[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 23 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “وَكُلُّهُمْ يَتَقَلَّبُونَ فِيْ مَشِيْئَتِهِ بَيْنَ فَضْلِهِ وَعَدْلِهِ، وَهُوَ مُتَعَالٍ عَنِ الْأَضْدَادِ وَالْأَنْدَادِ، لَا رَادَّ لِقَضَائِهِ، وَلَا مُعَقِّبَ لِحُكْمِهِ، وَلَا غَالِبَ لِأَمْرِهِ، آمَنَّا بِذَلِكَ كُلِّهِ، وَأَيْقَنَّا أَنَّ كُلًّا مِنْ عِنْدِهِ.”
 ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެ އެންމެހާ މީސްތަކުންވަނީ އެއިލާހުގެ އެދިވޮޑިގަތުމާއި، އެއިލާހުގެ ފަޟްލަވަންތަކަމާއި ޢަދުލުވެރިކަމުގައެވެ. އެއިލާހާ ދެކޮޅުފަރާތެއް އަދި އެއިލާހާ އެއްފަދަ އެހެން ފަރާތެއްވުމުން މަތިވެރިވެވޮޑިގެންވެއެވެ. އެއިލާހު ނިޔާކުރައްވާފައިވާކަމެއް ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހުގެ ޙުކުމެއް ފަސްކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހުގެ އަމުރުފުޅުގެ މައްޗަށް ގަދަވެގަނެވޭނެ ފަރާތެއް ނުވެއެވެ. މިއެންމެހާ ކަންތައްތަކަށް އަހަރެމެން އީމާންވަމެވެ. އަދި އެންމެހާ ކަންތައްތައް ވަނީ އެއިލާހުގެ އިރާދަފުޅުންކަމުގައިވެސް އަހަރެމެން ތެދުކޮށް ކަށަވަރުކުރަމެވެ.”

_______________________________________

ޝަރަޙަ:

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު “وَكُلُّهُمْ يَتَقَلَّبُونَ فِيْ مَشِيْئَتِهِ بَيْنَ فَضْلِهِ وَعَدْلِهِ” (އެ އެންމެހާ މީސްތަކުންވަނީ އެއިލާހުގެ އެދިވޮޑިގަތުމާއި، އެއިލާހުގެ ފަޟްލަވަންތަކަމާއި ޢަދުލުވެރިކަމުގެ މެދުގައެވެ.) ދަންނައެވެ.

އެންމެހާ މީސްތަކުންވަނީ އެއިލާހުގެ އެދިވޮޑިގަތުމާއި، އެއިލާހުގެ ފަޟްލަވަންތަކަމާއި ޢަދުލުވެރިކަމުގެ މެދުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((هُوَ الَّذِي خَلَقَكُمْ فَمِنْكُمْ كَافِرٌ وَمِنْكُمْ مُؤْمِنٌ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ)) التغابن: 2 މާނައީ: “އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކާފިރުން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މުއުމިނުންވެސް ވެއެވެ. އަދި ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.” އެއިލާހު އިރާދަކުރެއްވިމީހަކަށް އެއިލާހު ހިދާޔަތު ދައްކަވަނީ އެއިލާހުގެ ފަރާތުންވާ ފަޟްލަވަންތަވެރިކަމާއި އިޙްސާންވަންތަކަމުންނެވެ. އަދި އެއިލާހުގެ މަގުފުރައްދަވާމީހާ މަގުފުރައްދަވަނީ އެއިލާހުގެ އެދިވޮޑިގަތުމާއި، ޙިކުމަތާއި ޢަދުލުވެރިކަމުންނެވެ. ((وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ)) فصلت: 46 މާނައީ: “އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.” އަނިޔާވެރިވުމަކީ ކަމެއް އެގޭ ޙައްޤުނޫންތަނަކަށް ލުމެވެ. އިންސާނަކަށް ނުވަތަ އެނޫން އެއްޗަކަށް އަނިޔާވެރިކަމަށް ވާނީ އެއަނިޔާވެރިވެވޭ ފަރާތަށް ލިބިގެންވާ ޙައްޤެއް ނިގުޅައިގަތުމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ ކަމެއް އޭގެ ޙައްޤުތަނަށް ލައްވަވާ އިލާހެވެ. އެއްވެސް މީހަކަށް އެއިލާހު އަނިޔާވެރިވެވޮޑިގެންނުވެއެވެ. މިސަބަބާހުރެ އެއިލާހުގެ އިސްމުފުޅުތަކުގެ ތެރޭގައި “الحَكِيمُ” ވެއެވެ. އަދި އެއިލާހުގެ ޞިފަފުޅުތަކުގެ ތެރޭގައި ޙިކުމަތްތެރިކަންވެއެވެ. “الحَكِيمُ” އަކީ ކޮންމެ އެއްޗެއް އޭގެ ޙައްޤުތަނަށް ލައްވާ ފަރާތެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކާފިރަކަށް، އެމީހާއަށް ޙައްޤުވެގެންވާކަމެއް ނިގުޅައިނުގަންނަވައެވެ. ހިދާޔަތާއި މަގުފުރެއްދެވުމަކީ އެއިލާހުގެ މިލްކުވަންތަވެރިކަމުގެ ތެރެއިންވާ ކަމެކެވެ. އެއިލާހު އިރާދަކުރެއްވިމީހަކަށް ހިދާޔަތު ދައްކަވައި، އެއިލާހު އިރާދަކުރެއްވިމީހަކު މަގުފުރައްދަވަނީއެވެ. ހިދާޔަތު ދައްކަވަނީ އެއިލާހުގެ ފަޟްލަވަންތަވެރިކަމާއި، އިޙްސާންތެރިކަމުންނެވެ. އަދި އެއިލާހު މަގުފުރައްދަވަނީ ޙިކުމަތްތެރިކަމާއި ޢަދުލުވެރިކަމުންނެވެ. އެއްވެސް މީހަކަށް އެއިލާހު އަނިޔާވެރިވެވޮޑިގެންނުވެއެވެ. މި މަސްއަލައާގުޅޭ އިތުރު ތަފްޞީލު މީގެ ކުރީގެ ފިލާވަޅުގައި (22 ވަނަ ފިލާވަޅުގައި) އިސްވެހިނގައްޖެއެވެ.

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު “وَهُوَ مُتَعَالٍ عَنِ الْأَضْدَادِ وَالْأَنْدَادِ” (އެއިލާހާ ދެކޮޅުފަރާތެއް އަދި އެއިލާހާ އެއްފަދަ އެހެން ފަރާތެއްވުމުން މަތިވެރިވެވޮޑިގެންވެއެވެ.) ދަންނައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ ގޮތަކުން މަތިވެރިވެވޮޑިގެންވާ އިލާހެވެ. އެއިލާހަށް އެހީތެރިވެދޭނެ ފަރާތެއްވުމުން އެއިލާހު ފުދިވޮޑިގެންވެއެވެ. އަދި އެއިލާހާ އެއްވައްތަރު އަދި އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އެއިލާހަށް ބައިވެރިޔަކު، އަދި އެއިލާހާ އެއްފަންތިއެއްގެ ފަރާތެއް ނުވެއެވެ. ހަމައެފަދައިން، އެއިލާހާ ދެކޮޅުފަރާތެއް ނުވެއެވެ. އަދި އެއިލާހުގެ ޚަލްޤުތަކުންގެ ތެރޭގައި އެއިލާހާ ދެކޮޅު ހެދޭނެފަރާތެއްވެސް ނުވެއެވެ. އެއިލާހު ކަމަކަށް އަމުރުކުރައްވައިފިނަމަ، އެއަމުރުފުޅާދެކޮޅުހަދައި އެއަމުރުފުޅު ހުއްޓުވޭނެ އެއްވެސް ފަރާތެއްނުވެއެވެ. އެއިލާހު ދެއްވުމަށް އިރާދަކުރައްވައިފިނަމަ އެކަން އެއްވެސްމީހަކަށް މަނާނުކުރެވޭނެއެވެ. އަދި އެއިލާހު އެއްޗެއް ދެއްވުން މަނާކުރައްވައިފިނަމަ، އެ އެއްޗެއް ދެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ކޮންމެ ނަމާދަކުން އަވަދިވެވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވިދާޅުވެއެވެ. ((لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ)) (متفق عليه) މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. ހުރިހާ ވެރިކަމާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ ދެއްވާ އެއްޗެއް މަނާކުރާނެ ފަރާތެއް ނުވެއެވެ. އަދި އިބަﷲ މަނާކުރެއްވި އެއްޗެއް ދޭނެ އެހެން ފަރާތެއްވެސް ނުވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަސީބުވެރިޔަކަށް އޭނާގެ ޤަދަރުވެރިކަން ނުވަތަ ނަސީބުވެރިކަން، އިބަރަސްކަލާނގެ ޙަޟްރަތުން އެއްވެސް ފައިދާއެއް ނުކޮށްދެނެއެވެ.”

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު “لَا رَادَّ لِقَضَائِهِ، وَلَا مُعَقِّبَ لِحُكْمِهِ، وَلَا غَالِبَ لِأَمْرِهِ” (އެއިލާހު ނިޔާކުރައްވާފައިވާކަމެއް ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހުގެ ޙުކުމެއް ފަސްކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހުގެ އަމުރުފުޅުގެ މައްޗަށް ގަދަވެގަނެވޭނެ ފަރާތެއްވެސް ނުވެއެވެ.) ދަންނައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ނިޔާކުރައްވާފައިވާކަމެއް ރައްދުކުރެވޭނެ އެއްވެސް ފަރާތެއްނުވެއެވެ. އެއިލާހު ކަމަކަށް އަމުރުކުރައްވައިފިނަމަ އެކަމެއް ވާހުއްޓެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((إِذَا قَضَى أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ)) مريم: 35 މާނައީ: “އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް ވަޙީ ކުރައްވާކަން ކަށަވަރީ، ‘ވާށޭ’ އެވެ! ދެން އެކަމެއް ވެދެއެވެ.” ހަމައެފަދައިން އެއިލާހުގެ ޙުކުމްފުޅެއް ފަސްކުރެވޭނެ ފަރާތެއް ނުވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((لا مُعَقِّبَ لِحُكْمِهِ وَهُوَ سَرِيعُ الْحِسَابِ)) الرعد: 41 މާނައީ: “އެކަލާނގެ ޙުކުމްފުޅު ފަސްކުރާނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، ޙިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދި ހަމައެފަދައިން އެއިލާހުގެ އަމުރުފުޅުގެ މައްޗަށް ގަދަވެގަނެވޭނެ ފަރާތެއްވެސް ނުވެއެވެ.

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު “آمَنَّا بِذَلِكَ كُلِّهِ، وَأَيْقَنَّا أَنَّ كُلًّا مِنْ عِنْدِهِ” (އެ އެންމެހާ ކަންތައްތަކަށް އަހަރެމެން އީމާންވަމެވެ. އަދި އެންމެހާ ކަންތައްތައް ވަނީ އެއިލާހުގެ އިރާދަފުޅުންކަމުގައިވެސް އަހަރެމެން ތެދުކޮށް ކަށަވަރުކުރަމެވެ.) ދަންނައެވެ.

އެބަހީ، އެންމެހާކަމެއް ހިނގަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނިޔާއާއި، ކުޅަދުންވަންތަކަމާއި، އިރާދަކުރެއްވުމާއި، ކަނޑައަޅުއްވާފައިވާގޮތުގެ މަތީންނެވެ. އެއިލާހު އިރާދަކުރެއްވިކަމެއް ޝައްކެއްވެސްނެތްގޮތުގައި ވާނެއެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައިވުމަށް އެއިލާހު އިރާދަކުރެއްވި އެއްޗެއް ވާހުއްޓެވެ. މިއެންމެހާ ކަމަކަށް އަހަރެމެން ތެދުކޮށް އީމާންވަމެވެ. އަދި އެކަންވަނީ އަހަރެމެންގެ ހިތްތަކުގައި އިސްތިޤްރާރުވެފައެވެ. އަދި މިއީމާންކަމުގެ ތެރޭގައި އެންމެހާކަމެއް އެއިލާހު މޮޅަށް ދެނެވޮޑިގެންވާކަމަށާއި، ލަވްޙުލް މަޙްފޫޡުގައި އެކަންކަން ލިޔުއްވާފައިވާކަމަށާއި، މިކައުނުގައިވާ އެންމެހާ ފަރާތްތައް ވަނީ އެއިލާހުގެ އިރާދަފުޅުގެ ދަށުގައިކަމަށާއި، މި ކައުނުގައި ހިނގާ އެންމެހާކަމަކީ ﷲ އިރާދަކުރައްވައި، ޚަލްޤުކުރައްވައި، އީޖަދުކުރެއްވިކަމެއްކަމަށް އީމާންވުންވެއެވެ.

________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް