[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 6

ﷲ ތަޢާލާ އަހަންނަށް ފާފަ ފުއްސަވާދެއްވާނެ ހެއްޔެވެ؟

އަދި ތިބާ ބުނެފާނެއެވެ. “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު އަހަރެން ކޮށްފައިވާ ފާފަތައް ވަރަށް ގިނައެވެ. އަހަންނަށް އަރައިގަނެވިފައިނުވާ ވައްތަރެއްގެ ފާޙިޝްކަމެއް ނުވެއެވެ. ތިބާ ޚިޔާލަށް ގެނެވޭފަދަ ފާފަތަކާއި ޙިޔާލަށްވެސް ނުގެނެވޭނެ ފަދަފާފަތަކެވެ. އެދިގު އަހަރުތަކުގައި އަހަރެން (ފާފަތަކަށް) އަރައިގަންފައިވާ ދަރަޖައިގެ ސަބަބުން، ﷲ ތަޢާލާ އަހަންނަށް ފާފަފުއްސަވައިދެއްވުން އެކަށީގެންވޭ ހެއްޔެވެ؟”

ތިޔަ ޢިއްޒަތްތެރި އަޚާއަށް އަޅުގަނޑު ދަންނަވަންއޮތީ: މިއީ (ތިބާއަށް) ޚާއްޞަ މައްސަލައެއް ނޫނެވެ. މިއީ ތައުބާވާން ބޭނުންވާ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. މިޘާލެއްގެ ގޮތުން އެއްފަހަރަކު ޒުވާނަކު ކުރި ސުވާލެއް ޛިކުރުކޮށްލާނަމެވެ. (އެޒުވާނާ) ޢުމުރުން ވަރަށް ހަގުއިރު ފާފަކުރަން ފަށައިފިއެވެ. އަދި އޭނާގެ ޢުމުރުން 17 އަހަރުވީއިރު ފާޙިޝްކަންތައްތައްކުރުމުގެ ދިގު ރެކޯޑެއް އޮތެވެ. ތަފާތު ވައްތަރުތަކުގެ ކުދިބޮޑު ފާފަތަކެވެ. (ފާފަތައް ކޮށްފައިވަނީ) ތަފާތު މީހުންނާއެކުއެވެ. ކުޑަކުދީންނާއި ބޮޑަތި މީހުންނާއެކުއެވެ. އަދި އޭނާވަނީ ކުޑަ އަންހެންކުދީންނަށްވެސް ގޯނާކޮށްފައެވެ. އަދި އެކިފަހަރު ވައްކަންކޮށް އެއްޗެތި ވަގަށްވެސް ނަގާފައެވެ. ދެން ފަހެ އޭނާ ބުންޏެވެ: “ﷲ عز وجل އަށް އަހަރެން ތައުބާވެއްޖައީމެވެ. އަހަރެން ބައެއް ރޭރޭ ތަހައްޖުދު ނަމާދު ކުރަމެވެ. އަދި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަމެވެ. އަދި ފަތިސް ނަމާދަށްފަހު ކީރިތި ޤުރުއާން ކިޔަވަމެވެ. ފަހެ އަހަންނަށް ތައުބާވޭހެއްޔެވެ؟”

އިސްލާމްކަމުގެ އަހުލުވެރިންގެ މައިގަނޑު އަޞްލަކީ ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެ، އޭގެން ޙުކުމްތަކާއި، ޙައްލުތަކާއި ފަރުވާތައް ހޯދުމެވެ. ފަހެ އަޅުގަނޑުމެން ޤުރުއާނަށް ރުޖޫޢަވުމުން ފެންނަ ﷲ عز وجلގެ ވަޙީބަސްފުޅަކީ: ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ * وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ …﴾ (سورة الزمر ٥٣-٥٤) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން މާޔޫސްނުވާށެވެ. ހަމަކަށަވަރުން ﷲއީ އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. އަދި ތިޔަބައިމީހުންގެ ރައްބަށް ތައުބާވެ، އެއިލާހަށް ބޯލަނބާ ކިޔަމަންވާށެވެ. …”

ޛިކުރުކުރެވިދިޔަ މައްސަލައިގެ އެންމެ ފުރިހަމަ ޖަވާބަކީ މިއީއެވެ. މައްސަލަ ވަރަށް ސާފެވެ. އިތުރު ތަފްސީލަކަށް ބޭނުމެއް ނުވެއެވެ.

ފުރަތަމަކަމަކީ އޭނާއަށް ކުރެވިފައިވާ ފާފަތައް ﷲތަޢާލާ ފުއްސަވައިދެއްވާނޭ ވަރަށްވުރެ ގިނަ ކަމުގެ އިޙްސާސްކުރެވެނީ އަޅާއަށް އޭނާގެ ރައްބުގެ ރަޙްމަތްފުޅުގެ ތަނަވަސްކަމާމެދު ޔަޤީންކަމެއް ނެތުމެވެ.

ދެވަނަކަމަކީ އެންމެހާ ފާފަތައް ފުއްސެވުން އެއީ ﷲ ތަޢާލާގެ ޤުދުރަތްތެރިކަމުގެ ތެރެއިން ވާކަމެއް ކަމުގެ އީމާންތެރިކަން ކުޑަވުމެވެ.

ތިންވަނަކަމަކީ ހިތުގެ ޢަމަލުތަކުގެ ތެރެއިން މުހިއްމު ޢަމަލެއްކަމުގައިވާ އުންމީދުކުރުމުގައި ބަލިކަށިވުމެވެ.

ހަތަރުވަނަކަމަކީ ތައުބާވުމުން ފާފަތައް ފުހެވިގެންދާނެކަމަށް ޤަބޫލުނުކުރެވުމެވެ.

މިހުރިހާ ނުކުތާތަކަށް ޖަވާބުދޭނަމެވެ.

ފުރަތަނަ ނުކުތާ: އެކަން ބަޔާންކުރުމުގައި ﷲ ތަޢާލާގެ ވަޙީބަސްފުޅު ފުދޭނެއެވެ. ﴿… وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ …﴾ (سورة الأعراف ١٥٦) މާނައީ: “… އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. …”

ދެވަނަ ނުކުތާ: އަންނަނިވި ޞައްޙަ ޤުދުސިއްޔަ ޙަދީޘް ފުދޭނެއެވެ. ((قَالَ تعالى: مَنْ عَلِمَ أَنِّي ذُو قُدْرَةٍ عَلَى مَغْفِرَةِ الذُّنُوبِ غَفَرْتُ لَهُ، وَلا أُبَالِي مَا لَمْ يُشْرِكْ بِي شَيْئًا)) [رواه الطبراني في الكبير والحاكم، صحيح الجامع ٤٣٣٠] މާނައީ: “ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ފާފަ ފުއްސެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ ފަރާތްކަމަށް ދަންނަމީހާއަށް ތިމަންރަސްކަލާނގެ ފާފަފުއްސަވާދެއްވާހުށީމެވެ. އަދި (އެކަމަށް) ތިމަން ﷲގެ ޙަޟްރަތުގައި ފަރުވާލެއްނެތެވެ.1 (އެއީ) ތިމަން ރަސްކަލާނގެއާއި އެހެން ފަރާތެއް ބައިވެރި ނުކުރާހާހިނދަކުއެވެ.” އެއީ އާޚިރަތް ދުވަހު އަޅާ އޭނާގެ ރައްބާއި ބައްދަލުވާ ހިނދުގައެވެ.

ތިންވަނަ ނުކުތާ: ފަހެ އެކަމަށް ފަރުވާކުރާނީ މި މަތިވެރި ޤުދުސިއްޔަ ޙަދީޘުންނެވެ. ((يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلَا أُبَالِي، يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلَا أُبَالِي، يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً)) [رواه الترمذي، صحيح الجامع ٤٣٣٨] މާނައީ: “އޭ އާދަމުގެ ދަރިޔާއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް ތިބާ ދުޢާ ދަންނަވާ، ތިމަންރަސްލާނގެ ޙަޟްރަތުން އުންމީދުކުރާހާހިނދަކު ތިމަންރަސްކަލާނގެ  ތިބާގެ ފާފަ ފުއްސަވާދެއްވާހުށީމެވެ. އަދި އެކަމަށް ތިމަން ﷲގެ ޙަޟްރަތުގައި ފަރުވާލެއްނެތެވެ.

އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ ފާފަތައް އުޑުގެ ވިލާތަކާ ހަމައަށް ފޯރިކަމުގައިވިޔަސް، ދެންފަހެ ތިބާ އިސްތިޣުފާރުކޮށްފިނަމަ ތިބާގެ ފާފާފުއްސަވައިދެއްވާހުށީމެވެ. އަދި އެކަމަށް ތިމަން ﷲގެ ޙަޟްރަތުގައި ފަރުވާލެއްނެތެވެ.

އޭ އާދަމުގެ ދަރިޔާއެވެ. ބިންފުރެންދެން ތިބާ ފާފާކޮށްގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިކަމުގައިވިޔަސް، ތިބާ ތިމަންރަސްކަލާނގެއާއި އެއްވެސް އެއްޗެއް ބައިވެރި ނުކުރާހާ ހިނދަކު، އެ ބިން ފުރެންދެން ތިމަންރަސްކަލާނގެ ތިބާއަށް ފާފަފުއްސެވުން ގެނެސްދެއްވާހުށީމެވެ.”

ހަތަރުވަނަ ނުކުތާ: ފަހެ ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘް އެކަމަށް ފުދޭނެއެވެ. ((التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ)) [رواه ابن ماجه، صحيح الجامع  ٣٠٠٨] މާނައީ: “ފާފަތަކުން ތައުބާވާމީހާ ފާފައެއް ނުވާމީހެއްފަދައެވެ.”

-ނުނިމޭ-

_____________________________________

[1] އެބަހީ: އެއީ ތިމަން ﷲއަށް ބޮޑުކަމެއްނޫނެވެ. ބައްލަވާ تحفة الأحوذي كتاب : الدعوات / مجلد: ٩ / ص: ٤٨٨ / طبعة: دار إحياء التراث العربي

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ