[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތްތައް ދުރުކުރުމަށް ނުވަތަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދި ފަށާއި ބޮޅުފަދަ ތަކެތި (ތަވީދުގެ ގޮތުގައި) އެޅުމަކީ ޝިރުކުގެ ތެރެއިން ހިމެނޭކަމެއް

ކޮންމެ އިންސާނަކުވެސް އޭނާގެ ޙަޔާތަކީ ނުރައްކާތަކާއި މުޞީބާތާއި އާފާތްތަކުން ސަލާމަތްވެފައިވާ ރައްކާތެރި އަމާންއޮމާން ދިރިއުޅުމެއް ބޭނުންވާނެމީހެކެވެ. އެފަދަ ކަންކަމުން ރައްކާތެރިކަން ލިބިގަތުމަށް އެހީތެރިކަމާއި ވާގިލިބިގަތުން އޮތީ ކާއިނާތުގެ މިލްކުވެރި އިލާހުގެ ޙަޟްރަތުންނެވެ.

ނަމަވެސް އަޅާގެ ޢިލްމުގެ މަދުކަމާއި މުޖްތަމަޢުގެ ޖާހިލުކަމާއި ޝައިތާނާގެ ހެއްލުންތެރިކަމުގެ ދަލުގައި ޖެހި، ޖައްބާރުވަންތަ ގަދަފަދަވަންތަ އިލާހު ފިޔަވައި އެހެނިހެން ބާތިލު ޚުރާފީ ވަސީލަތްތަކުގެ ޒަރީޢާއިން މުޞީބާތްތަކުން ސަލާމަތްވެވޭތޯ އަޅާ މަސައްކަތްކުރެތެވެ. މިގޮތުން އެއްގޮތަކީ ރޮދި ފަށާއި ބޮޅުފަދަ ތަކެތި (ތަވީދުގެ ގޮތުގައި) އެޅުމެވެ.

މުޞީބާތާއި، އެސްފީނާއާއި ޙަސަދައާއި ސިޙުރުން ތިމާގެ އަމިއްލަ ނަފްސާއި ގެދޮރާއި މުދަލާއި އަނބިދަރީން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ޤަޞްދުގައި ރޮދިފަށާއި ބޮޅުފަދަ ތަކެއްޗާއި، ބަޑި އާއި ތަވީދާއި ފަންވަތްފަދަ ތަކެތި ހަށިގަނޑުގައި އަޅައި ގެދޮރާއި މުދަލުގައި އެލުވާ ހެދުމަކީ ޖާހިލިއްޔަ ޒަމާނުގެ އާދަކާދައިގެ ތެރެއިން ވާކަންތައްތަކެވެ. އެބައިމީހުންގެ އިޢްތިޤާދަކީ އެފަދަ ތަވީދުތަކާއި ބަޑި ތައް އެމީހުންގެ ނަފްސުތަކަށް ރައްކާތެރިކަންހޯދައިދީ އަނބިދަރިންނާއި ގެދޮރާއި މުދާ، މުޞީބާތާއި ނުރައްކަލުން ސަލާމަތްކޮށްދީ ދިފާޢުކޮށްދޭނެއެވެ. ފަހެ ހަމަކަށަވަރުން މިފަދަ ކަންތައްތަކަކީ ޝިރުކުގެ ތެރެއިންވާ ކަންތައްތަކެވެ. ސަބަބަކީ ﷲތަޢާލާއަށް ޚާއްޞަ ވެގެންވާ ކަމެއްގައި އެހެންފަރާތަކަށް ބަރޯސާވެ އިޢްތިމާދު ކުރުމެވެ. އެއީ ޝަރުޢީ އަދި ޤަދަރީ ސަބަބަކަށް ނުވާ ކަމެއް ސަބަބެއްކަމުގައި ހިފުމެވެ. މުޞީބާތްތަކުން ރައްކާތެރިކޮށްދީ ދިފާޢުކޮށްދިނުމަކީ އެއީ ހަމައެކަނި ﷲ އަށް ޚާއްޞަވެގެންވާ ކަމެކެވެ. އެއިލާހު އަޅަކަށް އެއަޅާގެ ނަފްސާއި، އަނބިދަރިން ނުވަތަ މުދަލުގައި ތަކްލީފެއް ޖެއްސެވުމަށް އިރާދަކުރައްވަފިނަމަ ﷲ ފިޔަވައި ސީދީއަކަށް، ވަލީވެރިއަކަށް، ޖީލާނީއަކަށް، ބަދަވީއަކަށް، ތަވީދަކަށް، ބަޑިއަކަށް އެތަކުލީފެއް ދުރުނުކުރެވޭނެއެވެ. އަދި އެއިލާހު އަޅަކަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ އެއްވެސް ފަރާތަކަށް އެރަޙްމަތް ނުހިފެއްޓޭނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ((مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلا مُمْسِكَ لَهَا وَمَا يُمْسِكْ فَلا مُرْسِلَ لَهُ مِنْ بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ)) فاطر: 2 މާނައީ: “މީސްތަކުންނަށްޓަކައި ﷲ އެއްވެސް ރަޙްމަތެއް ހުޅުއްވަވާނަމަ، ފަހެ، އެ ރަޙްމަތް ހިފަހައްޓާނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެއެވެ. އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.”

މިފަދަ ތަކެތީގެ ބޭނުން ކުރުން މީހާގެ އިޢްތިޤާދަށް ބަލާފައި އެޢަމަލަކީ ކުޑަ ޝިރުކެއްތޯ ނުވަތަ ބޮޑު ޝިރުކެއްތޯކަނޑައެޅޭނެއެވެ. ފަހެ އޭނަ ޤަބޫލުކުރަނީ މި ތަކެއްޗަކީ އޭގެ ޒާތުގައި، ﷲތަޢާލާގެ އިރާދަފުޅެއްނެތި ރައްކާތެރިކަން ފޯރުކޮށްދީ ހިމާޔަތްކޮށްދޭ ތަކެތިކަމަށް އިޢްތިޤާދުކޮށް ޤަބޫލުކުރާނަމަ އޭނަ އެކުރަނީ ބޮޑު ޝިރުކެކެވެ. ނަމަވެސް އޭނާގެ އިޢްތިޤާދަކީ މި ފަދަ ތަކެއްޗަކީ މުޞީބާތާއި ބަލާއިން މިންޖުކޮށް ރައްކާތެރިކޮށްދޭ ސަބަބުތަކެއްކަމުގައި ދެކޭނަމަ އެއީ ކުޑަ ޝިރުކެވެ. ފަހެ އޭނަ އެވަނީ ﷲ ތަޢާލާ ސަބަބެއްކަމުގައި ލައްވާފައިނުވާ ކަމެއް ސަބަބެއްކަމުގައި އިޢްތިޤާދު ކޮއްފައެވެ. އެއީ ސަބަބެއްކަމުގައި ހުކުމްކުރުމުގައި ﷲ އަށް އޭނާއެވަނީ ޝަރީކުކޮށްފައެވެ.

މިގޮތުން ކުރެވޭ ކަންތައްތައް ސަބަބެއްކަމުގައި އެނގޭނީ ދެގޮތަކުންނެވެ.

ފުރުތަމަ ގޮތަކީ ޝަރުޢީގޮތުން އެއީ ސަބަބެއްކަން ބަޔާންވެފައި އޮތުމެވެ. މިސާލަކަށް މާމުޔަކީ ޝިފާ ލިބޭނެ ސަބަބެއްކަން ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((فِيهِ شِفَاءٌ لِلنَّاسِ)) النحل: 69 މާނައީ: “އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ޝިފާވެއެވެ.”

ދެވަނަ ގޮތަކީ ޤަދަރުގެ ގޮތުން އެއީ ސަބަބެއްކަމުގައި އެނގުމެވެ. މީގެ މާނައީ މިސާލަކަށް ތަދުކެނޑުވުމަށްޓަކައި ބޭނުންކުރާ ޕެއިން ކިލާރ ބޭސް ބޭނުންކުރުމެވެ. މި ބޭހަކީ އޭގެ ބޭނުންކުރުމުން އޭގެ އަޘަރު ސީދާ ހަށިގަނޑަށްކޮށް ތަދު ފިލުވާލާ ބޭހެއްކަމީ ވަރަށް ސާފުކޮށް ފާޅުކަންބޮނޑުގޮތެއްގައި އެންމެނަށް އެނގޭ، ތަޖުރިބާކުރެވިފައިވާ ބޭހެކެވެ. ނަމަވެސް ތަވީދާއި ބަޑި ފަދަ ތަކެތީގެ އަޘަރަކީ މިއާއި ޚިލާފަށް އޭގެ އަޘަރު ސީދާކޮށް ކުރާ ފާޅުކަންބޮޑު މުޖައްރަބު ކަންތައްތަކެއް ނޫނެއެވެ.

ﷲތަޢާލާ އެއިލާހުގެ ނަބިއްޔާއަށް އަމުރުކުރައްވައި ވަޙީކުރައްވާފައިވެއެވެ. ((قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ)) الزمر: 38 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެކަމުގައި ތިޔަބައިމީހުން ދެކެމުހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ރަޙްމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލުކުރާމީހުން ވަކީލުކުރާހުށީ އެކަލާނގެއަށެވެ!”

އިސްވެދިޔަ އާޔަތުން އަޅުގަނޑުމެންގެ މައުޟޫއަށް ބާރުދޭ މުހިއްމު ނުކުތާތަކަކީ:

1- އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި އެވަނީ އެއިލާހު ފިޔަވައި މީސްތަކުން އަޅުކަން ކޮށް އުޅޭ ބުދުފަދަ ތަކެއްޗަށް ކުރާ އަޅުކަމަކުން އެތަކެތި އެބައިމީހުންނަކަށް ރަޙްމަތެއް ޙާސިލުކޮށެއްނުދެވޭނެއެވެ. އަދި މުޞީބާތެއް، ތަކްލީފެއް ވެސް ދުރުނުކުރެވޭނެއެވެ. މީގެ ސަބަބަކީ އެބުދުފަދަ ތަކެއްޗަކީ މިކަމަށްޓަކައި ވާ ސަބަބެއްކަމުގައި ނުވާކަމެވެ. އެހެންކަމުން އާޔަތުގެ މައްޗަށް ޤިޔާސްކޮށް ޝަރުޢީ ގޮތުންނާއި ޤަދަރީ ގޮތުން ސަބަބަކަށް ނުވާ ހުރިހާކަމެއް މިމާނައިގެ ތެރޭގައި ހިމެނޭނެއެވެ. ބުދުތައް ސަބަބަކަށް ހަދައި އަޅުކަންކުރުން ޝިރުކަށްވީފަދައިން ތަވީދާއި ބަޑި ނުވަތަ މިމާނާއިގައި ހިމެނޭ ހުރިހާއެއްޗެއްގެ އެކަމަށްޓަކައި ބޭނުންކުރުމީ ހަމަ ޝިރުކުކުރުމެވެ.

2- ﷲ ތަޢާލާގެ ބަސްފުޅު: ((حَسْبِيَ اللَّهُ)) “ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ.” މީގެ މުރާދަކީ: އެކަލޭގެފާނު މުޞީބާތްތަކާއި ބަލާތަކުން ދުރުކޮށް ރައްކާތެރިކަމަށް ﷲ ތަޢާލާ ފުދެއެވެ. ޙަޤީގަތެއްނުވާ ވަހުމެއްގެ މައްޗަށް ބިނާވެގެންވާ ސަބަބުތަކުގައި އެކަލޭގެފާނު ނުހިއްޕަވާނެތެވެ.

އަދި މާތްﷲ ރުއްސުންލެއްވި ޢިމްރާން ބުން ޙުޞައިންގެ ކިބައިން ރިވާވެގެންވެއެވެ. رَأَى رَجُلًا فِي يَدِهِ حَلْقَةٌ مِنْ صُفْرٍ فَقَالَ: ((مَا هَذِهِ الْحَلْقَةُ؟)) قَالَ: هَذِهِ مِنَ الْوَاهِنَةِ. قَالَ: ((انْزِعْهَا فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا فَإِنّكَ لَوْ مِتَّ وَهِيَ عَلَيْكَ مَا أَفْلَحْتَ أَبَدًا)). (رواه أحمد) މާނައީ: އެއްދުވަހަކު މީހެއްގެ އަތުގައި ރަތުލޮއިގެ ބޮޅެއް އަޅާފައިވަނިކޮށް ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާއަށް ފެނިވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ. “މިއީ ކޮންއެއްޗެއްހެއްޔެވެ؟” އޭނާ ބުންޏެވެ. މިއީ “واهنة”(އަތަށް ޖެހޭ ބައްޔެއް) ބަލީގެ ސަބަބުން (އެބަލިން ސަލާމަތްވުމައްޓަކައި) އަޅާފައިވާ އެއްޗެކެވެ. ދެން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އެނަގާށެވެ. އެހެނީ ހަމަކަށަވަރުން އެބޮޅު ތިބާއަށް ބަލިކަން މެނުވީ އިތުރެއްނުކުރެއެވެ. ފަހެ ހަމަކަށަވަރުން ތިބާގެ ޖިސްމުގައި އެބޮޅުވަނިކޮށް ތިބާ މަރުވެއްޖެނަމަ ދުވަހަކުވެސް ތިބާ ކާމިޔާބެއްނުވާނެއެވެ.”

މިއުންމަތުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ވަނީ ހުރިހާ ހެޔޮކަންތަކެއްގެ މަގު އުންމަތަށްދައްކަވާފައެވެ. އަދި ހުރިހާ ނުބައި ކަމެއްގެ އިންޒާރު އުންމަތަށް ދެއްވާފައެވެ. މި ގޮތުން އިސްވެދިޔަ ޙަދީޘްގައި މާތް ނިބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ އެވަނީ ޝިރުކުގެ ނުބައި ފާފައަށް އިންކާރުކުރައްވާ އެކަން މަނާކުރައްވާފައެވެ. އަދި އެފަދަ ޙާލަތެއްގައި މަރުވެދާމީހަކީ ދުވަހަކުވެސް ކާމިޔާބުނުވާނެ ގެއްލުމާއި ހަލާކުގެ ތެރޭގައިވާނެ މީހެއްކަމަށް އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ.

އަދި މާތް ﷲ ރުއްސުންލެއްވި ޢުޤްބަތު ބުން ޢާމިރުގެ ކިބައިން މަރުފޫޢު ސަނަދަކުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ تَعَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ، وَمَنْ تَعَلَّقَ وَدَعَةً فَلَا وَدَعَ اللَّهُ لَهُ)) وَفِي رِوَايَةٍ: ((مَنْ تَعَلَقَ تَمِيْمَة فَقَدْ أَشْرَكَ)) (رواه أحمد) މާނައީ: “(އެސްފީނާ ނުވަތަ އެނޫންވެސް އެފަދަ ކަމަކުން ސަލާމަތްވުމަށްޓަކައި) ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ﷲ އޭނާގެ މުރާދު ފުރިހަމަނުކުރައްވާށިއެވެ. އަދި ހަމައެފަދައިން އެފަދަ ކަމަކަށްޓަކައި (ހަށިގަނޑުގެ ތަނެއްގައި ނުވަތަ ގޭގައި) ބޮއްޔެއް އެލުވައިފި މީހާދަންނާށެވެ. ﷲ އޭނާއަށް އެކަމުން ހިތްހަމަޖެހުމެއް، އަރާމެއް ނުދެއްވާށިއެވެ.” އަދި އެހެންރިވާޔަތެއްގައި ވެއެވެ. “ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ ﷲއަށް ޝަރީކުކޮއްފިއެވެ.”

އިސްވެދިޔަ ޙަދީޘްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ އެވަނީ، ﷲ ތަޢާލާ ފިޔަވައި، ތަވީދާއި ބޮލިފަދަތަކެއްޗަށް އިޢްތިމާދުވެ އެސްފީނާއާއި އެހެނިހެން މުޞީބާތްތަކުން ސަލާމަތަށް އެދޭ މީހުންގެ މަޤްޞަދު ފުރިހަމަނުކުރެއްވުމަށް ދުޢާކުރައްވާފައެވެ. އެބައިމީހުންގެ މައްޗަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާފުޅުކުރެއްވުމުން ދޭހަވެގެންއެދަނީ އެކަމުގެ ޙަރާމްކަމެވެ. ސަބަބަކީ އެއީ ޝިރުކުގެ ޢަމަލަކަށްވާތީއެވެ. ޝިރުކަކަށް ވީ ﷲ ތަޢާލާއަށް ފުރިހަމައަށް ބަރޯސާވާން ޖެހޭކަމެއްގައި އެއިލާހު ފިޔަވައި އެހެނިހެން ބާޠިލު ޙަރާމް ތަކެއްޗަށް ބަރޯސާވުމެވެ.

އިމާމް އިބުނު އަބީ ޙާތިމް މާތްﷲ ރުއްސުންލެއްވި ޙުޛައިފާ ބުނުލްޔަމާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެއްދުވަހަކު މީހެއްގެ އަތުގައި، ހުން އައިސްފައިވުމުގެ ސަބަބުން (އެހުމުން ސަލާމަތްވުމަށްޓަކައި) ރޮދިފަށެއް އައްސައިފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެކަމަށް އިންކާރުކުރައްވާ އެރޮދިފަށް ކަނޑުއްވައިލެއްވިއެވެ. އަދި ﷲގެ މި ވަޙީބަސްފުޅު ކިޔަވައި ވިދާޅުވިއެވެ. ((وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا وَهُمْ مُشْرِكُونَ)) يوسف:  106 މާނައީ: “އަދި އެބައިމީހުންކުރެ ގިނަމީހުން ޝަރީކުކުރާ ޙާލުގައި މެނުވީ ﷲއަށް އީމާނެއްނުވެއެވެ.”