[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (3)

 

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި “އަންނުޞައިރިއްޔާ”:

މީގެ ކުރީގެ ބައިގައި ވާނީ ސީރިޔާގައި މިހާރު ވެރިކަމުން ކުރަމުންގެންދާ އަނިޔާވެރި ބައްޝާރުލް އަސަދާއި އޭނަގެ އަޢުވާނުންގެ ބާޠިލުފިރުޤާ “އަންނުޞައިރިއްޔާ” އިންގެ ޢަޤީދާއަށް ކުރުގޮތަކަށް އަލިއަޅުވާލެވިފައެވެ. މިގޮތުން އެބައިމީހުންގެ ޢަޤީދާގައާއި، އަޅުކަމުގައި ސީދާ އިސްލާމްދީނުގެ ޢަޤީދާއާއި އަޅުކަމާ މުޅިން ފުށުއަރާ ކަންކަން އެބަހުއްޓެވެ. މިގޮތުން ބާޠިލު، އިސްލާމީ ޢަޤީދާއާ ފުށުއަރާކަންތައްތަކާއި، ހުކުރުނަމާދު ނުކުރުމާއި، ޠާހިރުނުވުމާއި، ރޯދާހިފުމުގައި ޚިލާފުވުމާއި، މުސްލިމުން ދީއުޅޭގޮތަށް ޒަކާތްނުދިނުމާއި، ޙައްޖުވުމަށް އިންކާރުކުރުން ހިމެނެއެވެ. މިއިންކޮންމެ ކަމަކީ އެބައިމީހުންނަކީ ކާފަރުންކަމަށް ޙުކުމްކުރެވިދާނެ ކަމެކެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި އަންނުޞައިރިއްޔާއިންނަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފަރުންނެވެ. މިގޮތުން، މުސްލިމުންގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި، މިބައިމީހުންނާ ކައިވެނިކުރުމަކީ ހުއްދަކަމެއްނޫނެވެ. އަދި މިބައިމީހުން ކަތިލާ ޖަނަވާރުކެއުންވެސް ހުއްދަވެގެންނުވެއެވެ. އަދި މިބައިމީހުންގެ ތެރެއިން މަރުވާމީހުންނަށް ކަށުނަމާދުކުރުމާއި، މުސްލިމުން ވަޅުލާ ޤަބުރުސްތާނުތަކުގައި ވަޅުލުމަކީ ހުއްދަކަމެއްނޫނެވެ. އަދި މުސްލިމުންނާ މުޢާމަލާތުކުރާ ފަދައިން މިބައިމީހުންނާ މުޢާމަލާތުކުރުންވެސް ހުއްދަވެގެންނުވެއެވެ. (انظر: الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة: 2/ 393 و 395)

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަންނުޞައިރިއްޔާ އިންނޭ ކިޔައިގެން އުޅޭ ބައިގަނޑާއި، ބާޠިނީންގެ ޤަރާމިޠާއިން (ބާޠިނީންގެ އެހެން ފިރުޤާއެއް) ގެ ހުރިހާ ބައިގަނޑަކީ ޔަހޫދީންނާއި ނަޞާރާއިންނަށްވުރެ ކުފުރުކަން ބޮޑުބައެކެވެ. އަދި އެބައިމީހުންނަކީ ގިނަ މުޝްރިކުންނަށްވުރެ ކުފުރުކަން ބޮޑުބައެކެވެ. އަދި ތަތާރުންނާއި ފަރަންޖީންނާއި މިނޫން މިފަދަ ހަރުބީ ކާފަރުންނަށްވުރެ  އެބައިމީހުންގެ އަނިޔާވެރިކަންބޮޑެވެ. ފަހެ، ހަމަކަށަވަރުން މުސްލިމުންގެ ތެރެއިން ޖާހިލުންނަށް އެބައިމީހުން ދައްކަމުން ދިޔައީ، އެބައިމީހުންނަކީ ޝީޢީންކަމަށާއި، އަހުލުބައިތުންނަށް ލޯބިކޮށް ނަޞްރުދޭބައެއްކަމަށެވެ. ނަމަވެސް އެބައިމީހުންނަކީ ޙަޤީޤަތުގައި ﷲއަށާއި، އެއިލާހުގެ ރަސޫލާއަށާއި، އެއިލާހުގެ ފޮތަށާއި، އެއިލާހުގެ އަމުރުތަކަށާއި، ނަހީތަކަށާއި، ޘަވާބަށާއި، ޢިޤާބަށާއި، ސުވަރުގެއަށާއި، ނަރަކައަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކުރިން ފޮނުއްވުނު އެއްވެސް ރަސޫލަކަށް، އަދި އެއްވެސް ކުރީގެ މިއްލަތަކަށް އީމާންވާ ބައެއްނޫނެވެ. އެހެނެއްކަމަކު، އެބައިމީހުން ﷲއާއި، އެއިލާހުގެ ރަސޫލާގެ ބަސްފުޅުތައް ނަގައިގެން ބޭނުންގޮތަކަށް ތައުވީލުކޮށް، ބަދަލުކޮށްލަނީއެވެ…” އަދިވެސް ވިދާޅުވެފައިވެއެވެ. “އެބައިމީހުންގެ މަޤްޞަދުތައް ބަޔާންކުރުން ދިގުވެގެންވެއެވެ. އެބައިމީހުންނަކީ ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން، އެބައިމީހުންގެ ބޭރުފުށުގައި ވަނީ ރާފިޟީންގެ މަޛްހަބެވެ. އަދި އެތެރެފުށުގައި ވަނީ ޚާލިޞް ކާފަރުކަމެވެ.” (ބައްލަވާ: އަލްފަތާވާ އަލްކުބުރާ: 4/ 181-183)

އަންނުޞައިރީންގެ އަނިޔާވެރިކަން އިސްލާމްދީނަށް:

ނުޞައިރީންގެ އަނިޔާވެރިކަމާއި، ޢަދާވާތްތެރިކަން ވަނީ އިސްލާމްދީނަށް ވަރަށް ބޮޑަށް ކޮށްފައެވެ. އެބައިމީހުން މުސްލިމުންނާދެކޮޅަށް ރޭވިރޭވުންތަކާއި، ހިންގާފައިވާ ޖަރީމާތައް ވަނީ ތާރީޚްގައި ލެއިން ލިޔެލެވިފައެވެ.

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަދި ތިމަންމެންނަށް އެނގިގެންވާގޮތުގައި، ޝާމުގެރަށްތަކަށް އަތްގަދަކޮށްފައިވަނީ ނަޞާރާއިންނެވެ. އަދި އެބައިމީހުންނަކީ މުސްލިމުންނާ ޢަދާވާތްތެރި ކޮންމެ ޢަދާވާތްތެރިއަކާއެކު އަބަދުވެސް ވާބައެކެވެ. ފަހެ، އެބައިމީހުން މުސްލިމުންނާދެކޮޅަށް ނަޞާރާއިންނާ އެއްބައިވިއެވެ. އަދި އެބައިމީހުންނަށް ލިބިނު (މުޞީބާތްތަކުގެ ތެރެއިން) އެންމެ ބޮޑު މުޞީބާތަކީ ޝާމްގެރަށްތައް މުސްލިމުން ފަތަޙަކޮށް، ނަޞާރާއިން ބަލިކުރުމެވެ. އަދި އެބައިމީހުންނަށް ލިބިނު (މުޞީބާތްތަކުގެ ތެރެއިން) އެންމެ ބޮޑު މުޞީބާތަކީ މުސްލިމުން ތަތާރުންގެ މައްޗަށް ނަޞްރުހޯދުމެވެ… އޭގެފަހުގައި، ތަތާރުން މުސްލިމުންގެ ރަށްތަކަށްވަދެ، ބަޣުދާދުގެ ޚަލީފާއާއި އެހެންވެސް މުސްލިމުންގެ ރަސްކަލުންތައް ޤަތުލުކޮށްފައިވަނީ، އެބައިމީހުންގެ އެހީއާއި މަދަދު ލިބިގެންނެވެ.”

މިބާޠިލުފިރުޤާގެމީހުންވަނީ އެކިގޮތްގޮތުން، ނަޞާރާއިންނަށް ވާގިވެރިވެދީފައެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ޤުދުސް މުސްލިމުންގެ ބާރުގެ ދަށަށް ގެންނެވުމަށްފަހު، އަލުން ނަޞާރާއިން އެތަނަށް ވެރިވެގަތުމުގައި މިބާޠިލު ފިރުޤައިގެމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ނަޞާރާއިންނަށް ލިބިފައިވެއެވެ. އަދި ނަޞާރާއިންގެ ވެރިކަމުގައި މިބައިގަނޑުގެ މީހުންނަށް ވަޒީރުކަން ދީފައިވުމަކީ، މިބައިގަނޑާ ނަޞާރާއިންނާ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަން ދޭހަކޮށްދޭކަމެކެވެ.

ކޮންމެއަކަސް، ސީރިޔާގެ ބައްޝާރުލް އަސަދާ ދެކޮޅަށް، އެޤައުމުގެ ރައްޔިތުން ނިކުތްނުކުތުމަކީ، މިބައިގަނޑުގެ މީހުންނަށް ފާޅުގައި މުސްލިމުން މެރުމަށް ލިބުނު ފުރުޞަތަކަށް ވެގެންދިޔައެވެ. މީގެ ކުރިން ވަނީ ސިއްރުއްޔާތުގައި މުސްލިމުންނާދެކޮޅަށް ތަފާތު އެތައް ޖަރީމާތަކެއް ހިންގާފައެވެ. ސީރިޔާގައި ހިނގަމުންދާ އަނިޔާވެރި ޤަތުލުޢާއްމަކީ، ޚާއްޞަކޮށް ޢަރަބި ޤައުމުތަކުގައި ވެރިކަމާދެކޮޅަށް ފެށިގެން އުޅޭ ހަމަނުޖެހުންތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވާ، އަދި އެންމެ އަނިޔާވެރި ހަމަނުޖެހުމެވެ. ބައްޝާރުލް އަސަދުގެ ލަޝްކަރުގެ މީހުން އެންމެ ބޮޑަށް ޙަމަލާތައްދީ ގެއްލުންދީފައިވަނީ ސުންނީ މުސްލިމުންގެ ރަށްތަކަށެވެ. ޢާއްމުންއުޅޭ ތަންތަނަށް ވަނީ ޙައްޤަކާނުލައި ހަމަލަތައް އަމާޒުކޮށްފައެވެ. އެތައް މިސްކިތްތަކަކާއި، ހޮސްޕިޓަލްތަކަކާއި، މަދުރަސާތަކެއްވަނީ ބިމާހަމަކޮށްލާފައެވެ. މިހުރިހާކަމެއްގައި އެބައިމީހުންނަށް އެހީތެރިވެ، ވާގިވެރިވެދޭ ބަޔަކީ އީރާނާއި، ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތެވެ. އަދި ރަޝިޔާއާއި ޗައިނާ ފަދަ ޤައުމުތަކުން އަންނަނީ ސީރިޔާއާ ދެކޮޅަށް ފާސްކުރަންއުޅޭ ޤަރާރުތައް ވީޓޯކުރަމުންނެވެ. ލީބިޔާގައި ޤައްޒާފީއާދެކޮޅަށް ބައިނަލްއަޤްވާމީ ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދެވުނުގޮތަށް، ބައްޝާރުލް އަސަދާދެކޮޅަށް ސީރިޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްނުދެވުމަކީ އެކަމުގެ އަޑީގައި ސިއްރުތަކެއް އެކުލެވިފައިވާނެކަމެއްކަން ޤައިމެވެ.

ބައްޝާރުލް އަސަދާއި އޭނާގެ އަޢުވާނުންނަކީ ބާޠިނިއްޔާގެ ބައެއްކަމުގައިވާ “އަންނުޞައިރިއްޔާ” އަށް ނިސްބަތްވާބައެކެވެ. މިބައިމީހުންނަކީ ބަޔާންވެދިޔަފަދައިން އިސްލާމްދީނާދެކޮޅަށް ތަފާތު އެތައް ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތު އެޅިފައިވާ ބައިގަނޑެކެވެ. ނުވަތަ އެހީތެރިވެދީފައިވާބައިގަނޑެކެވެ. އެހެންކަމުން، މިހާރު ސީރިޔާގައި ހިނގަމުންދާ ކަންތައްގަނޑަކީ، އިސްލާމްދީނާ ދެކޮޅަށް ކުރަވެމުންދާ ހަނގުރާމަތަކުގެ ތެރެއަށް އަމުނާލެވޭ އިތުރު ބޮޅެއްކަމުގައި މެނުވީ ނުވާނެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ، ސީރިޔާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އަމާންކަމާއި، ފާގަތިކަން މިންވަރުކުރައްވާށި! އަދި އެބައިމީހުންގެ ފައިތިލަތައް އިސްލާމްދީނުގައި ޘާބިތުކުރައްވާށި! އެބައިމީހުންގެ މައްޗަށް ވެރިވެފައިވާ އަނިޔާވެރި ވެރިންގެ ނުބައިކަމުން އެބައިމީހުން ސަލާމަތްކުރައްވާށި! އާމީން.

(ނިމުނީ)

 ______________________________

މަރުޖިޢުތައް:

* الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة.

* فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها-  د. غالب بن علي عواجي.

______________________________

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (1)

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (2)