قَالَ الطَّحَاوِيُّ رحمه الله: “وَقَدَّرَ لَهُمْ أَقْدَارًا”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެބައިމީހުންނަށް (އެބަހީ: އެއިލާހު އުފެއްދެވި އެންމެހާ ތަކެއްޗަށް) ވަކި ޤަދަރެއް އެއިލާހު ކަނޑައެޅުއްވިއެވެ.”
_______________________________________
ޝަރަޙަ:
* މިބަސްފުޅުގައި އިމާމް ޠަޙާވީ ރަޙިމަހުﷲ މިވިދާޅުވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުކުރެއްވި އެންމެހާ ޚަލްޤުތަކަށް އެއިލާހުވަނީ ވަކި ޤަދަރެއް ކަނޑައަޅުއްވާފައެވެ. މިބަސްފުޅަކީ މީގެ ކުރީބައިގައި ބުނެވިދިޔަ، އެއިލާހުގެ ޚަލްޤުތައް އެއިލާހު ޚަލްޤުކުރައްވާފައިވަނީ އެއިލާހުގެ ޢިލްމުފުޅުންކަމުގައި ދަލީލުކޮށްދޭކަމެކެވެ. އެހެނީ، ފުރިހަމަ ޢައިބުކަމެއްނެތް ޢިލްމަކުން މެނުވީ ކުރިއަށް ހުރިކަންކަން ދެނެނުގަނެވޭނެއެވެ. އަދި އެޚަލްޤުތަކުންގެ ކަންތައްތައް ޤަދަރުނުކުރެވޭނެއެވެ. ޚަލްޤުތަކަށް ކަންކަން ޤަދަރުކުރައްވާފައިވުމީ އެއިލާހުގެ ޢިލްމުފުޅުގެ ފުރިހަމަކަމުގެ ދަލީލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ)) القمر:49 މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއް) ތިމަންއިލާހު ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا)) الفرقان:2 މާނައީ: “އަދި ކޮންމެ އެއްޗެއް ހެއްދެވީ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ ތަޤުދީރުކުރެއްވިއެވެ.” ޤަދަރަށް އީމާންވުމަކީ، އީމާންކަން ޞައްޙަވުމުގެ ތެރެއިންވާކަމެކެވެ. އަދި އެކަންދޮގުރުމަކީ ބާޠިލުކަމެކެވެ. ޝަރުޢުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރައްވާފައިވާ ޤަދަރަކީ، އެންމެހާ ޚަލްޤުތައް އުފެއްދެވުމުގެ ކުރިން، ވާނެ އެންމެހާ ކަންކަމެއް މިންވަރުކުރައްވައި ލިޔުއްވާފައިވުމެވެ. މިކަންކަން މަލާއިކަތެއްވިޔަސް އަދި ނަބިއްޔަކަށްވިޔަސް އެނގިގެންނުވެއެވެ. ހަމައެކަނި ﷲ އެބޭކަލުންނަށް އަންގަވާދެއްވި ޢިލްމެއްމެނުވީއެވެ. އިމާމް ޠަޙާވީ ރަޙިމަހުﷲ ޤަދަރުގެ ވާހަކަ އަދި ފަހުން ގެންނަވާހުއްޓެވެ. ޤަދަރާބެހޭ އިތުރު ތަފްޞީލު އެބައިގައި ގެނެސްދެވޭނެއެވެ. إن شاء الله.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ ޚަލްޤުތަކެއް ޤަދަރުކުރައްވާފައޭ ބުނުމުން އަންނަނިވި ތިން ބައި ޝާމިލުވެއެވެ.
(1) އެއިލާހުގެ ޚަލްޤުކުރެއްވުން، އެޚަލްޤަކަށް މިންވަރުކުރައްވާފައިވާގޮތުގެ މަތީން ފުރިހަމަކުރައްވައެވެ. އެމަޚްލޫޤަކާގުޅޭ އެންމެހާކަމެއް ތަޤުދީރުކުރައްވާފައިވާ ޙާލުގައި މެނުވީ މަންމައެއްގެ ބަނޑުން ޅަދަރިއެއް ނުނިކުމެއެވެ. އެމަޚްލޫޤެއްގެ ހުރިހާ މަރުޙަލާތަކެއްގެ އެންމެހާކަމެއް ތަފްޞީލާއެކު ތަޤުދީރުކުރައްވާފައިވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَى وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ وَكُلُّ شَيْءٍ عِنْدَهُ بِمِقْدَارٍ)) الرعد:8 މާނައީ: “ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، ރަޙިމުތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، ﷲ ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ ޙަޟްރަތުގައި ވަނީ މިންވަރު ކުރައްވާފައެވެ.”
(2) ޚަލްޤުތަކުންގެ ޞިފަތަކާއި، ކުލައާއި، ވިސްނުންތެރިވުމާއި، މިނޫނަސް މިބާވަތުގެ އެންމެހާ ކަމެއްވަނީ ޤަދަރުކުރައްވާފައެވެ. އެއީ ރޫޙުގެ ސަބަބުން ދިރިއުޅޭ މަޚްލޫޤެއްނަމަވެސް، ނުވަތަ ފުރާނައެއްނުވާ މަޚްލޫޤެއްނަމަވެސް، ނުވަތަ ގަސްފަދަ ޙަރަކާތްތެރިނުވާ އެއްތަނެއްގައި ހުންނަ މަޚްލޫޤެއްނަމަވެސްމެއެވެ.
(3) މަޚްލޫޤުންގެ ތެރެއިން މުކައްލަފުންގެ ޙަޔާތަކީ ހިތާމަވެރި، ނުވަތަ އުފާވެރި، އަދި ހިދާޔަތުގެ މަގުގައިވާމީހެއްކަމުގެ، ނުވަތަ މަގުފުރެދިގެންވާ މީހެއްކަމުގެ ތަޤްދީރުކުރައްވާފައިވެއެވެ.
މިތިންބައި ޝާމިލުވެގެންވާކަން ބަޔާންވުމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢަލާގެ ވަޙީބަސްފުޅެވެ. ((الَّذِي خَلَقَ فَسَوَّى*وَالَّذِي قَدَّرَ فَهَدَى)) الأعلى:2-3 މާނައީ: “އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.” މިދެއާޔަތުގެ ފުރަތަމަ ބައިގައި އެއަންގަވަނީ އެއިލާހުގެ ޚަލްޤުކުރެއްވުން ފުރަހަމަކުރައްވާނެކަމެވެ. އޭގެފަހުގައި އެއަންގަވަނީ އެޚަލްޤުތަކަށް ކަނޑައެޅިގެންވާ ޤަދަރެއް ކަނޑައެޅުއްވިކަމެވެ. އޭގެފަހުގައި އެއަންގަވަނީ މަގުދެއްކެވިކަމެވެ.
ޤަދަރުގެ ވާހަކަ ދެއްކުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ހަމައެކަނި ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން މެނުވީ ވާހަކަ ދައްކައިގެން ނުވާނެއެވެ. އަމިއްލަ ބުއްދިއާއި ވިސްނުން ވެއްދުމުގެ ސަބަބުން މީސްތަކުންގެ ތެރެއިން ވަރަށް ގިނަބަޔަކު މިމައްސަލާގައި މަގުފުރެދިފައިވެއެވެ. މިމައްސަލާގައި މަގުފުރެދުމުގައި އަންނަނިވި ސަބަބުތައް ވެއެވެ.
(1) ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތަކާމެދު އަމިއްލަގޮތްތައް ވައްދައި، ނައްޞުތަކުން ޘާބިތުނުވާ މިންވަރަށް އެކަމުގެ ޙަޤީޤަތް ހޯދުމަށް މަސައްކަތްކުރުމެވެ. ކަންކަމުގައި “ކީއްވެ؟” މިސުވާލު ގިނަކުރުމެވެ. “އެވެނިކަމެއް އެހެން އެވީ ކީއްވެ؟”، “މިވެނި އެއްޗެއް އެގޮތަށް ހެއްދެވުނީ ކީއްވެ؟”، “އެކަން އެހެންއެވީ ކީއްވެ؟” ފަދަ ސުވާލުތައް ގިނަކުރުމެވެ. އެންމެހާ ކަމެއް އެއިލާހު ހިންގަވައި ނިންމަވަނީ އެއިލާހުގެ ފުރިހަމަ ޙިކުމަތުންނެވެ. މީސްތަކުންގެ ޙިކުމަތާއި، ޢިލްމާއި، ބުއްދިއަކުން އެކަންކަން ފުރިހަމައަށް ދެނެގަތުމަކީ ނުވާނެކަމެކެވެ. އެއީ މީސްތަކުންގެ ބުއްދިއާއި، ވިސްނުމާއި، ޢިލްމުގައިވާ އުނިކަމުގެ ސަބަބުންނެވެ. ޚުދު އިންސާނާ އޭނައަށް އެންމެހާ ކަމެއް ނޭނގޭކަމަށް އަމިއްލައަށް އިޢުތިރާފުވާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ސިއްރުކުރައްވާފައިވާ ކަމެއް އޭނައަށް އެނގޭނީ ކޮންފަދައަކުން ހެއްޔެވެ؟
(2) ﷲ ކުރައްވާ ކަންތައްތަކާ މީސްތަކުން ކުރާ ކަންތައްތަކާ ވައްތަރުކުރުމެވެ. އަދި މީސްތަކުން ކުރާ ކަންތައްތައް އެއީ މިންގަނޑުކަމުގައި ބަލައިއުޅުމެވެ. މީސްތަކުން ކަންތައް ކުރާގޮތް އެއީ ރައްބުވެސް ކަންތައްކުރައްވާގޮތްކަމުގައި ދެކުމެވެ. މިފަދައިން ވިސްނުމަކީ ﷲއާ އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރުކުރުމުގެ ތެރޭގައި ހިމެނޭކަމެކެވެ. މިފަދައިން ވިސްނާމީހުންދެކޭގޮތުގައި މީސްތަކުން ކަންތައްކުރާގޮތް އެއީ ﷲވެސް ކަންތައްކުރައްވާގޮތެވެ. މިފަދަ މީހުންގެ ނަޒަރުގައި މީސްތަކުން ކަންތައްކުރާގޮތާއި، މީސްތަކުންގެ ބުއްދިއާއި ވިސްނުމަށް ވިސްނޭކޮންމެކަމަކީ އެއީ ޙައްޤެވެ. އެހެންނޫންނަމަ އެއީ ބާޠިލެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޚްލޫޤުންނާ އެއްފަދަވުމުން ހުސްޠާހިރުވެގެންވެއެވެ.
(3) މިމަސްއަލާގެ ތެރެއަށް އަމިއްލަ ބުއްދިއާއި ވިސްނުން ވެއްދުމެވެ. އަޅުގަނޑުމެން މިމަސްއަލާގައި ސަލަފުންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައިވާނަމަ، އެބޭކަލުން ފަރާތްޕުޅުން ފެނިގެންދާނީ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކަށް ތަބާޢަވާތަނެވެ. އެކަމުގެ ތެރެއަށް ޝަރުޢީ ދަލީލެއްނެތް، ބުއްދިއާއި ވިސްނުމުގެ މައްޗަށް ބުރަވާކަމެއް ވައްދައިފިކަމުގައިވާނަމަ އެބޭކަލުން އެބަހަކުން ދުރުވެވަޑައިގަންނަވައެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނީ ހަމައެކަނި ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ބާޠިލުގައިވާ މީސްތަކުންނަށް ރައްދުދިނުމުގެ ގޮތުން ނައްޞުތަކުން ޘާބިތުވާ ކަންކަމުގައި ބުއްދީގެ މިސާލުތައް ގެނައުން ހުއްދައެވެ.
ޤަދަރަކީ ކޮބައިކަމާއި، އެކަމާގުޅޭ މަސްއަލަތަކާއި، ޤަދަރުގެ މަސްއަލާގައި ޙައްޤުމަގުން އެއްކިބާވެފައިވާމީހުންގެ ޢަޤީދާއާއި، މިމަސްއަލާގައި ސަލަފުއްޞާލިޙުންގެ މަންހަޖަކީ ކޮބައިކަން އަދިފަހުން ނަންގަނެވޭ ހުއްޓެވެ. إن شاء الله.