[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (1)

 

އިސްލާމްދީނަކީ، އެދީނެއްގައި އިންސާނުންގެ ދިރުއުޅުމާބެހޭ އެންމެހާ މަސްއަލަތަކަށް އަލިއަޅުވާލެވިފައިވާ، އެންމެހާ ކަމެއްގައި ޙައްޤަކީ ކޮބައިކަމާއި ބާޠިލަކީ ކޮބައިކަން ފަރަޤުކުރައްވާފައިވާ ދީނެކެވެ. މިދީނުގައި އިންސާނުންގެ ދުނިޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ކާމިޔާބުކުރެވޭނެގޮތުގެ އެންމެހާ މަސްއަލަތަކަށް އަލިއަޅުވާލައިފައިވެއެވެ. މިގޮތުން އިންސާނާއަކީ އޭނާ ދިރިހުރުމަށްޓަކައި ކެއުމަށް ބޭނުންވާނެމީހެކެވެ. ކާބޯތަކެއްޗަކީ އިންސާނާގެ ޙަޔާތުގެ މުހިއްމުބައެއް އަދާކުރާ ތަކެއްޗެކެވެ. މިގޮތުން، އިންސާނާ ދިރިހުރުމަށްޓަކައާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކާބޯތަކެއްޗަށް ބޭނުންވެއެވެ. އެބައިމީހުން ޚަލްޤުކުރެއްވި ކުޅަދުންވަންތަ، ޙިކުމަތްތެރި ފަރާތުން ވަނީ އެބައިމީހުންނަށްޓަކައި ތަފާތުވައްތަރުގެ ކާބޯތަކެތި ލައްވާފައެވެ.

ނަމަވެސް ވިސްނާލަންޖެހޭ މުހިއްމު ނުކުތާއަކީ، ކާބޯތަކެއްޗަކީ، އޭގެ އަސަރު އިންސާނާއަށް ޖިސްމާނީގޮތުންނާއި ރޫޙާނީގޮތުން ކުރުވާ ތަކެއްޗެކެވެ. އިންސާނާ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗަކީ ރަނގަޅު، ފައިދާހުރި، ޙަލާލުތަކެތިކަމުގައިވެއްޖެނަމަ އޭގެ ފައިދާ އިންސާނާގެ ހަށިގަނޑަށް ކުރެއެވެ. ޖިސްމާނީގޮތުން ބަލާލައިފިކަމުގައިވާނަމަ، ހަށިގަނޑު ދުޅަހެޔޮވެ، ބަލިތަކުން ރައްކާތެރިވެ، ހަށިގަނޑަށް މުރާލިކަމާއި ބާރުލިބި، އޭނާގެ ކިބައިން އުފެދިގެން އަންނަ ދަރިފަސްކޮޅަކީ ދުޅަހެޔޮ، ޞިއްޙަތުރަނގަޅު ދަރިފަސްކޮޅަކަށްވެއެވެ. އަދި ރޫޙާނީގޮތުން ތިމާގެ ހިތްއަލިވެ، އީމާންކަމުގެ ނޫރު ގަދަވެ، ފާސިޤުކަމާއި، ނޭއްގާނީކަމާއި، ގަދައަށް ރުޅިއައުންފަދަ ރޫޙާނީގޮތުންޖެހޭ ބަލިތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ. އަދި އެއީ ތިމާގެ ދުޢާއިޖާބަވުމުގެ ސަބަބެއްކަމުގައިވެސް ވެދެއެވެ. މިއާއިޚިލާފަށް ކާބޯތަކެތިކަމުގައި ޙަރާމްތަކެއްޗާއި، ގެއްލުންދެނިވި މަސްތުވާތަކެތި ފަދަ ނުބައިތަކެތި ވެއްޖެނަމަ، މީހާގެ ހަށިގަނޑު ބަލިކަށިވެ، އެތައް ބަލިތަކެއްގެ ޝިކާރައަކަށްވެ، ކަންނެތްކަމާއި، ލޮޑުކަން ހަށިގަނޑަށް ގެނުވައެވެ. އަދި ރޫޙާނީގޮތުން ހިތްހަރުވެ، އީމާންކަމުގެ ނޫރު ފަނޑުވެގެންދެއެވެ. އަދި ފާސިޤުކަމާއި، ރުޅި ހަށިގަނޑަށް ވެރިވެގަނެއެވެ. އަދި އަޚްލާޤީގޮތުން މީހާ ދަށު ދަރަޖައަކަށް ގެންދެއެވެ.

ކަންމިހެންހުރިއިރު، އިންސާނާއަށް މުހިއްމުވެގެންވާ އެއްކަމަކީ، އޭނާއަށް ފައިދާހުރި ކާބޯތަކެއްޗަކީ ކޮބައިކަމާއި، ރަނގަޅުނޫން ތަކެއްޗަކީ ކޮބައިކަން ދެނެގަތުމެވެ. އެގޮތުން އެބައިމީހުން ހެއްދެވި މަތިވެރިވަންތަ، އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ، ޙިކުމަތްވަންތަ އިލާހުވަނީ އެބައިމީހުންނަށް އެކަމަށް މަގުދައްކަވާފައެވެ. އެއިލާހުގެ ދީންކަމުގައިވާ އިސްލާމްދީނުގައި ވަނީ އިންސާނާއަށް ދުނިޔެވީގޮތުންނާއި، އުޚުރަވީގޮތުން ފައިދާހުރި ކާބޯތަކެއްޗަކީ ކޮބައިކަން އަންގަވާދެއްވާފައެވެ. އެހެންކަމުން، މިމަތިވެރި ދީނުގައި ކާބޯތަކެއްޗާމެދު ކަނޑައަޅުއްވާފައިވާ ޙުކުމްތަކަކީ ކޮބައިކަން ދެނެގަތުމަކީ، އެދީން ޤަބޫލުކުރާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ. އެދީނުގައި ޙަލާލުކުރައްވާފައިވާ ތަކެތި ދެނެގަނެ، ޙަރާމްކުރައްވާފައިވާ ތަކެތިން ދުރުހެލިވުމަށެވެ. ނޭނގިނަމަވެސް ޙަރާމްކުރައްވާފައިވާ އެއްޗެއް ހަށިގަނޑުގެ ތެރެއަށް ފޮނުވާނުލުމަށެވެ.

މިގޮތުން، އިސްލާމީ ފިޤުހުފޮތްތަކުގައި ކާބޯތަކެއްޗާގުޅޭ މަސްއަލަތަކަށް އަލިއަޅުވާލައިފައިވާ ބަޔަށް ދެވިފައިވާނަމަކީ “كتاب الأطعمة”  އެވެ. އެބަހީ، ކާބޯތަކެއްޗާގުޅޭ މަސްއަލަތަށް ނަންގަނެވިގެންވާ ފޮތެވެ. ކެއުމާއި ބުއިމަށް ބޭނުންކުރާ އެންމެހާ އެއްޗަކާއި، އެކަންކަމާގުޅޭ މަސްއަލަތައް ނަންގަނެވިގެންވާނީ މިފޮތުގައެވެ. ފިޤުހީގޮތުން ކާބޯތަކެއްޗާބެހޭ މަސްއަލަތައް އިޖުމާލީގޮތެއްގައި ބަޔާންކޮށްލުމަކީ މުހިއްމުކަމެއްކަމަށްވުމާއެކު، ﷲގެ ވާގިފުޅާއެކު އެކަން ބަޔާންކޮށްލުމަށް ފަށައިގަންނަމެވެ.

އިސްލާމްދީނުގައި ކާބޯތަކެއްޗާމެދު ކަނޑައެޅިފައިވާ އެންމެ މުހިއްމު ޤަވާޢިދަކީ، ކާބޯތަކެތީގެ އަޞްލަކީ ޙަރާމްކުރާނެ ދަލީލެއް ނެތްހާހިނދަކު ޙަލާލުވުމެވެ. މިޤަވާޢިދުގެ އިތުރު ތަފްޞީލު އަދި އަންނަހުށްޓެވެ. މިމުހިއްމު ޤަވާޢިދުގެ ދަށުން ކާބޯތަކެއްޗަކީ ޙަރާމް ނުވަތަ ޙަލާލުކަމެއްތޯ ބެލުމަށް ފުރަތަމަވެސް ރުޖޫޢަވާންޖެހޭނީ ޝަރުޢީ މިޤަވާޢިދަށެވެ. އެއީ ޙަލާލުވުމެވެ. ދެން ބަލަންޖެހޭނީ އެކާބޯއެއްޗެއް ޙަރާމްކަމަށް ދަލީލުކުރާ ދަލީލެއްވޭތޯއެވެ. ޙަރާމްކަމަށް ދަލީލުކުރާ ދަލީލެއްނުވާނަމަ އެއީ ޙަލާލު އެއްޗެކެވެ. ދަލީލެއްވާނަމަ ޙަރާމްވާނެއެވެ. މިހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލުކުރައްވާފައިވާތަކެތި ގިނަކަމާހުރެ، އަދި ޙަރާމްކުރައްވާފައިވާ ތަކެތި މަދުކަމާހުރެ، އެއިލާހުގެ ޝަރުޢުގައި ތަފްޞީލުކުރައްވާފައިވަނީ ޙަރާމްތަކެއްޗެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ ((وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلاَّ مَا اضْطُرِرْتُمْ إِلَيْهِ)) الأنعام: 119 މާނައީ: “އަދި ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމްކުރެއްވި ތަކެތި، ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވާއިރުއެވެ. ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ.” މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކާބޯތަކެތީގެ ތެރެއިން ޙަރާމްތަކެތި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލުކުރައްވާފައިވާ ކޮންމެ އެއްޗަކީ ރަނގަޅު ހެޔޮ އެއްޗެކެވެ. އަދި އެއިލާހު ޙަރާމްކުރައްވާފައިވާ ކޮންމެ އެއްޗަކީ ހަޑި، ނުބައި، މުޑުދާރު ތަކެއްޗެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنْ الرِّزْقِ)) الأعراف: 32 މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، ﷲގެ ޒީނަތާއި، ރިޒްޤުގެ ތެރެއިން ރަނގަޅު ތަކެތި ޙަރާމްކުޅައީ ކާކުހެއްޔެވެ؟” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَيُحِلُّ لَهُمْ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ)) الأعراف: 157 މާނައީ: “އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންގެ މައްޗަށް ޙަރާމްކުރައްވަތެވެ.”

މިގޮތުން ޝަރުޢީ ނައްޞުތަކަށް ބިނާކޮށް ކާބޯތަކެތި ތިން ބަޔަކަށް ބަހާލެވެއެވެ.

1. ކެއުމާއި ބުއިން ޙަރާމްކަމަށް ނައްޞު އައިސްފައިވާތަކެތި.

2. ކެއުމާއިބުއިން މުބާޙުކަމަށް (ހުއްދަކަމަށް) ނައްޞު އައިސްފައިވާތަކެތި.

3. ޝަރުޢުގައި ސީދާ ޢައިނިއްޔަ ނައްޞެއް އައިސްފައިނުވާތަކެތި.

މިލިޔުމުގެ ކުރިއަށްހުރި ބައިތަކުގައި މިތިންބަޔަށް ވަކިވަކިން އަލިއަޅުވާލެވޭނެއެވެ. إن شاء الله.

(ނުނިމޭ)

________________________________

މަރުޖިޢު:

* الفقه الميسر في ضوء الكتاب والسنة

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (2)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (3)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (4)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (5)