قَالَ الطَّحَاوِيُّ رحمه الله: “خَلَقَ الخَلْقَ بعِلْمِهِ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެއިލާހު ޚަލްޤުތައް ޚަލްޤުކުރައްވާފައި ވަނީ އެއިލާހުގެ ޢިލްމުފުޅުންނެވެ.”
_______________________________________
ޝަރަޙަ:
* ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ ޚަލްޤުތަކެއް އުފައްދަވާފައި ވަނީ، އެޚަލްޤުތަކާގުޅޭ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. އެތަކެތި ޚަލްޤުކުރެއްވުމުގެ ކުރިންވެސް، އަދި އޭގެފަހުންވެސް އެތަކެތީގެ އެންމެހާކަމެއް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އެއީ އެއިލާހުގެ ޢިލްމުފުޅުގެ ފުރިހަމަކަމެވެ. އެއިލާހުގެ ޢިލްމުފުޅުން ސިއްރުވެގެންވާ އެއްވެސްކަމެއް ނުވެއެވެ. އެއިލާހަށް ޢިލްމުފުޅު ލިބިވޮޑިގެންވުމުގެ ޞިފަފުޅަކީ އެއިލާހުގެ ލާޒިމު ޞިފަފުޅެކެވެ. އެހެނީ، ޢާލަމްތައް ހައްދަވައި، އެތަންތަނުގައިވާހާ މަޚްލޫޤުތަކެއް ވަކި ޞިފަތަކަކަށް ހެއްދެވުމާއި، އެޢާލަމްތަކުގެ ހިނގުން ވަކި ނިޒާމެއްގައި ލެއްވުމާއި، އެތަކެތީގެ ރިޒްޤާއި، ޤަދަރުކުރެއްވުން ފަދަ ކަންކަމަކީ ޢިލްމުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. އަޅުގަނޑުމެންނަށް މިފެންނަ ކައުނުގައިވާ ކަންކަން މިހާފުރިހަމަ ނިޒާމެއްގައި ދައުރުވާނެގޮތް، ފުރިހަމަ މަތިވެރި ޢިލްމެއްނެތި އުފެއްދުމަކީ މުސްތަޙީލުކަމެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެއެވެ. އަޅުގަނޑުމެން އިންސާނުންގެ ޙަޔާތަށް ބަލާލިނަމަވެސް، އިންސާނާ އެއްޗެއް އުފެއްދުމަށްޓަކައި ޢިލްމުބޭނުންވެއެވެ. ވީއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެޞިފަ ލިބިވޮޑިގަތުން އައުލާވެގެންވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ)) الحج:70 މާނައީ: “ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟” އަދި އެއިލާހުގެ ޢިލްމުފުޅުގެ ފުރިހަމަކަމާއި، ތަނަވަސްކަމާބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. ((وَعِنْدَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ)) الأنعام:59 މާނައީ: “އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެއެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެއެވެ.”
އިމާމް ޠަޙާވީ ރަޙިމަހުﷲގެ މިބަސްފުޅަކީ ބާޠިލު ފިރުޤާއެއްކަމުގައިވާ މުޢުތަޒިލާއިންގެ މައްޗަށްވާ ރައްދެކެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި ޢިލްމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅެއް ނޫނެވެ. ހަމައެފަދައިން އިމާމް ޠަޙާވީގެ މިބަސްފުޅަކީ ޤަދަރު ނަފީކުރާ ޤަދަރީންގެ މައްޗަށްވާ ރައްދެކެވެ. މިބައިމީހުންގެ ޢަޤީދާގައި ކަމެއް އެނގޭހުށީ ކަމެއް ހިނގައިނިމުމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށްވެސް މަޚްލޫޤުން ކުރާނެ ކަންކަމާއި، އެމީހުންގެ ކަންކަން އެނގޭހުށީ އެކަމެއް އެބައިމީހުން ކުރީމައެވެ. ކަންކަން ހިނގުމުގެ ކުރިން އެކަންކަން ހިނގާނެކަން ﷲ ދެނެވޮޑިގެންނުވެއެވެ. މިއީ ބާޠިލުގައި ހައްދުފަހަނައަޅާފައިވާ ޢަޤީދާއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ މާޒީވެ ގޮސްފައިވާ ކަންތައްތަކާއި، މިހާރު ހިނގަމުންދާ ކަންތައްތަކާއި، އަދި މުސްތަޤްބަލުގައި ވާނޭ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި ހަމައެހެންމެ، ނުވާކަމެއް ވެއްޖެނަމަވާނެގޮތްވެސް، އަދި ވެފައިވާކަމެއް ނުވެއްޖެނަމަވާނެގޮތްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. ނަރަކަ ވަންތަވެރިން އަލުން ދުނިޔެއަށް އަލުން ފޮނުއްވައިދެއްވުމަށް އެދޭނެކަމާއި، އެމީހުން އަލުން ދުނިޔެއަށް ފޮނުއްވުނަސް އުޅޭނެގޮތް ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنْ الْمُؤْمِنِينَ * بَلْ بَدَا لَهُمْ مَا كَانُوا يُخْفُونَ مِنْ قَبْلُ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ)) الأنعام:27-28 މާނައީ: “އެބައިމީހުން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެބައިމީހުން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރައްބުގެ އާޔަތްތައް ދޮގެއް ނުކުރާނަމެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނަމެވެ. އަދި ކިއެއްތަ! އެބައިމީހުން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެބައިމީހުންނަށް ފާޅުވިއެވެ. އަދި އެބައިމީހުން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެބައިމީހުންނަށް ނަހީކުރެއްވި ކަންތަކަށް އެބައިމީހުން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.” މިއީ ކަންކަން ހިނގުމުގެ ކުރިން އެކަން ވާނޭކަން ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލެކެވެ. އަދިހަމައެހެންމެ، ނުވާނެކަމެއް ވެއްޖެނަމަ އެކަންވެގެންދާނެގޮތް އެއިލާހު ދެނެވޮޑިގެންވާ ކަމުގެ ދަލީލެކެވެ. އެހެނީ، ޤިޔާމަތްދުވަހު ނަރަކައަށް ވެއްދެވުމަށްފަހު އަލުން ދުނިޔެއަށް އައުމަކީ ނުވާނެކަމެކެވެ. އަދި ދުނިޔެއަށްފޮނުވުނަސް އެބައިމީހުން އެނބުރި އެބައިމީހުން ތިބި ނުބައިގޮތްތަކަށް އަލުން ރުޖޫޢަވާނެކަން ﷲ އެވަނީ އަންގަވާފައެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَأَسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّوْا وَهُمْ مُعْرِضُونَ)) الأنفال:23 މާނައީ: “އެބައިމީހުންގެ ކިބައިގައި، ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންފިނަމަ، އެބައިމީހުންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެބައިމީހުންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ ޙާލު، އެބައިމީހުން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.” އަދި ތަބޫކު ހަނގުރާމައަށް ނުގޮސްތިބި މުނާފިޤުންނާބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ أَرَادُوا الْخُرُوجَ لَأَعَدُّوا لَهُ عُدَّةً وَلَكِنْ كَرِهَ اللَّهُ انْبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ * لَوْ خَرَجُوا فِيكُمْ مَا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ *)) التوبة:46-47 މާނައީ: “އެބައިމީހުން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެބައިމީހުން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެބައިމީހުން ނުކުތުމަށް، ﷲ ނުރުއްސަވައިފިއެވެ. ދެން އެބައިމީހުންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ. އެބައިމީހުން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެބައިމީހުން އިތުރެއް ނުކުރީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުރުމަށް އަވަސްވެގަތީހެވެ. އެބައިމީހުން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. ﷲއީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” މުއުމިނުންނާއެކު މުނާފިޤުން ހަނގުރާމައަށް ނުކުމެއްޖެނަމަ ކަންތައްވާނެގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ މާކުރިން މޮޅަށް ދެނެވޮޑިގެންވާތީވެ، އެއިލާހުގެ ޙަޟްރަތުން މުއުމިނުންނަށްވާ ރަޙްމަތެއްގެގޮތުގައި މުނާފިޤުންގެ ހިތްވަރު ދެރަކުރައްވައި ކަންނެތްކުރެއްވީއެވެ. މިއީ ހައްތަހާވެސް އެއިލާހުގެ ޢިލްމުފުޅުގެ ފުރިހަމަކަމެވެ. އެއިލާހުގެ ޢިލްމުފުޅަކީ ފުރިހަމަ، އެއްވެސް އުނިކަމެއްނުވާ ޢިލްމުފުޅެކެވެ. މިއާއިޚިލާފަށް، އެއިލާހުގެ މަޚްލޫޤުންގެ ޢިލްމަކީ އުނިކަން އެކުލެވިގެންވާ ޢިލްމެކެވެ.