހަކު ﷲ އަށްޓަކައި ލޯބިވެއްޖެނަމަ، އަދި ﷲ އަށްޓަކައި ނަފްރަތުކޮށްފިނަމަ، އަދި ﷲ އަށްޓަކައި ދީފިނަމަ، އަދި ﷲ އަށްޓަކައި ހިފަހައްޓައިފިނަމަ، އޭނާގެ އީމާންކަން ފުރިހަމަވެއްޖެއެވެ.” [ رواه أبو داود في السنن / كتاب : السنة / باب: الدليل على الزيادة والنقصان / رقم الحديث : ٤٦٥٢ وصححه الألباني في السلسلة الصحيحة: ٣٨۰]‘ 2
އިސްލާމީ ޝަރީޢަތާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތް ތަހުޒީބުކޮށް އަދުގެ ދުނިޔަވީ ޤާނޫނުތަކާއި “ރިސޮލިއުޝަން”ތަކާއި ބަޔާންތަކާއި އެއްގޮތަށް ބައްޓަން ކުރުވުމަށް މިއަދުގެ މުޖުތަމަޢުތަކުގައި އަޑު އުފުލެމުންދެއެވެ. މިބައިމީހުންގެ ހަވާނަފުސުތަކާއި އެއްގޮތަށް އިސްލާމީ ޝަރީޢަތް ބައްޓަންކުރަންވެއްޖެނަމަ އިސާހިތަކު މުޖުތަމަޢުގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލޭތަން ފެންނާނެއެވެ. އެކަމުގެ ހެއްކަކަށް “ޑިމޮކްރަސީ” އޭ ކިޔާފައި އަޅުގަނޑުމެންގެ ރާއްޖެއަށް މިގެނެވުނު ނިޒާމުވެސް ފުދެއެވެ. އިސްލާމީ ޝަރީޢަތާއި ދުރަށް އަޅުގަނޑުމެންނަށް މިފެށުނު ދަތުރުގެ ހިތިކަން އެންމެހާ ދިވެހިން މިއަދު މިދަނީ ތަޙައްމަލުކުރަމުންނެވެ.
____________________________________________
[1] ، [2] އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕުކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖްރާތު- ބިލާލް ފިލިޕްސް) މިފޮތުން ނަގާފައި