[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (5)

3. ޝަރުޢުގައި ނައްޞެއް އައިސްފައިނުވާތަކެތި.

ޝަރުޢުގައި ޙަލާލުކަމަށް އަދި ޙަރާމްކަމަށް ނައްޞެއް އައިސްފައިނުވާ ކޮންމެ ކާބޯއެއްޗަކީ އޭގެ އަޞްލުގައި ޙަލާލުއެއްޗެކެވެ. އެހެނީ، ކުރިން ދެންނެވިފައިވާނޭފަދައިން، ޙަރާމްކަމަށް ދަލީލެއްނެތްނަމަ ކާބޯތަކެތީގެ އަޞްލަކީ ޙަލާލުވުމެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި އާޔަތުން އެކަމަށް ދަލީލުކުރެއެވެ. ((هُوَ الَّذِي خَلَقَ لَكُمْ مَا فِي الأَرْضِ جَمِيعاً)) البقرة: 29 މާނައީ: “އެކަލާނގެއީ ބިމުގައިވާ އެންމެހާ ތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި ހެއްދެވި އިލާހެވެ.” އަދި އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ މަރުފޫޢު ޙަދީޘެއްގައިވެއެވެ. ((مَا أَحَلَّ اللَّهُ فِى كِتَابِهِ فَهُوَ حَلاَلٌ، وَمَا حَرَّمَ فَهُو حَرَامٌ، وَمَا سَكَتَ عَنْهُ فَهُوَ عَافِيَةٌ، فَاقْبَلُوا مِنَ اللَّهِ عَافِيَتَهُ، فَإِنَّ اللَّهَ لَمْ يَكُنْ نَسِيًّا ». ثُمَّ تَلاَ هَذِهِ الآيَةَ (( وَمَا كَانَ رَبُّكَ نَسِيًّا)) (الحاكم والبيهقي، وصحّحه شيخ الألباني في الصحيحة) މާނައީ: “ﷲ، އެއިލާހުގެ ފޮތުގައި ޙަލާލުކުރައްވާފައިވާ އެއްޗަކީ ޙަލާލު އެއްޗެކެވެ. އަދި އެއިލާހު ޙަރާމްކުރައްވާފައިވާ އެއްޗަކީ ޙަރާމް އެއްޗެކެވެ. އަދި އެއިލާހު ވަކި އެއްޗެއް ބަޔާންނުކުރައްވާ އެއްޗަކީ ޢާފިޔަތެކެވެ. (އެބަހީ: އެއިލާހުގެ ރަޙްމަތުން ތިޔަބައިމީހުންނަށްޓަކައި ޢަފޫވެގެންވާ އެއްޗެކެވެ.) ފަހެ، ތިޔަބައިމީހުން ﷲ ޙަޟްރަތުން އައިސްފައިވާ އެއިލާހުގެ ޢާފިޔަތު ޤަބޫލުކުރާށެވެ. ފަހެ ހަމަކަށަވަރުން، ﷲ ހަނދުމަނެތިވެވޮޑިގެންނުވެތެވެ.” ދެން (( وَمَا كَانَ رَبُّكَ نَسِيًّا)) مريم: 64 މިއާޔަތް ކިޔަވާވިދާޅުވިއެވެ. (އާޔަތުގެ މާނައީ: “އަދި ކަލޭގެފާނުގެ ވެރިރައްބަކީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.”)

ކެއުމާއިބުއިން މަކްރޫޙަ ތަކެތި:

ފިޔައާއި، ލޮނުމެދު ރޯކޮށްހުށްޓައި ކެއުމާއި، އެދެބާވަތާ ވައްތަރު، ލީކުއާއި ރެޑިޝްފަދަ ވަސްފިލައިނުގޮސް ގިނައިރުހުންނަ ނުބައިވަސްދޮވާޒާތުގެ ތަކެތި ކެއުމާއިބުއިމަކީ މަކްރޫހަކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެހެންމީހުންނަށް އުނދަގޫ ލިބޭނެތީއެވެ. ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ أَكَلَ ثَوْمًا أَوْ بَصَلًا فَليَعْتَزِلنَا أَوْ قَالَ: فَلْيَعْتَزِلْ مَسْجِدَنَا وَليَقْعُد فِيْ بَيْتِه)) (رواه البخاري) މާނައީ: “ލޮނުމެދާއި ފިޔާ ކައިފިމީހާ އަހަރެމެންނާ ދުރުހެލިވާށެވެ. ނުވަތަ ވިދާޅުވިއެވެ: އަހަރެމެންގެ މިސްކިތާ ދުރުހެލިވާށެވެ. އަދި އޭނާގެ ގޭގައި ހުންނާށެވެ.”  މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ. ((مَنْ أَكَلَ البَصَلَ وَ الثَّوْمَ وَ الكراث فَلَا يَقْرَبَنَّ مَسْجِدَنَا فَإنْ المَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مَنْهُ بَنُو آدَمِ)) (رواه مسلم) މާނައީ: “ފިޔައާއި ލޮނުމެދާއި ލީކު ކައިފިމީހާ އަހަރެމެންގެ މިސްކިތާ ގާތްނުވާށެވެ. ހަމަކަށަވަރުން އާދަމުގެ ދަރިންނަށް އުނދަގޫވާ ކަންތަކުން މަލާއިކަތުންނަށްވެސް އުނދަގޫވެއެވެ.” މިފަދަ އެއްޗެއް ކާކަމުގައިވާނަމަ އެއެއްޗެއް މިލުވައިގެން (ފެނުކައްކައިގެން ނުވަތަ ހޫނުކޮށްގެން ރޯކަންކަނޑުވައިގެން) ކެއުމަކުން އެއްވެސް ކުށެއްނެތެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخًا)) (مسلم) މާނައީ: “ފަހެ، އެދެއެތި (ފިޔަޔާއި ލޮނުމިދު) ކާނަމަ އެ ކައްކައިގެން ކާށެވެ.”

ނިންމުން:

ބަޔާންވެމިދިޔައީ އިސްލާމީ ފިޤުހުގެ އަލީގައި ކާބޯތަކެއްޗާމެދު ކުރުގޮތަކަށް އަލިއަޅުވާލެވިގެންނެވެ. މިގޮތުން، ކާބޯތަކެތީގެ އެންމެ މުހިއްމު ޤަވާޢިދަކީ، ކާބޯތަކެއްޗަކީ އޭގެ އަޞްލުގައި ޙަލާލު އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިވާ އެއްޗެއް މެނުވީއެވެ. އަޅުގަނޑުމެން ވިސްނާފިކުރުކޮށްލައިފިކަމުގައިވާނަމަ މިކަމުގައިވެސް އަޅުންގެ މައްޗަށްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްވަންތަކަމާއި، އޯގާވަންތަކަން ހާމަވެގެންދެއެވެ. ﷲގެ ރަޙްމަތްވަންތަކަން ބޮޑުކަމާއެވެ! އެއިލާހު ޚަލްޤުކުރައްވާފައިވާ އެތައް ވައްތަރެއްގެ ތަކެތީގެ ތެރެއިން އެއިލާހުގެ އަޅުންނަށް ޙަރާމްކުރައްވާފައިވަނީ ދާދިމަދު ވައްތަރުތަކެކެވެ. އަދި އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެއްޗަކީ އިންސާނާގެ ބުއްދިން ވިސްނާލިނަމަވެސް އެތަކެތީގައި އިންސާނާއަށް އެތައް ގެއްލުމެއްވާ ތަކެއްޗެކެވެ. އެއިލާހު ޙަރާމްކުރައްވާފައިވަނީ ހަޑިމުޑުދާރު، ގެއްލުން ހުރި ތަކެއްޗެވެ. އަދި އެއިލާހު ޙަލާލުކުރައްވާފައިވަނީ ހެޔޮ ރަނގަޅު ތަކެއްޗެވެ.

ޙައިރާންވާންޖެހޭ ކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ގުނާ ޢަދަދުނުކުރެވޭނެ ތަފާތު މަސްތައް ޙަލާލުކުރައްވައި، ތަފާތުވައްތަރުގެ ގޮވާމާއި، މޭވާތަކާއި، ތަރުކާރީއާއި، އެމޭވާތަކާއި ތަރުކާރީތަކުން ހެދޭ ތަފާތު އެތައް ޖޫސްތަކަކާ އެނޫނަސް އެތައް އެއްޗެއް ޙަލާލުކުރައްވާފައިވާހިނދުވެސް، މީސްތަކުންގެ ތެރެއިން ގިނަބަޔަކު އެއިލާހުގެ ޙައްދުތައް ފަހަނައަޅައި، އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެއްޗާ ދިމާލަށް ދާތީއެވެ. ޙަލާލުގޮތުގައި އެތަކެތި ހޯދާނެގޮތް ދައްކަވައި، ބަރަކާތް ހާޞިލުކުރެވޭނެ މަގަކީ ޙަލާލުމަގުތައްކަމުގައި އަންގަވާދެއްވާފައިވާއިރުވެސް، ވައްކޮށްގެންނާއި، ރިބާގެ މުޢާމަލާތުކޮށްގެންނާއި، ރިޝްވަތާއި، ޖުވާއާއި އެއާއެއްވައްތަރުގެ ކަންތައްތައް ކޮށްގެން މުދަލާއި ކާބޯތަކެތި ހޯދާތީއެވެ. ޖާހިލުކަމުންނެވެ. ނުވަތަ ބޮޑާކަމާއި، ހައްދުފަހަނައަޅައި ދިޔުމުގެ ސަބަބުންނެވެ. ހަވާނަފްސުގޮވާގޮވުންތަކަށް ތަބާވެ، އެނަފްސުގެ އެދުންތަކަށް އަޅުވެތިވެފައިވުމުގެ ސަބަބުންނެވެ.

އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެތި ކައިބޮއިއުޅުމަކީ މީހާގެ އަޚްލާޤަށާއި، ސުލޫކަށް ނުބައި އަސަރުކުރުވައި، ތަފާތު ބަލިތަކުގެ ޝިކާރައަކަށް މީހާވެގެންދާ ކަމެވެ. އެފަދަ ތަކެތި ކާމީހުންގެ އަޚްލާޤު ނުބައިވެ، ލަދުޙަޔާތްގެއްލިގެންދިޔުމަކީ ޙަޤީޤަތެއްކަން އަޅުގަނޑުމެންގެ ލޯމަތިން މިދަނީ ފެންނަމުންނެވެ.

އަޅުގަނޑުމެން ވިސްނާފިކުރުކޮށްލާކަށް ނުވޭތޯއެވެ؟ އެއިލާހު ދެއްވާފައިވާ މަތިވެރި ދެއްވުންތަކަށް ޝުކުރުކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވުމަށް އަވަސްވެގަންނާކަށް ނުވޭތޯއެވެ؟ އެއިލާހުގެ ވޭންދެނިވި ގަދަފަދަ ޢަޛާބަށް ބިރުވެތިވެ، އެއިލާހު ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް އަވަސްގަންނާކަށް ނުވޭތޯއެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެނަށް ފާފުއްސަވައި، އެއިލާހުގެ ސީދާވެގެންވާ މަގަށް މަގުދައްކަވާށިއެވެ. އަދި އަޅުގަނޑުމެންނަކީ އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުކުރާބައެއްކަމުގައި ލައްވާށި! ހަމަކަށަވަރުން ޝުކުރުވެރިވުމަކީ ނިޢުމަތްތައް ދެމިހުންނާނެކަމެކެވެ. އާމީން.

(ނިމުނީ)

______________________

މަރުޖިޢު:

* الفقه الميسر في ضوء الكتاب والسنة

* الشرح الممتع- محمد بن صالح العثيمين

* الملخص الفقهي – صالح بن فوزان آل فوزان

_______________________

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (1)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (2)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (3)

އިސްލާމީ ފިޤުހުގައި ކާބޯތަކެތި (4)