(3) ޝައްކަކުން ޔަޤީންކަމެއް ދުރުކޮށްނުލެވޭނެއެވެ.
އިސްލާމްދީނުގެ އެންމެހާ ކަމެއްގައި އިސްކަންދެވޭނީ ޔަޤީންކަމުގެ މައްޗަށެވެ. އަދި އެޔަޤީންކަން ޔަޤީންކަމަކުން މެނުވީ ބާޠިލުކޮށް، ދުރުކޮށްނުލެވޭނެއެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކަށް ބައްލަވައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ވަރަށް މުހިއްމު ޤާޢިދާއެކެވެ. ކުރެވޭ ޝައްކަކުން ޔަޤީންކަން ދުރުކޮށްނުލެވޭނެއެވެ. މިޤާޢިދާގެ އެންމެ މުހިއްމު ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((لَا يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا)) متفق عليه މާނައީ: “(ވައިބޭރުވިކަމުގެ) އަޑު އިވިއްޖެއުމަށްދާންދެން ނުވަތަ ވަހެއް ދޮވައިފުމަށްދާންދެން (ނަމާދުން) ބޭރުނުވާށެވެ.” މިޙަދީޘް ޝަރަޙަކުރައްވަމުން އަލްއިމާމް އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިޙަދީޘަކީ އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. އަދި ފިޤުހުގެ ޤަވާޢިދުތަކުގެ ތެރެއިން މަތިވެރި ޤާޢިދާއެކެވެ. އެއީ އެއްޗެއްގެ ޙުކުމް ބިނާވެ ހުންނަހުށީ އެއެއްޗެއްގެ އަޞްލުގެ މައްޗަށެވެ. އެއަޞްލުގެ އިދިކޮޅަށް ކަމެއް ޔަޤީންވެއްޖެއުމަށް ދާންދެނެވެ. އެއަޞްލުގެ މައްޗަށް އަންނަ ޝައްކަކުން ގެއްލުމެއްނެތެވެ…” (އަލްމިންހާޖް: 4/273).
މިޤާޢިދާއަށް ބިނާކޮށް ޔަޤީންކަމާއެކު ވުޟޫކޮށް ނިމުމަށްފަހު، ޝައްކެއްގެ ސަބަބުން ވުޟޫކުރާކަށް ނުޖެހޭނެއެވެ. ގުނަންތަކުގައި ރަނގަޅަށް ފެންޖެހުނުކަން ލޮލަށް ފެނި، ރަނގަޅަށް އަތްއުނގުޅުމަށްފަހު ދެން އަނެއްކާ ފެންޖެހުނުތޯ ނުވަތަ ނޫންތޯ ޝައްކުކޮށް އެކަމަށް ބުރަވެ އަނެއްކާ ވުޟޫ އާކުރުމަކީ ޝައްކުގެ މަގަށް މީހާ ގެންދާނެކަމެކެވެ. އެމީހާގެ މައްޗަށް ވަނީ ނަމާދުން އޭނާއަށް ލިބެން އޮތް މިންވަރެއް އަވަހަށް ހޯދުމަށް އަވަސްވެގަތުމެވެ.
ހަމައެހެންމެ، މިޤާޢިދާއަކީ މީހާހުރީ ޠަހާރަތުގައި ތޯ ނުވަތަ ނޫންތޯ ދެނެގަތުމުގެ މުހިއްމު ޤާޢިދާއެކެވެ. މިސާލަކަށް، ވުޟޫކުރިކަން ޔަޤީންވެ، ވުޟޫ ގެއްލުނުކަމާމެދު ޝައްކުވާކަމުގައިވާނަމަ ބުރަވަންޖެހޭނީ ޔަޤީންކަމުގެ މައްޗަށެވެ. އެއީ ޠަހާރަތުގައި ހުރުމެވެ. އަދި ވުޟޫގެއްލުނުކަން ޔަޤީންވެ، ވުޟޫކުރިކަމާމެދު ޝައްކުވާކަމުގައިވާނަމަވެސް ބުރަވަންޖެހޭނީ ޔަޤީންކަމުގެ މައްޗަށެވެ. އެއީ ވުޟޫގެއްލިފައިވުމެވެ. ކޮންމެއަކަސް ޠަހާރަތުގެ މަތީގައި ހުރުމަށްޓަކައި ގިނައިން ވުޟޫކުރުމަކީ މުސްތަޙައްބުކަމެކެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި މިޤާޢިދާގެ މައްޗަށް ބިނާކޮށް ވުޟޫނުކޮށް ދޫކޮށްލުމަކީ ބައެއްޙާލަތްތަކުގައި މޮޅުއިތުރުގޮތެވެ. މިސާލަކަށް ނަމާދުގެ ޖަމާޢަތަށް ގޮވާލެވިއްޖެނަމަ، އަލުން ވުޟޫކުރުމަކީ ނަމާދުގެ ރަކުޢަތެއް ނުވަތަ ދެރަކުޢަތް ގެއްލިދާނެކަމެކެވެ. އެހެންކަމުގައިވާނަމަ، ވުޟޫކުރުމަށްވުރެ މޮޅުއިތުރީ ވުޟޫކުރިކަން ޔަޤީންވާކަމުގައިވާނަމަ އަލުން ވުޟޫ އާނުކޮށް ޖަމާޢަތުގެ ޘަވާބާ ދަރުމަ ހޯދުމަށް އަވަސްވެގަތުމެވެ.
އެހެންކަމުން، މިޤާޢިދާއަކީ ވުޟޫކުރުމުގައިވެސް، އަދި ޤަޟާޙާޖަތްފަދަ ކަންތައްތައް ކުރުމުގައިވެސް މުހިއްމު ޤާޢިދާއެކެވެ. އަދި މިއީ ޝައިޠާނާގެ މަޅިތަކުން މީހާ ސަލާމަތްވާނެ މުހިއްމު ކަމެކެވެ.
(4) ނުބައި ހީތަކުން ރައްކާތެރިވުމާއި މީހުންނާދޭތެރޭ ހެޔޮކޮށް ހީކުރުމެވެ.
ކަންކަމާދޭތެރޭގައާއި މީސްމީހުންނާދޭތެރޭ ގޯސްކޮށް ހީކޮށްއުޅުމަކީ ފެންގަނޑެއްކަމަށް އަވާމެންދުރު ފަހަތުން ދުވުން ކަހަލަކަމެކެވެ. އެހެނީ، އެފަދަ ހީތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިފައިވާ ކަމެއް ނޫނެވެ. އެއާޚިލާފަށް، އެފަދަ ހީތަކުގެ ސަބަބުން މީހާ އަބަދުވެސް ކަންކަމާދޭތެރޭ ޝައްކުވެ، ކުރާކަންތައްތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހެއެވެ. ހަމައެހެންމެ، މީހުން އެމީހާދެކެ ފޫހިވެ، އެހެންމީހުންނަށް އެފަދަމީހަކާއެކުގައި އުޅެން މުޞީބާތަކަށް ވެގެންދެއެވެ. މިފަދަ ހީތަކަކީ މީހާ ޙައްޤުމަގަށް އަޅާ ހުރަހަކަށްވެގެން ދެއެވެ. އަދި ނުބައިހީތަކުން ދުރުވުމާއެކު މީހުންނާ ދޭތެރޭ ރަނގަޅަށް ހީކުރަންޖެހޭނެއެވެ. ހީވާ ހީވުމަކަށް މީހެއްގެ މައްޗަށް ޝައްކުކޮށް ހަދައިގެންނުވާނެއެވެ. މީހުންނާމެދު ކުރެވޭ ނުބައި ހީތަކުގެ ސަބަބުން މީހުންނާމެދު ޖާސޫސްކުރުމުގެ ނުބައި ބަލި އަށަގަނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيراً مِنْ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلا تَجَسَّسُوا)) الحجرات: 12 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!” ތިބާގެ މުސްލިމު އަޚާގެ ފުށުން ގޯސްކަމެއް ފެނި ޔަޤީންވެއްޖެއުމަށްދާނދެން ނުބައި ހީކުރުމުން ހީކޮށްގެންނުވާނެއެވެ. އަދި އެއަޚާގެ ފުށުން ފެންނަ ކަންކަމަށް ޢުޛުރު ހޯދުމަކީ ރިވެތި އަޚްލާޤުގެ ތެރެއިންވާ ކަމެކެވެ.
(5) ކަމެއްގައި ޝައްކުވާނަމަ، ވީ އެންމެ އަވަހަކަށް ޝައްކު ފިލުވައިލުން.
(6) ކަމެއްގައި ޝައްކުވާނަމަ އެކަމެއް މާބޮޑަށް ތަޙްޤީޤުކޮށް ހޯދާބަލައި ނަހަދާށެވެ.
(7) މިފަދަ ބަލިތަކާބެހޭ ޢިލްމު ލިބިފައިވާ މީހެއްގެ ލަފައާއި އިރުޝާދު ހޯދުމެވެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން މިފަދަ ނުބައި ބަލިތަކުން ސަލާމަތްކޮށް ދެއްވުމެވެ. އަދި އެއިލާހުގެ ހެޔޮމަގަށް މަގުދައްކަވައި އެމަގުގައި ޘާބިތުކުރެއްވުމެވެ. އާމީން.
وصلّى الله وسلّم على نبيّنا محمد وعلى آله وصحبه أجمعين.
(ނިމުނީ)
_________________________
ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (1)
ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (2)