الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަތްބަލާ، ފާލުބަލާ އަދި އިރުވަރުބަލާހެދުމަކީ ވަރަށް ކުރީއްސުރެ ދިވެހިންގެ ތެރޭގައި އޮތްކަމެކެވެ. ދިރިއުޅުމުގައި ނިންމާ މުހިއްމު ނިންމުންތައް ނިންމުމުގައި މިކަންކަންކުރުމަކީ ދިވެހިންގެ ތެރޭގައި އާންމުކަމެކެވެ. ޒަމާން ބަދަލުވެ ދުނިޔެ ތަހުޒީބުވެފައިވާއިރު ފާލުބެލުމުގެ ކަންތައްވެސް މިދަނީ ތަހުޒީބުވަމުންނެވެ. ކުރީގައި ފާލުބަލާމީހެއްގެ ގާތަށްގޮސް ފާލުބެލިޔަސް، މިހާރު އަމިއްލަ ގޭގައި މީހެއްގެ އެހީތެރިކަމެއްނެތިވެސް މިކަން ކުރެވޭނެ މަގުތައްވަނީ ފަހިވެފައެވެ. އަދި މިކަން މިހާރު ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ މުޅިން އާ ނަމަކުންނެވެ. ދުވަހު ނޫސްތަކާއި، މަޖައްލާތަކުގެ އިތުރުން އިންޓަނެޓުންވެސް މިހާރު “ހޮރޮސްކޯޕް” ބަލާލެވެއެވެ. އާންމުކޮށް މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކްތަކުގައިވެސް “ހޮރޮސްކޯޕަށް” ޙާއްޞަ އެޕްލިކޭޝަންތައް ހެދިފައިހުރެއެވެ.
“ހޮރޮސްކޯޕް” މިލަފުޒު ނެގިފައިވަނީ ގްރީކް ލަފުޒެއްކަމަށްވާ (horoskopos) އިންނެވެ. މިލަފުޒުގެ މާނައަކީ ގަޑިއިރުތަކަށް ބަލާލުމެވެ. މިގޮތުން އިރުވަރުބެލުމުގެ ޢިލްމަށް ނިސްބަތްވާ މީހުންގެ ގާތުގައި ހޮރޮސްކޯޕަކީ ޙާދިޘާއެއް ހިނގައިގެންދާއިރު (މިޘާލަކަށް: މީހަކު އުފަންވާއިރު) އިރާއި ހަނދާއި ޕްލެނެޓްތަކުގެ ދައުރުވުމާއި ހުރިގުޅުން ދައްކުވާދޭ ޗާޓެއް ނުވަތަ ކުރެހުމެކެވެ. މިބައިމީހުން ޤަބޫލުކުރާ ގޮތުގައި މިއަށް ބަރޯސާވެ މުސްތަޤްބަލުގައި ވާނޭކަންކަމުގެ ޚަބަރު ހޯދިދާނެއެވެ.
މުސްތަޤްބަލުގައި ވާނޭކަންކަމަކީ ޣައިބުގެ ޢިލްމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޣައިބުގެ ޢިލްމަކީ ﷲ ފިޔަވާ އެހެން ފަރާތަކަށް އެނގޭނޭ ކަމެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ. ނަބިއްޔާ صلى الله عليه وسلم އަށް ވެސް ޣައިބުގެ ޢިލްމު އެނގިވަޑައިގެންނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ﴾ (سورة النمل ٦٥)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާކަމެއް ނޭނގޭނެތެވެ.”
ރަސޫލާ صلى الله عليه وسلم އަށްވެސް އެނގިވަޑައިގެން ކަންތައްތަކަކީ ﷲ ތަޢާލާގެ ވަޙީގެ ޒަރީޢާއިން އެކަލޭގެފާނަށް ދެއްވާފައިވާ ޚަބަރުތަކެވެ. އެއިލާހު އުނގަންނަވާދެއްވި މިންވަރަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴾ (سورة الأعراف ٦٥)
މާނައީ: “އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.”
ދެންފަހެ އެހެން މީހަކަށް ޣައިބުގެ ޢިލްމު އެނގޭނީ ކިހިނަކުންހެއްޔެވެ.
އަޅުގަނޑުމެން ދެނެގަންނަންޖެހޭ ކަމަކީ ފާލުބެލުމާއި ފާލުބަލާމީހުންގެ ގާތަށް ދިޔުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާކަމެއްކަމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“ފާލުބަލާމީހެއްގެ ގާތަށްގޮސް، އެމީހެއްގެ ގާތުން ކަމެއް އަހައިފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލުނުކުރެވޭނެއެވެ.” [أخرجه مسلم / كتاب: السلام / باب: تحريم الكهانة … / رقم: ٢٢٣٠]
މިޙަދީޘްގެ މުރާދަކީ އެފަދަކަމެއް ކުރެވިއްޖެ މީހާ ސާޅީސްދުވަސްވަންދެން ނަމާދުނުކުރާށެކޭއެއްނޫނެވެ. ނަމަވެސް އެނަމާދުތަކުން އޭނާއަށް ޘަވާބެއްނުލިބޭނެކަމެވެ. [1] މިފަދަ މީހަކު ސާޅީސްދުވަސްވަންދެން ނަމާދު އަޅައިފިނަމަ، އޭނާއަށް އެއަރައި ގަނެވުނީ އަނެއްކާވެސް އިތުރު ފާފައަކަށެވެ. ފާލުބަލާމީހެއްގެ ގާތަށް ދިޔުމަށްފަހު ސާޅީސްދުވަސްވަންދެން ކުރާނަމާދުތައް އެހެން ދުވަސްވަރެއްގައި އިޔާދަކުރަން ނުޖެހޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. [2]
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް، އެމީހަކު ބުނާއެއްޗެއް ޤަބޫލުކޮށްފިމީހަކު، ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު އެއްޗަށް ކާފިރުވެއްޖެއެވެ.” [أخرجه إمام أحمد في المسند في مسند أبي هريرة رقم:٩٥٣٦ وحسنه شعيب الأرنووط وعادل مرشد في تحقيقهما لمسند أحمد/مجلد: ٢٥ / ص: ٣٣١]
މިޙަދީޘްގައިވާ “ބާވައިލެއްވުނު އެއްޗަށް” ގެ މުރާދަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ. [3]
“ފުރަތަމަ ޙަދީޘްއެކޭ އެއްގޮތަށް ދެވަނަ ޙަދީޘްގައިވެސް ލަފްޒީގޮތުން މާނަކުރެވެނީ ފާލުބަލާމީހާ ކަމަށެވެ. ނަމަވެސް އިރުވަރުބަލާމީހުންވެސް މިކަމުގައި ޝާމިލްކުރެވެއެވެ. މިދެބައިމީހުންވެސް މުސްތަޤްބަލުގައި ވާނޭ ކަންތައްތައް އެނގޭކަމަށް ދައުވާކުރެއެވެ. އާދައިގެ ފާލުބަލާމީހާއެކޭ އެއްގޮތަށް އިރުވަރުބަލާމީހާގެވެސް ދައުވާއަކީވެސް ތައުޙީދާއި ދިމާ އިދިކޮޅު ދައުވާއެކެވެ. އެމީހުން ދައުވާކުރާގޮތުގައި މީހެއްގެ ޝަޚްޞިއްޔަތު ބައްޓަންކުރަނީ ތަރިތަކެވެ. އަދި މުސްތަޤްބަލުގައި ވާނޭކަންތައްތަކާއި އެމީހެއްގެ ޙަޔާތުގައިވާނޭ ކަންތައްތައް ވަނީ ތަރިތަކުގައި ލިޔެވިފައެވެ. އާދައިގެ ފާލުބަލާމީހާ ދައުވާކުރާގޮތުގައި ޖޯޑުގެ އަޑީގައި ސައިފަތްތައް އެތުރޭގޮތުން ނުވަތަ އަތްތިލައިގައި ހުންނަ ރޮނގުތަކުން ހަމަ އެކަންތައްތައް އޭނާއަށް އެނގެއެވެ. މިދެކަމުގައިވެސް އެކަންކުރާމީހުންނަށް އެދައުވާ ކުރެވެނީ ޚަލްޤުކުރެވިފައިވާ ތަކެތީގެ ބައްޓަމުން އެމީހުންނަށް ކަންކަން ދޭހަވާކަމަށެވެ. ޣައިބުގެ ޢިލްމު އެނގޭކަމަށެވެ….
އެހެންކަމުން މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ ކަންކަމުން ދުރުހެލިވުމެވެ. އެގޮތުން އެކަންކަން ޤަބޫލު ނުކުރިކަމުގައިވިޔަސް “ޒޯޑިއެކް” ނިޝާންތައް ހުންނަ އަނގޮޓި، ފަށް ފަދަ ތަކެތި އަޅައިގެން ނުވާނެއެވެ. އެއީ ބަޔަކު ފަރުމާކޮށްފައިވާ ކުފުރަށް މަގުދައްކާ ނިޒާމެއްގެ ބައެކެވެ. އަދި އެކަމުން އެކީއެކައްޗަކަށް ދުރުހެލިވާންޖެހޭނެއެވެ. މުއުމިނަކު އެހެން މީހެއްގެ ނިޝާނަކީ ކޮބާތޯ އަހައިގެންނުވާނެއެވެ. އަދި ހޯދުމަށް މަސައްކަތްކޮށްގެންވެސް ނުވާނެއެވެ. ނޫސްތަކުގަ ހުންނަ ހޮރޮސްކޯޕް ކޮލަމްތައް ކިޔައިގެން ނުވަތަ އަޑުއަހައިގެންވެސް ނުވާނެއެވެ….” [4]
ދުޢާއަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުންމަތީ އަޅުގަނޑުމެންނަށް ޘާބިތުކަންދެއްވެމެވެ.
ނޯޓް: މިލިޔުމުގައި “އިރުވަރުބެލުމުގެ ޢިލްމު”މިފަދައިން ތަރުޖަމާކުރެވިފައިމިވަނީ އެސްޓްރޮލޮޖީއެވެ. މިކަންކުރުމާއި އެސްޓްރޮނޮމީ (ފަލަކީ ޙިސާބު) މިއީ ތަފާތުދެކަމެކެވެ. އަދި މިދެކަމުގެ ޙުކުމްވެސް ތަފާތެވެ. މިނައްޞުތަކުގައި މަނާކުރެވިފައިމިވަނީ އިރުވަރުބެލުމުގެ ޢިލްމެވެ. والله أعلم
___________________________________________________________
[1] http://islamqa.info/en/ref/27143
[2] نيل الأوطار للشوكاني / باب: ما جاء في حد الساحر/مجلد:١٣/ ص: ٤٨٤ / طبعة:دار ابن الجوزي
[3] فتح المجيد / باب: ما جاء في الكهان ونحوهم / ص: ٣٣٥ / طبعة: دار المؤيد
[4] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑަމެންޓަލްސް އޮފް ތައުޙީދު – ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި
“ހޮރޮސްކޯޕް”އާ ގުޅުންހުރި އިތުރު ލިޔުންތައް:
ރާހިބެލުން (Horoscope)
ޙަޔާތުގައި ހިނގާކަންކަމަށް ތަރިތަކުގެ ބާރު ފޯރާކަމަށް އިޢުތިޤާދު ކުރުމުގެ ޝިރުކު