[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (2)

މިލިޔުމުގެ ފުރަތަމަ ބައިގައި އަލިއަޅުވާލެވިފައިވާނީ، ޝައިޠާނާގެ ވަސްވާހުގެ ސަބަބުން އަޅުކަންތަކުގެ ތެރެއަށް ޝައްކުވަނުމާބެހޭގޮތުންނެވެ. މިބަލީގެ ސަބަބުން މީހާއަށް އެތައް ދަތިއުނދަގޫތަކެއް ކުރިމަތިކުރުވައި، އެތައް ހެޔޮކަމަކުން މީހާ މަޙުރޫމުކޮށްލައެވެ. އަދި މީހާކުރާ އަޅުކަން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދުދެއްވާފައިވާގޮތާ ޚިލާފަށް ކުރެވި، އަޅުކަން ބާޠިލުވާ ދަރަޖައަށް ކަންތައް ގެންދެއެވެ. މިނުރައްކާތެރި ބަލިން ރައްކާތެރިވާނެގޮތް އެނގުމަކީ ބަލިޖެހުމުގެ ކުރިން އެކަންމަށް އެޅޭނެ މުހިއްމު އެއްފިޔަވަޅެވެ. އެގޮތުން މިބަލިން ރައްކާތެރިވުމަށްޓަކައި، ނުވަތަ ސަލާމަތްވުމަށްޓަކައި އަންނަނިވި ކަންތައްތަކަކީ ވަރަށް މުހިއްމު ކަންތައްތަކެކެވެ.

(1) ޢިލްމު ލިބިގަތުމެވެ.

ކޮންމެ ކަމެއްގައިވެސް އެކަމުގެ ޢިލްމު ލިބިފައިވުމަކީ ކަމެއް ގޯސްކޮށްދިޔުމުން އެއްކިބާކޮށްދޭނެކަމެކެވެ. އެގޮތުން އަޅުކަންތައްތަކުގައި އެކަމުގެ ޢިލްމު ލިބިގަތުމަކީ މުހިއްމުކަމެކެވެ. ގިނަފަހަރަށް ކަންކަމުގައި މަގުފުރެދިގެންދަނީ ޢިލްމުނެތުމުގެ ސަބަބުންނެވެ. ކުރީގެ ލިޔުމުގައި ބަޔާންކުރެވިފައިވާނޭ ފަދައިން، އަޅުކަންތައްތަކުގައި ޝައްކު އެފެއްދުމަށް ޝައިޠާނާއަށް ފުރުޞަތުދެވެނީ އަމިއްލައަށް ޚިޔާލުކުރެވޭ ނުވަތަ ހީކުރެވޭ ހީކުރެވުމެއްގެ ސަބަބުންނެވެ. ބައެއްމީހުން ޔަޤީންކަން ބޮޑަށް އިތުރުކުރުމަށްޓަކައި، ނުވަތަ އުފެދޭ ޝައްކެއް ފިލުވާލުމަށްޓަކައި ވުޟޫކުރާއިރު ގިނައިން ވުޟޫކޮށް، ޤަޟާޙާޖަތްކުރާއިރު ގިނައިން ދޮވުން ފަދަ ކަންތައްތައް ކުރަނީއެވެ. މިކަންތަކުރާރުވަމުންގޮސް އެކަން ބައްޔަކަށްވެ، ދާއިމީކަމަށް ވެގެންދަނީއެވެ. ޙަޤީޤަތުގައި އަމިއްލައަށް މިބައްޔަށް ހުށަހެޅެނީކަން ވިސްނާލެވިފައިނުހުންނަނީއެވެ. ހެޔޮކަމެއްކަމަށް ގޮސް ވަދެވެނީ ޝައިޠާނާގެ ވަސްވާސްތަކުގެ ތެރެއަށެވެ. އެހެންކަމުން، ޝައިޠާނާގެ މަކަރުވެރިކަމާއި، އޭނާ އިންސާނުންނަށް ވަސްވާސްދޭގޮތްތަކާއި، އޭނާގެ ވަސްވާސްތަކުން ސަލާމަތްވާނެ ގޮތްތައް އުގެނި، އެކަމުގެ ޢިލްމު ލިބިގަތުމަކީ އެންމެ މުހިއްމު އެއްކަމެވެ. މިގޮތުން އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޝައިޠާނާއަށް އެފުރުޞަތުނުދިނުމަށް ނަޞޭޙަތްތެރިވެ ލައްވާފައެވެ. ނަމާދުގައި ހުއްޓައި ވުޟޫގެއްލިއްޖެކަމާމެދު ޝައްކުވާނަމަ ކަންތައްކުރާނެގޮތް ބަޔާންކުރައްވާ އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((لَا يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا)) متفق عليه މާނައީ: “(ވައިބޭރުވިކަމުގެ) އަޑު އިވިއްޖެއުމަށްދާންދެން ނުވަތަ ވަހެއް ދޮވައިފުމަށްދާންދެން (ނަމާދުން) ބޭރުނުވާށެވެ.” އަދިކުށުސަޖިދަޖެހުމާ ބެހޭގޮތުން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. ((إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ، فَلَمْ يَدْرِ كَمْ صَلَّى ثَلَاثًا أَمْ أَرْبَعًا، فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ، ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلَاتَهُ، وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ)) مسلم މާނައީ: “ތިޔަބައިމީހުންކުރެ މީހަކަށް އޭނާގެ ނަމާދުގައި ޝައްކުވެ، ކުރެވުނީ ތިން ރަކުޢަތްކަން ނުވަތަ ހަތަރުރަކުޢަތްކަން ނޭނގިއްޖެނަމަ ފަހެ ޝައްކު ފިލުވައިލާހުށިކަމެވެ. އަދި ޔަޤީންވާ ޢަދަދެއްގެ މައްޗަށް ބިނާކުރާހުށިކަމެވެ. ދެން ސަލާމްދިނުމުގެ ކުރިން ދެސަޖިދަކުރާހުށިކަމެވެ. ފަހެ، އޭނާއަށް ފަސްރަކުޢަތް ކުރެވުނުކަމުގައިވާނަމަ، އޭނާގެ އެދެސަޖިދަ ރަކުޢަތެއް ފަދައިންވެ، އޭނާއަށް އިތުރަށް އެކުރެވުނު ރަކުޢަތާއެކު ދެރަކުޢަތް ނަމާދަކަށް ހަދައިދޭނެއެވެ. އަދި އޭނާ ހަތަރު ރަކުޢަތް ފުރިހަމައަށް ކުރިކަމުގައިވާނަމަ އެދެސަޖިދަވާނީ ޝައިޠާނާ ނިކަމެތިކޮށްލާ އެއްޗަކަށެވެ.” އަޅުގަނޑުމެން ވިސްނާލައިފިކަމުގައިވާނަމަ، ވުޟޫގެއްލިއްޖެކަމަށް ހީވާކޮންމެ ފަހަރަކު ނަމާދުދޫކޮށް، ނުވަތަ އަލުން ވުޟޫކުރުމާއި، ނަމާދުގައި ރަކުޢަތްތަކުގެ ޢަދަދާމެދު ޝައްކުވާއިރަށް އަލުން ނަމާދުކޮށް ހެދުމަކީ ޝައިޠާނާއަށް މަގުފަހިކުރެވޭކަމެކެވެ.

އެހެންކަމުން، އަޅުކަންތައްކުރާއިރު، އެއަޅުކަމަކާބެހޭ ޢިލްމު ލިބިފައިހުރުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.

(2) އެންމެ ރިވެތިގޮތަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްކަވާދެއްވިގޮތެވެ.

މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތަށް އިސްލާމްދީން ބަޔާންކޮށްދެއްވުމަށްޓަކައި ފޮނުއްވި ސާހިބާއެވެ. އެކަލޭގެފާނު ވަނީ ބަސްފުޅާއި، ޢަމަލުފުޅުން އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވާދެއްވާފައެވެ. އެންމެ ފުރިހަމަ، ރިވެތި، ޙައްޤުގެމަގުގައިވާ ގޮތަކީ އެކަލޭގެފާނު ބަޔާންކޮށްދެއްވި ގޮތެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅަށް ތަޢުރީފުކުރައްވައި، އެކަލޭގެފާނުގެ ކިބައިން ނަމޫނާ ހޯއްދެވުމަށް އަންގަވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَإِنَّكَ لَعَلى خُلُقٍ عَظِيمٍ)) القلم: 4 މާނައީ: “އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيراً)) الأحزاب: 21 މާނައީ: “ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.” މިއީ އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނުގައި ބިންވަޅުނަގަންޖެހޭފަދަ މަތިވެރި މުހިއްމު ނަޞޭޙަތެކެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެކަލޭގެފާނު ވަނީ ރިވެތިވެގެންވާ ފުރިހަމަ ނަމޫނާއެއް ދައްކަވާދެއްވާފައިވާކަމެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ އެކަލޭގެފާނަށް ތަބާވުމެވެ. އެކަލޭގެފާނުގެ ކިބައިން ނަމޫނާ ލިބިގަތުމެވެ. ވުޟޫކުރުމުގައާއި، ނަމާދުކުރުމަގައާއި، ދުޢާކުރުމުގައާއި، ޛިކުރުކުރުންފަދަ އެންމެހާ ކަމެއްގައި އެންމެ ފުރިހަމަ ނަމޫނާއަކީ އެއީއެވެ. ﷲ އެބޭކަލަކަށް ތަބާވުމަށް އަންގަވާފައިވާ ބޭކަލަކީ އެއީއެވެ. އެހެންވީއިރު ޙައްޤުމަގުފިޔަވައި ދެންއޮންނާނީ ބާޠިލެވެ. އަޅުގަނޑުމެން ބަލަންޖެހޭނީ ކަންކަމުގައި ނަމޫނާއަކީ އެކަލޭގެފާނުކަމަށެވެ. އަމިއްލައަށް ގޮތްތައް ހަދައި، އެކަލޭގެފާނު ދައްކަވާދެއްވި ނަމޫނާއަކީ ފުރިހަމަނޫން ގޮތްތަކެއްކަމުގައި ބަލައި، އަމިއްލަ ހިތްކިޔާގޮތްތަކަށް ތަބާވުމަކީ މަގުފުރެދުމެކެވެ. ޝައްކުގެ މަގަށް ހުޅުވާލެވޭ ދޮރެކެވެ.

(ނުނިމޭ)

____________________________

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (1)

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (3)