[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 14

ތައުބާވުމާއި ގުޅޭގޮތުން މުހިއްމު ފަތުވާތައް (11ން 23ށް)

ސ11. އަހަރެން ޔަތީމު ކުއްޖެއްގެ މުދާނަހަމަ ގޮތުގައި އަތުލައި، އޭގެން ވިޔަފާރިއެއް ފެށީމެވެ. އެމުދާ އެތައް ގުނައަކުން އިތުރުވެ ވަރަށް ބޮޑު ފައިދާއެއް އަހަންނަށްވިއެވެ. (އެކަމަކު މިހާރު) އަހަރެން ﷲ އަށް ބިރުވެތިވަމެވެ. އަހަރެން ތައުބާވާން ހަދާނީ ކިހިނެތް ހެއްޔެވެ؟

ޖ11. ޢިލްމުވެރިން މި މަސްއަލައިގައި ވަރަށް ގިނަ ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. އެންމެ މެދުމިނުގެ އަދި އެންމެ އަދުލުވެރިގޮތެއްކަމަށް ބެލެވޭ ޤައުލަކީ: އެމުދަލުގެ އަޞްލު ރައުސުލް މާލާއި ފައިދާގެ ދެބައިކުޅަ އެއްބަޔާއެކު ތިބާ އެ ޔަތީމު ކުއްޖާއަށް ރައްދުކުރުމެވެ. އޭރުން ތިބާއާއި އެކުއްޖާ ވާނީ މުދަލުގެ އަޞްލާއި އެއިން ލިބޭ ފައިދާގައި ބައިވެރިންފަދައިންނެވެ.

މިއީ އިމާމް އަޙްމަދުرحمه اللهގެ އަރިހުން އެއްރުވާޔަތުގައި އައިސްފައިވާ ރައުޔެކެވެ. އަދި ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާ رحمه اللهގެ ރައުޔުވެސް މެއެވެ. އެކަލޭގެފާނުގެ ދަރިވަރި، އިބްނު އަލްޤައްޔިމް رحمه الله މިއީ އެންމެ ރާޖިހުގޮތްކަމަށް ވިދާޅުވިއެވެ. [المدراج ١/٣٩٢]

ވަގަށް އަތުލައިގަނެފައިވާ ކަންބަޅިޔާއި ޖަމަލުވެސް ވަނީ މިފަދައިންނެވެ. އެތަކެތި ވިހައިފިނަމަ އެ ތަކެއްޗާއިއެކު ވިހޭ ތަކެތީގެ ދެބައިކުޅައެއްބައި އޭގެ އަޞްލުމިލްކުވެރިފަރާތަށް ދޭންވާނެއެވެ. އެތަކެތި މަރުވެފައިވާނަމަ އެއަށްވާ އަގާއެކު ވިހައިގެން ލިބުނުތަކެތީގެ ދެބައިކުޅަ އެއްބައި ދޭންޖެހޭނެއެވެ.

ސ12. ޖައްވުގެ މަގުން މުދާއުފުލަދިނުމުގެ މަސައްކަތުގައި އުޅުނުމީހެއްގެ އަތުގައި މީހުންނުގެންގޮސްހުރި ސާމާނު ހުއްޓެވެ. އޭގެ ތެރެއިން ރޭޑިއޯއެއްފަދަ އެއްޗެއް އޭނާ އޯޅުވާލައިގެން ނެގިއެވެ. އަދި އަހަރުތަކެއްފަހުން އޭނާ ތައުބާވިއެވެ. ފަހެ އޭނާ ރުޖޫޢަކުރަން ޖެހޭނީ އެރޭޑިއޯހެއްޔެވެ. ނުވަތަ އެއަށްވާ އަގުހެއްޔެވެ. ނުވަތަ އެއާ ވައްތަރު ރޭޑިއޯއެއް ހެއްޔެވެ؟ މިވައްތަރުގެ ރޭޑިއޯ މިހާރު ބާޒާރުގައި ލިބެން ނުހުންނަ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވާލަމެވެ.

ޖ12. އޭނާ އަޞްލު އެ ރޭޑިއޯ އަނބުރާ ރައްދުކުރަންޖެހޭނެއެވެ. އަދި އޭގެ އިތުރުން ބޭނުންކުރުމުން ނުވަތަ  ގިނަދުވަސްވުމުގެ ސަބަބުން އޭގެ އަގު ދަށްވެފައިވުމުން އޭގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ އަގެއް ދޭންޖެހޭނެއެވެ. އަދި އެކަން ކުރަންވާނީ އޭނާގެ ނަފްސަށް އުނދަގޫތަކެއް މެދުވެރިނުވާފަދަ މުނާސަބު ގޮތަކަށެވެ. އެގޮތަށް އެކަންނުވެއްޖެނަމަ، އޭގެ އަގާއި އެކަށީގެންވާ ޢަދަދެއްގެ ފައިސާ އޭގެވެރިފަރާތުގެ މަތިން ޞަދަޤާތްކުރަންވާނެއެވެ.

ސ13. އަހަރެންގެ އަތުގައި ރިބާގެ ގޮތުގައިލިބިފައިވާ ފައިސާ ހުއްޓެވެ. ނަމަވެސް އެފައިސާ ބޭނުންކޮށް ހުސްވެއްޖެއެވެ. މިހާރު އަހަރެން ތައުބާވާން ބޭނުމެވެ. އަހަރެންގެ މައްޗަށް ލާޒިމްވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟

ޖ13. ތިބާ ހަމައެކަނި ކުރަންޖެހޭނެކަމަކީ ﷲ عز وجل  އަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ރިބާއަކީ ނުރައްކާތެރި އެއްޗެކެވެ. އެހެނީ ރިބާގެ އަހުލުވެރީންނާ ދެކޮޅަށް މެނުވީ، ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ހަނގުރާމަ އިޢުލާނު ކުރައްވާފައިނުވެއެވެ. އެކަމަކު ރިބާގެ ގޮތުގައި ލިބުނު ހުރިހާ ފައިސާއެއް ހުސްވެފައިވުމުން ތިބާ އެކަމުގައި އިތުރުކަމެއް މިހާރު ކުރާކަށް ނުޖެހޭނެއެވެ.

ސ14. އަހަރެން ކާރެއް ގަތީމެވެ. އޭގެތެރެއިން ބައެއް ފައިސާއަކީ ޙަރާމް ފައިސާއެވެ. އަދި ބައެއް ފައިސާއަކީ ޙަލާލް ފައިސާއެވެ. އެކާރު މިހާރުވެސް އެބައޮތެވެ. އަހަރެން ކަންތައްކުރަންޖެހޭނީ ކިހިނެތް ހެއްޔެވެ؟

ޖ14. ބައިނުކުރެވޭ އެއްޗެއް، މިޘާލަކަށް ގެއެއް ނުވަތަ ކާރެއް، ޙަރާމް އަދި ޙަލާލް ފައިސާ އެއްކޮށްގެން ގަނެފިނަމަ، އެ ޙަރާމް ފައިސާ އަށްވާ ޢަދަދު އޭނާގެ މުދަލުންނަގާ ޞަދަޤާތްކުރުމުން ފުދޭނެއެވެ. އެއީ އޭނާ އެގަތް މުދާ ޠާހިރުކުރުމުގެ ގޮތުންނެވެ. އެޙަރާމް ފައިސާއަކީ އެހެން ބައެއްގެ ޙައްޤެއްނަމަ ކުރިން ތަފްޞީލުބަޔާންކޮށްދީފައިވާ ފަދައިން އޭގެ ޙައްޤުވެރި ފަރާތަށް ދޭންޖަހޭވަރު ދޭންވާނެއެވެ.

ސ15. ސިނރިގޭޓު ވިއްކައިގެން ފައިދާގެ ގޮތުގައި ލިބުނު ފައިސާއަށް ހަދާނީ ކިހިނެތް ހެއްޔެވެ؟ އަދި ހަމަ އެފަދައިން އެފައިސާ އެހެން ޙަލާލު ފައިސާއާއި އެއްކުރެވިފައިވާނަމަ ކަންތައްކުރާނާ ކިހިނެތް ހެއްޔެވެ؟

ޖ15. މިއުޒިކު ކުޅޭ ސާމާނުތަކާއި، ޙަރާމް ފިލްމުތަކާއި، އަދި ސިނގިރޭޓް ފަދަ ޙަރާމް އެއްޗަކުން އޭގެ ޙުކުމް އެނގޭޙާލު ވިޔަފާރި ކުރިމީހާ، ތައުބާވުމަށްފަހު އޭގެން ލިބުނު ފައިދާ ޖެހޭނީ ހެޔޮކަމަކަށް ހޭދަކުރާށެވެ. ޞަދަޤާތެއްގެ ގޮތުގައެއްނޫނެވެ. ނަމަވެސް އޭގެން ސަލާމަތްވުމުގެ ގޮތުންނެވެ.  އެހެނީ ﷲ ތަޢާލާ ހެޔޮ ރަނގަޅު އިލާހެވެ. އަދި ރަނގަޅުމަކެއް މެނުވީ އެއިލާހު ޤަބޫލު ނުކުރައްވައެވެ.

ޙަރާމް ފައިސާ ޙަލާލް ފައިސާއާއި އެއްވެފައިވާނަމަ – މިޘާލަކަށް ހުއްދަތަކެތި ވިއްކާފިހާރައެއްގެ މީހަކު، އެތަކެއްޗާއިއެކު ސިނގިރޭޓު ވިއްކުން-  ފަހެ ހަމަކަށަވަރުން އެ ޙަރާމް ތަކެތިން ލިބުނު ފައިސާ އަންދާޒާކުރުމަށް ފަހު އޭނާގެ މުދާ ޠާހިރު ކުރުމުގެ ނިޔަތުގައި، ރަނގަޅުކަމެއްގައި އެފައިސާ ހޭދަކުރާށެވެ. ﷲ ތަޢާލާ އޭނާއަށް އެ ހެޔޮކަމުގެ ބަދަލު ދެއްވާނެއެވެ. އެހެނީ  އެއީ އެންމެ ދީލަތި އަދި އެންމެ ތަނަވެސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

*ޢާންމު ގޮތެއްގައި ބުނާނަމަ، ޙަރާމްގޮތުގައި ފައިސާ ހޯދުމަށްފަހު އެތަކެތި އޭނާއަތުގައިހުރެ، އެކަމުން ތައުބާވާން ބޭނުން ނަމަ ކަންތައް ކުރަންޖެހޭނެގޮތް މިވަނީއެވެ:

1. އޭނާއަށް އެފައިސާ ލިބުނުއިރު އޭނާއަކީ ކާފަރެއް ކަމުގައިވާނަމަ ތައުބާ ވުމަށްޓަކައި އެފައިސާ ނެރޭކަށް ނުޖެހޭނެއެވެ. ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އިސްލާމްވުމަށްފަހު، އެބޭކަލުންގެ މުދަލުން ޙަރާމް ގޮތުގައި ލިބުނުތަކެތި ބޭރުކުރާކަށް ނާންގަވައެވެ.

2. އޭނާއަށް އެޙަރާމް ފައިސާ ލިބުނީ މުސްލިމެއްގެ ގޮތުގައި ހުރެ އެއީ ޙަރާމްކަމެއްކަން އެނގިހުރެކަމުގައިވާނަމަ، އޭނާ ތައުބާވާއިރު އެފައިސާ ނެރެންޖެހޭނެއެވެ.

ސ16. މީހަކު ރިޝްވަތުހިފާއުޅުނެވެ. ދެންފަހެ ﷲ ތަޢާލާ އޭނާއަށް ތެދުމަގަށް މަގުދެއްކެވިއެވެ. ފަހެ ރިޝްވަތުގެގޮތުގައި އޭނާހިފި ފައިސާއާމެދު ކަންތައް ކުރަންޖެހޭނީ ކިހިނެތް ހެއްޔެވެ؟

ޖ16. މިމީހާ ވާނީ އަންނަނިވި ދެޙާލަތުންކުރެ ކޮންމެވެސް އެއްޙާލަތެއްގައެވެ:

1. އެއްގޮތަކީ އެއީ، އޭނާގެ ޙައްޤުތައް އަނިޔާވެރިކަމާއެކު އަތުލައިގަނެފައިވާ މީހަކު އެ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި އިތުރު އެހެންގޮތެއްނެތި ޟަރޫރީވެގެން ރިޝްވަތު ދިނުމަށް މަޖުބޫރުވުމުން ދީފައިވާ ރިޝްވަތެކެވެ. މިޙާލަތުގައި ތައުބާވާމީހާއަށް ވާޖިބުވެގެންވަނީ ރިޝްވަތުގެ ގޮތުގައި އޭނާ ހިފި ފައިސާ އަނބުރާ ރިޝްވަތުދިންމީހާއަށް ރައްދުކުރުމަށެވެ. އެހެނީ އޭގެ ޙުކުމަކަށް ވާނީ ގަދަބާރުން އަތުލައިގަނެވިފައިވާ މުދަލުގެ ޙުކުމެވެ. އެއީ އޭނާއަށް މަޖުބޫރުވެގެން ދޭން ޖެހުނު އެއްޗަކަށްވުމުންނެވެ.

2. އަނެއް ގޮތަކީ އޭނާއަށް ރިޝްވަތު ދިންމީހަކީ އޭނާއެކޭ އެއްފަދައިން ރިޝްވަތުދޭ އަނިޔާވެރި މީހަކަށްވުމެވެ. އޭނާއީ އޭނާއަށް ޙައްޤުނުވާ އެއްޗެހި ރިޝަވަތުދީގެން އަތުލާމީހެކެވެ. ފަހެ މިޙާލަތުގައި އޭނާ ރިޝްވަތުގެ ގޮތުގައި ހިފި ފައިސާ އަނބުރާ ރައްދުކޮށްގެން ނުވާނެއެވެ. ނަމަވެސް ތައުބާވިމީހާ ހެޔޮކަންކަމުގައި ހޭދަކޮށް އެޙަރާމް ފައިސާއިން ސަލާމަތްވާނީއެވެ. އެއީ މިޘާލަކަށް ފަޤީރުންނަށްޓަކައި ހޭދަކުރުމުންނެވެ. ހަމައެފަދައިން ނުޙައްޤުން މީހުންގެ ޙައްޤުތަކުން އެއްކިބާކުރުމުގެ ސަބަބަކަށްވެފައިވާތީ އެކަމަށްވެސް ތައުބާ ވާންޖެހޭނެއެވެ.

ސ17. އަހަރެން ޙަރާމް ކަންތައްކޮށްގެން އޭގެ ބަދަލުގައި ފައިސާ ހޯދާ އުޅުނީމެވެ. ތައުބާވުމަށްފަހު ފަހެ އެފައިސާ އަހަންނަށް ދިންމީހުންނަށް އަނބުރާ ދައްކަން ޖެހޭނެ ހެއްޔެވެ؟

ޖ17. ޙަރާމް ކަންތައްތައް ކޮށްގެން ނުވަތަ ޙަރާމް ޚިދުމަތްތައްދީގެން ފައިސާ ހޯދާ މީހުން ތައުބާވުމަށްފަހު އެފައިސާ އޭނާގެ އަތުގައި ހުރެއްޖެނަމަ އެފައިސާއިން އޭނާ ސަލާމަތްވާން ޖެހޭނެއެވެ. ނަމަވެސް އެފައިސާ އޭނާއަށް ދިންމީހުންނަށް އެއަނބުރާދީގެން ނުވާނެއެވެ.

ފަހެ ޒިނޭކޮށްގެން ފައިސާ ހޯދި އަންހެނަކު ތައުބާވުމަށްފަހު އެފައިސާ އޭނާއާއި އެކު ޒިނޭކުރި ފިރިހެންމީހާއަށް ދީގެންނުވާނެއެވެ. އަދި ޙަރާމް ލަވަކިޔައިގެން ފައިސާ ހޯދި މީހަކު ތައުބާވުމަށްފަހު އެ ޙަފްލާ ބޭއްވިފަރާތަށް ފައިސާ އަނބުރާ ދީގެންނުވާނެއެވެ. އަދި ރާ ނުވަތަ މަސްތުވާތަކެތި ވިއްކި މީހަކު ތައުބާ ވުމަށްފަހު އެތަކެތި އޭނާގެ އަތުން ގަތްމީހުންނަށް އެފައިސާ އަނބުރާދީގެންނުވާނެއެވެ. ދޮގު ހެކިދީގެން ފައިސާ ހޯދިމީހަކު ތައުބާވުމަށްފަހު އޭނާގެ ގާތުން އެޚިދުމަތް ހޯދިމީހުންނަށް ފައިސާ އަނބުރާ ދީގެންނުވާނެއެވެ. އަދި މިފަދަ އެހެން ކަންކަމުގައިވެސް ޢަމަލުކުރަންޖެހޭނީ މިފަދައިންނެވެ. ސަބަބަކީ ފާފަކުރުމަށްޓައި އޭނާއަށް ފައިސާދިން ފާފަވެރިޔާއަށް އެފައިސާ އަނބުރާ ރައްދުކޮށްފިނަމަ އޭނާގެ ޢަތުގައި ޙަރާމް ފައިސާ ޖަމާވެ އެކަމުން ސަލާމަތްނުވެވި ފާފަކުރުމަށް މަގުފަހިވެދާނެއެވެ. ޝައިޚް އަލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި، އެކަލޭގެފާނުގެ ދަރިވަރު، އިބްނު އަލްޤައްޔިމް رحمه الله އެންމެ ރަނގަޅުގޮތްކަމަށް ދެކެވަޑައިގަންނަވާ ގޮތަކީ މިއީއެވެ. [المدارج ١/٣٩٠]

ސ18. އަހަރެން ކަންބޮޑުވާކަމެއް އެބައޮތެވެ. އަދި އެކަމުގެ ސަބަބުން އަހަންނަށް ވަރުބަލިކަން އިހްސާސްވެ، ރޭގަނޑުގެ ނިދިންމަޙްރޫމުވެއެވެ.  އަހަންނަށްވަނީ އަންހެނަކާއެކު ފާޙިޝް ކަންތައްތަކެއް ކުރެވިފައެވެ. ފަހެ އަހަރެން ތައުބާވާނީ ކިހިނެތް ހެއްޔެވެ؟ އަދި އެކަންތައް ފޮރުވުމުގެގޮތުން އަހަންނަށް އެ އަންހެންމީހާއާއި ކައިވެނި ކުރެވިދާނެ ހެއްޔެވެ؟

އަދި އެހެންމީހަކު ސުވާލުކުރެއެވެ. ބޭރު ޤައުމެއްގައި އޭނާއަށްވަނީ އަންހެނަކާއެކު ފާޙިޝްކަންތައްތަކެއްކުރެވިފައެވެ. އަދި އެއަންހެންމީހާ އޭނާގެ ސަބަބުން ބަނޑުބޮޑުވިއެވެ. ފަހެ އެއީ އޭނާގެ ދަރިއަކަށް ވާނެ ހެއްޔެވެ؟ އަދި އޭނާ އެކުއްޖާއަށް ޚަރަދު ފޮނުވަންޖެހޭނެ ހެއްޔެވެ؟

ޖ18. ފާޙިޝްކަންތައްތަކާއި ބެހޭ މައުޟޫޢުގައި ވަރަށް ގިނަ ސުވާލުތައް މިހާރަކަށް އައިސް ކުރެވެއެވެ. އެހެންކަމުން އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންގެ ޙާލަތާމެދު އަލުން ވިސްނާ ކީރިތި ޤުރުއާނާއި ސުންނަތުން ހިދާޔަށް ލިބިގަނެ އެކަންތައްތައް އިޞްލާޙުކުރުމެވެ. އަދި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ މަސްއަލަތަކުގެ ތެރޭގާއި ބެލުން ތިރިކުރުމާއި، އަލްޙުލްވާ (ހިލޭ އަންހެނުންނާއި އެކު އެކަހެރިވުން) ނަހީކުރެވިފައިވާކަމާއި، ހިލޭ އަންހެނުންނާއެކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމުން ދުރުހެލިވުމާއި، ޝަރުޢީ ޙިޖާބު ފުރިހަމަކުރުމަށް ސަމާލުކަން ދިނުމާއި (އަންހެނުންނާއި ފިރިހެނުން) ގައިގޯޅިވުމުގެ ނުރައްކާތެރިކަމާއި، ކާފަރު ރަށްތަކަށް ދަތުރުކުރުމުން ދުރުހެލިވުމާއި، މުސްލިމު ގެތަކާއި ޢާއިލާތައް ބެލެހެއްޓުމާއި، އަވަހަށް ކައިވެނިކުރުމާއި، އަދި އެކަމަށް ހުރަސްއަޅާ ކަންކަން ކުޑަކުރުން ހިމެނެއެވެ.

*މިސުވާލާ ބެހޭގޮތުން ދަންނައެވެ. ފަހެ ފާޙިޝް ޢަމަލު ކުރިމީހާވަނީ ދެޙާލަތުންކުރެ އެއްޙާލަތުގައެވެ.

1. އެއްގޮތަކީ އޭނާ އެއަންހެނާއާއެކު ޒިނޭކޮށްފައިވަނީ ގަދަކަމުން އެއަންހެނާގެ ޢިއްފަތްފޭރިގަނެގެނެވެ. މިޙާލަތުގައި އޭނާ އެ އަންހެނާއަށް ދިން ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަދަ އަންހެނަކާ އެކަށީގެންވާ ކައިވެނީގެރަނުގެ މިންވަރު ދޭންޖެހޭނެއެވެ. އަދި އެއާއިއެކު އިޚްލާޞްތެރި ތައުބާއަކުން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާ ވާންޖެހޭނެއެވެ. އަދި އެކަންތައް (މުސްލިމުންގެ)އިމާމު ނުވަތަ އޭނާގެ ނައިބު(މިޘާލަކަށް ޤާޟީންފަދަ މީހެއް)ގެ ގާތަށް ގޮއްސިނަމަ، އެކަމަށް އެކަށީގެންވާ އަދަބު ލިބިގަންނަންޖެހޭނެއެވެ. [ބައްލަވާ المدارج ١/٣٦٦]

2. އަނެއްގޮތަކީ އެއަންހެނާގެ ރުހުމުގައި ޒިނޭކުރުމެވެ. ފަހެ މިޙާލަތުގައި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ހަމައެކަނި ތައުބާވުމެވެ. އަދި އެކަމުން ލިބުނު ދަރިއަށް އެއްގޮތަކަށްވެސް ޚަރަދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންނުވެއެވެ. ސަބަބަކީ އެއީ ނަހަމަގުޅުމަކުން ލިބުނު ދަރިއަކަށް ވުމުންނެވެ. އެފަދަކުދިން ނިސްބަތްކުރެވޭނީ އެކުއްޖާގެ މަންމައަށެވެ. ޒިނޭކުރި ފިރިހެންމީހާގެ ނަސަބަށް އެފަދަކުދިން ގުޅުވުން ހުއްދަވެގެންނުވެއެވެ.

އަދި ތައުބާވިމީހާއަށް އެކަންފޮރުވުމަށްޓަކާ އެޢަމަލު ހިންގި އަންހެންމީހާއާއި ކައިވެނިކުރުން ހުއްދަވެގެންނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ …﴾ (سورة النور ٣) މާނައީ: “ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރީކުކުރާ އަންހެނަކާނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ، ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެއެވެ. …”

ޒިނޭގެ ސަބަބުން ބަލިވެއިން އަންހެނާއާއި ކައިވެނީގެޢަޤުދުކުރުން ހުއްދަވެގެންނުވެއެވެ. އެއީ އޭނާގެ ދަރިއަކަށް ބަނޑުބޮޑުވިކަމުގާވިޔަސްމެއެވެ. ހަމައެފަދައިން އަންހެނާ ބަލިވެ އިންކަން ނުވަތަ ނޫންކަން ނޭނގޭކަމުގައިވާނަމަ އެއަންހެނާއާ ކައިވެނީގެޢަޤުދުކުރުން ހުއްދަވެގެންނުވެއެވެ.

އޭނާއާއި އަދި އެއަންހެން މީހާވެސް ތެދުވެރި ތައުބާއަކުން ތައުބާވުމަށްފަހު އަދި އެއަންހެންމީހާގެ ރަޙިމު ހުސްކަން ޘާބިތުވުމުން، ފަހެ އެހިނދު އޭނާއަށް އެއަންހެނާއާއި ކައިވެނިކޮށް އެއަންހެނާއާއެކު ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އާޙަޔާތެއް ފެށުން ހުއްދަވެގެންވެއެވެ.

ސ19. އަހަރެން އަންހެނަކާއެކު ފާޙިޝްކަންތައްތަކެއް ކުރީމެވެ. އަދި އަހަރެން ޒިނޭކުރި އެއަންހެންމީހާއާއި ކައިވެނި ކުރީމެވެ – (މިފަދަ ކަންކަމުން) ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަމަށްއެދެމެވެ – މިހާރު އޭގެފަހުން އަހަރުތަކެއް ވެއްޖެއެވެ. އަދި އަހަރެން ﷲ ތަޢާލާގެ ޙަޟްރަތަށް ތެދުވެރި ތައުބާއަކުން ތައުބާވެއްޖައީމެވެ. ފަހެ އަހަރެންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟

ޖ19. ދެފަރާތުގެ ތައުބާ ޞައްޙަ ނަމަ ދެންޖެހޭނީ ޝަރުޢީ ޝަރުޠުތަކާއެކު ވަލީ އާއި ދެ ހެކިވެރިންނާއެކު އެކައިވެނި އަލުން ޢަޤުދުކުރާށެވެ. މިކަން ކޮންމެހެން ކޯޓުގައި ކުރާކަށް ނުޖެހެއެވެ. ގޭގައި ކުރިޔަސް ފުދޭނެއެވެ.

ސ20. އަންހެނަކު ބުނާގޮތުގައި: އޭނާ ޞާލިޙު ފިރިހެނަކާ ކައިވެނި ކުރިއެވެ. އަދި އެކައިވެނީގެ ކުރިން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންތައްތަކެއް އެއަންހެންމީހާއަށްވަނީ ކުރެވިފައެވެ. އަދި މިހާރު އޭނާގެ ޟަމީރު އޭނާއަށް އުނދަގޫކުރަނީއެވެ. އޭނާގެ ސުވާލަކީ: މާޟީގައި ކަންތައްވީގޮތް އޭނާގެ ފިރިމީހާއަށް ކިޔައިދޭންޖެހޭނެހެއްޔެވެ؟

ޖ20. ދެމަފިރިންގެ ތެރެއިން އެކަކަށްވެސް އޭނާ މާޟީގައި ކޮށްފައިވާ ފާފަތަކުގެ ޚަބަރު ދިނުން ވާޖިބުވެގެންނުވެއެވެ. މިފަދަ ހަޑިމުޑުދާރު ޢަމަލެއްކުރެވުނުމީހަކު، ﷲ ތަޢާލާ އޭނާގެ ފާފަތައް ވަންހަނާ ކުރެއްވުމުން އެއިލާހުގެ ވަންހަނާކުރެއްވުމުން ނިވާވެހިކަން ހޯދާށެވެ. އަދި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ފުދޭނެއެވެ.

ނަމަވެސް ބިކުރުވެރި އަންހެނަކާ ކައިވެނި ކުރާ ފިރިހެނާ، އަނބިމީހާއާއި އެއްދާންކުރުމުގެ ތެރޭގައި އެއަންހެންމީހާއަކީ މާޟީގައި އަރައިގަނެވިފައިވާ ފާޙިޝްޢަމަލެއްގެ ސަބަބުން ބިކުރުވެރިއެއް ނޫންކަން އެނގޭހިނދު ފަހެ ހަމަކަށަވަރުން އޭނާ ދިން ކައިވެނީގެރަން އަނބުރާ އަތުލުމަށްފަހު އެއަންހެނާ ދޫކޮށްލުމުގެ ޙައްޤު ފިރިހެންމީހާއަށް ލިބިގެންވެއެވެ. ނަމަވެސް އެއަންހެނާ ތައުބާވެފައިވާކަމަށް އޭނާއަށް ޤަބޫލުކުރެވި، އޭނާގެ ކަންތައް ފޮރުވައިދީ، އޭނާ (އަންބެއްގެ ގޮތުގައި) ބަހައްޓައިފިނަމަ، ﷲ ތަޢާލާ އޭގެ އަޖުރާއި ޘަވާބު އޭނާއަށް ދެއްވާނެއެވެ.

ސ21. ލިވާޠުގެ ފާޙިޝްޢަމަލުން ތައުބާވެފައިވާމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟

ޖ21. އެޢަމަލުކުރިމީހާއާއި ޢަމަލުކުރެވުނުމީހާގެ މައްޗަށް ވާޖިބުވެގެންވަނީ މަތިވެރި ތައުބާއަކުން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވުމެވެ. ލޫޠު عليه السلام ގެ ޤައުމުގެ މީހުން ކުރި ފާފައިގެ ނުބައިކަމުގެ ބޮޑުކަމުން އެބައިމީހުންގެ މައްޗަށް ފޮނުއްވި ވައްތަރުގެ ޢަޛާބެއް އެހެން ބައެއްގެ މައްޗަށް ފޮނުއްވިކަން އިނގޭކަށްނެތެވެ. އެޢަޛާބަކީ:

1. އެބައިމީހުންގެ ލޮލުގެ ފެނުން ގެންދަވާ އެބައިމީހުން ކަނުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿… فَطَمَسْنَا أَعْيُنَهُمْ …﴾ (سورة القمر ٣٧) މާނައީ: “… ފަހެ ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. …”

2. އެބައިމީހުންގެ މައްޗަށް ގަދައަޑެއް ފޮނުއްވެވިއެވެ.

3. އެބައިމީހުންގެ ގެތައް މަތީފުށް އަޑިއަށް ޖެއްސެވިއެވެ.

4. އެބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ވެއްސަވާ އެބައިމީހުން ހަލާކުކޮށްލެއްވިއެވެ.

އެހެންކަމުން މި ފާޙިޝް ޢަމަލަށް އަރައިގެންފިމީހެއްގެ ޙައްދަކީ މެރުމެވެ. އެއީ މީހަކާ އިނދެގެން ނުވަތަ ނީނދެ ހުރި މީހެއްކަމުގައި ވިޔަސްވެހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ ، فَاقْتُلُوا الْفَاعِلَ ، وَالْمَفْعُولَ بِهِ)) [رواه أبو داود والترمذي وابن ماجه وصححه الألباني في إرواء الغليل] މާނައީ: “ލޫޠުގެފާނުގެ ޤައުމުގެ މީހުންކުރި ޢަމަލު ކުރާމީހަކު ފެނިއްޖެނަމަ އެކަންކުރިމީހާއާއި ކުރެވުނުމީހާ ޤަތުލުކުރާށެވެ.”

ސ22. އަހަރެން ﷲ ތަޢާލާއަށް ތައުބާ ވެއްޖައީމެވެ. އަހަރެންގެ އަތުގައި މިއުޒިކު ކުޅޭ ސާމާނާއި ފިލްމުތަކާއި ވީޑިއޯތައްފަދަ ޙަރާމް ތަކެތި އެބަހުއްޓެވެ. ފަހެ އެތަކެތި ވިއްކާލެވިދާނެ ހެއްޔެވެ؟ އެއީ ވަރަށް އަގުބޮޑު ތަކެއްޗެވެ.

ޖ22. ޙަރާމް ތަކެތި ވިއްކުން ހުއްދަވެގެންނުވެއެވެ. އަދި އެތަކެތި ވިއްކާ އަގަކީ ޙަރާމް އެއްޗެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ((إنَّ الله إذا حَرَّمَ شَيْئاً حَرَّمَ ثَمَنَهُ)) [رواه أبو داود وهو حديث صحيح] މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ އެއްޗެއް ޙަރާމްކުރައްވާހިނދު އޭގެ އަގުވެސް ޙަރާމްކުރައްވައެވެ.” މިއީ ޞައްޙަ ޙަދީޘެކެވެ. އަދި އެހެންމީހަކުވެސް ޙަރާމްގޮތުގައި އޭގެ ބޭނުންކުރާނެކަން ތިބާއަށް އިނގޭ ކޮންމެ އެއްޗެއް ތިބާ އޭނާއަށް އެއެއްޗެއް ވިއްކުން ހުއްދަނުވާނެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަން ނަހީ ކުރައްވާފައެވެ. ފަހެ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿… وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ …﴾ (سورة المائدة ٢) މާނައީ: “… އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރި ނުވާށެވެ. …” އަދި ދުނިޔެމަތީގައި ކިތަންމެބޮޑު ގެއްލުމެއް ވިޔަސް ﷲ ތަޢާލާގެ ޙަޟްރަތުގައިވާ އެއްޗެތި ވާ ހެޔޮވެގެންވެއެވެ. އަދި މާ ދެމިހުންނާނެއެވެ. އެކަލާނގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން ތިބާއަށް އޭގެ ބަދަލު ދެއްވާނެއެވެ.

ސ23. މަގުގެއްލިފައިވީ މީހަކުކަމުގައި އަހަރެންވީމެވެ. އަހަރެން ޢަލްމާނިއްޔަތުގެ (ސެކިއުލެރިޒަމްގެ) ފިކުރުތައް ފެތުރީމެވެ. އަހަރެން އިލްޙާދިއްޔަތުގެ (އެތީސްޓިކް) ވާހަކައާއި ލިޔުންތައް ލިޔުނީމެވެ. އަހަރެންގެ ޝާޢިރީ ލިޔުންތައް އަހަރެން ބޭނުންކުރީ ފާޙިޝްކަންކަމާއި ފާސިޤުކަންތައްތައް ފެތުރުމުގެގޮތުންނެވެ. ދެން ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަހަންނަށް ހިދާޔަތު ދައްކަވާ، އަނދިރިކަމުގެ ތެރެއިން އަލިކަމުގެތެރެއަށް ނެރުއްވިއެވެ. ފަހެ އަހަރެން ތައުބާވާނީ ކިހިނެތް ހެއްޔެވެ؟

ޖ23. މިއީ ﷲ ތަޢާލާގެ ބޮޑުވެގެންވާ ނިޢުމަތެކެވެ. އަދި އެކަލާނގެ އޯގާތެރިކަމުގެ މަތިވެރިކަމެވެ. ހިދާޔަތު ދެއްކެވިކަމަށްޓަކައި ފަހެ ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ. އަދި ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމުން އިތުރުކޮށްދެއްވާ ޘާބިތުކަން އިތުރުކޮށްދެއްވުމަށް އެދޭށެވެ.

އިސްލާމްދީނާދެކޮޅަށް ދުލާއި ޤަލަމުން ހަނގުރާމަކުރުމުގެގޮތުން ބާޠިލް ޢަޤީދާތައް ނުވަތަ މަގުފުރެދިފައިވާ ބިދުޢަތަކާއި، ފާޖިރު ފާސިޤް ކަންތައްތައް ފެތުރި މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ:

ފުރަތަމަ: އެހުރިހާ ކަމަކުން ތައުބާވިކަން އިޢުލާން ކުރުމެވެ. އޭނާ (ﷲ ގެ މަގަށް) ރުޖޫޢަވެއްޖެކަން ހުރިހާ ވަސީލަތްތަކަކުން ޢާންމުންނަށް އަންގަންޖެހޭނެއެވެ. އެއީ އޭނާ (ކުރިން ލިޔެފައިވާ އެއްޗެއްގެ ސަބަބުން މީހަކު ދެން މަގުފުރެދުނަސް) އެކަމުގައި ޢުޛުރުވެރިވުމަށްޓަކައެވެ.  އަދި އޭގެ ކުރިން އޭނާ ހުރި ބާޠިލުގޮތް މީސްތަކުންނަށް ބަޔާންކޮށްދިނުމަށްޓަކައެވެ. އެއީ އޭނާގެ ސަބަބުން އަޘަރުކޮށްފައިވާ ތިބިމީޙުންނަށް ކެހިނުލިބުމަށްޓަކައެވެ. އަދި އޭނާއަށް ހިލުވާލެވިފައިވާ ޝުބުހަތަކާއި ކުށްތައް ހޯދާބަލާ އެއަށް ރައްދުދޭށެވެ. އަދި އޭނާއަށް ބުނެވިފައިވާ ބަސްތަކުން ބަރީއަވާށެވެ. މިބަޔާންކޮށްދިނުމަކީ (މިފަދަ ޙާލަތްތަކުގައި) ތައުބާވުމުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَـٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ ﴾ (سورة البقرة ١٦٠) މާނައީ: “އެބައިމީހުން ތައުބާވެ (އެބައިމީހުންގެ ޢަމަލުތައް) އިޞްލާހުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުރި މީހުން މެނުވީއެވެ. ފަހެ އެބައިމީހުންނަށް ތިމަންރަސްކަލާނގެ ތައުބާލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރިޙީމުވަންތަ ރަސްކަލާނގެއެވެ.”

ދެވަނަ: އެބައިމީހުންގެ ދުލާއި ޤަލަން ބޭނުންކޮށްގެން އިސްލާމްދީން ފަތުރަން މަސައްކަތް ކުރުމެވެ. އަދި އެބައިމީހުންގެ ހުރިހާ ހުނަރަކާއި ހަކަތައެއް ބޭނުން ކުރަންވާނީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ މީސްތަކުންނަށް ޙައްޤު އުގަންނައިދީ އަދި އެކަމަށް ދަޢުވަތު ދިނުމަށްޓާކައެވެ.

ތިންވަނަ: އަދި ހަމަކަށަވަރުން އެބައިމީހުންގެ ހަކަތަ ބޭނުންކުރަންޖެހޭނީ ޢަދުއްވުން ލަދުގަންނަވާލާ، ފަޟީޙަތްކޮށް އެބައިމީހުންގެ ރޭވުންތައް ބޭޒާރުކޮށްލުމަށްޓަކައެވެ. ކުރީގައި އެމީހުންނަށް ވާގިވެރިވެދިންފަދައިންނެވެ. އަދި އިސްލާމްދީނުގެ ޢަދުއްވުންގެ އަޒުމުތައް ފުނޑުފުނޑުކޮށްލުމަށްޓަކައެވެ. އޭރުން އެމީހުންވާނީ ޙައްޤުގެ އަހުލުވެރިންގެފަރާތުން ބާޠިލްގެ އަހުލުވެރިންގެ މައްޗަށްހުރި ކަނޑިތަކެއްފަދަ ބަޔަކަށެވެ. ހަމައެގޮތަށް ކުރީގައި މީހަކަށް އެކަހެރި މަޖިލިހެއްގައިވިޔަސް، ޙަރާމްކަމެއް ރަނގަޅުކަމެއްގެ ގޮތުގައި – މިޘާލަކަށް ރިބާއަކީ ޙަރާމް އެއްޗެއް ނޫން ކަމަށް ބުނެ އޭގެ ފައިދާ ހުއްދަކަމަށް ބުނެ- ޤަބޫލުކުރުވި މީހަކުވެސް އެމީހެއްގެ ގާތަށް އެނބުރިގޮސް ޙައްޤުގޮތް ބަޔާންކޮށްދޭންޖެހޭނެއެވެ.  އެއީ އޭނާ ކުރީގައި އެމީހާ މަގުފުރެއްދި ފަދައިންނެވެ. އޭނާ ކުރިން ކުރި ފާފައިގެ ކައްފާރާއަކަށް މިކަންވާނެއެވެ. ﷲ ތަޢާލާއީ ހިދާޔަތު ދެއްވަވާ ފަރާތެވެ.

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ