قَالَ الطَّحَاوِيُّ رحمه الله: “يَهْدِيْ مَنْ يَشَاءُ، وَيَعْصِمُ وَيُعَافِي فَضْلًا، وَيُضِلُّ مَنْ يَشَاءُ وَيَخْذِلُ وَيَبْتَلِي عَدْلًا.”
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެއިލާހު އެދިވޮޑިގެން މީހަކަށް ހިދާޔަތު ދައްކަވައެވެ. އަދި އެއިލާހުގެ ފަޟްލަވަންތަވެރިކަމުން އެބައިމީހުން ރައްކާތެރިކުރައްވައި، ނުރައްކާތަކުން އެބައިމީހުން ސަލާމަތްކުރައްވައެވެ. އަދި އެއިލާހު އެދިވޮޑިގެން މީހަކު މަގުފުރައްދަވައެވެ. އަދި އެބައިމީހުން ނެތިކުރެއްވުމާއި، އެބައިމީހުންނަށް މުޞީބާތްތައް ޖެއްސެވުން ޢަދުލުވެރިކަމާއެކު ނިންމަވައެވެ.”
_______________________________________
ޝަރަޙަ:
* އިމާމް އައްޠަޙާވީ ރަޙިމަހުﷲގެ މިބަސްފުޅުގައި ބަޔާންކުރައްވާފައި އެވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބާރުފުޅުގެ ދަށުގައިވާ، އަދި އެއިލާހުގެ ޢަމަލުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންތައްތަކެކެވެ. އެއިލާހު އެދިވޮޑިގެންނެވި މީހަކަށް ހިދާޔަތް ދައްކަވައި، އެއިލާހިގެ އެދިވޮޑިގެން މީހަކު ހިދާޔަތުން އެއްކިބާކުރައްވައި މަގުފުރައްދަވައެވެ. ހިދާޔަތް ދެއްކެވުމާއި މަގުފުރެއްދެވެމުގެ މިމަސްއަލައަކީ ބޮޑު، އަދި އެނގުން އެހާމެ މުހިއްމު މަސްއަލައެކެވެ. އެހެނީ، މިމަސްއަލައިގައި އޮޅުން އެރުމުގެ ސަބަބުން މީސްތަކުން ތެރެއިން ބަޔަކު މަގުފުރެދިގެން ގޮސްފައިވެއެވެ. އަދި މިއީ ބާޠިލު ފިރުޤާއެއްކަމުގައިވާ ޤަދަރީން މަގުފުރެދުނު އެންމެ ބޮޑު މަސްއަލައެވެ. އަދި އެބައިމީހުންގެ މަސްއަލަތަކުގެ ތެރެއިން އެންމެ ބޮޑަށް އެބައިމީހުންނަށް އޮޅުންއެރި މަސްއަލައެވެ. ޤަދަރީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތައް އުފެއްދެވުމުގެ ކުރިން އެންމެހާ ކަމެއް ޤަދަރުކުރެއްވިކަން ދޮގުކުރާބައެކެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި އަޅުތަކުންގެ ކަންކަން ކުރުމުގެ ކުރިން އެއިލާހަށް އެކަންކަން އެނގިގެންނުވެއެވެ. މިބައިމީހުންގެ ވާހަކަތައް ކުރީގެ އެކިދަރުސްތަކުގައި އިސްވެހިނގައްޖެއެވެ. އަދި މިމަސްއަލާގައި މުޢުތަޒިލާއިންވެސް ޤަބޫލުކޮށް އުޅެނީ ޤަދަރީންގެ ބަހެވެ. މިދަރުސްގެ ފަހަތުގައި މިބައިމީހުންގެ މިޝުބުހައިގެ ރައްދު ބަޔާންވެ އަންނަ ހުށްޓެވެ. إن شاء الله.
ﷲ ސުބުޙާނަހޫ ވަތަޢާލާ ހިދާޔަތް ދައްކަވަނީ އެއިލާހުގެ ޙިކުމަތްފުޅުގެ ދަށުން، ހިދާޔަތް ހޯދުމަށްޓަކައި މަސައްކަތްކުރާ، ޙައްޤު އައުމަށްފަހު އެކަން ޤަބޫލުކޮށް، އެޙައްޤަށް ތަބާވާމީހުންނަށެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހާ ހިދާޔަތަށް މަގުފަހިކުރައްވައެވެ. އަދި އެއިލާހުގެ އެދިވޮޑިގެންފިމީހަކު މަގުފުރައްދަވައެވެ. އެއީ ހިދާޔަތް ހޯދުމަށާއި ހެޔޮކަމަށް އެދުމަށް ދެކޮޅުހަދައި ބޮޑާވެރިވެ ގަތުމުގެ ސަބަބުންނެވެ. އެމީހާގެ އެ ދެކޮޅުހެދުމާއި ބޮޑާވެރިކަމުގެ ޢުޤޫބާތެއްގެގޮތުންނެވެ. މިކަން ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى)) الليل: 5-7 މާނައީ: “ފަހެ (މުދަލުން) ހޭދަކޮށް (ﷲއަށް) ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.” މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ ހެޔޮކަން އެދޭމީހާއަށް، ހެޔޮކަމަށް ވާޞިލުވުމުގެ ސަބަބަކީ އެމީހާކަމުގައި ލައްވާފައެވެ. އެމީހާއަށް އެކަން ޙާޞިލުވުމުގެ މަގުދައްކަވާ ފަރާތަކީ ﷲ ކަން ބަޔާންކުރައްވާފައެވެ. އެމީހާއަށް ފަސޭހަކަމަށް މަގުފަހިވުމުގެ ސަބަބަކީ އެމީހާގެ ހެޔޮ ޢަމަލުތަކެވެ. އެމީހާ އެކަމަށް އެދި، އެކަން ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް މަގުދައްކަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَأَمَّا مَنْ بَخِلَ وَاسْتَغْنَى * وَكَذَّبَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْعُسْرَى)) الليل: 8-10 މާނައީ: “އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.” މިއާޔަތުގައި އެވަނީ، އެމީހާއަށް ދަތިއުނދަގޫ މަގަށް ދިޔުމުގެ ސަބަބަކީ އެމީހާކަމުގައި ލައްވާފައެވެ. އެމަގަށް އެމީހާ ގެންދަވާ ފަރާތަކީ ﷲއެވެ. އެއީ އެމީހާގެ ޢަމަލުތަކުގެ ޢުޤޫބާތެއްގެ ގޮތުންނެވެ.
އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ހިދާޔަތް ދައްކަވަނީ އެއިލާހުގެ ފަރާތުންވާ ފަޟްލަވަންތަކަމުގެ ސަބަބުންނެވެ. ހެޔޮކަމާއި ހިދާޔަތަށް އެދޭމީހާގެ މައްޗަށްވާ އެއިލާހުގެ އޯގާވަންތަކަމުގެ ސަބަބުންނެވެ. ފަހެ، އެއިލާހު ހެޔޮކަމާއި، ހެޔޮކަންތައް ކުރުމުގެ މަގަށް އެމީހަކަށް މަގުފަހިކޮށްދެއްވައެވެ. އެއީ އެމީހާގެ މަޞްލަޙަތަށްޓަކައެވެ. އެއްވެސް ޙާލެއްގައި ﷲއަށް އޮތް މަޞްލަޙަތަކަށްޓަކައެއް ނޫނެވެ. އެއިލާހީ، އެއިލާހުގެ އަޅުތަކަށް ބޭނުންވެގެންވުމުން ފުދިވޮޑިގެންވާ އިލާހެވެ. ހަމައެހެންމެ، މަގުފުރެދިގެންދާމީހާ މަގުފުރެދިގެން ދަނީ އެއިލާހުގެ ޢަދުލުވަންތަކަމުންނެވެ. އެއްވެސް ޙާލެއްގައި އެއިލާހު އެބައިމީހުންގެ މައްޗަށް އަނިޔާވެރިވެވޮޑިގެންނެއް ނޫނެވެ. އެމީހާ މަގުފުރެދިގެން އެދަނީ ކުރިން ދެންނެވުނު ފަދައިން ހެޔޮކަމަށް އިންކާރުކޮށް، ހެޔޮކަމުގެ މަގަށް އައުމަށާއި ﷲއަށް ކިޔަމަންތެރިވުމަށް ފުރަގަސްދިނުމުގެ ސަބަބުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَاللَّهُ لا يَهْدِي الْقَوْمَ الظَّالِمِينَ)) البقرة: 258 މާނައީ: “އަދި އަނިޔާވެރި މީހުންނަށް ﷲ ހިދާޔަތު ނުދައްކަވާނެއެވެ.” ((وَاللَّهُ لا يَهْدِي الْقَوْمَ الْكَافِرِينَ)) البقرة: 264 މާނައީ: “އަދި ކާފަރުވި މީހުންނަށް ﷲ ހިދާޔަތު ނުދައްކަވާނެއެވެ.” ((وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ)) المائدة: 108 މާނައީ: “އަދި ފާސިޤުވި މީހުންނަށް ﷲ ހިދާޔަތު ނުދައްކަވާނެއެވެ.” މިއާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އަނިޔާވެރިކަމާއި، ކާފަރުކަމާއި، ފާސިޤުކަމަކީ ހިދާޔަތު ގެއްލިގެންދާނެ ސަބަބުތައް ކަމުގައި ބަޔާންކުރައްވާފައެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ މިފަދަ ޞިފަތަކުން ދުރުވުމެވެ. އޭރުން ﷲ އަޅުގަނޑުމެންނަށް ހިދާޔަތް ދައްކަވާނެއެވެ.
ކާފަރުކަމުން އިސްލާމްކަމަށް ބަދަލުވި މީހުންގެ ޙަޔާތަށް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ އަޅުގަނޑުމެންނަށް ފެނިގެންދާނީ، އެއިގެ ތެރެއިން ގިނަ މީހުންނަކީ ހިދާޔަތުގެ ޙައްޤުމަގު ހޯދުމަށްޓަކައި ބުރަމަސައްކަތްތަކެއް ކޮށްފައިވާތަނެވެ. ހިދާޔަތުގެ މަގު ހޯދުމަށްޓަކައި ކުރިން ހުރި ދީން ދޫކޮށް ތަފާތު ދީންތަކަށް އެފަދަ މީހުން ބަދަލުވަމުން އައިކަމެވެ. އެއްރަށުން އަނެއްރަށަށް ދަތުރުކޮށްފައިވާކަމެކެވެ. ހިދާޔަތަށް އެދިގެން އެތައް ފޮތްތަކެއް ދިރާސާކޮށްފައި ވާކަމެވެ. އެފަދަ މީހުން ޙައްޤަށްކުރި ދަތުރުގައި އެންމެފަހުން ޙައްޤުދީނުގެ ހިދާޔަތު ލިބިގެން ދިޔަކަމެވެ. މިގޮތުން ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހު ޙައްޤުހޯއްދެވުމަށްޓަކައި ކުރެއްވި ބުރަމަސައްކަތްޕުޅަކީ ޢިބްރަތުން ފުރިގެންވާ މަސައްކަތްޕުޅުތަކެކެވެ. މުއްސަނދި ދިރިއުޅުއްވުން އެކަމަށްޓަކައި ޤުރުބާން ކޮށްލެއްވިއެވެ. އެތައް ތަނަކަށް ދަތުރުކުރައްވަން ޖެހިވަޑައިގަތެވެ. އެންމެފަހުން ބަޔަކު ނުޙައްޤުން އެކަލޭގެފާނު އަޅަކަށް ހެދިއެވެ. މިހުރިހާ ޤުރުބާނީއެއްގެ މޭވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެއްވިއެވެ. ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގަށް މަގުދެއްކެވިއެވެ. މިއުއްމަތުގައި ވާނެ އެންމެ މަތިވެރިވެގެންވާ ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ލެއްވިއެވެ. މިއީ އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރުބާނީގެ އުފާވެރި ނިމުމެވެ. އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮމަގަށް އެދި، އެކަމަށްޓަކައި މަސައްކަތްކުރާމީހާއަށް އެމަގު ދައްކަވާދެއްވާނެއެވެ. އެބައިމީހުންގެ އެޢަމަލުތައް ﷲ ބޭކާރުކޮށް ނުލައްވާނެއެވެ.
ކުރިން ދެންނެވުނު ފަދައިން ހިދާޔަތް ދެއްކެވުމާއި މަގުފުރެއްދެވުމުގެ މިމަސްއަލާގައި މީސްތަކުންގެ ތެރެއިން ބަޔަކު ޙައްޤުމަގުން ކައްސާލައިފައިވެއެވެ. އެއީ ޤަދަރީންނާއި މުޢުތަޒިލާއިންނެވެ. މިބައިމީހުން ބުނާގޮތުގައި، ހިދާޔަތް ލިބުމާއި، މަގުފުރެދުން ވަނީ އަޅުންގެ އަތްމަތީގައެވެ. ހިދާޔަތް ދެއްކެވުމާއި، މަގުފުރެއްދެވުމުގެ އެއްވެސް ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެން ނުވެއެވެ. ހިދާޔަތް ލިބި، ނުވަތަ މަގުފުރެދިގަންނަނީ އަޅާ އަމިއްލައަށެވެ. މިއާއިޚިލާފަށް، އިމާމް ޠަޙާވީ ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން އަހުލުއްސުންނަތުގެ ޢަޤީދާއަކީ ހިދާޔަތް ދައްކަވާ، މަގުފުރައްދަވާ ފަރާތަކީ ﷲއެވެ. ހިދާޔަތް ދައްކަވަނީ އެއިލާހުގެ ފަޟްލަވަންތަވެރިކަމުންނެވެ. އަދި މަގުފުރައްދަވަނީ އެއިލާހުގެ ފުރިހަމަ، ޛައްރެއްގެ މިންވަރުވެސް އަނިޔާވެރިކަމެއްނުވާ ޢަދުލުވެރިކަމުންނެވެ.
ހިދާޔަތް ހަތަރު ބަޔަކަށް ބެހިގެންވެއެވެ.
(1) ޢާއްމު ހިދާޔަތެވެ. މިއީ ކޮންމެ މަޚްލޫޤަކަށް، އެމަޚްލޫޤެއްގެ ދިރިއުޅުމުގެ މަޞްލަޙަތުހުރިގޮތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދައްކަވާ ހިދާޔަތެވެ. މިހިދާޔަތުގައި އާދަމުގެ ދަރިންނާއި، ޖަނަވާރުންނާއި، ދޫނިސޫފާސޫފިއާއި، މަސްމަހާމެހިފަދަ އެންމެހާ މަޚްލޫޤެއް ޝާމިލުވެގެންވެއެވެ. ކުޑައެއް ބޮޑެއް ފަރަޤުވުމެއް ނެތިއެވެ. ކައިބޮއެހަދާނެގޮތާއި، ހިނގާބިނގާވެ އުޅޭނެގޮތް ފަދަ އެމަޚްލޫޤެއްގެ ދިރިއުޅުމާ އެކަށޭނެ ކަންކަމަށް ހިދާޔަތް ދައްކަވައެވެ. މޫސާގެފާނު ފިރްޢަޥްނަށް ދެއްވި ޖަވާބު ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى)) طه: 50 މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ޚަލްޤު (އެބަހީ: އެމަޚްލޫގެއްގެ ސިފައާއި ޠަބީޢަތު) ދެއްވައި، ދެން ހިދާޔަތް ދެއްކެވި ރަސްކަލާނގެއެވެ.” މިއާޔަތުގައި ބަޔާންވެފައި އެވަނީ އެންމެހާ މަޚްލޫޤުންނަށްވާ ޢާއްމު ހިދާޔަތެވެ. މިވައްތަރުގެ ހިދާޔަތަށް އެއްވެސް ބަޔަކު އިންކާރެއްނުކުރެއެވެ.
(2) ބަޔާންކޮށްދިނުމާއި، މަގުދެއްކުމާއި، އިރުޝާދުދިނުމާއި، ދަޢުވަތު ދިނުމާއި، ފޯރުކޮށްދިނުމުގެ ހިދާޔަތެވެ. މިއީ އިންސީންނަށާއި ޖިންނީންނަށް ޚާއްޞަ ހިދާޔަތެކެވެ. މިހިދާޔަތަކީ އިންސީންނާއި ޖިންނީންނަށް ފައިދާހުރި މަގަށް ގޮވާލުމާއި، އެކަމުގެ ޚަބަރުތައް ދިނުމާއި، އިރުޝާދު ދިނުމުގެ ހިދާޔަތެވެ. މިހިދާޔަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރައްވާކަމެވެ. މިހިދާޔަތަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލުން ފޮނުއްވައި، ފޮތް ބާވާލެއްވި ހިދާޔަތެވެ. ޘަމޫދުބާގައިމީހުންގެ ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. ((وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَى عَلَى الْهُدَى)) މާނައީ: “އަދި ޘަމޫދުބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ހިދާޔަތު ދެއްކެވީމެވެ. ފަހެ، އެބައިމީހުން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަމަށް (އެބަހީ: މަގު ފުރެދުމަށް) ލޯބިކުރިއެވެ.” މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ހިދާޔަތު ދެއްކެވުމޭ ވަޙީ ކުރެއްވުމުގެ މާނައީ ހެޔޮމަގާއި ނުބައިމަގަކީ ކޮބައިކަން އެބައިމީހުންނަށް ދެއްކެވިއެވެ. ބަޔާންކޮށްދެއްވިއެވެ. ނަމަވެސް އެބައިމީހުން އެ ބަޔާންކޮށްދެއްވުމަށް ދެކޮޅުހަދައި، މަގުފުރެދުމުގެ ސަބަބުން ﷲ އެބައިމީހުންނަށް އެކަމުގެ ޢުޤޫބާތް ދެއްކެވީއެވެ. ((فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ)) فصلت: 17 މާނައީ: “އެބައިމީހުން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން، އިހާނަތްތެރި ޢަޛާބުގެ ހޮނުގުގުރި އެބައިމީހުންގައި ހިފިއެވެ.” މިހިދާޔަތަކީ ރަސޫލުންނާއި، ނަބީންނާއި، އިޞްލާޙުކުރާމީހުންނާއި، ޙައްޤަށް ދަޢުވަތުދޭމީހުންގެ ހިދާޔަތެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُسْتَقِيمٍ)) الشورى: 52 މާނައީ: “އަދި ހަމަކަށަވަރުން ކަލޭގެފާނު ހިދާޔަތު ދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.” މިއާޔަތުގައިވާ ހިދާޔަތުގެ މާނައީ ބަޔާންކޮށްދެއްވުމާއި، އިރުޝާދުދެއްވުމާއި، ޙައްޤު މަގުދެއްކެވުމެވެ. އެހެންކަމުން، މިހިދާޔަތް މީހެއްގެ މައްޗަށް ޤާއިމުވެ، މިހިދާޔަތަށް އިޖާބަ ނުދީފިކަމުގައިވާނަމަ، އެމީހެއްގެ މައްޗަށް ޙުއްޖަތް ޤާއިމުވީއެވެ. އަދި އެމީހަކަށް ޢަޛާބު ޙައްޤުވީއެވެ. މިވައްތަރުގެ ހިދާޔަތަށް މުޢުތަޒިލާއިން އިންކާރެއްނުކުރެއެވެ.
(3) ތަވްފީޤު ދެއްވުމާއި، ހެޔޮމަގުގައި ޘާބިތުކުރެއްވުމުގެ ހިދާޔަތެވެ. މިހިދާޔަތަކީ ހަމައެކަނި ﷲ އަށް ޚާއްޞަވެގެންވާ ހިދާޔަތެކެވެ. އެއްވެސް މަޚްލޫޤަކަށް، މަލާއިކަތެއްވިޔަސް، ނަބީބޭކަލެއް ވިޔަސް، އެނޫން މީހަކަށް ވިޔަސް މިހިދާޔަތް ދެއްކެވުމުގެ ބާރު ލިބިގެންނުވެއެވެ. އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިވައްތަރުގެ ހިދާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ނަފީކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ)) القصص: 56 މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކަށް ކަލޭގެފާނަކަށް ހިދާޔަތެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އެދިވޮޑިގެން އަޅަކަށް ހިދާޔަތު ދައްކަވައެވެ.” ޤަދަރީންނާއި މުޢުތަޒިލާއިން ދެކޮޅުހަދާ ހިދާޔަތަކީ މިއީއެވެ. މިމަސްއަލާގައި މިބައިމީހުންގެ ޢަޤީދާއަކީ ބާޠިލު، ޤުރުއާނުގެ ނައްޞުތަކާ ދެކޮޅު ޢަޤީދާއެކެވެ. ހިދާޔަތް ލިބުމާއި މަގުފުރެދުމަކީ އަޅާގެ އަތްމަތީގައިވާކަމެއްނަމަ ﷲ އެއިލާހުގެ މަޝީއަތުގެ (އެބަހީ: އެދިވޮޑިގަތުމުގެ) ތެރެއަށް ހިދާޔަތް ދެއްކެވުން ބަޔާންވެދިޔަ އާޔަތާއި އެނޫން މިމާނައިގެ އާޔަތްތަކުގައި ނުލެއްވީހެވެ. މިކަމުން އެނގޭކަމަކީ އެބައިމީހުންގެ ޢަޤީދާގެ ބާޠިލުކަމެވެ.
އެހެންކަމުން، އަޅަކު ޙައްޤުމަގަށް އަންނަހުށީ ދެހިދާޔަތެއް ޖަމާވެގެންނެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ ތަވްފީޤު ދެއްވުމުގެ ހިދާޔަތާއި، ރަސޫލުންނާއި ނަބިއްޔުންނާއި ޙައްޤުމަގަށް ގޮވާލާމީހުންގެ އިރުޝާދާއި ބަޔާންކުރުމާއި މަގުދެއްކުމުގެ ހިދާޔަތެވެ.
(4) ޤިޔާމަތް ދުވަހު މުއުމިނުތަކުންނަށް ސުވަރުގެއަށް ހިދާޔަތު ދެއްކެވުމާއި، ކާފަރުންތަކުން ނަރަކައަށް ހިދާޔަތު ދެއްކެވުމެވެ. މުއުމިނުންނާ ބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَنْ يُضِلَّ أَعْمَالَهُمْ * سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ * وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ)) محمد: 4-6 މާނައީ: “އަދި، ﷲގެ މަގުގައި ޤަތުލުވީ މީހުން ފަހެ، އެބައިމީހުންގެ ޢަމަލުތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެއެވެ. އެކަލާނގެ އެބައިމީހުންނަށް (ރަނގަޅު ކަންތަކަށް) ހިދާޔަތު ދައްކަވާނެއެވެ. އަދި އެކަލާނގެ އެބައިމީހުންގެ އެންމެހާ ޙާލުތައް، އިޞްލާޙުކުރައްވާނެއެވެ. އަދި ސުވަރުގެޔަށް އެކަލާނގެ އެބައިމީހުން ވައްދަވާނެއެވެ. އެ ސުވަރުގެ ވަނީ، އެބައިމީހުންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ.” އަދި ކާފަރުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ((احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ * مِنْ دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ)) الصافات: 22-23 މާނައީ: “(މަލާއިކަތުންނަށް އަންގަވާނެއެވެ.) އަނިޔާވެރިވީ މީހުންނާއި، އެބައިމީހުންގެ (އެބައިމީހުން ފަދަ ކާފަރު) އަނބިންނާއި، އަދި ﷲ ފިޔަވައި އެބައިމީހުން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެބައިމީހުންނަށް ނަރަކައިގެ މަގަށް ހިދާޔަތު ދައްކަވާށެވެ!” މިއާޔަތްތަކުން ދަލީލުކޮށްދެނީ މުއުމިނުންނަށް ސުވަރުގެއަށް، އަދި ކާފަރުންނަށް ނަރަކައަށް ދިޔުމަށް މަގުދެއްކެވުމަކީވެސް ހިދާޔަތެއްކަމެވެ.
މިހިދާޔަތުގެ ހަތަރު ވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރުގެ ހިދާޔަތާއި (ޢާއްމު ހިދާޔަތާއި)، ހަތަރުވަނަ ވައްތަރުގެ ހިދާޔަތުގައި މީސްތަކުން ޚިލާފެއްނެތެވެ. އަހުލުއްސުންނަތުގެ މީހުންނާ، ބާޠިލު ފިރުޤާތަކުގެ މީހުންނާ ދެމެދުގައި ޚިލާފުވަނީ ދެވަނަ އަދި ތިންވަނަ ވައްތަރުގެ ހިދާޔަތުގައެވެ.
މިމަސްއަލާގައި އަހުލުއްސުންނަތުގެ މީހުންގެ ޢަޤީދާ އެވަނީ އިމާމް ޠަޙާވީ ރަޙިމަހުﷲ ބަޔާންކުރައްވާފައެވެ. އަދި ބާޠިލު ފިރުޤާތަކުގެ މީހުންގެ ޝުބުހައާއި، އޭގެ ޖަވާބު އިސްވެ އެދިޔައީއެވެ. އަދި އިމާމް ޠަޙާވީ އެވަނީ އެކަލޭގެފާނުގެ މިބަސްފުޅުގައި ބާޠިލުފިރުޤާތަކުގެ މީހުންނަށް ރައްދުދެއްވާފައެވެ.
________________________________