الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
السيدގެ މާނަ:
އަރަބި ބަހުގައި
السيد ގެ ލަފުޒީ މާނައަކީ ބޮޑު ޖަމާޢަތެއްގެ މައްޗަށް ވެރިކަންކުރާމީހާއެވެ. އަދި ނަފްސު ތަހުޒީބު ކޮށްފައިވާ މާތް މީހުންނަށްވެސް އެފަދައިން މުޚާޠަބު ކުރެވެއެވެ.[1]
السيد މިކަލިމައަށް نا ގުޅާލުމަށްފަހު سيدنا އޭ ބުނުމުން އޭގެން ދޭހަވާ މާނައަކީ އަހަރުމެންގެ ވެރިޔާ ނުވަތަ މާތް މީހާއެވެ.
السيد އަކީ ﷲ ތަޢާލާގެ އިސްމުފުޅެއް
السيد އަކީ ﷲ ތަޢާލާއަށް ނިސްބަތްކުރުން ޞައްޙަކޮށް ސާބިތުވެފައިވާ އިސްމުފުޅެކެވެ. މިއިސްމުފުޅު އަންނަނިވި ޙަދީޘްގައި ވާރިދުވެފައިވެއެވެ.
(صحيح) عَنْ مُطَرِّفٍ قَالَ: قَالَ أَبِي: انْطَلَقْتُ فِي وَفْدِ بَنِي عَامِرٍ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْنَا: أَنْتَ سَيِّدُنَا، فَقَالَ: (السَّيِّدُ اللَّهُ) ، قُلْنَا: وَأَفْضَلُنَا فَضْلًا وَأَعْظَمُنَا طَوْلًا، فَقَالَ: (قُولُوا بِقَوْلِكُمْ أَوْ بَعْضِ قَوْلِكُمْ، وَلَا يَسْتَجْرِيَنَّكُمْ الشَّيْطَانُ).[2]
މުޠައްރިފްގެ ބައްޕާފުޅު ވިދާޅުވިކަމަށް އެކަލޭގެފާނު ރިވާކުރެއްވިއެވެ. ބަނޫ އާމިރުގެ ވަފްދާއިއެކު رسول الله صلى الله عليه وسلم އަރިހަށް ތިމަން ދިޔައީމެވެ. ފަހެ ތިމަންނާމެން އެކަލޭގެފާނަށް ދެންނެވީމެވެ. ( އަހަރުމެންގެ ސައްޔިދަކީ ތީއެވެ ). ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ( السيد އެއީ ﷲ އެވެ). ތިމަންނާމެން ދެންނެވީމެވެ. އަހުރުމެންގެ ތެރެއިން އެންމެ މާތް އަދި ދީލަތިކަމުގައި އެންމެ މަތިވެރީ ކަލޭގެފާނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. (ތިޔަބައިމީހުން [ގެ މިއްލަތުގެ މީހުން] ބުނާ ގޮތަށް ބުނާށެވެ.[އެބަހީ: ރަސޫލާ ނުވަތަ ނަބިއްޔާ މިފަދައިން ބުނާށެވެ.] ނުވަތަ އޭގެ ތެރެއިން ބައެއް ބަސްތައް ބުނާށެވެ.[އެބަހީ: ވާހަކަ ކުރުކުރާށެވެ.] ދެން ފަހެ ޝައިތާނާ ތިޔަބައިމީހުން [އޭނާގެ ފިޔަވަޅުތައްމަތީ] ހިނގުމަށް މެދުވެރި ނުކުރާށެވެ.)”[3]
މިޙަދީޘް ނިންމަވާލައްވަމުން އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ އެކަލޭގެފާނަށް ޘަނާ ކިޔުމުގައި ހައްދު ފަހަނަ އަޅާ ނުދިޔުމަށެވެ. އަދި ޙަޤީޤީ މާނާގައި السيد ބޭނުންކުރެވެނީ ހަމައެކަނި ﷲ ތަޢާލާއަށްކަމެވެ.
ﷲ ތަޢާލާއަށް ނިސްބަތްކޮށް السيد އޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ އެއިލާހީ މީސްތަކުންގެ ވެރި އިލާހުކަމެވެ. އަދި އެއިލާހީ ހުރިހާ މަޚްލޫގުންތައް އެއިލާހަށް ބޭނުންޖެހިފައިވާ އަދި އެއްވެސް މަޚުލޫގަކަށް ބޭނުން ވެވޮޑިގެންނުވާ އިލާހެވެ. އަދި ހުރިހާ ކަމެއް ނިޔާކުރުންވަނީ އެއިލާހު އަތްޕުޅުގައެވެ.[4]
ނަމާދުން ބޭރުގައާއި ވާރިދުވެފައިވާ ޛިކުރުތައް ކިޔާއިރު ނޫން އެހެނިހެން ހާލަތްތަކުގައި ނަބިއްޔާ صلى الله عليه وسلمއަށް سيدناމިލަފުޒު ނިސްބަތްކުރުން:
އިސްވެބަޔާންވެދިޔަ ޙަދީޘްގެ އަލީގައި سيدنا މިޢިބާރާތް ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ބޭނުން ނުކުރުން އެއީ އައުލާވެގެން(އެދެވިގެން) ވާ ގޮތްކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ.[5]
ނަމަވެސް އެކަން އެއީ ހުއްދަކަމެއް ކަމުގައި ދަލާލަތު ކުރާ ގިނަ ދަލީލުތަކެއް ހުރުމުން، ނަމާދުގައާއި އަދި ޝަރުޢީ ގޮތުން ވާރިދުވެފައިވާ ޒިކުރުތައް ކިޔާއިރު ނޫން އެހެނިހެން ހާލަތްތަކުގައި އެ ޢިބާރާތް ބޭނުން ކުރުން އެއީ ހުއްދަކަމެއް ކަމުގައި ވިދާޅުވެފައިވާ ޢިލްމުވެރީންގެ ބަސްފުޅުގައި ނުހަނު ބުރަދަން އެބަހުއްޓެވެ.[6]
މިކަން ހުއްދަ ކަމަށް ދޭހަވާ ބައެއް ދަލީލުތައް:
(صحيح) عن أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ)[7]
“އަބޫ ހުރައިރާ (رضي الله عنه) ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. (ޤިޔާމަތްދުވަހު އާދަމުގެ ދަރީންގެ ސައްޔިދަކީ ތިމަންކަލޭގެފާނެވެ).”
(صحيح) ހަސަނުގެފާނު (رضي الله عنه) އާއި ބެހޭގޮތުން رسول الله صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. (إنَّ ابْنِيْ هَذَا سَيَّدٌ…)[8]
“ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މިދަރިކަލުންނަކީ ސައްޔިދެކެވެ.”
(صحيح) އަދި ބަނޫ ޤުރައިޡާގެ މީހުންގެ މައްޗަށް ޙުކުމްކުރުމަށް ސަޢްދު އިބުނު މުޢާޛު (رضي الله عنه) ގެނެވުމުން رسول الله صلى الله عليه وسلم ޙަދީޘްފުޅުކެއްވިއެވެ. (قُومُوا إلَى سَيِّدِكُمْ)[9]
“ތިޔަބައިމީހުންގެ ސައްޔިދަށް [އެހީތެރިވުމަށް] ތެދުވާށެވެ.”
ނަމާދުގެ އައްތަޙިއްޔާތުގައި ޞަލަވާތް ކިޔާ އިރު سيدناމިލަފުޒު ހިމަނައިގެން ކިޔުން:
ނަމާދުގައި އައްތަޙިއްޔާތު ކިޔަން ސާބިތުވެފައިވާ ގޮތް
ނަމާދުގެ އައްތަޙިޔާތާގައި ކިޔުމަށް ގިނަގުނަ ޞީޣާތަކެއް ސާބިތުވެފައިވެއެވެ. މިގޮތުން މިލިޔުމުގައި މިޛިކުރުކޮށްލަނީ މިތަނުން އެއް ޞީޣާއެވެ.
ފުރަތަމަ އައްތަޙިއްޔާތު
ނަމާދެގެ ފުރަތަމަ އައްތަޙިއްޔާތު އެކުލެވިގެންވަނީ ދެއެއްޗެއް ކިޔުމުގެ މައްޗަށެވެ. އެއީ:
1 التشهد ކިޔުން
2 رسول الله صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ކިޔެވުން(ފުރަތަމަ އައްތަޙިއްޔާތުގައި ޞަލަވާތް ކިޔުން އެއީ މުސްތަޙައްބު ކަމެކެވެ).
التشهد ގެ ޞީޣާއެއް
اَلتَّحِيَّاتُ للهِ وَالصَّلَوَاتُ وَالطَّـيِّباَتُ السَّلاَمُ عَلَيْكَ أَيُّهاَ النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ السَّلاَمُ عَلَيْناَ وَعَلَىٰ عِباَدِ اللهِ الصَّالِحِيْنَ. أَشْهَدُ أَن لاَّ إِلٰهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ[10]
ސަލަވާތްގެ ޞީޣާއެއް
اَللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَماَ صَلَّيْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ. اَللَّهُمَّ باَرِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَماَ باَرَكْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْم إِنَّكَ حَمِيْدٌ مَجِيْدٌ.[11]
މިގޮތުން ފުރަތަމަ އައްތަޙިއްޔާތުގައި التشهد އާއި ސަލަވާތްކިޔެވުމުން ފުރަތަމަ އައްތަޙިއްޔާތު ފުރިހަމަވީއެވެ.
ދެވަނަ އައްތަޙިއްޔާތު
ނަމާދެގެ ދެވަނަ އައްތަޙިއްޔާތު އެކުލެވިގެންވަނީ 4 އެއްޗެއް ކިޔުމުގެ މައްޗަށެވެ. އެއީ:
1 التشهد
2 رسول الله صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ކިޔެވުން
3 ހަތަރުކަމުން ރައްކާތެރިކަމަށް އެދުން
4 ދުޢާކުރުން
މިގޮތުން ދެވަނަ އައްތަޙިއްޔާތުގައި މަތީގައި ޒިކުރުކުރެވިފައިވާ التشهد އާއި ސަލަވާތް ކިޔެވުމަށްފަހު، ހަތަރުކަމުން ރައްކާތެރިކަމަށް އެދުމާއި އެކު ދުޢާކުރުމުން ދެވަނަ އައްތަޙިއްޔާތު ފުރިހަމަ ވީއެވެ.
ހަތަރުކަމުން ރައްކާތެރިކަމަށް އެދޭ ޞީޣާއެއް
اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَعَذَابِ النار وَفِتْنَةِ الْمَحْياَ وَالْمَماَتِ وَشَرِّ الْمَسِيْحِ الدَّجَّالِ.[12]
ދުޢާގެ ޞީޣާއެއް
اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْماً كَثِيْرًا وَلاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ فَاغْفِرْ لِيْ مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ.[13]
ނަމާދުގައި ޞަލަވާތްކިޔާ އިރު سيدنا މިޢިބާރާތް އިތުރުކޮށްގެން ކިޔުން
ޙަދީޘްފޮތްތަކުގައި رسول الله صلى الله عليه وسلم އަރިހުން އިބްރާހިމީ ޞަލަވާތް ޒިކުރުކެރެވިފައިވާއިރު، سيدنا މިލަފުޒު ވާރިދެވެގެން އައިސްފައި ނުވެއެވެ.
އައްތަޙިއްޔާތުގައި رسول الله صلى الله عليه وسلم މައްޗަށް ޞަލަވާތްކިޔާއިރު، سيدنا އިތުރުކުރައްވާ ބޭފުޅުން ޞަލަވާތްކިޔާގޮތުގެ މިޘާލުތިރީގައި އެވަނީ އެވެ.
اَللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُوْلِكَ النَّبِيُّ الأُمِّيِّ وَعَلَىٰ آلِ سَيِّدِنَا مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَماَ صَلَّيْتَ عَلَىٰ سَيِّدِنَا إِبْرَاهِيْمَ وَعَلَىٰ آلِ سَيِّدِنَا إِبْرَاهِيْمَ فِي العَالمَِيْنَ إِنَّكَ حَمِيْدٌ مَجِيْدٌ. وَبَارِكْ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ آلِ سَيِّدِنَا مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَماَ بَارَكْتَ عَلَىٰ سَيِّدِنَا إِبْرَاهِيْمَ وَعَلَىٰ آلِ سَيِّدِنَا إِبْرَاهِيْمَ فِي العَالمَِيْنَ إِنَّكَ حَمِيْدٌ مَجِيْدٌ.
މިގޮތަށް ނަމާދުގައި رسول الله صلى الله عليه وسلم މައްޗަށް ޞަލަވާތްކިޔާއިރު سيدنا އިތުރުކޮށްގެން ކިޔުމުގެ ޙުކުމާއި ބެހޭގޮތުން ޢިލްމުވެރީންގެ މެދުގައި ދެރައުޔެއްވެއެވެ.
1 މިކަމަކީ އެދެވިގެންވާ މުސްތަޙައްބު ކަމެކެވެ. (މިގޮތައް ވިދާޅުވެފައިވަނީ ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބާއި އަދި ޝާފިޢީ މަޛްހަބުގެ ފަހުގެ ބައެއް ޢިލްމުވެރީންނެވެ.)[14]
2 މިކަމަކީ ޝަރުޢުކުރެވިގެންވާ ކަމެއްކަމށާއި އަދި ކުރުން ހުއްދެވެގެންވާ ކަމެއްނޫނުވެ. ( މިއީ މިމައްސަލަ ތަޙުޤީޤު ކުރައްވާފައިވާ ކުރީގެއާއި ފަހުގެ ޢިލްމުވެރިންގެ ބަހެވެ. މިބޭފުޅުންގެ ތެރޭގައި އަލްޙާފިޒު އިބުނު ޙަޖަރާއި ފަޟީލަތުއްޝައިޙް މުޙައްމަދު ބުން ޞާލިހުން ޢުޘެއިމީނުއާއި ފަޟީލަތުއްޝައިޙް ބަކުރު އަބޫ ޒައިދުއާއި އަދި ފަޟީލަތުއްޝައިޙް ނާޞިރުއްދީން އަލްއަލްބާނީ ހިމެނެއެވެ.)[15]
މިކަމަކީ އެދެވިގެންވާ ކަމެކޭ ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް
1 (ضعيف) حدثنا الحسن بن بيان حدثنا زياد بن عبد الله حدثنا المسعودي عن عون بن عبد الله عن أبي فاختة عن الأسود بن يزيد
عن عبد الله بن مسعود قال : – إذا صَلَّيْتُمْ عَلَى رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمْ فَأَحْسِنُوْا الصَّلاَةَ عَلَيْهِ . فَإِنَّكُمْ لا تَدْرُونَ لَعَلَّ ذَلِكَ يُعْرَضُ عَلَيْهِ . قَالَ: فَقالوا لَهُ :فَعَلِّمْنَا . قَالَ قُولُوا: (اللهُمَّ اجْعَلْ صَلاَتَكَ وَرَحْمَتَكَ وَبَرَكَاتَكَ عَلَى سَيِّدِ المُرْسَلِيْنَ وَإِمَامِ المُتَّقِيْنَ وخَاتَمِ النَّبِيِّيْنَ محمد…)
“އަބްދުﷲ އިބުނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ތިޔަބައިމީހުން رسول الله صلى الله عليه وسلم މައްޗަށް ޞަލަވާތްކިޔާހިނދު، ފަހެ އެކަލޭގެފާނުގެ މައްޗަށް އެންމެ ފުރިހަމަ ގޮތުހައި ޞަލަވާތް ކިޔާށެވެ. ފަހަރުގައި އެކަލޭގެފާނަށް އެޞަލަވާތްތައް ހުށަހަޅާ ލެވޭކަންވެސް ފަހެ ހަމަކަށަވަރުން ތިޔަބޭކަލުންނަށް އިނގިވަޑައިނުގަންނަވާ ނޫންތޯއެވެ. ދެން އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ފަހެ އަޅުގަނޑުމެންނަށް (އެކަން ކުރަންވީ ގޮތް) އުނގަންނަވާ ދެއްވާށެވެ.
ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބޭކަލުން ވިދާޅުވާށެވެ. ( އޭﷲ! ރަސޫލު ބޭކަލުންގެ ސައްޔިދު އަދި ތަޤްވާވެރީންގެ އިމާމު އަދި ނަބީކަން ޚަތިމުކުރެއްވި މުޙައްމުދު ގެފާނަށް އިބަރަސްކަލާނގެ ޞަލަވާތާއި ރަޙްމަތާއި ބަރަކާތް ލައްވާށިއެވެ…”
މި އަޘަރުގައި އަބްދުﷲ އިބުނު މަސްޢޫދު رضي الله عنه ޞަލަވާތްކިޔަން އުނގަންނަވައި ދެއްވިއިރު “ރަސޫލު ބޭކަލުންގެ ސައްޔިދު” މިފަދައިން ވިދާޅުވެފައިވާތީ މިކަމަކީ ހުއްދަ ކަމެއްކަމުގައި މިބޭފުޅުން މިއަޘަރުން އިސްތިދުލާލުކުރެއްވީއެވެ.
ނަމަވެސް މިއަޘަރަށް ޖަވާބުދާރީ ވެވެނީ މިއަޘަރަކީ ޞައްޙަ އަޘަރެއް ނޫންކަމަށެވެ. އެހެނީ މިއަޘަރުގެ ސަނަދުގައިވާ المسعودي އަކީ އޭނާގެ އުމުރުގެ ފަހުކޮޅުގައި އޭނާ ރިވާކޮށްއުޅުނު ޙަދީޘްތައް އޮޅުން އަރާފައިވާ ބޭކަލެކެވެ.
ނަމަވެސް ފަހުގެ ބައެއް ޢިލްމުވެރީން މިއަޘަރާއި އަދި އިބްނު އުމަރު رضي الله عنهما ގެ ކިބައިން ވާރިދުވެފައިވާ މިމާނަ ދޭހަވާ އަޘަރުގެ ސަނަދުތައް އެއްކުރައްވާފައި މިއަޘަރަކީ ޙަސަން ދަރަޖައިގެ އަޘަރައެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.
2 رسول الله صلى الله عليه وسلم ގެ ނަންފުޅުގެ ކުރިއަށް سيدنا ލުމަކީ އެކަލޭގެފާނަށް އިޙްތިރާމް އަދާ ކުރުމާއި އަދަބުވެރިވުމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީއެވެ. އަދި އެކަލޭގެފާނަކީ އާދަމުގެ ދަރީންގެ ތެރެއިން ސައްޔިދު ކަންސާބިތުވެފައިވާތީއެވެ. އަދި رسول الله صلى الله عليه وسلم އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަންވީގޮތް ޞަޙާބީބޭކަލުންނަށް އުނގަންނަވާ ދެއްވި އިރު އެކަލޭގެފާނުގެ ނަންފުޅުގެ ކުރީގައި ކިޔުމަށް އިރުޝާދު ނުދެއްވީ އެކަލޭގެފާނުގެ ތަވާޟުޢު ވެރިކަމުން (ބޮޑާ ކަމުގެ އިދިކޮޅު ސިފަ) ކަމުގައިވުންއެކަށީގެންވެއެވެ. ބައެއް ކަންކަމުގައި އެކަލޭގެފާނު ތަވާޟުޢު ވެރިކަމާއި ހިތްތިރިކަމުން ނުކުރުމަށް އަމުރުކުރައްވައެވެ. އެފަދަ ކަންކަމުގައި އަދަބު ވެރިވުން އެއަމުރަށް ތަބާ ވުމަށް ވުރެއް އައުލާ ކަންބޮޑެވެ.[16]
މިދަލީލަށް ޖަވާބުދާރީ ވެވެނީ މިއުންމަތަށް އުނގަންނައި ދިނުން ލާޒިމު އެއްޗެއް رسول الله صلى الله عليه وسلم ދޫކުރައްވާފައި ނުވާކަމަށް ޙަދީޘްއިން ޘާބިތުވެފައިވާތީއެވެ.
(صحيح)..إِنَّهُ لَمْ يَكُنْ نَبِىٌّ قَبْلِى إِلاَّ كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى خَيْرِ مَا يَعْلَمُهُ لَهُمْ وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ…
ތިމަންކަލޭގެފާނުގެ ކުރީން ވަޑައިގެންނެވި ކޮންމެ ނަބީ ބޭކަލެއްވެސް އެބޭކަލެއްގެ އުންމަތުގެ މީހުންނަށް ހެޔޮވެގެންވާ ކަމެއް ކަމަށް އެބޭކަލަކަށް އިނގިފައިވާ ކަންކަމަށް މަގު ދެއްކުން އެއީ އެބޭކަލެއްގެ މައްޗަށް އޮތް ޙަތްގެއްކަމުގައިވިއެވެ. އަދި އެބައިމީހުންނަށް ނުބައި ކަމެއް ކަން އެބޭކަލަކަށް އިނގިވަޑައިގެންވާ ކަމަކުން އިންޒާރު ދިނުންވެސް [އެބޭކަލެއްގެ މައްޗަށް ވާ ޙައްގެއް ކަމުގައިވިއެވެ.][17]
މިކަމަކީ ޝަރުޢުކުރެވިގެންވާ ކަމެއްނޫންކަމަށާއި އަދި ކުރުން ހުއްދެވެގެންވާ ކަމެއްވެސް ނޫން ކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލުތައް
1 ގިނަ ޞަޙާބީ ބޭކަލުން رسول الله صلى الله عليه وسلمގެ އަރިހުން އިބްރާހިމީ ޞަލަވާތް ރިވާކުރެއްވިއިރު އެއްވެސް ޞީޣާއެއްގައި سيدنا މިލަފުޒުވާރިދުވެފައި ނުވުއެވެ. އަދި ޝަހާދަތުގެ ދެކަލިމަ ވާރިދުވެފައިވާ ޙަދީޘްތަކާއި އަދި ބަންގިއާއި ގުޅުން ހުރި ޙަދީޘް ތަކުގައިވެސް އެއްވެސް ގޮތަކަށް މިލަފުޒު رسول الله صلى الله عليه وسلمގެ ނަންފުޅާއި އެކު ގެނެވިފައި ނުވެއެވެ.
2 އެއްވެސް ޞަޙާބީ ބޭކަލެއް އަދި ތާބިޢީ ބޭކަލެއްގެ އަރިހުން އެބޭކަލުން މިފަދައިން ކަންތައް ކުރެއްވިކަން ޘާބިތުވެފައި ނުވެއެވެ. (މިބޭފުޅުންގެ އަރިހުގައި އިސްވެ ބަޔާންވެ ދިޔަ އިބްނު މަސްޢޫދުގެ އަޘަރަކީ ޘާބިތު ނުވާ ބަލިކަށި އަޘަރެކެވެ.)
3 رسول الله صلى الله عليه وسلمގެ އަރިހުން ވާރިދުވެފައިވާ ޛިކުރުތަކަކީ ތައުޤީފީ (ވަޙީގެ ޒަރީއާއިން އެނގޭ)ކަމެކެވެ. މިގޮތުން މިފަދައިން ޚާއްޞަކަންކަމަށް ވާރިދުވެފައިވާ ޛިކުރުތަކަށް އެއްވެސް މީހަކަށް އުނިއިތުރު ކުރުން ހުއްދަވެގެން ނުވެއެވެ.
މައްސަލައިގެ ރާޖިހު
މިމައްސަލައިގެ އެންމެ ބުރަދަން ހުރި ރާޖިހު ޤައުލަކީ އިބްރާހިމީ ޞަލަވާތް ކިޔަވާ އިރު سيدنا މި ލަފުޒު އިތުރުކޮށްގެން ކިޔުމީ ޝަރުޢުކުރެވިގެންވާކަމެއް ނޫންކަމަށާ އަދި ކުރުން ހުއްދެވެގެންވާކަމެއް ނޫންކަމަށެވެ. (ނަމަވެސް އަބްދު ﷲ އިބްނު މަސްއޫދުގެ އަޘަރަކީ ޞައްޙަ އެއްޗެއްކަމުގައި ބުރަވެވޭނަމަ އެއަޡަރުގައި ވާގޮތަށް އައްތަޙިއްޔާތު ކިޔުމާދޭތެރޭ ބުނެވޭނީ އެއަށްވެރުއް ޞައްޙަކޮށް رسول الله صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިހުރި ލަފުޒުތައް ކިޔުން އައުލާ ކަންބޮޑުކަމަށެވެ.)
ޚުލާޞާ:
1السيد އަކީ ﷲ ތަޢާލާގެ އިސްމުފުޅެކެވެ.
2 ނަމާދުގައާއި އަދި ޝަރުޢީ ގޮތުން ވާރިދުވެފައިވާ ޒިކުރުތަށްކިޔާއިރުނޫން އެހެނިހެން ހާލަތްތަކުގައި رسول الله صلى الله عليه وسلم ނިސްބަތްކޮށް سيدنا މިޢިބާރާތް ބޭނުން ކުރުން އެއީ ހުއްދަކަމެކެވެ. އެއީ އެކަމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘްތައް ވާރިދުވެފައިވާތީއެވެ. މިމައްސަލާގައި މިފަދައިން ބުރަވެވަޑައިންނަވާ ޢިލްމުވެރީންގެ ތެރޭގައި އަލްޙާފިޒު އައްސަޚާވީ (رحمه الله) ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް މިއީ ލާޒިމުކަމެއް ނޫނެވެ. އަދި މިގޮތަށް ނުކިޔައިފި މީހަކީ އެކަލޭގެފާނަށް އިޙްތިރާމު ނުކުރާ މީހެކޭވެސް ނުބުނެވޭނެއެވެ. އެހެނީ ޞަޙާބީ ބޭކަލުންވެސް رسول الله صلى الله عليه وسلم އަށް ނިސްބަތްކޮށް ވާހަކަ ފުޅު ދައްކަވާއިރު “ސައްޔިދުނާ رسول الله صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ” މިފަދައިން ވިދާޅު ނުވާތީއެވެ.[18]
3 ނަމާދުގައާއި އަދި ޝަރުޢީ ގޮތުން ވާރިދުވެފައިވާ ޒިކުރުތަށް ކިޔާއިރު رسول الله صلى الله عليه وسلم ނިސްބަތްކޮށް سيدنا މިޢިބާރާތް ބޭނުން ކުރުން އެއީ ހުއްދަކަމެއްނޫނެވެ. އެއީ މިކަމަށް ދަލާލަތު ކުރާ ޞައްޙަ ޙަދީޘެއް ނެތުމާއި އަޅުކަމުގައި ބޭނުން ކުރެވޭ ޢިބާރާތްތަކީ توقيفي (ދަލީލެއް ލިބެން ދެން ވާރިދެވެފައިވާ މިންވަރުގައި ބާއްވަން ޖެޙޭ) އެއްޗަކަށްވާތީ އަދި رسول الله صلى الله عليه وسلم މިއުންމަތަށް އެންމެ ފައިދާ ހުރި އެންމެ މޮޅު ގޮތަށް މިކަން އުނގަންނަވާދެއްފައިވާއިރު މިކަން ހިމެނުއްވާފައި ނުވާތީ އެވެ.
މިމައްސަލާގައި މިފަދައިން ބުރަވެވަޑައިގަންނަވާ ބައެއް ޢިލްމުވެރީންނަކީ އަލްޙާފިޒު އިބުނު ޙަޖަރު އަދި ފަޟީލަތުއް ޝައިޚު ނާސިރުއްދީން އަލްއަލްބާނީ ފަޟީލަތުއް ޝައިޚު މުޙައްމަދު އިބްނު ޞާލިހުލް އުޘެއިމީން އަދި ފަޟީލަތުއް ޝައިޚު ބަކުރު އަބޫ ޒައިދު (رحمهم الله)އެވެ.
والله تعالى أعلم
__________________________________________________
[1] ބައްލަވާ مفردات ألفاظ القران للأصفهاني / ص 432 / طبعة: دار القلم
[2] رواه أبو داود في السنن / كتاب الأدب / باب: في كراهية التمادح / رقم: 4806 وصححه الألباني في صحيح أبي داود وصحح إسناده شعيب الأرناووط ومحمد كمال في تحقيق السنن
[3] ބައްލަވާ معالم السنن للخطابي / مجلد 4 / ص 112 / طبعة: محمد الراغب
[4] ބައްލަވާ فقه الأسماء الحسنى د.عبدالرزاق / ص 385-386
[5] ބައްލަވާ سنن أبي داود تحقيق شعيب أرناووط ومحمد كمال / مجلد 7 / ص 184 / طبعة: دار الرسالة العالمية
[6] ބައްލަވާ القول البديع للسخاوي الشافعي/ ص 107 / طبعة: دار الريان للتراث
[7] صحيح مسلم / كتاب الفضائل / باب: تفضيل النبي صلى الله عليه وسلم… / حديث رقم: 5899
[8] صحيح البخاري / كتاب الصلح / باب:قول النبي صلى الله عليه وسلم لحسن بن على … / حديث رقم: 2704
[9] صحيح البخاري / كتاب: الجهاد والسير / باب: إذا نزل العدو على حكم رجل / حديث رقم: 3043
[10] صحيح البخاري / كتاب: الأذان / باب: التشهد في الآخرة / حديث رقم:83 1
[11] صحيح البخاري / كتاب: أحاديث الأنبياء / باب: … / حديث رقم:3370
[12] صحيح مسلم/ كتاب: المساجد / باب: ما يستعاذ منه في الصلاة / رقم الحديث: 1327
[13] صحيح البخاري / كتاب: الأذان / باب: الدعاء قبل السلام / حديث رقم:834
[14] الموسوعة الفقهية الكويتية / مجلد: 11 / ص:346 / طبعة: وزارة الأوقاف والشؤون الإسلامية
[15] ބައްލަވާ معجم المناهي اللفظية / ص 304-306 / طبعة: دار العاصمة
[16] نيل الأوطار للشوكانى / مجلد : 4 / ص : 379-380 / طبعة: دار ابن الجوزي
[17] صحيح مسلم / كتاب: الإمارة / باب: الوفاء ببيعة الخلفاء/ رقم الحديث: 1844
[18] ބައްލަވާ الشرح الممتع لعثيمين / مجلد: 5 / ص 143 /طبعة: دار ابن الجوزي