[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންސާނާގެ ޢަދާވާތްތެރިޔާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިންސާނާގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. ﷲ ތަޢާލާ އާދަމް عليه السلام ޚަލްޤުކުރައްވާ، އެކަލޭގެފާނަށް ސަޖިދަކުރަން މަލާއިކަތުންނަށް އެންގެވުމުން، ޝައިޠާނާވަނީ ބޮޑާވެގަނެ އެކަމާ އިންކާރުކޮށްފައެވެ. އަދި ﷲ ތަޢާލާ ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާއިން ފެށިގެން ޤިޔާމަތާ ހަމައަށް އުފަންވާނޭ ކޮންމެ މީހަކަށްމެ ވަސްވާސްދީ މަގުފުރައްދާނެކަމަށް އޭނާވަނީ ބުނެފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ • ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ … ﴾ (سورة الأعراف ١٦ ، ١٧) މާނައީ: ” އެކަލޭގެ (އެބަހީ: އިބިލީސް) ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. …”

ޝައިޠާނާގެ މަޅިތަކުން ސަލާމަތްކަމާއި ރައްކާތެރިކަން ލިއްބައިދޭ ހަމައެކަނި ވަޞީލަތަކީ ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އިސްލާމީ ޝަރީޢަތަށް ތަބާވުމެވެ. އެހެނީ ދީނުގެ ޝިޢާރެއް ދޫކޮށްލެވޭ ކޮންމެފަހަރަކު އިންސާނާ ޝައިތާނާގެ މަކަރުވެރިކަމަށް ހުށަހެޅެއެވެ. ޖިންނި މޮޔަވުންފަދަ ކަންކަމުގައިވެސް އޮތްދާއިމީ ޔަޤީންކަންބޮޑު ފަރުވާއަކީ މިއީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴾ (سورة  البقرة ٢٠٨) މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. އިސްލާމްދީނަށް އެކުއެކީގައި ތިޔަބައިމީހުން ވަންނާށެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ. އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާއަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ.”

އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( مَا مِنْ مَوْلُودٍ يُولَدُ إِلاَّ نَخَسَهُ الشَّيْطَانُ فَيَسْتَهِلُّ صَارِخًا مِنْ نَخْسَةِ الشَّيْطَانِ إِلاَّ ابْنَ مَرْيَمَ وَأُمَّهُ )) [أخرجه مسلم / كتاب: الفضائل / باب: فضائل عيسى عليه السلام / رقم الحديث: ٢٣٦٦] މާނައީ: ” ދުނިޔެއަށް އުފަންވާ ވަގުތު ޝައިޠާނާ ކޮއްޕާނުލާ ނުވަތަ ޙަރަކާތްނުކުރުވާ ތުއްތުކުއްޖަކު ނުވެއެވެ. އެހެނީ އެކުއްޖާ އުފަންވުމާއެކު ޝައިޠާނާ ކޮއްޕާލުމުން ނުވަތަ ޙަރަކާތްކުރުވުމުގެ ސަބަބުން ރޮއެގަނެއެވެ. މަރްޔަމްގެފާނުގެ ދަރިކަލުންނާއި އެދަރިކަލުންގެ މަންމާފުޅު ފިޔަވައެވެ. (އެބަހީ: ޢީސާގެފާނާއި މަރިޔަމްގެފާނު ފިޔަވައެވެ).”

އަބޫ ހުރައިރާ رضي الله عنه އިތުރަށް ބަޔާންކޮށްދެއްވިއެވެ.  ‘ތިބާ އެދޭނަމަ ﷲ ތަޢާލާގެ ވަޙީބަސްފުޅު ކިޔަވާށެވެ. ﴿ … وَإِنِّى أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴾ (سورة آل عمران ٣٦) މާނައީ: “… އަދި، ހަމަކަށަވަރުން، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ ޙަޟްރަތަށް ތިމަން ދަންނަވަމެވެ.”

“އެހެންކަމުން ދުނިޔެވީ ޙަޔާތުގެ އެއްވެސް ކަމަކާ ކުރިމަތިލާފައިނުވާ ތުއްތުކުއްޖާއަށް، ފުރަތަމަވެސް ކުރިމަތިލާން ޖެހެނީ އިންސާނުންގެ އެންމެ ނުބައި ޢަދުއްވުގެ އުނދަގުލާއެވެ. ޝައިޠާނާގެ އުނދަގުލާއެވެ.

ތުއްތުކުއްޖާ ދުނިޔޭގެ އުފާތައް ދެނެގަނެ އަދި އެކަންކަން ބަލައިގންނަޙާލު ބޮޑުވަމުން އަންނައިރު، އޭނާ ހެއްލުންތެރި ކުރުވުމަށް ޝައިޠާނާއަށް ގިނަ ފުރުޞަތުތަކެއް ލިބެއެވެ. އެހެންކަމުން ޝައިޠަނާގެ ހެއްލުންތެރިކަމާއި މަގުފުރެއްދުމުން ރައްކާތެރިވުމަށް، އިންސާނާއަށް އައްޑަނައެއްގެ މުހިންމުކަން ބޮޑެވެ. ﷲ ތަޢާލާގެ ރިސާލަތު އެންމެ މުހިންމު ރޯލެއްކުޅެނީ މިކަމުގައެވެ. އެރިސާލަތު، ޝައިޠާނާއާއި އޭނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދޭނެ “ސަވައިވަލް ކިޓް”އެއް ފޯރުކޮށްދެއެވެ. އޭނާ މިދުނިޔޭގައި އުޅޭނެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމައަށެވެ.” 1

ﷲ ތައާލާވަނީ އަޅުގަނޑުމެންނަށް ޝައިޠާނާގެ ދަންތުރަތަކުން ސަލާމަތްވާނެ މަގު ދައްކަވާފައެވެ. އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާ ޛިކުރުކޮށް، ޤުރުއާން ކިޔަވާ، އެކަލާނގެއަށް ދުޢާ ކުރުމެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ، ޞާލިޙު ޢަމަލުތައް ކުރުންމަތީ ދެމިހުންނަ މީހަކަށް ގޯނާކުރުމަކީ ޝައިޠާނާއަށް ނުހަނު ދަތިކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ  • إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ  ﴾ (سورة الحجر ٣٩ ، ٤٠) މާނައީ: “އެކަލޭގެ (އެބަހީ: އިބިލީސް) ދެންނެވިއެވެ. އަޅުގެ ރައްބެވެ. އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރުކުރައްވާފައިވާ މީހުން މެނުވީއެވެ.”

ދުޢާއަކީ ﷲ ތަޢާލާ “ޚިޔާރުކުރައްވާފައިވާ މީހުން”ގެ ތެރެއިން އަޅުގަނޑުމެން ލައްވަވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމެވެ.

_____________________________________________

[1] އަލްކިތާބު އެންޑް އައްސުންނަހް ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (އަވަރ ޕްރެޝަސް ސްޕްރައުޓްސް… – މުޙައްމަދު އަލްޖިބާލީ) އެފޮތުން ނަގާފައި