[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނީ ޢިލްމު ޙާޞިލުކުރުމުގައި ބުރަތަކެއް ވޭތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

(ދީނީ) ޢިލްމު ޙާޞިލުކުރުމަކީ ބުރަކަމެކެވެ. ނަމަވެސް އެކަމުގައި ލައްޛަތާއި އުފާވެރިކަންވެއެވެ. ވަރުބަލިކަމާއި ބުރަކަމުގެ ފާލަމެއް ހުރަސްކޮށްގެންމެނުވީ (ދީނީ) ޢިލްމެއް ޙާޞިލެއްނުވާނެއެވެ. ހިނދުކޮޅަކު ޢިމްލު ޙާޞިލުކުރުމުގައި ނިކަމެތިކަން ތަޙައްމަލުނުކޮށްފިމީހާ، ދަތިކަމުގައި ޖަހާލަތުގެ ތަށިން އަބަދު ބޯންޖެހިދާނެއެވެ.

ޢިލްމާއި ޢަމަލުކުރުމުން މިދެކަމުގައި ކެތްތެރިވާންނުޖެހޭ ހިނދެއްނުވެއެވެ. ކެތްތެރިންނަށްޓަކައި ސުވަރުގޭގެ ބަގީޗާތައް ވަޢުދުވެވިގެންވެއެވެ. ﴿سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ﴾ (سورة الرعد ٢٤)

މާނައީ: “(އެބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ އާޚިރަތުގެ ގޮވަތީގެ މޮޅުކަމާއެވެ.”

ނުރުހުންތެރިވާ ކަންކަމުގެ މައްޗަށް ކެތްތެރިނުވެ (ދީނީ) ޢިލްމެއް ޙާޞިލެއްނުވާނެއެވެ. އަދި އެޙާޞިލުކުރުމުގައި ނަފްސުން ޤުރުބާންވެ ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ.

އިބްނުލް ޖައުޒީ رحمه الله ވިދާޅުވިއެވެ: އަދި ހަމަކަށަވަރުން ޢިލްމު ޙާޞިލުކުރުމުގެ އެންމެ ފޮނި ދުވަސްވަރު އަޅުގަނޑަށް ދިމާވާ މުޞީބާތްތައް މާމުއިއަށްވުރެއްވެސް އަޅުގަނޑަށް ފޮންޏެވެ. އެއީ އަޅުގަނޑު އުންމީދުކޮށް އެދޭ ކަންތަކުގެ ސަބަބުންނެވެ. އަޅުގަނޑު ކުޑައިރު، ހިކިފައިވާ ރޮއްޓެއް ހިފައިގެން ފަހެ ޙަދީޘް ޙާޞިލުކުރުމަށް ނުކުންނަމެވެ. އަދި “ޢީސާ” އޭ ކިޔުނު ކޯރުގެ ކައިރީ އިށީނދެ އިންނަމެވެ. ފެންކައިރީގައި ބަހައްޓައިގެން ނޫނީ އަޅުގަނޑަށް އެޔެއް ނުކެވެއެވެ. އޭގެން އެތިކޮޅެއް ކާކޮންމެ ފަހަރަކު ފެން ބޮމެވެ.

އަޅުގަނޑުގެ ހިއްމަތުގެ ލޮލުން ޢިލްމު ޙާޞިލުކުރުމުގެ ލައްޛަތުނޫނީ ނުފެނެއެވެ. [صيد الخاطر/ ص: ١٥١]

އަދި އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ “ޖާމިއުލް މަސާނީދު” އޭ ކިޔުނު ފޮތް ލިޔުއްވި ޙާލު ޞިފަކޮށްދެއްވާ، އަމިއްލަ ނަފްސާބެހޭގޮތުން ވިދާޅުވިއެވެ:  “މެދުނުކެނޑި ރޭގަނޑު ފާނޫޒު އަލީގައި އަޅުގަނޑެ އެ ލިޔުނީމެވެ. އަދި (ފާނޫޒުގެ އަލި) އުފުލި ތިރިވެއެވެ. އެއީ އަޅުގަނޑުގެ ލޮލުގެ ފެނުން ދާންދެނެވެ.” [المصعد الأحمد في ختم مسند الإمام أحمد / ص: ٢٣، لمحمد ابن الجزري]

އަދި އަބޫ ޙާތިމް އައްރާޒީ رحمه الله ވިދާޅުވެއެވެ: “ޙަދީޘް ޙާޞީލުކުރުމަށް ނުކުތް ފުރަތަމަ އަހަރު ހަތްއަހަރުވަންދެން ވަޒަންވެރިވީމެވެ. އަޅުގަނޑު ފައިމަގުން ހިނގިރާސްތާ ޢަދަދުކުރިއިރު އެއްހާސް ފަރްސަޚަށްވުރެ އިތުރެވެ. ދެން އެއަށްފަހު ޢަދަދުކުރުން ދޫކޮށްލީމެވެ. (ފަރްސަޙަކީ: 5.5 ކިލޯމީޓަރެވެ. އެކަލޭގެފާނު ދަތުރުކުރި ފައިމަގުގައި އެދަތުރުގައި ކަޑައްތުކުރި ދުރުމިނަކީ ގާތްގަނޑަކަށް 5500 ކިލޯމީޓަރެވެ. ދެން އެއަށްފަހު ދަތުރުކުރާދުރުމިން ގުނާ ޢަދަދުކުރުން ހުއްޓާލެއްވީއެވެ.) އަދި ބަހްރައިނުން ނުކުމުގެން މިޞްރަށް ހިނގާފައި ދިޔައީމެވެ. ދެން “އައްރަމްލާ”އަށް ހިނގާފައިދިޔައީމެވެ. ދެން ދިމިޝްޤަށެވެ. ދެން އަންޠާކިޔާއަށެވެ. ދެން “ޠަރްޠޫސް”އަށެވެ. ދެން ޙިމްޞަށް ރުޖޫޢަވީމެވެ. ދެން އެތަނުން “އައްރައްޤާ”އަށެވެ. ދެން ޢިރާޤަށް ސަވާރީގައި ދިޔައީމެވެ. މިހުރިހާކަމެއްވެސް ހިނގީ އަޅުގަނޑު އުމުރުން ވިހި އަހަރުގައެވެ.” [طبقات الشافعية الكبري / ٢٠٨،٢]

ކަމުގެ ނިމުމަށް ބެލުމުން އެދޭކަންކަމާއި ނުރުހުންތެރިވާ ކަންކަމަށް ކެތްތެރިވުމަށް ފަސޭހަވެއެވެ.

ޒުވާންކަމުގެ ދައުރު ޢިލްމަށްޓަކައި ހޭދަކޮށްފިމީހާ ފަހެ ހަމަކަށަވަރުން މުސްކުޅިވުމުން އޭނާ އިންދާ އަދި ކެނޑިއެއްޗަކަށްޓަކައި ޝުކުރުކުރާނެއެވެ. އަދި އޭނާ އެއްކުރި އެއްޗެކާމެދު ލިޔުމުގެ ލައްޛަތު ލިބޭނެއެވެ. އަދި ޙާޞިލުވާ ޢިލްމުގެ ލައްޛަތްތަކަށް ބަލާ، ހަށިގަނޑުގެ ލައްޛަތުތަކުން ގެއްލޭ ކަންކަމީ އެއްވެސް އެއްޗެއްކަމުގައި ނުދެކޭނެއެވެ.

އިމާމް އަޙްމަދު رحمه الله އަށް ދެންނެވުނެވެ: އަރާމުކުރުން އޮތީ ކޮންއިރަކުންތޯއެވެ؟ ވިދާޅުވިއެވެ: “ސުވަރުގޭގައި ފުރަތަމަ ފިޔަވަޅުއަޅާ ހިނދުން ފެށިގެންނެވެ.”

އެކަމަށް އެދުމުގައި ތިބާ ތެދުވެރިވި ވަރަކަށް ﷲ ތިބާއާއެކު ވޮޑިގެންވާނެއެވެ. އަދި އެއިލާހުގެ ޙަޟްރަތަށް އެނބުރުނު މިންވަރަކަށެވެ. އަދި އާރާއި ބާރުން އެއްކިބާވުމުންނެވެ. 1

____________________________________________

[1] އެބަހީ: لا حول ولا قوة إلا بالله މިފަދައިން ކިޔާ މިކަލިމައަށް އީމާންވެ، މިއާ އެއްގޮތަށް ޢަމަލުކުރުމުންނެވެ. މިކަލިމައިގެ މާނައަކީ: “އެއްވެސް ބަދަލުކުރުމެއްވެސް އަދި އެއްވެސް ބާރެއްވެސް ﷲ ޙަޟްރަތުން މެނުވީ ނުވެއެވެ.”

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް