[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 8

ފާފައެއް ކުރެވުމުން އަހަރެން ކަންތައްކުރަންޖެހޭނީ ކިހިނެތް؟

ތިބާ ބުނެފާނެއެވެ. “އަހަންނަށް ފާފައެއް ކުރެވުމުން ވަޤުތުން ތައުބާވާނީ ކިހިނެތް ހެއްޔެވެ؟ އަދި ފާފާކުރެވުމުން ލަސްނުކޮށް އަހަރެން ކުރަންޖެހޭ ކަމެއް ވޭހެއްޔެވެ؟”

ފަހެ ޖަވާބަކީ: ފާފައެއްކުރެވުމަށްފަހު ކުރުން އެކަށީގެންވާ ދެކަމެއްވެއެވެ:

ފުރަތަމަ ކަމަކީ: ހިތުގެ ޢަމަލެކެވެ. އެއީ އެކަމާ ދެރަވެ ހިތާމަކޮށް އެކަން ތަކުރާރު ނުކުރުމަށް ހިތުގައި އަޒުމްކަނޑައެޅުމެވެ. މިކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވާކަމެކެވެ.

ދެވަނަ ކަމަކީ: ގުނަވަންތަކުގެ ޢަމަލެކެވެ. އެއީ ތަފާތު ހެޔޮކަންތައްތައް ކުރުމެވެ.

އޭގެތެރޭގައި ތައުބާ ނަމާދުކުރުން ހިމެނެއެވެ. އެއީ އަންނަނިވި ނައްޞުގައިވާ ފަދައިންނެވެ.

عَنْ أَبِيْ بَكْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُوْلَ اللهِ صَلىَّ الله عَلَيْهِ وَسَلَّمَ يَقُوْلُ: ((مَا مِنْ رَجُلٍ يُذْنِبُ ذَنْبًا ثُمَّ يَقُومُ فَيَتَطَهَّرُ ثُمَّ يُصَلِّي ركعتين ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ)) ثُمَّ قَرَأَ هَذِهِ الآيَةَ: ﴿وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّـهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّـهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ﴾ (سورة آل عمران ١٣٥)  [رواه أصحاب السنن، صحيح الترغيب والترهيب ١/٢٨٤]

މާނައީ: “އަބޫބަކްރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم (މިފަދައިން) ޙަދީޘްކުރެއްވި އަޑު ތިމަން ކަލޭގެފާނު އެއްސެވީމެވެ. “މީހަކަށް ފާފައެއް ކުރެވުމުން ފަހެ އޭނާ ޠާހިރުވެ، ދެންފަހެ ދެރަކުޢަތުގެ ނަމާދެއްކޮށް އެއަށްފަހު ﷲ ތަޢާލާ ޙަޟްރަތަށް އިސްތިޣުފާރުކުރުމުން ﷲ ތަޢާލާ އޭނާއަށް ފުއްސަވާނުދެއްވާ މީހަކުނުވެއެވެ.” ދެން އެކަލޭގެފާނު އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

﴿وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّـهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّـهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ﴾ (سورة آل عمران ١٣٥)

މާނައީ: “އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނޭ އެހެން ފަރާތެއް ނުވެއެވެ. އަދި އެއުރެން ދެނެތިބި ޙާލު އެބައިމީހުން ކުރި ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.”

* ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި ކުރާ ދެރަކުޢަތް ކުރާނެގޮތް އެހެން ޞައްޙަ ރިވާޔަތްތަކުގައި ވާރިދުވެފައިވެއެވެ. މިއީ އޭގެ ޚުލާޞާއެކެވެ:

1 މީހަކު ވުޟޫކުރާއިރު ފަހެ އޭނާ ރަނގަޅަށް ވުޟޫކުރުން (އެހެނީ އޭނާ ގުނަވަންތައް ދޮންނައިރު ފެނާއެކު ނުވަތަ އެންމެ ފަހު ފެން ތިއްކާއެކު އޭނާގެ ފާފަތައް ނުކުމެއެވެ)

އަދި އިޙްސާންތެރިކަމާއެކު ވުޟޫކުރުމުގެ ތެރޭގައި: ވުޟޫކުރަންފަށާއިރު ((بِاسْمِ الله)) ކިޔުމާއި ވުޟޫކޮށްނިންނާފައި ޛިކުރުތައް ކިޔުން ހިމެނެއެވެ. އެއީ:

((أَشْهَدُ أَن لاَّ إِلٰهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ)) 

((اَللَّهُمَّ اجْعَلْنِيْ مِنَ التَّوَابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَ))

((سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ, أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ))

މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އަދި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ.”

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތައުބާވާ މީސްތަކުންނާއި ޠާހިރުވާ މީސްތަކުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ.”  

“އިބަﷲގެ ހުސްޠާހިރުވަންތަކަމާއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދި އެންމެހާ ޙަމްދު ތަޢުރީފެއް އިބަﷲއަށް ލިބިވޮޑިގެންވެއެވެ. އިބަﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާ އިބަﷲގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށްއެދި ދަންނަވަމެވެ. އަދި އިބަﷲއަށް މިއަޅާ ތައުބާވަމެވެ.” މިއީ ވުޟޫގެ ފަހުގައި ކިޔާ ޛިކުރުތަކެވެ. މިއިން ކޮންމެ ޛިކުރެއްގައިވެސް ވަރަށް މަތިވެރި އަޖުރުވެއެވެ.

2 ތެދުވެ ދެރަކުޢަތުގެ ނަމާދެއް ކުރުން.

3 އެދެރަކުޢަތުގައި އެއްވެސް ކުށެއް ނުކުރުން.

4 އަމިއްލަ ނަފްސާ ވާހަކަނުދެއްކުން.

5  (އެދެރަކުޢަތުގައި) ޚުޝޫޢަތްތެރިކަމާއެކު ޛިކުރުކުރުން.

6 ދެން އެއަށްފަހު ފާފަދުއްސެވުންއެދި ﷲ ތަޢާލާއަށް ދެންނެވުން.

ނަތީޖާއަކީ:

1 އޭނާގެ އިސްވެފައިވާ ފާފަތައް ފުއްސަވާދެއްވުމެވެ.

2 އަދި އޭނާއަށް ސުވަރުގެ ވާޖިބުވުމެވެ. [صحيح الترغيب ١/٩٤، ٩٥]

ދެންއެއަށްފަހު ހެޔޮ ކަންތައްތަކާއި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުން ގިނަކުރަންވާނެއެވެ. ޙުދައިބިއްޔާގެ ހަނގުރާމައިގައި ޢުމަރު رضي الله عنه ނަބިއްޔާ صلى الله عليه وسلم އާއި ދެބަސްވެވުމުން ކަންތައް ކުރެއްވިގޮތް ތިބާ ނުދެކެމުހެއްޔެވެ. އެ(ޙާދިޘާ)އަށް ފަހު އެކަލޭގެފާނު ވިދާޅިވިއެވެ: “އެކުށުގެ ކައްފާރާއެއްގެ ގޮތުގައި ތިމަންކަލޭގެފާނު ޢަމަލުތަކެއް(އެބަހީ: ޞާލިޙު ޢަމަލުތަކެއް) ކުރެއްވީމެވެ.”

އަންނަނިވި ޞައްޙަ ޙަދީޘްގައި ވާރިދުވެފައިވާ މިޘާލާމެދު ވިސްނާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢]

މާނައީ: ހަމަކަށަވަރުން ފާފަތައްކުރުމަށްފަހު ހެޔޮ ޢަމަލުކުރާމީހުންގެ މިޘާލަކީ އޭނާ ހާސްވާވަރަށް ބާރުވެފައިވާ  دِرْع އެއް(ދަހަނާއެއް) އަޅައިގެންހުރިމީހެއްގެ މިޘާލެވެ.( دِرْع އަކީ ދަގަނޑުން ހަދާފައިހުންނަ، ހަނގުރާމަވެރިން އަޅާ ހެދުމެވެ.) ދެން އޭނާ ހެޔޮކަމެއް ކުރުމުން އޭގެ އެއްބޮޅުލުހުނެވެ. ދެން އެހެންކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެބިމަށް (ވެއްޓި) އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.”

ހެޔޮކަންތައްތައް ފާފަކުރާމީހާ ނުބައިކަމުގެ ޖަލުން މިނިވަންކޮށްދެއެވެ. އަދި ކިޔަމަންތެރިކަމުގެ ތަނަވަސް ދުނިޔެއަށް އޭނާ ނެރެދެއެވެ.

އޭލޮބުވެތި އަޚާއެވެ. އިސްވެބަޔާންވެދިޔަ ކަންކަމުގެ ޚުލާޞާއަކީ އަންނަނިވި ވާހަކައެވެ.

ޢިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ إِنِّي وجدت امْرَأَةً فِي بُسْتَانٍ فَفَعَلْتُ بِهَا كُلَّ شَيْءٍ غَيْرَ أَنِّي لَمْ أُجَامِعْهَا، قَبَّلْتُهَا وَلَزِمْتُهَا، وَلَمْ أَفْعَلْ غَيْرَ ذَلِكَ فَافْعَلْ بِي مَا شِئْتَ.

 فَلَمْ يَقُلْ الرَّسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْئًا فَذَهَبَ الرَّجُلُ، فَقَالَ عُمَرُ: لَقَدْ سَتَرَ اللَّهُ عَلَيْهِ لَوْ سَتَرَ نَفْسَهُ، فَأَتْبَعَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَصَرَهُ، ثُمَّ قَالَ: ((رُدُّوهُ عَلَيَّ)) فَرَدُّوهُ عَلَيْهِ فَقَرَأَ عَلَيْهِ: ﴿وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ﴾ (سورة هود ١١٤)

މާނައީ: “ފިރިހެނަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑަށް ބަގީޗާއެއްގެތެރެއިން އަންހެނަކު ފެނުނެވެ. ފަހެ އަޅުގަނޑު އެ އަންހެންމީހާއާއެކު ޖިމާޢުވުން ފިޔަވާ އެހެން ހުރިހާ ކަމެއް ކުރީމެވެ. އޭނާއަށް ބޮސްދީ އަދި އެކުގައިވީމެވެ. އަދި އެނޫންކަމެއް އަޅުގަނޑުނުކުރަމެވެ. ކަލޭގެފާނު އަޅުގަނޑާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކުރައްވާށެވެ.

ފަހެ ރަސޫލާ صلى الله عليه وسلم އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އެމީހާ ދިޔައެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ އޭނާ ފޮރުވައިދެއްވިއެވެ. އޭނާވެސް އޭނާގެ އަމިއްލަ ނަފްސު ފޮރުވިނަމައެވެ.” ފަހެ ރަސޫލުﷲ  އޭނާދާތަން ބައްލަވަމުން ދިޔައެވެ. ދެން ޙަދީޘްކުރެއްވިއެވެ. “އޭނާ އަނބުރާ ތިމަންކަލޭގެފާނު އަރިހަށް ގެންނާށެވެ.” ފަހެ އެކަލޭގެފާނު އަރިހަށް އޭނާ ގެނެވުނެވެ. ދެންފަހެ އެކަލޭގެފާނުކިޔަވާ ވިދާޅުވިއެވެ.

﴿وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ﴾ (سورة هود ١١٤)

މާނައީ: “އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ. ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވަޢުޡާއި ނަޞީޙަތެކެވެ.”

ޢުމަރު رضي الله عنه ގެ އަރިހުން އެހެން ރިވާޔަތެއްގައިވެއެވެ. ފަހެ މުޢާޛް رضي الله عنه ވިދާޅުވިއެވެ.

يا رسول الله أله وحده، أم للناس كافة ؟ فقال: ((بل للناس كافة)) [رواه مسلم]

މާނައީ: “އޭ ﷲގެ ރަސޫލާއެވެ. އެއީ އޭނާއަށް އެކަނި ހެއްޔެވެ؟ ނުވަތަ އެއީ އެންމެހާ މީސްތަކުންނަށް ހެއްޔެވެ.؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކިޔެއްހެއްޔެވެ. އެންމެހާ މީސްތަކުންނަށެވެ.”

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ