ޝައިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާއަށް އެކަލޭގެފާނުގެ އިލްމުވެރިކަމުގެ ހައިބަތުގެ ބޮޑުކަމާއި އިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަމުގެ ސަބަބުން އެކަލޭގެފާނަށް ބޮޑެތި ޢިލްމުވެރިން އަބަދާއި އަބަދުދަނީ ތާރީފުގެ ބަސްފުޅުތައް ރައްދުކުރައްވަމުންނެވެ. އެކަލޭގެފާނަށް މިތާރީފުތައް ހައްޤުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަލޭގެފާނުވަނީ ނުހަނު ދަތިހާލުގައްޔާއި އަދި އެކަލޭގެފާނަށް ޖެހުނު ގިނަ ދުއްތުރާތަކާއި ބަލާތަކާއި ކުރިމަތިލައްވައި މިމަތިވެރި ދީން ހިމާޔަތްކުރެއްވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވާފައެވެ. މިއަދު އަހުލުއް ސުންނަތް ވައްޖަމާޢަތާއި އަދި ސަލަފުއް ޞާލިޙުންގެ މަންހަޖަށް އެންމެބޮޑަށް މަލާމާތްކުރާ މީހުން އެކަލޭގެފާނަށް މަލާމާތުގެ ބަސްތައް ރައްދުކުރައްވަނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި މަގު ހިމާޔަތް ކުރައްވަން އެކަލޭގެފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
އަދި ކިއެއްހެއްޔެވެ؟ ބިދުޢަވެރިންނާއި ބާތިލު ފިރުޤާ ތަކުގެ މީހުން އެންމެ ރުޅި އަރާ އެކެއްކަމުގައި އެކަލޭގެފާނުވެވަޑައިގެންފައިވަނީ އެފިރުޤާތަކުގެ އަސްލު ބަޔާންކޮށްދެއްވުމަށް އެކަލޭގެފާނު ކުރެއްވި މަތިވެރި ބުރަ މަސައްކަތުގެ ސަބަބުންނެވެ.
އިމާމް އިބުނު ތައިމިއްޔާއަށް ޢިލްމުވެރިން ރައްދުކުރައްވާފައިވާ ތަޢުރީފުގެ ބަސްފުޅުތައް
އަލްޙާފިޡު އިބުނު ކަޘީރު އެކަލޭގެފާނު ލިޔުއްވާފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވާފައިވެއެވެ.
“އެކަލޭގެފާނަށް އަޑުއިވިވަޑައިގަންނަ އެއްޗެއް ހިތުދަސްނުކުރައްވާ ދޫކޮށްލައްވަނީ މަދުއެއްޗެކެވެ. އަދި އެކަލޭގެފާނުގެ ޢިލްމުގެ ތެރެއަށް އެބައި އިތުރުކުރައްވައެވެ. އެކަލޭގެފާނަކީ ބުއްދިވެރި އަދި ހަނދާންގަދަ ބޭކަލެކެވެ. އަދި ތަފުސީރާއި އަދި ތަފުސީރާ ގުޅޭ އެހެނެހިން ޢިލްމުތަކުގައި އިމާމަކަށް ވެވަޑައިގަތެވެ. ފިޤުހުގައި އެކަލޭގެފާނުގެ ފުންނާބު އުހެވެ. ބުނެވޭގޮތުގައި އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤުހީ ހުރިހާ މަޒުހަބުތަކެއް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ އެއްފަރާތެވެ. އެއީ އެ މަޒުހަބުތަކުގެ އަހުލުވެރިންނަށްވުރެވެސް ބޮޑަށެވެ. އަދި ޢިލްމުވެރިން އިޚުތިލާފުވެފައިވާ މައްސަލަތައް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި އުޞޫލާއި ފުރޫޢާއި ނަޙޫއާއި އަދި ބަހުގެ އިލްމާއި އަދިވެސް އެނޫން ޢިލްމުތަކުގައި އެކަލޭގެފާނަކީ ފުންނާބު އުސް ޢިލްމުވެރިއެކެވެ. އެއްވެސް މަޖިލީހެއްގައި އެކަލޭގެފާނު ފަންނަކާއި ބެހޭގޮތުން އެއްވެސް ފަރާތަކާއި ވާހަކަފުޅުދައްކަވާނަމަ އެއީ އެކަލޭގެފާނުގެ އެފަންނެއްގައި އެންމެކުރިއަރާފައިވާ ފަންނު ކަމުގައި ހީނުވާ ފަދަ ހާލަތެއް ނާދެއެވެ. އެމީހަކަށް އެކަލޭގެފާނު އެފަންނު ރަނގަޅަށް ދެނެވަޑައިގަންނަވާކަން އެނގޭނެވެ. ޙަދީޘް ޢިލްމަށް ބަލާއިރު އެކަލޭގެފާނަކީ އެފަންނުގެ ދިދަ އުފުއްލަވާފަދަ ބޭކަލެއް ފަދައެވެ. އަދި އެޢިލްމަށް އެކަލޭގެފާނު ރައްކާތެރި ވެލައްވައެވެ. ޙަދީޘްގެ ޞައްޙަ ނުޞައްހަ އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. އަދި ޙަދީޘް ރިވާކުރައްވާފައިވާ ފަރާތައް އެނގިލައްވައެވެ. އަދި ހަދީޘްފަންނުގައި އެކަލޭގެފާނަކީ ނުހަނު ފުންނާބު އުސްފަރާތެކެވެ. އަދި އެކަލޭގެފާނު ވަރަށްގިނަގުނަ މަސައްކަތްޕުޅުތައް ލިޔުއްވާފައިވެއެވެ. އަދި އުޞޫލާއި އަދި ފުރޫޢުގައި އެކަލޭގެފާނުގެ ބަސްފުޅުތައް ނުހަނު ބޭނުންތެރިވެގެންވެއެވެ. ”
އަލް ޙާފިޡު މިއްޒީ އެކަލޭގެފާނަށް ޘަނާ ވިދާޅުވަމުން ވިދާޅުވެފައިވެއެވެ.
“އެކަލޭގެފާނުފަދަ ދެވަނަ އެހެން މީހަކު ތިމަންނާ (ލޮލުން) ނުދެކެމެވެ. އަދި އެކަލޭގެފާނު ފަދަ އެހެންމީހަކު ނުވެސް ފެންނާނެއެވެ. އަދި އެކަލޭގެފާނަށްވުރެ ބޮޑަށް ﷲ ގެ ފޮތާއި އަދި ރަސޫލުﷲ (ޞައްލަﷲ އަލައިހި ވަސައްލަމަ)ގެ ސުންނަތް ބޮޑަށް ދެނެވަޑައިގަންނަވާ، އަދި އެ ދޭއްޗަށް އެކަލޭގެފާނަށްވުރެ ބޮޑަށް ޢަމަލުކުރައްވާ ބޭކަލަކުވެސް ތިމަންކަލޭގެފާނު ނުދެކެމެވެ. ”
އަލްއިމާމު އިބުނު ދަޤީޤުލް ޢީދު ވިދާޅުވެފައިވެއެވެ.
“އިބުނު ތައިމިއްޔާއަށް ނަޒަރުހިންގާއިރު ފެންނަނީ އެކަލޭގެފާނުގެ ދެލޮލުގެ ކުރީމަތީގައި ހުރިހާ ޢިލްމެއް ޖަމާކުރެވިފައިވާ ބޭކަލެއްކަމުގައެވެ. އެކަލޭގެފާނު ބޭނުންފުޅުވާ އެއްޗެއް އެއިން ނަންގަވައެވެ. އަދި ބޭނުންނުވާ އެއްޗެއް ދޫކޮށްލައްވައެވެ. ”
އެތައްފަހަރެއްގައި އިބުނު ތައިމިއްޔާއާއި އެކިމައްސަލަތަކުގައި ބަހުޘްކުރެއްވާފައިވާ ޝައިޚު ކަމާލުއްދީން އައްޒަމްލަކާނީ ވިދާޅުވެފައިވެއެވެ.
“އެކަލޭގެފާނާއި އެއްވެސް ދާއިރާއަކުން ސުވާލުކުރެއްވިއްޖެނަމަ އަޑުއަހާމީހާއާއި އަދި ދެކޭމީހާ އެކަލޭގެފާނަކީ އެފަންނުގައި ހުރި އެންމެ މޮޅު މީހާކަމާއި އަދި އެފަންނަކީ އެކަލޭގެފާނުގެ ފަންނުކަމުގައި ހީކުރާނެއެވެ. ހުރިހާ މަޒުހަބުތަކެއްގެ ފިޤުހުވެރިން އެކަލޭގެފާނާއި އެކު މަޖިލިސްކުރައްވާނަމަ އެބައިމީހުންނަށް ފައިދާކުރެއެވެ. އެއީ އެބައިމީހުންނަށް އެބައިމީހުންގެ މަޒުހަބާއި ބެހޭގޮތުން ކުރިން އެނގިފައި ނެތް މައްސަލަތަކުގައިވެސް މެއެވެ. ”
އަބޫ ހައްޔާނު އަލްއަންދަލޫސީ ވިދާޅުވެފައިވެއެވެ.
” މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެންގެ މިދެލޮލުން އިބުނު ތައިމިއްޔާފަދަ އެހެން މީހަކު ނުދެކެމެވެ.”
އަލްހާފިޡު ބަދުރުއްދީނުލް އަލް ޢައިނީ އަލްހަނަފީ ވިދާޅުވެފައިވެއެވެ.
އެކަލޭގެފާނަކީ މާތް ތަޤުވާވެރި ޞާލިޙު އިމާމެކެވެ. އަދި ތަފުސީރާއި ޙަދީޘާއި ފިޤުހާއި އަދި ޙާއްޞަކޮށް ދީނުގެ ދެ މަޞްދަރު (ޤުރުއާނާއި ސުންނަތް)ގެ ފުންނާބު އުސް ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ ބިދުޢަވެރިންގެ މައްޗަށް އުރައިން ދަމައިގަނެފައި ހުރި ތޫނު ކަނޑިއެއްފަދަ ބޭކަލެކެވެ. އެކަލޭގެފާނަކީ ދީނުގެ ކަންކަން ބަޔާންކުރައްވައި އެކަން ޤާއިމުކުރަން މަސައްކަތްކުރެއްވައި އަދި ހެޔޮކަންތައްތަކަށް އަމުރުކުރައްވައި އަދި ނުބައިކަންތައްތައް ނަހީކުރެއްވި ކޮމާންޑަރެކެވެ. އަދި އެކަލޭފާނަކީ ގިނަގިނައިން ﷲގެ މަތިން ޒިކުރުކުރައްވައި އަދި ރޯދަހިއްޕަވައި ނަމާދުކުރައްވައި އަޅުކަން ކުރައްވުން ގިނަ ބޭކަލެކެވެ.
ޞަޙީޙުލް ބުޚާރީގެ އެންމެ މަޝްހޫރު ޝަރަޙަކަމަށްވާ ފަތުޙުލްބާރީ ލިޔުއްވި އަލްހާފިޡު އިބުނު ޙަޖަރުލް އަސްޤަލާނީ ވިދާޅުވެފައިވެއެއެވެ.
“އެކަލޭގެފާނަށް ދެވިފައިވާ ލަޤަބުކަމަށްވާ ޝައިޚުލް އިސްލާމް އެޒަމާނުން ފެށިގެން އަހަރެމެންގެ ޒަމާނާއި ހިސާބަށް ހެޔޮލަފާ މީސްތަކުންގެ ދޫމަތިންވަނީ ވާސިލުވެފައެވެ. އެގޮތަށް އިއްޔެ މުޚާތަބުކުރި ފަދައިން މާދަމާވެސް މުޚާތަބުކުރެވޭނެއެވެ. ޖާހިލަކު ނުވަތަ އެކަލޭގެފާނުށް ދެވިފައިވާ މަޤާމު ނޭންގޭ މީހަކު ނުވަތަ އެކަލޭގެފާނުގެ އަގުވަޒަން ކުރުމުން އެއްކިބާވެގަންނަ މީހަކު މެނުވީ މިކަމަށް އިންކާރު ނުކުރާނެއެވެ. ”
އަދި ޤާޟީ އިބުނު ޙުރައިރީ ވިދާޅުވެފައިވެއެވެ.
” އިބުނު ތައިމިއްޔާ ޝެއިޚުލް އިސްލާމްއަކަށް ނުވަންޏާ ދެން އެމީހަކީ ފަހެ ކޮބައި ހެއްޔެވެ؟ ”
ނުނިމޭ