[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (5)

 3. މަޚްލޫޤުތަކުންކުރެ އެންމެ މަތީގައިވާ މަޚްލޫޤަކީ ޢަރުޝުއެވެ.    

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ فِي الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالْأَرْضِ، فَإِذَا سَأَلْتُمُ اللهَ فَسَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ، وَأَعْلَى الْجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ)) (البخاري) މާނައީ: “ހަމަކަށަވަރުން ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށްޓަކައި ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. މީގެން ކޮންމެ ދެދަރަޖައެއްގެ ދެމެދުގެ ދުރުމިނުގެ މިސާލަކީ ކުޑާއި ބިމާދެމެދުގެ ދުރުމިނެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ދަންނަވާކަމުގައިވަނީނަމަ ފިރުދަޥްސްއޭކިޔުނު ސުވަރުގެ ދެއްވުމަށް އެދޭށެވެ. ފަހެ، ހަމަކަށަވަރުން އެއީ ސުވަރުގޭގެ މެދެވެ. އަދި ސުވަރުގޭގެ އެންމެ މައްޗެވެ. އޭގެ މަތީގައި ވަނީ ރަޙްމާންވަންތަ އިލާހުގެ ޢަރުޝުއެވެ. ސުވަރުގޭގެ ކޯރުތައް ދެމިފައިވަނީ އެތަނުންނެވެ. (އެބަހީ: ފިރުދަޥްސްއޭކިޔުނު ސުވަރުގެއިންނެވެ.)”

އަދި އަބޫ ޢަބްދުﷲ އިބްނު އަބީ ޒަމަނީން ރަޙިމަހުﷲ އެކަލޭގެފާނުގެ ޢަޤީދާގެފޮތް “އުޞޫލުއް ސުންނާ” ގައި ވިދާޅުވެފައިވެއެވެ. “ސުނަންތުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރޭގައި ﷲ ޢައްޒަވަޖައްލަ ވަނީ ޢަރުޝު ޚަލްޤުކުރައްވާފައެވެ. އަދި (ޢަރުޝުވަނީ) އެންމެހާ މަޚްލޫޤުންނަށްވުރެ މަތިވުމުގެގޮތުންނާއި، އުފުލިފައިވުމުގެ ގޮތުން ޚާއްޞަކުރައްވާފައެވެ.”(1)

4. ޢަރުޝުއަކީ އެންމެ ބޮޑު މަޚްލޫޤެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ޢަރުޝުއަކީ ޚަލްޤުކުރެއްވުމުގެ ގޮތުންނާއި، ތަނަވަސްކަމުގެ ގޮތުން މަތިވެރި އެއްޗެއްކަމަށް ޞިފަކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَهُوَ رَبُّ الْعَرْشِ الْعَظِيمِ)) التوبة: 129 މާނައީ: “އަދި އެކަލާނގެއީ މަތިވެރިވެގެންވާ ޢަރުޝުގެ ވެރިރައްބެވެ.” އަދި އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَا السَّمَاوَاتُ السَّبْعُ فِي الْكُرْسِيِّ إِلَّا كَحَلْقَةٍ مُلْقَاةٍ بِأَرْضِ فَلَاةٍ، وَفَضْلُ الْعَرْشِ عَلَى الْكُرْسِيِّ كَفَضْلِ تِلْكَ الْفَلَاةِ عَلَى تِلْكَ الْحَلْقَةِ)) (البيهقي في الأسماء والصفات، ومحمد بن أبي شيبة في كتاب العرش) މާނައީ: “ކުރިސިއާ އަޅާބަލާއިރު ހަތްއުޑުގެ މިސާލަކީ ސަހަރާ ހުސް ބިމަކަށް އެއްލިފައިވާ ދަގަނޑު ބޮޅެއް (އަނގޮޓިއެއް) ގެ މިސާލެވެ. އަދި ކުރުސީގެ މައްޗަށް ޢަރުޝު މަތިވެރިވެގެންވަނީ އެހުސްބިމަށް އެބޮޅު އެއްލިފައިވާ މިސާލެވެ.”(2)

އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. “އަލްކުރިސިއަކީ އެއިލާހުގެ ދެފައިންޕުޅު އަޅުއްވާ ތަނެވެ. އަދި ޢަރުޝުގެ މިނެއް އެއްވެސް މީހަކަށް މިންވަރުނުކުރެވޭނެއެވެ.”(3)

 5. މަޚްލޫޤުތަކުންކުރެ އެންމެ ބަރު މަޚްލޫޤަކީ ޢަރުޝުއެވެ.

ޢަރަޝުއަކީ މަޚްލޫޤުތަކުންކުރެ އެންމެ މަތީގައިވާ އަދި އެންމެ ބޮޑު މަޚްލޫޤަށްވުމުގެ އިތުރަށް، އެއީ އެންމެ ބަރު މަޚްލޫޤެވެ. މިކަމުގެ ދަލީލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން ޖުވެއިރިޔާ ރަޟިޔަﷲ އަންހާ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެޙަދީޘްގައިވެއެވެ. ((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ، وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى، وَهِيَ جَالِسَةٌ، فَقَالَ: «مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا؟» قَالَتْ: نَعَمْ، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ، ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ: سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ)) (مسلم، والترمذي نحوه) މާނައީ: ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެނދުނު ފަތިސްނަމާދުކޮށް އަވަދިވުމާއެކު އެކަމަނާގެ (އެބަހީ: ޖުވެއިރިޔަތުގެފާނުގެ) އަރިހުން ނިކުމެވަޑައިގަތެވެ. އެއިރު އެކަމަނާ އިންނެވީ އެކަމަނާ ނަމާދުކުރެއްވި ތަނުގައެވެ. ދެން އޭގެފަހުގައި ޟުޙާވަގުތުގެ ފަހުން އަލުން އަނބުރާވަޑައިގެންނެވިއެވެ. އޭރުވެސް އެކަމަނާ އިންނެވީ (އެއިންތަނުގައި) އިށީނދެވަޑައިގެންނެވެ. ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު ކަމަނާއާ ވަކިވެވަޑައިގެންއިރު އިންނެވިޙާލުން އަދިވެސް ފިލައިނުދަނީތޯއެވެ؟” އެކަމަނާ ދެންނެވިއެވެ. އާދޭހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަމަނާއާ (ވަކިވެވަޑައިގެންނެވުމަށް) ފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް ތިންފަހަރު ވިދާޅުވީމެވެ. މިވަގުތާޖެހެންދެން ކަމަނާ ތިޔަވިދާޅުވި ޛިކުރުތަކާއި، އެކަލިމަތަށް މީޒާންކޮށްފިނަމަ އެކަލިމަތައް ބަރުވާހުއްޓެވެ. އެއީ سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ  (މާނައީ: މާތްﷲ، އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އެއީ އެކަލާނގެ މަޚްލޫޤުންގެ ޢަދަދާ އެއްވަރަށެވެ. އަދި އެކަލާނގެ ޒާތުފުޅަށް އެކަލާނގެ ރުހިވޮޑިގެންވާ މިންވަރަށެވެ. އަދި އެކަލާނގެ ޢަރުޝުގެ ވަޒަނާ އެއްވަރަށެވެ. އަދި އެކަލާނގެ ކަލިމަފުޅުތަކުގެ ދެއްޔާ އެއްވަރަށެވެ.”

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ “އައްރިސާލަތުލް ޢަރުޝިއްޔާ” ގައި، މިޙަދީޘް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “ފަހެ، މީގެން ދޭހަވަނީ ހަމަކަށަވަރުން ޢަރުޝުގެ ބަރުމިނަކީ އެންމެބަރު ވަޒަންކަމެވެ.”(4)

6. ޢަރުޝުވަނީ ފެންމަތީގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَهُوَ الَّذِي خَلَقَ السَّمَوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ)) هود: 7 މާނައީ: “އަދި އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އަދި (އެދެތަން ޚަލްޤުކުރެއްވުނުއިރު) އެކަލާނގެ ޢަރުޝުވަނީ ފެންމަތީގައެވެ.”

އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، قَالَ: وَعَرْشُهُ عَلَى الْمَاءِ)) (مسلم) މާނައީ: “އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސްހާސް އަހަރުކުރިން ޚަލްޤުތަކުންގެ ޤަދަރުކުރެއްވުން ﷲ ލިޔުއްވިއެވެ. ޙަދީޘްކުރެއްވިއެވެ. އޭރު އެއިލާހުގެ ޢަރުޝި ވަނީ ފެންމަތީގައެވެ.” މިފަދަ ގިނަ ޙަދީޘްތަކެއްވާރިދުވެފައިވެއެވެ.

(ނުނިމޭ)

____________________________

(1) އުޞޫލުއް ސުންނާ: ޞ. 282.

(2) މިޙަދީޘްގެ އެންމެހާ މަގުތަކެއް ޖަމާކުރެއްވުމުން ޞައްޙަކަމުގައި ޝެއިޚް އަލްއަލްބާނީ ވިދާޅުވެފައިވެއެވެ. ބައްލަވާ. އައްޞަޙީޙާ: ޙަދީޘް ނަންބަރު: 109.

(3) ބައްލަވާ: އަލްޢަރުޝި މުޙައްމަދު ބުން އަބީ ޝައިބާ: 61، މުޚްތަޞަރުލް ޢުލުއްވު: ޞ. 102، އިބްނު ޢައްބާސްއާ ހަމައަށް ޞައްޙަކަމުގައި ޝެއިޚް އަލްއަލްބާނީ ވިދާޅުވެފައިވެއެވެ.

(4) އައްރިސާލަތުލް ޢަރުޝިއްޔާ: ޞ. 10.

_____________________________

މިލިޔުމުގެ އެހެން ބައިތައް ބެއްލެވުމަށް ފިއްތަވާ ލައްވާ