ނުބައިމީހުން އަހަރެންނާ ދިމާކުރަނީ
ތިބާ ބުނެފާނެއެވެ. “އަހަރެންގެ އެކުވެރިންގެ ތެރެއިން ނުބައިމީހުން އަހަރެން ކޮންމެ ތަނަކަށް ދިޔަޔަސް އަހަރެންގެ ފަހަތުން އަންނަނީއެވެ. އެމީހުންނަށް އަހަންނަށް ބަދަލެއް އައިކަން އެނގުމުން، އަހަންނާ ދެކޮޅުވެ އިދިކީލިވެއްޖެއެވެ. އަދި އަހަރެންނަށް ނިކަމެތިކަން އިޙްސާސްކުރެވެއެވެ. ފަހެ އަހަރެން ހަދަންވީ ކިހިނެތް ހެއްޔެވެ؟!
ތިބާއަށް އަޅުގަނޑުމެން ބުނަން އޮތީ: ކެތްތެރިވާށެވެ. ދޮގުވެރިންގެ ތެރެއިން ތެދުވެރިން ދެނެގަތުމަށާއި ރަނގަޅު ކަންތައްތަކުގެ ތެރެއިން ނުބައި ކަންތައްތައް ވަކިކުރެއްވުމަށްޓަކައި އިޚްލާޞްތެރި އަޅުން އިމްތިޙާން ކުރެއްވުމަކީ ﷲ ތަޢާލާގެ ސުންނަތެކެވެ.
ތިބާ ތިވަނީ (ހެޔޮ) މަގުގައި ފުރަތަމަ ފިޔަވަޅު އަޅާފައެވެ. ފަހެ އެހެންކަމުން (ހެޔޮ މަގުގައި) ޘާބިތުވާށެވެ. އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ މި ޝާއިޠާނުން އެއްބަޔަކު އަނެއްބަޔަކަށް ވަސްވާސް ދޭނެއެވެ. އެހެނީ އެބައިމީހން ބޭނުންވަނީ ތިބާ ފަހަތަށް އެނބުރި ދާށެވެ. ފަހެ އެބައިމީހުންނަށް ތަބާނުވާށެވެ. އެބައިމީހުން ކުރީކޮޅު ތިބާއަށް ބުނާނެއެވެ. “މިއީ ތާކުންތާކު ނުޖެހޭކަމެކެވެ. މިކަން ވަރަށް އަވަހަށް ތިބާގެ ކިބައިން ނެތިގެން ހިނގައިދާނެއެވެ. މިއީ ވަގުތީކަމެކެވެ.” އަދި ޢަޖައިބުކުރުވަނިވިކަމަކީ އެފަދަމީހުން އެބައިމީހުންގެ އެކުވެރިޔާ ތައުބާވުމުގެ ކުރީކޮޅު މިފަދައިން ބުނާތީއެވެ: “އަނެއްކާ ކަމެއް ގޯސްނުވާކަމަށް އުންމީދުކުރަމެވެ!!”
ޢަޖައިބުކުރުވާ އަނެއް ކަމަކީ ރައްޓެހިވެގެން އުޅޭ ދެމީހުންކުރެ އެކަކު ތައުބާވެ އެފާފައާއިގެން ކުރިއަށް ދާން ބޭނުންނުވުމުގެ ސަބަބުން ފޯނު ކަނޑާލުމުން އެއަންހެންކުއްޖާ އިރުކޮޅެއްފަހުން އޭނާ އަށް ގުޅާފައި މިފަދައިން ބުނެއެވެ. “މިހާރު ވަސްވާސްތައް ފިލައިގެން ދިޔައީކަމަށް އުންމީދުކުރަމެވެ.”
ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ. ﴿قُلْ أَعُوذُ بِرَبِّ النَّاسِ * مَلِكِ النَّاسِ * إِلَـٰهِ النَّاسِ * مِن شَرِّ الْوَسْوَاسِ الْخَنَّاسِ * الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ* مِنَ الْجِنَّةِ وَالنَّاسِ﴾ (سورة الناس ١-٦)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ. ވަސްވާސްދިނަމުށްފަހު ފިލާ ޝައިޠާނާގެ ނުބައިކަމުންނެވެ. އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.”
ފަހެ ތިބާ ތަބާވުން އައުލާކަންބޮޑީ ތިބާގެ ރައްބަށް ހެއްޔެވެ؟ ނުވަތަ ނުބައި ކަމަށް ގޮވާލާ މީސްތަކުންނަށް ހެއްޔެވެ؟
އަދި ތިބާ ދަންނަންޖެހޭނެ ކަމަކީ އެބައިމީހުން ތިބާ ވީ ކޮންމެ ތަނަކުން ތިބާގެ ފަހަތުން އައިސް އަލުން އަނބުރާ ނުބައިކަމުގެ މަގަށް ތިބާ ރައްދުކުރުމަށްޓަކައި ވެވެންހުރި ހުރިހާ ގޮތަކުން އެބައިމީހުން މަސައްކަތްކުރާނެކަމެވެ. ބައެއްމީހުން އަޅުގަނޑަށް ކިޔައިދިން ގޮތުގައި އޭނާ ނުބައިކޮށް އުޅުނު ދުވަސްވަރު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާއަށް އޭނާ ތައުބާވުމަށްފަހު މިސްކިތަށް ދާތަން ފެނުމުން އެއަންހެން ކުއްޖާގެ ކާރު ޑްރައިވަރަށް އޭނާގެ ފަހަތުން ދިއުމަށް އަމުރުކުރެއެވެ. އަދި ކުޑަދޮރުން އޭނާއާއި ވާހަކަ ދައްކައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ﴾ (سورة إبراهيم ٢٧) މާނައީ: “ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ޘާބިތުވެގެންވާ (ޙައްޤު) ބަހުން އީމާންވި މީހުންނަށް ﷲ ޘާބިތުކަން ދެއްވައެވެ. “
އެބައިމީހުން ތިބާގެ މާޟީ ހަނދާންކޮށްދޭން މަސައްކަތްކުރާނެއެވެ. އަދި ތިބާ މާޟީގައި ކޮށްފައިވާ ފާފަތައް ހުރިހާ ގޮތަކުން ޒީނަތްތެރިކޮށްދޭނެއެވެ. ހަނދާންތަކުންނެވެ…. ހިތްއެދޭކަންތައްތަކުންނެވެ…. ފޮޓޯތަކުންނެވެ…. އަދި ސިޓީތަކުންނެވެ…. ފަހެ އެބައިމީހުންނަށް ތަބާނުވާށެވެ. ތިބާ ހައްލާލުމަށް އެބައިމީހުން ކުރާ މަސައްކަތަށް ރައްކާތެރިވާށެވެ.
މަތިވެރި ޞަޙާބީ، ކަޢުބު ބުން މާލިކު رضي الله عنه ގެ ވާހަކަ މިތަނުގައި ޛިކުރުކޮށްލާނަމެވެ. އެކަލޭގެފާނު ތަބޫކު ހަނގުރާމައިގައި ބައިވެރިވެވަޑައިނުގަތުމުގެ ސަބަބުން ﷲ ތަޢާލާ އިޛުނަދެއްވަންދެން އެކަލޭގެފާނާއި ގުޅުން ކަނޑާލުމަށް އެންމެހާ ޞަޙާބީންނަށް ރަސޫލުﷲ صلى الله عليه وسلم އަމުރުކުރެއްވިއެވެ. އެހިނދު ޣައްސާނުގެ ކާފިރު ރަސްގެފާނު ކަޢުބުގެފާނަށް ސިޓީއެއް ފޮނުވިއެވެ. އޭގައިވަނީ: “ދަންނައެވެ. ކަލޭގެފާނުގެ ޞާޙިބާ ކަލޭގެފާނު ދުރުކޮށްލައިފިކަމުގެ ޚަބަރު ތިމަންމެނާ ހަމައަށް އައިއްސިއެވެ. ﷲ ތަޢާލާ ކަލޭގެފާނު ލަދުވެތި ގެއެއްގައި ނުލައްވައެވެ. އަދި ގެއްލެނިނުކުރައްވައެވެ. ފަހެ ތިމަންމެންގެ ގާތަށް ވަޑައިގަންނަވާށެވެ. ތިމަންމެން އެހީތެރިވެދޭނަމެވެ.” ކާފަރުން ބޭނުންވަނީ މުސްލިމުންގެ މައްޗަށް ގަދަވެ އެބައިމީހުން މަދީނާއިން ބޭރުކުރާށެވެ. އެއީ އެބައިމީހުން ކާފަރުންގެ ބިމުގައި ގެއްލެނިވުމަށްޓަކައެވެ.
މަތިވެރި ޞަޙާބީ މިކަމުގައި ޢަމަލު ކުރެއްވީ ކިހިނެތްތޯއެވެ. ކަޢުބު رضي الله عنه ވިދާޅުވިއެވެ. “ފަހެ އެ(ސިޓީ) ކިޔުމަށްފަހު ތިމަން ބުނީމެވެ. މިވެސް އިމްތިހާނެކެވެ. ފަހެ ތިމަން އެ އުނދުނަށް އެއްލާލާ އަނދާލީމެވެ.”
އޭ މުސްލިމް ފިރިހެނުންނާއި އަންހެނުންނޭވެ. ތިޔަބައިމީހުންނަށް ނުބައިކަމުގެ އަހުލުވެރިން ފޮނުވާ ކޮންމެ އެއްޗަކާމެދުވެސް ޢަމަލުކުރަންޖެހޭނީ މިފަދައިންނެވެ. ފަހެ އެ އަޅިއަށް ވަންދެން އަންދާލާށެވެ. އަދި އާޚިރަތްދުވަހުގެ އަލިފާނުގެ މަތިން ހަނދުމަކުރާށެވެ. ﴿ فَاصْبِرْ إِنَّ وَعْدَ اللَّـهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ ﴾ (سورة الروم ٦٠) މާނައީ: ” ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ. ހަމަކަށަވަރުން ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި އީމާންނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ.”
-ނުނިމޭ-