قَالَ الطَّحَاوِيُّ رحمه الله: “وَضَرَبَ لهم آجَالاً، وَلَمْ يَخْف عَليهِ شَيْءٌ قَبْلَ أَنْ يَخْلُقَهُم، وَعَلِمَ ما هُمْ عَامِلُونَ قَبْلَ أنْ يَخْلُقَهُم، وأَمَرَهُم بِطَاعَتِهِ، ونَهَاهُم عَنْ مَعْصِيتِه”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އަދި އެތަކެއްޗަށް (ކަނޑައެޅިގެންވާ ވަކި) އަޖަލެއް އެއިލާހު ލެއްވިއެވެ. އަދި ޚަލްޤުތައް އުފެއްދެވުމުގެ ކުރިންވެސް، އެޚަލްޤުތަކާގުޅޭ އެއްވެސްކަމެއް އެއިލާހަށް ވަންހަނާވެވޮޑިގެންނުވެއެވެ. އަދި އެޚަލްޤުތައް އުފެއްދެވުމުގެ ކުރިން އެޚަލްޤުތައް ކުރާނޭ އެންމެހާ ޢަމަލުތައް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެބައިމީހުންނަށް އެއިލާހު އަމުރުކުރައްވަނީ އެއިލާހަށް ކިޔަމަންތެރިވުމަށެވެ. އަދި އެއިލާހަށް އުރެދުން އެބައިމީހުންގެ މައްޗަށް ނަހީ ކުރައްވައެވެ.”
_______________________________________
ޝަރަޙަ:
* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު ((وَضَرَبَ لهم آجَالاً)) (އަދި އެތަކެއްޗަށް (ކަނޑައެޅިގެންވާ ވަކި) އަޖަލެއް އެއިލާހު ލެއްވިއެވެ.) ދަންނައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޚަލްޤުތަކުންނަށް ވަކިއަޖަލެއް މިންވަރުކުރައްވާފައެވެ. އެއަޖަލު އައިސްޖެހުމާއެކު ކުޑަހިނދުކޮޅެއް އަވަސްވެސް އަދި ފަސްވެސް ނުކުރެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((فَإِذَا جَاءَ أَجَلُهُمْ فَلَا يَسْتَأْخِرُونَ سَاعَةً وَلَا يَسْتَقْدِمُونَ)) الأعراف: 34، والنحل: 61 މާނައީ: “ފަހެ، އެބައިމީހުންގެ އަޖަލުއައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެބައިމީހުންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلاَّ بِإِذْنِ اللَّهِ كِتَاباً مُؤَجَّلاً)) آل عمران: 145 މާނައީ: “އަދި، ﷲގެ އިޛުނަފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މީހެއްގެ އަޖަލުޖެހުމާއެކު އޭނާ މަރުވުމުގެ ސަބަބު މިންވަރުކުރައްވާފައިވެއެވެ. އެކަކެއްގެ އަޖަލުހަމަވުމުގެ ސަބަބެއްކަމުގައި ހިތުގެ ނުވަތަ ބަނޑުގެ ނުވަތަ އެނޫންވެސް ބައްޔެއް ލައްވާފައިވެދާނެއެވެ. އަނެކެއްގެ ސަބަބުކަމުގައި މީހެއްގެ އަތުން މަރުވުން ލައްވާފައިވެދާނެއެވެ. އަދި އަނެކެއްގެ ސަބަބުކަމުގައި ޣަރަޤުވުން ލައްވާފައި، އަނެކެއްގެ ސަބަބުކަމުގައި އަލިފާނުގެ ހާދިސާއެއް ލައްވާފައިވެދާނެއެވެ. މިކަންކަމަކީ އޭނާގެ މަރުކުރިމަތިވުމަށް ﷲ މިންވަރުކުރައްވާފައިވާ ސަބަބުތަކެވެ. ވާރޭވެހުމާއި، ބިންހެލުންއައުމާއި، އެނޫންވެސް ޤުދުރަތީ ކަންކަމަށް އެއިލާހު ސަބަބުތައް މެދުވެރިކުރައްވާފައިވާ ފަދައިންނެވެ. އެއީ އެއްވެސް ޙާލެއްގައި ކަލަކުވާކަމަށް ޤަބޫލުނުކުރާމީހުން ފަދައިން މެދުވެރިކުރައްވާނެ ފަރާތެއްނެތި “ނޭޗަރ” ނުވަތަ ޤުދުރަތީގޮތުން ދިމާވާކަންކަމެއް ނޫނެވެ. އެކަންކަން މެދުވެރިކުރައްވާ ފަރާތަކީ އެކަންކަން ލެއްވި ޢާލަމްތަކުގެ ވެރި ﷲއެވެ.
* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު ((وَلَمْ يَخْف عَليهِ شَيْءٌ قَبْلَ أَنْ يَخْلُقَهُم، وَعَلِمَ ما هُمْ عَامِلُونَ قَبْلَ أنْ يَخْلُقَهُم)) (އަދި ޚަލްޤުތައް އުފެއްދެވުމުގެ ކުރިންވެސް، އެޚަލްޤުތަކާގުޅޭ އެއްވެސްކަމެއް އެއިލާހަށް ވަންހަނާވެވޮޑިގެންނުވެއެވެ. އަދި އެޚަލްޤުތައް އުފެއްދެވުމުގެ ކުރިން އެޚަލްޤުތައް ކުރާނޭ އެންމެހާ ޢަމަލުތައް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.) ދަންނައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއީ ވެފައިވާކަންކަމާއި، ވާނޭކަންކަމާއި، އަދި ނުވާކަންކަމާއި، އެނުވާކަމެއް ވެއްޖެނަމަ ވާނޭގޮތްވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. މިސާލެއްގެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَلَوْ تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنْ الْمُؤْمِنِينَ * بَلْ بَدَا لَهُمْ مَا كَانُوا يُخْفُونَ مِنْ قَبْلُ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ)) الأنعام:27-28 މާނައީ: “އެބައިމީހުން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެބައިމީހުން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރައްބުގެ އާޔަތްތައް ދޮގެއް ނުކުރާނަމެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނަމެވެ. އަދި ކިއެއްތަ! އެބައިމީހުން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެބައިމީހުންނަށް ފާޅުވިއެވެ. އަދި އެބައިމީހުން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެބައިމީހުންނަށް ނަހީކުރެއްވި ކަންތަކަށް އެބައިމީހުން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.” މިއީ ކަންކަން ހިނގުމުގެ ކުރިން އެކަން ވާނޭކަން ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލެކެވެ. އަދިހަމައެހެންމެ، ނުވާނެކަމެއް ވެއްޖެނަމަ އެކަންވެގެންދާނެގޮތް އެއިލާހު ދެނެވޮޑިގެންވާ ކަމުގެ ދަލީލެކެވެ. އެހެނީ، ޤިޔާމަތްދުވަހު ނަރަކައަށް ވެއްދެވުމަށްފަހު އަލުން ދުނިޔެއަށް އައުމަކީ ނުވާނެކަމެކެވެ. އަދި ދުނިޔެއަށްފޮނުވުނަސް އެބައިމީހުން އެނބުރި އެބައިމީހުން ތިބި ނުބައިގޮތްތަކަށް އަލުން ރުޖޫޢަވާނެކަން ﷲ އެވަނީ އަންގަވާފައެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَأَسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّوْا وَهُمْ مُعْرِضُونَ)) الأنفال:23 މާނައީ: “އެބައިމީހުންގެ ކިބައިގައި، ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންފިނަމަ، އެބައިމީހުންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެބައިމީހުންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ ޙާލު، އެބައިމީހުން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅާބެހޭ ވާހަކަ ކުރިން އިސްވެހިނގައްޖެއެވެ. (ބައްލަވާ: 18 ވަނަ ފިލާވަޅު)
* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު ((وأَمَرَهُم بِطَاعَتِهِ، ونَهَاهُم عَنْ مَعْصِيتِه)) (އަދި އެބައިމީހުންނަށް އެއިލާހު އަމުރުކުރައްވަނީ އެއިލާހަށް ކިޔަމަންތެރިވުމަށެވެ. އަދި އެއިލާހަށް އުރެދުން އެބައިމީހުންގެ މައްޗަށް ނަހީ ކުރައްވަތެވެ.) ދަންނައެވެ.
އިމާމް ޠަޙާވީ ރަޙިމަހުﷲ މިބަސްފުޅުގައި މިޛިކުރުކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކާއި ނަހީތަކުގެ ވާހަކައެވެ. މިބަސްފުޅު ގެންނަވާފައިމިވަނީ ޚަލްޤުކުރެއްވުމާއި ޤަދަރުކުރެއްވުމާބެހޭ ވާހަކަތައް ގެންނެވުމަށްފަހުގައެވެ. މިކަމުން ދޭހަކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތައް އުފައްދަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށްކަމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ)) الذاريات: 56 މާނައީ: “ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً)) الملك: 2 މާނައީ: “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލުރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށްޓަކައި، މަރުވުމާއި ދިރުން ޚަލްޤުކުރެއްވި ކަލާނގެއެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ ޚަލްޤުތައް އުފެއްދެވިއެވެ. އޭގެފަހުގައި ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށް އެބައިމީހުންނަށް އަމުރުކުރެއްވިއެވެ. އެއިލާހުވަނީ އެއިލާހުގެ އަޅުތަކުންނަށް އެއިލާހުގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ، އެއިލާހަށް ހަމައެކަނި އަޅުކަންކުރުމަށް އަމުރުކުރައްވައި އަންގަވާފައެވެ. އެއީ އެބައިމީހުން ހެއްދެވުމުގެކުރިންވެސް އެބައިމީހުން އުޅޭނެގޮތާއި ކުރާނެކަންތައް މޮޅަށް ދެނެވޮޑިގެންވާ ޙާލުއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަމާއި، ރަޙްމަތްވަންތަކަމުން އެއިލާހު ޖަޒާދެއްވަނީ އެބައިމީހުން ކުރާ ޢަމަލުތަކަށެވެ. އެއްވެސް ޙާލެއްގައި އެއިލާހުގެ ޢިލްމުފުޅަށް ނުވަތަ އެއިލާހު ކަނޑައަޅުއްވާފައިވާ ޤަދަރަށް ޖަޒާދެއްވަނީކީ ނޫނެވެ. މިއީ އެއިލާހުގެ ޢަދުލުވަންތަވެރިކަމެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނުބައިފާފަތަކުން ދުރުވެގަންނަމީހާއަށް ޘަވާބުދެއްވައެވެ. އަދި އެއިލާހުގެ ޢަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ، ފާފަތަކަށް އަރައިގަންނަމީހާއަށް އެކަމުގެ ޢުޤޫބާތްދެއްވައެވެ. އެއީ އެމީހާގެ ޢަމަލުތަކަށެވެ. ތިމަންމެން އުޅޭނެގޮތަކަށްއުޅެ، ﷲ މިންވަރުކުރެއްވިގޮތޭބުނާމީހުން ގޮތަކަށްނޫނެވެ. އެއީ އެއްވެސް ޙާލެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތަކެއް ނޫނެވެ. ނަމާދުކޮށް، ޒަކާތްދީ، ޙައްޖުކޮށް، ޖިހާދުކުރާމީހަކީ އަޅާއެވެ. ޢަމަލުތައް ނިސްބަތްކުރެވޭހުށީ އެކަންކުރާމީހާއަށެވެ. ﷲއަކަށް ނޫނެވެ. ހަމައެކަނި އެއިލާހަށް ނިސްބަތްކުރެވޭނީ އެކަންކަން ޚަލްޤުކުރެއްވުމާއި، އެކަންކަން ވާނެކަން ދެނެވޮޑިގެންވުމާއި، ތަޤުދީރުކުރެއްވުމާއި، ތަވްފީޤުދެއްވުމުގެ ގޮތުންނެވެ. އެހެނީ، އެންމެހާ ކަމެއް ޚަލްޤުކުރައްވައި، އެކަންކަން ވާނެކަންމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެކަންވާނެކަމަށް ތަޤްދީރުކުރައްވައި، ކަންކަން ކުރުމުގެ ތަވްފީޤުދެއްވާ ފަރާތަކީވެސް އެއިލާހެވެ. އެއިލާހު ޚަލްޤުނުކުރައްވައި، އެއިލާހުގެ ޢިލްމުފުޅުން ދެނެވޮޑިގެންނުވާ، އެއިލާހު ތަޤްދީރުނުކުރައްވާ، އަދި އެކަމެއް ކުރުމަށް ތަވްފީޤުނުދެއްވާކަމެއް ނުވާނެއެވެ.
________________________________