ނިންމުން
އޭ ﷲގެ އަޅާއެވެ. ﷲ ތަޢާލާ ވަނީ ތައުބާގެ ދޮރު ހުޅުވައިލައްވާފައެވެ. ފަހެ ތިބާ (އެދޮރުން) ނުވަންނާނަން ހެއްޔެވެ. ((إِنَّ لِلتَّوْبَةِ بَابًا عَرْضُ مَا بَيْنَ مِصْرَاعَيْهِ مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ)) وفي رواية: ((عَرْضُهُ مَسِيرَةُ سَبْعِينَ عَامًا، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا)) [رواه الطبراني في الكبير، صحيح الجامع ٢١٧٧]
މާނައީ: “ހަމަކަށަވަރުން ތައުބާއަށްޓަކައި ދޮރެއްވެއެވެ. އެދޮރުގެ ދެދޮރުފަތުގެ ފުޅާމިނުގައިވަނީ އިރުމައްޗާއި ހުޅަނގާއި ދެމެދުގައިވާ ދުރުމިނެވެ.” އަދި އެހެން ރިވާޔަތެއްގައިވެއެވެ. “އޭގެ(އެބަހީ: އެދޮރުގެ) ފުޅާމިނަކީ ހަތްދިހަ އަހަރުގެ ރާސްތާއެކެވެ. ހުޅަނގު ފަރާތުން އިރުއެރުމުން މެނުވީ އެދޮރު ބަންދެއްނުކުރެވޭނެއެވެ.”
ﷲ ތަޢާލާ ނިދާ އިއްވެވިއެވެ. ((يَا عِبَادِى إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا فَاسْتَغْفِرُونِى أَغْفِرْ لَكُمْ)) [رواه مسلم]
މާނައީ: “އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން ރޭގަނޑާއި ދުވާލު ފާފަކުރެއެވެ. އަދި ތިމަންރަސްކަލާނގެ ހުރިހާ ފާފަތައް ފުއްސަވާދެއްވަމެވެ. ފަހެ ތިމަންރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ފުއްސަވައިދެއްވާނަމެވެ.”
ފަހެ ތިޔަބައިމީހުން ފާފަފުއްސަވައިދެއްވުމަށް ނޭދޭނަންހެއްޔެވެ.
ދުވާލު ފާފަކުރާމީހުން ތައުބާވުމަށްޓަކައި ރޭގަނޑު ﷲ ތަޢާލާ އަތްފުޅު ހުޅުވާލައްވައެވެ. އަދި ރޭގަނޑު ފާފަކުރާމީހުން ތައުބާވުމަށްޓަކައި ދުވާލު އެކަލާނގެ އަތްފުޅު ހުޅުވާލައްވައެވެ. ތިޔަބައިމީހުންގެ ޢުޛުރުތައް ޤަބޫލުކުރެއްވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިބާ އެކަލާނގެ ޙަޟްރަތަށް ނޭނބުރޭނަންހެއްޔެވެ.
ފަހެ ތައުބާވާމީހާގެ ބަސްތައް ކިހާ ރީތި ހެއްޔެވެ:
އިބައިލާހުގެ ޢިއްޒަތްތެރިވެވޮޑިގެންވާތީ އަދި މިއަޅާ ނިކަމެތިވެގެންވާތީ އިބައިލާހުގެ ރަޙްމަތަށް އެދި ދަންނަވަމެވެ. އަދި އިބައިލާހުގެ ބާރުވެރިވޮޑިގެންވާތީ އަދި މިއަޅާ ނިކަމެތިވެގެންވާތީ އިބައިލާހުގެ ޙަޟްރަތުގައި އެދިދަންނަވަމެވެ. އަދި އިބައިލާހު މިއަޅާއަށް ބޭނުންވެވޮޑިގެންނުވާތީ އަދި މިއަޅާ އިބައިލާހަށް ބޭނުންވެގެންވާތީ އިބައިލާހުގެ ޙަޟްރަތުގައި އެދިދަންނަވަމެވެ. މިއީ މިއަޅާގެ ދޮގުވެރި ކުށްވެރި ނިތްކުރިއެވެ. އެވަނީ އިބަ އިލާހުގެ ކުރިފުޅުމަތީއެވެ.
މިއަޅާ ފިޔަވާ އިބަ ﷲގެ ގިނަގުނަ އަޅުތަކުންވެއެވެ. އިބައިލާހު ފިޔަވާ މިއަޅާއަށް ސައްޔިދެއްނުވެއެވެ. އިބައިލާހުގެ ފަރާތުން ހިޔާވެހިކަމެއްވެސް، ނަޖާތެއްވެސް އިބައިލާހުގެ ޙަޟްރުންމެނުވީ ނުވެއެވެ. މިސްކީނަކު އެދި ދަންނަވާ ފަދައިން މިއަޅާ އެދެމެވެ. އަދި ދެރަ ނިކަމެތި މީހަކު އިބްތިހާލު ދަންނަވާ ފަދައިން މިއަޅާ އިބްތިހާލު ދަންނަވަމެވެ. އަދި ބިރުގަނެފައިވާ ނިކަމެއްޗަކު ދުޢާކުރާފަދައިން މިއަޅާ ދުޢާކުރަމެވެ.
އެމީހެއްގެ ކަނދުރާ އިބާއިލާހަށް ތިރިކުރެވިފައިވާ މީހަކު އެދޭފަދައިންނެވެ. އަދި އިބައިލާހަށްޓަކައި އެމީހެއްގެ ނޭފަތް ހިރަފުހުން ފުރިފައިވާ، ދެލޯ ކަރުނައިން އޮހޮރިފައިވާ އަދި ހިތްމަޑުމޮޅިވެފައިވާ މީހެއްފަދައިންނެވެ.
*ތައުބާގެ މައުޟޫޢުގައި އަންނަނިވި ވާހަކައާއި އެވާހަކައިގެ ދަލާލަތާމެދު ވިސްނާ ފިކުރުކުރާށެވެ.
ރިވާޔަތުގައި އައިސްފައިވެއެވެ. ޞާލިޙުންގެ މީހަކު މަގެއްގެ މަތިން ހިނގާފައިދަނިކޮށް ދޮރެއް ހުޅުވާފައި، ރޮމުން ވާތްގަށްއެދެމުން ފިރިހެންކުއްޖަކު ނިކުތްތަން ފެނުނެވެ. އަދި އެކުއްޖާގެ މަންމަ އެކުއްޖާގެ ފަހަތުން އެކުއްޖާ ދުރުކުރަމުން އައެވެ. އަދި އެކުއްޖާ ގެއިން ނެރެލިއެވެ. ފަހެ އެކުއްޖާގެ މަންމަ އެތެރެއަށްވަދެ އެކުއްޖާގެ މޫނުމައްޗަށް ދޮރުޖެހިއެވެ. އެކުއްޖާ މާދުރަށް ނުގޮސް ހުއްޓިއްޖެއެވެ. އަދި ވިސްނާލިއެވެ. އެކުއްޖާއަށް އެތަނަކުން ނުކުމެގެން އެއައި ގެ ފިޔަވާ އެހެން ހިޔާވައްސެއް ނުފެނުނެވެ. އަދި މަންމަ ފިޔަވާ ހިޔާވަހިކަމެއްދޭނޭ އިތުރުފަރާތެއްވެސް ނުފެނުނެވެ. އަދި ހިތްހަލާކުވެ ހިތާމަކުރާ ޙާލު އެނބުރިއައެވެ. ފަހެ އޭނާއަށް ފެނުނީ ދޮރު ތަޅުލާފައިވަނިކޮށެވެ. އަދި އޭނާ ދޮރުގެ އޮޅިގަނޑުމަތީ އޮށޯވެ ނިދައިފިއެވެ. އޭނާގެ ކޯތާފަތުގައި ކަރުނައިގެ އަޘަރު ހުއްޓެވެ. ފަހެ އިރުކޮޅެއްފަހުން އެކުއްޖާގެ މަންމަ ނުކުމެއްޖެއެވެ. އެކުއްޖާ އެޙާލުގައިވަނިކޮށް ފެނުމުން ނަފްސު ހިފަހައްޓާނުލެވުނެވެ. އަދި އެކުއްޖާ ކައިރިއަށް ތިރިވެ، އެކުއްޖާނަގާ އެކުއްޖާގެ ގައިގައި ބޮސްދީ ރޮއެހެދިއެވެ. އަދި ބުންޏެވެ. “އޭ އަހަރެންގެ ދަރިފުޅާއެވެ. ތިދިޔައީ ކޮންތާކަށް ދާން ހެއްޔެވެ؟ އަހަރެން ނޫނީ ތިބާއަށް ހިޔާވަހިކަންދޭނެ އެހެން މީހަކު ވޭ ހެއްޔެވެ؟ ތިބާއަށްޓަކައި ﷲ ތަޢާލާ އަހަރެން ކިބައިގައި ލައްވާފައިވާ ރަޙުމާއި އޯގާތެރިކަމާ ދެކޮޅަށް އަހަރެންގެ ފަރާތުން އަދަބެއް ލިބޭފަދަ ގޮތަކަށް އަހަންނަށް ނުކިޔަމަންތެރިވެ ނޫޅުމަށް އަހަރެން ނުބުނަންހެއްޔެވެ؟ ” ދެންފަހެ އެކުއްޖާ ނަގައިގެން (އެތެރެއަށް) ވަދެއްޖެއެވެ!!
އެކަމަކު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ((الله أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا)) [رواه مسلم]
މާނައީ: “މި އަންހެންމީހާގެ ކިބައިގައި އޭނާގެ ދަރިއަށްވާ ރަޙުމަށްވުރެ ބޮޑަށް، ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ރަޙުމްކުރައްވައެވެ.”
ﷲ ތަޢާލާގެ ރަޙްމަތާ އަޅާބަލާއިރު މަންމަގެ ރަޙްމަތް ކޮބާހެއްޔެވެ؟ އެކަލާނގެ ރަޙްމަތްފުޅު ހުރިހާއެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.
ﷲގެ އަޅާ ތައުބާވުމުން އެކަލާނގެ އުފާވެވޮޑިގެންވެއެވެ. އުފާވެވޮޑިގެންވާ ރައްބެއްގެ ކިބައިން އަޅުގަނޑުމެންނަށް ހެޔޮކަމެއް ނުލިބިނުދާނެއެވެ. ((لله أشد فرحاً بتوبة عبده حين يتوب إليه من رجل كان في سفر في فلاة من الأرض، نزل منزلاً وبه مهلكة ومعه راحلته عليها طعامه وشرابه.
فأوى إلى ظل شجرة، فوضع رأسه فنام نومة تحتها، فاستيقظ وقد ذهبت راحلته فطلبها، فأتى شرفاً فصعد عليه فلم ير شيئاً، ثم أتى آخر فأشرف فلم ير شيئاً، حتى إذا اشتد عليه الحر والعطش قال: أرجع إلى مكاني الذي كنت فيه فأنام حتى أموت، فأتى شجرة فاضطجع في ظلها قد أيس من راحلته، فينما هو كذلك، رفع رأسه فإذا راحلته قائمة عنده، تجر خطامها.
[عليها زاده طعامه وشرابه، فأخذ بخطامها، فالله أشد فرحاً بتوبة المؤمن من هذا براحلته وزاده])) [ހުރިހާ ޞަޙީޙް ރިވާޔަތްތަކެއް އެއްކުރެވިފައި، ބައްލަވާ ترتيب صحيح الجامع ٤/٣٦٨]
މާނައީ: “ﷲގެ އަޅާ ތައުބާވުމުން، ދަތުރެއްގައިވީމީހާ އުފާވިވަރަށްވުރެ ބޮޑަށް އެއިލާހު އުފާވެވޮޑިގަންނަވައެވެ. ޞަޙަރާގެ ތަނަވަސްކަމުގެ ތެރޭގައި ދަތުރުކުރަމުންދިޔަ މީހަކު އެކަހެރި ނުރައްކާތެރި މަންޒިލެއްގައި މަޑުކުރެއެވެ. އަދި އޭނާގެ ސަވާރީ އޭނާގެ ގާތުގައި ވެއެވެ. އެވަނީ ކާބޯތަކެތިން ބަރުކުރެވިފައެވެ.
ފަހެ ގަހެއްގެ ހިޔަލުގައި އޭނާ އޮށޯވެ ނިދިއެވެ. ފަހެ އޭނާ ހޭލިއިރު އޭނާގެ ސަވާރީ ފެންނާކަށްނެތެވެ. އަދި އޭނާ އެ ހޯދަން މަސައްކަތްކުރިއެވެ. އޭނާ އުސްހިސާބަކަށްގޮސް އޭގެ މައްޗަށްއެރުމުންވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އެނޫން އުސްގަނޑަކަށްގޮސް ބެލުމުންވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.
ހޫނުގަދަވެ ކަރުހިތްކުން އިތުރުވި ހިނދު އޭނާ ބުންޏެވެ. “އަހަރެން މިއައި ތަނަށް އެނބުރިދާނީއެވެ. ފަހެ މަރުވަންދެން އެތާ ނިދާނީއެވެ.” ފަހެ އޭނާ ގަހެއްގެގާތަށް ހިނގައްޖެއެވެ. އަދި އޭގެ ހިޔަލުގައި އޮށޯތެވެ. ހަމަކަށަވަރުން އޭނާވަނީ އޭނާގެ ސަވާރީއާމެދު މާޔޫސްވެފައެވެ.
އޭނާ އެފައިން ވަނިކޮށް، އޭނާ ބޯހިއްލާލައިފައި ބަލާލިއިރު އޭގެ ލަގަން ދަމަމުން އައިސް އެސަވާރީ އޭނާގެ ކައިރީގައި ހުއްޓެވެ. [ އަދި އޭނާގެ ކާބޯތަކެތީގެ ކޮއްތު އެއާއެކުވެއެވެ. ފަހެ އޭނާ އޭގެ ލަގަނުގައި ހިފިއެވެ.
ފަހެ މިމީހާ އޭނާގެ ސަވާރީއާއި ކޮއްތާމެދުވީ އުފަލަށްވުރެ ބޮޑަށް، މުއުމިނުމީހާ ތައުބާވުމުން ﷲ އުފާވެވޮޑިގެންވެއެވެ.]”
އޭ އަޚާއެވެ. ތިބާ ދަންނާށެވެ. ހަމަކަށަވަރުން ތެދުވެރި ތައުބާއަކުން ތައުބާވާ މީހާއަށް، އެފާފައިގެ ސަބަބުން ﷲ ގެ ކުރިފުޅުމަތީ ނިކަމެތިކަން އުފެދެއެވެ. ތައުބާވާމީހާގެ ރުއިމުގެ އަޑަކީ ﷲ ތަޢާލާގެ ލޯބި އެކަމަކަށް ލިބޭކަމެކެވެ.
އަޅާގެ ލޯކުރިމަތީގައި އޭނާގެ ފާފަތައް ބަހައްޓާހާ ހިނދަކު އޭނާގެ ކިބައިގައި އެކަމަށް ދެރަވުން އުފެދޭނެއެވެ. އަދި އެފާފައާ ވިދިގެން ކިޔަމަންގަތުމުގެ ގިނަ ޢަމަލުތަކަކާއި ހެޔޮކަންތައްތަކެއް އޭނާ ކުރާނެއެވެ. އެއީ ޝައިޠާނާވެސް ބުނުމަށް ދާންދެނެވެ: “އަހަންނަށް އޭނާ މިފާފައިގެ ތެރެއަށް ނުވެއްދުނުނަމައެވެ.” އެހެންކަމުން ތައުބާވާ ބައެއްމީހުން އެމީހުން ތައުބާވުމުގެ ކުރިން އުޅުނުގޮތަށްވުރެ މާ ރަނގަޅަށް ތައުބާވުމަށްފަހު އުޅެއެވެ. އެއީ އޭނާވާ ތައުބާއަށް ބިނާކޮށެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް ކުރިމަތިލައި ތައުބާވާ ޙާލު އަންނަ އަޅާ، އެކަލާނގެ އެއްގޮތަކަށްވެސް ދޫކޮށެއްނުލައްވާނެއެވެ.
އެންމެ މީރުކެއުން ކައިގެން އަދި އެންމެ މީރު ބުއިން ބޮއެގެން، އެންމެ ރީތި ހެދުން ލައިގެން، އެންމެ ރަނގަޅަށް ތަރުބިއްޔަތުލިބިގެން، އަދި އޭނާގެ މައްޗަށް ހޭދަކުރާ ބައްޕަކައިރި ދިރިއުޅޭ ކުއްޖަކާމެދު ތިބާ ދެކެނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ހުރިހާކަމެއް ބަލަހައްޓަނީ އެބައްޕައެވެ.
އެއްދުވަހަކު އޭނާގެ ބައްޕަ އޭނާ ކަމަކު ބޭރަށްފޮނުވައެވެ. އަދި މަގުމަތިން ޢަދުއްވެއް އައިސް، އެކުއްޖާ ރަހީނުކޮށް އައްސައެވެ. އަދި ޢަދުންވުންގެ ރަށަށް އޭނާ ގެންދެއެވެ. މިހާރު އޭނާއާއި މެދު ކަންތައްކުރެވެނީ އޭނާގެ އޯގާތެރި ބައްޕަ ކަންތައްތައް ކޮށްދެއްވިގޮތާ ދިމާ އިދިކޮޅަށެވެ. ފަހަރަކަށް ފަހު ފަހަރަކު، އޭނާގެ ބައްޕަ އެދެއްވި ތަރުބިއްޔަތާއި އަޅާލުން ހަނދާންވުމުން އޭނާއަށް ފާއިތުވީ ކަންކަމާމެދު އޭނާގެ ހިތަށް އަޘަރުތަކެއްކޮށް ހިތާމަކުރެވެއެވެ. އޭނާގެ ކަންތައް އިހުގައި ހުރިގޮތާއި އޭނާއަށް ކުރިންވީ އެންމެހާ ނިޢުމަތްތައް ހަނދާންވެއެވެ.
ފަހެ ޢަދުއްވުންގެ އަތްދަށުގައި އޭނާއަށް ނުބައި ޢަޛާބު ދެވެމުން ދެއެވެ. އެމީހުން ބޭނުން ވަނީ އެންމެފަހުން އޭނާ ކަތިލާށެވެ. އެހިނދު އޭނާގެ ބައްޕަގެ ރަށާ ދިމާއަށް ބަލާލާއިރު އޭނާއާ ނުހަނުގާތުގައި ބައްޕަ ހުއްޓާ ފެނެއެވެ. ފަހެ އޭނާ ދުވެފައިގޮސް އޭނާގެ ބައްޕަގެ ގައިގައި އޮޅުލައިގަނެގެން ވާގިއަށް އެދިގޮވައެވެ. “އޭ ބައްޕާއެވެ! އޭ ބައްޕާއެވެ! އޭ ބައްޕާއެވެ! ތިބާގެ ދަރިފުޅަށް ބަލާބަލާށެވެ. އޭނާ ހުރިޙާލަށެވެ. އަދި އޭނާގެ ދެކޯތާފަތުގެ މައްޗަށް އޮހޮރޭ ކަރުނަތަކަށް ބަލާބަލާށެވެ.” އޭނާގެ ބައްޕައާ ކޮނޑާކޮނޑުޖައްސާ ލާޒިމުވެހުއްޓާ ޢަދުއްވުން އޭނާ ގަދައަޅާ ހޯދަން މަސައްކަތްކުރެއެވެ. އޭނާގެ ބައްޕަގައި ހިފަހައްޓާ ލާޒިމުވެހުއްޓާ، ޢަދުއްވުން އޭނާގެ ބޯކައިރިއަށް އައިސް ހުއްޓިއްޖެއެވެ.
އެކުއްޖާ އެޙާލުގައި ހުއްޓާ ޢަދުއްވުންގެ އަތްމައްޗަށް ބައްޕަ އޭނާ ދޫކޮށްލާނެއޭ ތިބާ ބުނާނަން ހެއްޔެވެ؟! އެފަރާތުގެ އަޅުތަކުންނާމެދު މަންމައާއި ބައްޕައަށްވުރެ ބޮޑަށް ރަޙުމް ކުރައްވާ ފަރާތާމެދު ތިބާ ހީކުރަނީ ކިހިނެތް ހެއްޔެވެ؟ އަޅަކު އެއިލާހުގެ ޙަޟްރަތަށް ފިލައިގެން އަންނަހިނދު، އޭނާގެ ޢަދުއްވުންގެ ކިބައިން ސަލާމަތްވެގެން އައިސް، ﷲ ތަޢާލާގެ ދަރުބާރުގައި ކޯތާފަތްޖައްސާ އެނބުރި ރޮއެ އާދޭސް ކުރަމުން އޭނާ ބުނެއެވެ: “އޭ އަހަރެންގެ ރައްބެވެ. އިބަ އިލާހު ފިޔަވާ ރަޙުމްކުރާނެ ފަރާތެއްނެތް މީހަކަށް ރަޙުމްކުރައްވާނދޭވެ. އަދި އިބަ އިލާހުނޫނީ އޭނާއަށް ނަޞްރުދޭނެ އެހެން ފަރާތެއްނުވެއެވެ. އަދި އިބަ އިލާހުނޫނީ އޭނާއަށް ހިޔާވެހިކަންދޭނެ އެހެން ފަރާތެއްނުވެއެވެ. އަދި އިބަ އިލާހުނޫނީ ވާގިވެވޮޑިގަންނަވާނޭ ފަރާތެއް އޭނާއަކަށް ނުވެއެވެ. އިބައިލާހުގެ ޙަޟްރަތުގައި ދަންނަވާ މިސްކީނެކެވެ. ފަޤީރެކެވެ. އިބަ އިލާހީ އޭނާ ރައްކާތެރިކުރައްވާ ފަރާތެވެ. އޭނާގެ ރައްކާތެރިކޮށްދެއްވުންވަނީ އިބައިލާހުގެ ޙަޟްރަތުގައެވެ. އިބައިލާހުގެ ކިބައިން ރައްކާތެރިކަން ލިއްބައިދޭނެތަނެއް އަދި ނަޖާވާނެތަނެއް ހަމަ އިބައިލާހުގެ ޙަޟްރަތުން މެނުވީ ނުވެއެވެ.”
ފަހެ ހެޔޮ، ރަނގަޅު ކަންތައްތައް ކުރުމުގައި ކުރިއަށްދަމާ ހިނގާށެވެ. އަދި ހެޔޮކަން ލިބިގަތުމުގައިވެސްމެއެވެ. އަދި ޞާލިޙު އެކުވެރިންނާއެކުވުމަށެވެ.
ތެދުމަގު ލިބުމަށްފަހު އެމަގުން އެއްކިބާވުމުން ރައްކާތެރިވާށެވެ. އަދި ހިދާޔަތުލިބުމަށްފަހު މަގުފުރެދުމުންވެސްއެވެ. ﷲ ތަޢާލާ ތިބާއާއި އެކު ވޮޑިގެންވާށިއެވެ.
والسلام عليكم ورحمة الله وبركاته
ނިމުނީ
މިލިޔުމުގެ އެހެން ބައިތައް ބައްލަވާ