އަލްއިމާމުލް ބުޚާރީ އާއި އަލްއިމާމް މުސްލިމް އެދެބޭކަލުންގެ ޙަދީޘްފޮތުގައި (ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙް މުސްލިމްގައި) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އަޑުއެއްސެވިއެވެ.
“އިސްރާއިލް ބާގައިގެ ތިން މީހަކު އުޅުނެވެ. އެއީ ބަރަސްބަލި (ހަންގަނޑަށް ޖެހޭ ބައްޔެއް) ޖެހިފައިވާ މީހަކާއި (ބައްޔެއްގެ ސަބަބުން) ބޮލުން އިސްތަށި ފައިބާފައިވާ (ނުވަތަ ތަލަ ވެފައިވާ) މީހަކާއި ލޯއަނދިރި މީހެކެވެ. ﷲ ތަޢާލާ މިތިން މީހުން އިމްތިޙާން ކުރައްވަން އިރާދަކުރެއްވެވިއެވެ. ދެންފަހެ އެމީހުންގެ ގާތަށް އެކަލާނގެ މަލާއިކަތް ބޭކަލަކު (އިންސާނެއްގެ ސޫރާގައި) ފޮނުއްވެވިއެވެ.
އެމަލާއިކަތާ ބަރަސްބަލި ޖެހިފައިވާ މީހާގެ ގާތަށް ވަޑައިގަންނަވައި ވިދާޅުވިއެވެ. “ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ ކޮބައިތޯއެވެ؟” އޭނާ ޖަވާބުދިނެވެ. “ކުލަރީތި ހަށިގަނޑަކާއި ރީތި ހަންގަނޑެކެވެ. އަދި އަހަންނާމެދު މީސްތަކުން ފަކުރުގަންނަ މިސިފަ (ބަރަސްބަލި) އަހަރެންގެ ކިބައިން ފިލައިގެން ދިޔުމެވެ.” ދެން އެމަލާއިކަތާ (ބަރަސްބަލި ޖެހިފައިވާ) އެމީހާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވުމާއެކު އޭނާގެ ކިބައިން އެހުތުރު ސިފަ ފިލައިގެން ހިނގައްޖެއެވެ. އަދި އޭނައަށް ކުލައަލި ހަށިގަނޑަކާއި ރީތި ހަންގަނޑެއް ދެއްވިއްޖެއެވެ.
މަލާއިކަތާ އޭނާއަށް ދެންނެވިއެވެ. “ފަހެ ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ޖަވާބު ދިނެވެ. “ޖަމަލެވެ. ނުވަތަ ގެރިއެވެ.” ދެންފަހެ އެމަލާއިކަތާ އޭނައަށް ދަރިން ލިބެން ކައިރިވެފައިވާ މާބަނޑު ޖަމަލެއް ދެއްވެވިއެވެ. އަދި ވިދާޅުވިއެވެ. “ﷲ ތިބާއަށް އެމުދަލުން ބަރަކާތް ލައްވާށިއެވެ.”
ދެންފަހެ ތަލަ ވެފައިވާ މީހާގެ ގާތަށް އެމަލާއިކަތާ ވަޑައިގަންނެވިއެވެ. އަދި ވިދާޅުވިއެވެ. “ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ ކޮބައިތޯއެވެ؟” އެނާ ޖަވާބުދިނެވެ. “ރީތި އިސްތަށިގަނޑެކެވެ. އަދި އަހަންނާމެދު މީސްތަކުން ފަކުރުގަންނަ މިހުތުރު ސިފަ (ތަލަކަން) އަހަރެންގެ ކިބައިން ފިލައިގެން ދިޔުމެވެ.” ދެން އެމަލާއިކަތާ (ބޯ ތަލަވެފައިވާ) އެމީހާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވުމާއެކު އޭނާގެ ކިބައިން އެކަން ފިލައިގެން ހިނގައްޖެއެވެ. އަދި އޭނައަށް ރީތި އިސްތަށިގަނޑެއް ދެއްވިއްޖެއެވެ.
އެމަލާއިކަތާ އޭނާއަށް ދެންނެވިއެވެ. “ފަހެ ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ޖަވާބުދިނެވެ. “ގެރިއެވެ.” ފަހެ އެމަލާއިކަތާ އޭނައަށް މާބަނޑު ޖަމަލެއް ދެއްވެވިއެވެ. އަދި ވިދާޅުވިއެވެ. “ﷲ ތިބާއަށް އެމުދަލުން ބަރަކާތް ލައްވާށިއެވެ.”
ދެންފަހެ ލޯއަނދިރި މީހާގެ ގާތަށް އެމަލާއިކަތާ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ ކޮބައިތޯއެވެ؟” އެނާ ޖަވާބުދިނެވެ. “ﷲ ތަޢާލާ އަހަރެންގެ ލޮލުގެ ފެނުން އަނބުރާ ރައްދުކޮށްދެއްވުމެވެ. އެއީ އަހަރެންނަށް މީސްތަކުން ފެނިދެނިވެ އުޅުމަށްޓަކައެވެ.” ދެން އެމަލާއިކަތާ (ލޯއަނދިރި ވެފައިވާ) އެމީހާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވުމާއެކު ﷲ ތަޢާލާ އޭނާގެ ލޮލުގެ ފެނުން ރައްދު ކޮށްދެއްވައިފިއެވެ.
އެމަލާއިކަތާ އޭނާއަށް ދެންނެވިއެވެ. “ފަހެ ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ޖަވާބު ދިނެވެ. “ކަންބަޅިއެވެ.” ދެން އެމަލާއިކަތާ އޭނައަށް މާބަނޑު ކަންބަޅިއެއް ދެއްވެވިއެވެ.
ދެން ފަހެ އެއްކަލަ ޖަމަލަށާއި ގެރި އަށް ދަރިން ލިބިއްޖެއެވެ. އަދި ކަންބަޅިއަށް ވެސް ދަރިން ލިބިއްޖެއެވެ. އަދި ޖަމަލު ދެވުނު މީހާގެ މިލްކިއްޔާތަށް (ޖަމަލު އިތުރުވެ) ވާދީއެއްގެ ޖަމަލު ލިބިއްޖެއެވެ. އަދި ގެރި ދެވުނު މީހާގެ މިލްކިއްޔާތަށް (ގެރި އިތުރުވެ) ވާދީއެއްގެ ގެރި ލިބިއްޖެއެވެ. އަދި ކަންބަޅި ދެވުނު މީހާގެ މިލްކިއްޔާތަށް (ކަންބަޅި އިތުރުވެ) ވާދީއެއްގެ ކަންބަޅި ލިބިއްޖެއެވެ.
އެއަށްފަހު ހަމަކަށަވަރުން އެމަލާއިކަތާ ބަރަސްބަލި ޖެހުނު މީހާގެ ގާތަށް، އޭނާ އެބަލި ތަޙައްމަލު ކުރިއިރު ހުރި ސޫރާގައި ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “އަހުރެންނީ މިސްކީނަކީމެވެ. ހަމަކަށަވަރުން އަހުރެން ދަތުރު މަތީގައި ވަނިކޮށް މިވަނީ ގޮތް ހުސްވެ (ދަތުރުގެ ކޮއްތު ހުސްވެ) ޙާލުގައި ޖެހިފައެވެ. ﷲގެ ދަރުމައާއި މަދަދަށްފަހު ތިބާގެ އެހީތެރިކަން ނުލިބިއްޖެނަމަ އަހުރެންގެ މަންޒިލަށް ފޯރޭނެ ގޮތެއް ނެތެވެ. ތިބާއަށް ކުލަރީތި ހަށިގަނޑަކާއި ރީތި ހަންގަނޑެއް އަދި މުދަލުގެ ގޮތުގައި ސަވާރީ (ޖަމަލު) ދެއްވެވި ފަރާތަށްޓަކައި، އަހުރެންގެ ދަތުރުގެ ކަންކަން ފުއްދުމަށް ސަވާރީއެއް (ޖަމަލެއް) ދެއްވާށެވެ.” އޭނާ ޖަވާބުދިނެވެ. “އަހުރެންގެ މައްޗަށްވާ ޙައްޤުތައް ނުހަނު ގިނަގުނަމެއެވެ.” ދެން ފަހެ މަލާއިކަތާ އޭނާއަށް ދެންނެވިއެވެ. “އަހުރެން ތިބާ ދަންނަ ވައްތަރު ޖަހައެވެ. ތިބާއަށް ބަރަސްބަލި ޖެހި މީސްތަކުން ތިބާއާމެދު ފަކުރުގަންނަ ޙާލަތުގައި ނުވަމުތޯއެވެ؟ ތިބާއީ ފަޤީރެއް ކަމުގައި ވަނިކޮށް ﷲ ތިބާއަށް (މުއްސަނދިކަން) ނުދެއްވާތޯއެވެ؟” އޭނާ ޖަވާބު ދިނެވެ. “މިމުދާ (މުއްސަނދިކަން) އަހުރެންނަށް ވާރުތަ ކޮށްފައި މިވަނީ އަހުރެންގެ ކާބަފައިންގެ ފަރާތުންކަން ކަށަވަރެވެ.” މަލާއިކަތާ ވިދާޅުވިއެވެ. “ތިބާއީ ދޮގުވެރިއެއް ކަމުގައި ވަނީނަމަ ﷲ ތިބާ އިހުހުރި ޙާލަތަށް ރުޖޫޢަ ކުރައްވާށިއެވެ.”
އަދި ބޮލުން އިސްތަށިފޭބި މީހާގެ ގާތަށްް، އޭނާ އެބަލި ތަޙައްމަލު ކުރިއިރު ހުރި ސޫރާގައި އެލާއިކަތާ ވަޑައިގެންނެވިއެވެ. ފަހެ ކުރިން އެމަލާއިކަތާ ވަޑައިގެންނެވި މީހާ އަށް ދެންނެވި ފަދައިން މީނާ އަށްވެސް ދަންނަވައިފިއެވެ. އޭނާ ވެސް ޖަވާބުގައި ބުނީ ބަރަސްބަލި ޖެހުނު މީހާ ބުނި ފަދައިންނެވެ. އެހިނދު ބަރަސް ބަލި ޖެހުނު މީހާއަށް ދެއްވި ފަދައިން މީނާއަށް ވެސް ރަައްދު ދެއްވައިފިއެވެ. މަލާއިކަތާ ވިދާޅުވިއެވެ. “ތިބާއީ ދޮގުވެރިއެއް ކަމުގައި ވަނީނަމަ ﷲ ތިބާ ކުރިންހުރި ޙާލަތަށް ރުޖޫޢަ ކުރައްވާށިއެވެ.”
ދެންފަހެ ލޯއަނދިރިވި މީހާގެ ގާތަށްް، އޭނާ އެބަލި ތަޙައްމަލު ކުރިއިރު ހުރި ސޫރާގައި އެމަލާއިކަތާ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “އަހުރެންނީ ނިކަމެއްޗަކީމެވެ. އަދި އަހުރެންނީ ދަތުރުވެރިއަކީމެވެ. އަހުރެން މިވަނީ ދަތުރުމަތީގައި ގޮތް ހުސްވެ (ދަތުރުގެ ކޮއްތު ހުސްވެ) ޙާލުގައި ޖެހިފައެވެ. ﷲގެ ދަރުމައާއި މަދަދަށްފަހު ތިބާގެ އެހީތެރިކަން ނުލިބިއްޖެނަމަ އަހުރެންގެ މަންޒިލަށް ފޯރޭނެ ގޮތެއް ނެތެވެ. ތިބާގެ ލޮލުގެ ފެނުން ރައްދު ކޮށްދެއްވި ފަރާތަށްޓަކައި، އަހުރެންގެ ދަތުރުގެ ކަންކަން ފުއްދުމަށް ކަންބަޅިއެއް ދެއްވާށެވެ.” ދެންފަހެ އޭނާ ޖަވާބުދިނެވެ. “ހަމަކަށަވަރުން އަހުރެން ކަނު މީހެއްގެ ގޮތުގައި ވަނިކޮށް އަހުރެންގެ ލޮލުގެ ފެނުން ﷲ ތަޢާލާ އަނބުރާ ރައްދުކޮށްދެއްވިއެވެ. ފަހެ ތިބާ ގެންދަން ބޭނުންވާ އެއްޗެއް ގެންގޮސް ބަހައްޓަން ބޭނުންވާ އެއްޗެއް ބަހައްޓާށެވެ. ﷲ އަށްޓަކައި ތިބާއަށް މިއަދު މިދޭ އެއްޗަކާމެދު ސުވާލުކޮށް އެއަނބުރާ ރައްދު ކޮށްދިނުމަށް އަހުރެން ނޭދޭ ހުށީމެވެ.”
މަލާއިކަތާ ވިދާޅުވިއެވެ. “ތިބާގެ މުދާ ތިބާއަށެވެ. ފަހެ ހަމަކަށަވަރުން އަހުރެން ތިޔަބައިމީހުން އިމްތިޙާން ކޮށްލީއެވެ. ﷲ ތިބާއަށް ރުއްސަވައި ވޮޑިގެންފިކަން ކަށަވަރެވެ. އަދި ތިބާގެ ދެ އެކުވެރިން (ބަރަސް ބަލި ޖެހުނު މީހާއާއި ބޯ ތަލަވި މީހައަށް) ކޯފާ ލައްވައިފިކަން ކަށަވަރެވެ.
ބަޔާންވެދިޔަ ޙަދީޘުން ލިބިގަންނަންވީ ބައެއް ފައިދާ:
- ﷲ ދެއްވެވި އެންމެހާ ނިޢްމަތްތަކަށް ޝުކުރު ކުރުމުގެ މުހިންމު ކަމާއި އެކަމުގައި އެކުލެވިގެންވީ މާތްކަން އިސްވެދިޔަ ޙަދީޡުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެއެވެ. އެހެނީ ﷲ ދެއްވެވި މުދަލުން ހޭދަ ކުރުމާއި އެމުދަލުގައި އެކުލެވިގެންވާ މީސްތަކުންގެ ޙައްޤު އޭގެ ޙައްޤުވެރިންނަށް (ފަޤީރުންނަށް) ފޯރުކޮށްދިނުން، ހިމެނިގެންވަނީ ﷲ ގެ ނިޢުމަތަށް ޝުކުރު ކުރުމުގެ ތެރެއިންކަން މިޙަދީޘުން އޮޅުމެއްނެތި ދޭހަވެއެވެ. އަދި ހަމައެހެންމެ ﷲ ދެއްވެވި އެންމެހާ ނިޢްމަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމާއި އެ ނިޢުމަތް ތަކުގެ ބޭނުން ނުބައި ގޮތްގޮތުން ނުހިފުން ވެސް މީގެތެރެއިން ހިމެނިގެން ވެއެވެ.
- އެންމެހާ ބަލިތަކަށް ޝިފާ ދެއްވުމުގެ ފުރިހަމަ ބާރު ލިބިގެންވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމާއި އެކަލާނގެ އެންމެހާ ކަންކަމުގައި ސަބަބުތައް މެދުވެރި ކުރައްވަނީ މީސްތަކުން އިމްތިޙާން ކުރެއްވުމަށްކަން މިޙަދީޘުން ދޭހަ ކޮށްދެއެވެ. އަދި ބަލި ޖެއްސެވުމާއި ބަލިން ޝިފާ ދެއްވުމަކީ އެކަލާނގެއަށް އަށް ޝުކުރުވެރި ވަނީ ކޮންބައެއްތޯ އާއި އެކަލާނގެއަށް ކުފުރުވެރިވަނީ ކޮންބައެއްތޯ އިމްތިޙާން ކުރެއްވުމުގެ ގޮތުން ﷲ ތަޢާލާ މެދުވެރި ކުރައްވާ ކަންތައްތައްކަން މި ޙަދީޘުން ބަޔާންކޮށްދެއެވެ.
- ނިޢުމަތްތަކަށް ޝުކުރު ނުކުރުމަކީ އެމީހެއްގެ ކިބައިން ﷲ ތަޢާލާ އެނިޢުމަތް އަނބުރާ ގެންދަވާފާނެ ކަމެއްކަން މިޙަދީޘުން ވަރަށް ރަނގަޅަށް އެނގި ބަޔާންވެއެވެ.