[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔާސީ ޙަރަކާތްތަކުގެ ނިވަލުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

ރާއްޖޭގައި ޑިމޮކްރަސީއަށް ގޮވާލެވޭ ގޮވާލުންތައް ފެށިތާ މާދުވަސްތަކެއްނުވަނީސް ލޭ އޮހޮރުވުންތައް ފެށިއްޖެއެވެ. އަދި ދެކޮޅުވެރިކަމާއި ރުޅިވެރިކަން މުޖުތަމަޢުގައި އިތުރުވެ މީސްތަކުންގެ ހިތްތައް ބައިބައިވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ޣާފިލުކަމުގެ ނިދިން ހޭލާ ޑިމޮކްރަސީގެ ވަބާއިން ސަލާމަތްވެވޭނެ މަގުތަކާއިމެދު ވިސްނާ ފިކުރުކުރަންފަށައިފިއެވެ. އަދި އިސްލާމީ ޝަރީޢަތަކީ މިކަމަށް އޮތް ހަމައެކަނި ޙައްލުކަމަށް މިއަދު ގިނަބަޔަކު ޤަބޫލުކުރަންފަށައިފިއެވެ.

މިފަދަ ހެޔޮ ވިސްނުމާ ދިމާލަށް ގިނަ ދިވެހިންތަކެއް މިސްރާބުޖަހަން ފެށިތަނާ، މިއިސްލާމީ މުޖުތަމަޢުން ފެނުނީ އެއްވެސް މުސްލިމަކު ދުށުމަށް ނޭދޭނެފަދަ ހިތާމަވެރި މަންޒަރެކެވެ. އެއީ ފާޅުކަން ބޮޑު ގޮތެއްގައި މިސްކިތްތަކުގައާއި އާންމު ތަންތާނގައި ދެވޭ ދަރުސްތަކާދެކޮޅަށް މަދު ބަޔަކު ހަނގުރާމަ އިއުލާނުކުރިތަނެވެ. ފުރަތަމަ ބައެއް ޝޭޚުންގެ ފަހަތުގައި ނަމާދުނުކުރުމަށާއި ދަރުސްތައް އަޑުނޭހުމަށް ގޮވާލިއެވެ. ދެން ދީނީ ދަރުސްތައް ދިނުމަށް ހުއްދަނުދިނީއެވެ. އެއަށްފަހު ދަރުސް ބޭއްވުމަށް ހުރަސްއަޅާ މިސްކިތްތަކާއި ދަރުސްބާއްވަން އުޅޭ ތަންތަނަށް އެއްވެ، އެކަމަށް ހުރަސްއަޅަންމަސައްކަތްކުރީއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَـٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴾ (سورة البقرة ١١٤)  މާނައީ: “ﷲ ގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ. އެއުރެން ބިރުންތިބޭ ޙާލުގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.”

ކޮންމެ “ކުލައެއް” ވެރިކަމަށް އައިނަމަވެސް، ކޮންމެ ބަޔެއްގެ ބާރުވެރިކަމުގެ ދަށުގައި ދީނީ ދަރުސްދިނުން އޮތްނަމަވެސް ދަންނަވާލަން އޮތީ ހަމަ އެއް ވާހަކައެކެވެ. އިސްލާމްދީނަކީ ﷲގެ ދީނެވެ. އެދީނާ ދެކޮޅަށް މަސައްކަތް ކުރުމަކީ އިރާ ދިމާލަށް ދުނިދަނޑި އުކުމަށްވުރެވެސް ބޭކާރުކަމެކެވެ. އަދި އެހާމެ ނުރައްކާތެރިވެސް ކަމެކެވެ. އެހެނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ގޮވާލާ، ހެޔޮމަގަށް ތަބާވާ ޙަޤީޤީ މުއުމިނުންނަށް ނަޞްރުދެއްވަނީ ﷲއެވެ. އެހެންކަމުން އެބައިމީހުންނަށް ހަމަޔަޤީނުންވެސް ނަޞްރު ލިބޭނެއެވެ. އެނަޞްރަށް ހުރަސްއެޅޭނެ ހަމަ އެކަކުވެސް ނުވެއެވެ. ﴿…فَانتَقَمْنَا مِنَ الَّذِينَ أَجْرَمُوا ۖ وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ﴾ (سورة الروم ٤٧) މާނައީ: “…ފަހެ ފާފަކުރި މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. އަދި މުއުމިނުންނަށް ނަޞްރުދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް ޙައްޤެއް ކަމުގައިވެއެވެ.”

ދީނީ ޢިލްމުވެރިންނަށް ﷲ ތަޢާލާ ދެއްވާފައިވާ ޤަދަރާއި އިޙްތިރާމާއި އާންމުންގެ ތާއީދާއި ލޯތްބަކީ ކޮންމެ ސިޔާސީ ބޭފުޅަކުވެސް އެދި ބޭނުންވާ އެއްޗެކެވެ. އަދި ސިޔާސީ ފަރާތްތަކުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުންވެސް ޔަޤީންވެފައިވަނީ ދިވެހިން ޝައިޚުންނަށް ކުރާ ޤަދަރާއި އިޙްތިރާމްގެ ބޮޑުކަމެވެ. ނަމަވެސް އެފަދަ ލޯތްބާއި އިޙްތިރާމަކީ އީމާންވެ ޞާލިޙު ޢަމަލުކުރިބަޔަކަށް ނޫނީ ލިބޭނެއެއްޗެއްނޫނެވެ. ދީނީ ޢިލްމުވެރިއަކުވެސް އީމާންކަމާއި ހެޔޮޢަމަލުކުރުމުގެ ދާއިރާއިން ދުރަށް މިސްރާބުޖަހާނަމަ މިކަމެއް ޙާޞިލެއްނުވާނެއެވެ. ﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَـٰنُ وُدًّا﴾ (سورة مريم ٩٦) މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙުޢަމަލުތައް ކުޅަމީހުންނަށް ރަޙްމާނުވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.”

މިއަދު ސިޔާސީ ބޭފުޅުން ދީނީ ޝައިޚުންނާ ޙަސަދަވެރިވެއްޖެއެވެ. އެއީ އެޝައިޚުންނަކީ އެބައިމީހުންކުރާ ދީނާ ފުށުއަރާ ކަންކަމުގައި ބަސްބުނާ ބަޔަކަށްވެފައި، ޝައިޚުންގެ ބަސްއަހާ ގިނަބަޔަކު މުޖުތަމަޢުގައި ތިބީމައެވެ. އެހެންކަމުން މިބައިމީހުން ޝައިޚުން ބައިއަޅަމުން އެބަދެއެވެ. ކަމުދާ ޝައިޚުންނާއި ކަމުނުދާޝައިޚުންނެވެ. ކަމުނުދާ ޝައިޚުންގެ ގޮތުގައި ޝޯޓްލިސްޓުކުރެވިފަނީ ދެތިން ޝެއިޚުންނެވެ. ފަހުގެ “އަޕްޑޭޓުންނަމަ” 6 ޝައިޚުންނެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއްނޫނެވެ.

ޙަޤީޤަތަކީ އިސްލާމީ މުޖުތަމަޢުއެއްގައިތިބި ހުރިހާ ޝައިޚުންނާއި ދެކޮޅަށް އެއްފަހަރާ ހަނގުރާމަ އިއުލާނުކުރުމަކީ މިބައިމީހުންނަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެކަންކޮށްފިނަމަ އާންމުންގެ ކުރިމަތީގައި އެކަންކުރާ ބައެއްގެ  “ކްރެޑިބިލިޓީ” ވަގުތުން ގެއްލޭނެއެވެ. ވީމާ އަދި ހުރިހާ ޝައިޚުންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާ ވަގުތު ނުޖެހެނީއެވެ.

ރާއްޖޭގެ ދީނީ ތާރީޚަށް ބަލާލާއިރު ވެރިންގެ ގާތުގައި މިކަން ގިނަފަހަރަށް އޮންނަނީ މިފަދަގޮތަކަށެވެ. ބާރެއްލިބިފައިވާނަމަ ޝައިޚުން ޖަލަށްލާ އަނިޔާވެސް ކުރާނެއެވެ. މީގެ ކުރިންއައި ބާރުގަދަ ބައެއް ވެރިން ރާއްޖޭގެ ދީނީ ޝައިޚުންނަށް ކަންތައްކޮށްފައިވަނީ ނުހަނު އިހާނެތިކޮށެވެ. ޙަޤީޤަތަކީ މިބައިމީހުން ބުނާގޮތަށް ފަތުވާނުދޭ އެއްވެސް ޝައިޚެއް މިބައިމީހުންނަށް ކަމުނުދާކަމެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނެވެ. ޤިޔާމަތްދުވަހަށް ތައްޔާރުވެ ރައްކާތެރިވާށެވެ. ހެޔޮކަމެއްގައި މެނުވީ މީސްތަކުންނަށް ތަބާނުވާށެވެ. މިސްކިތެއްގެ ކުރިމަތީގައި އަޑުގަދަކުރަމުން މުޒާހަރާކުރަމުން ނުދާށެވެ. ދަރުސްއެއް ހުއްޓުވުމަށް ސިޔާސީ “ދައްޖާލުން”ގެ ފަހަތުން ނުކުމެ ހުއްޓާ އަތުވެދާނެ ކޯފާއަކަށް ރައްކާތެރިވެ ބިރުވެތިވާށެވެ. މިއީ ޕާޓީފޯރީގަވިޔަސް ކުރަން ހެޔޮވާވަރުގެ ކަންކަމެއްނޫނެވެ.

މިފަދަ ކުށްތައް ކުރުވާފައި ތިޔައަޚުންނާއި އުޚްތުންގެ ދިފާޢުގައި ޤިޔާމަތްދުވަހު އެއިން އެއްވެސް މީހަކު ވަކާލާތުކުރަން ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގަންނާށެވެ. ފަހެ ދުނިޔަވީ ފިތުނަތަކުގައި ޖެހި ތިބާގެ ޖާނާއި މާލުން އެކަންކަމަށް ޤުރުބާންނުވާށެވެ. ދެމިހުންނަނިވި ސުވަރުގޭގެ ގޯތި ޙާޞިލުވާނެފަދަ ކަންކަމުގައި މެނުވީ ކުރިއަށް ނުދާށެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވި ކަންތައްތައް ކުރުމަށް ފަސްޖެހި ލަދުގަންނާށެވެ. މާދަމާ، ﷲ ތަޢާލާގެ ޙަޟްރަތުގައި، އެއްވެސް ތަރުޖަމާނެއްނެތި، ޖަވާބުދާރީ ވާންޖެހޭނެކަން ދަނެ އެކަމަށް ތައްޔާރުވާށެވެ.

ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެހާ ފިތުނަތަކުން ދުރުކުރައްވާ ތެދުވެރި މުއުމިނުންގެ ގޮތުގައި މަރުވުމުގެ ތައުފީޤުދެއްވުމެވެ.