[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިޔަރަކާތްވިލޭރޭ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

ޝަޢުބާންމަހުގެ މާތްކަން

ޝަޢުބާންމަހަކީ ރަސޫލާ صلى الله عليه وسلم ވަރަށް ޚާއްޞަ ޤަދަރެއް ދެއްވިމަހެކެވެ. އަދި އެމަހުގައި އެކަލޭގެފާނު ނުހަނު ގިނައިން ރޯދަވެސް ހިއްޕަވާއުޅުއްވިއެވެ. 1

ޝަޢުބާންމަހާ ބެހޭގޮތުން ޞައްޙަ ޙަދީޘްތަކާ އަދި ޟަޢީފް ޙަދީޘްތައް ވާރިދުވެފައިވެއެވެ. އަދި ކިއެއް ހެއްޔެވެ. މައުޟޫޢު ޙަދީޘްތައް (މީހުން ހަދާފައިވާ ޙަދީޘްތައް)ވެސް ވާރިދުވެފައިވެއެވެ. އަދި މިފަދަ މައުޟޫޢު ޙަދީޘްތަކުގެ މައްޗަށް ބާޠިލު ޢަޤީދާތައްވެސް މީސްތަކުން ޤަބޫލުކޮށް އުޅެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ޞައްޙަ މަގު ހޯދައި އެގޮތުގައި ފައިތިލަ ޘާބިތުކުރުމެވެ. އަދި ރަސޫލާ صلى الله عليه وسلم  ބަޔާންކޮށްދެއްވި ގޮތަށް މެނުވީ ﷲއަށް އަޅުކަން އަދާނުކުރުމެވެ.

ހިޔައާއި، ރަކާތް

ދިވެހި ބަސްފޮތް ބުނާ ގޮތުން ”ހިޔަ” އަކީ ހިސާބުގެ ވަކި ޢަދަދެކެވެ. އާދެ! 96 އެވެ.  އެހެންވީމާ، ހިޔަރަކާތޭ ބުނާ ބުނުމުގައި އޮންނަ ”ހިޔަ” އަކީ 96އެވެ. ދެން އޮތް އަނެއް ބަހަކީ ”ރަކާތް” މި ބަހެވެ. މި ބަހުގެ އަސްލަކީ ޢަރަބި ބަހުގެ ”الركعة” މި ބަހެވެ. އެއީ  ދިވެހިން ކިޔާ ގޮތަށް ނަމަ ”ރަކްޢަތް” މި ބަހެވެ.  ތަޢުރީފު، ތާރީފަށް ބަދަލުވީ ގޮތަށް ރަކުޢަތް ”ރަކާތް” އަށް ބަދަލުވީ އެވެ.  އެހެންވީމާ، ”ހިޔަ ރަކާތް” މި ބަހުގެ މާނައަކީ، 96 ރަކުޢަތްކަމަށް ބެލެވެ އެވެ.

ބުހުތާނު

ޝަޢުބާންމަހު 15 ވިލޭރެއާ ގުޅުވައިގެން ދިވެހިންގެ ބައެއް މީހުން ވަރަށް ވިޔަޔާ ނުދާ ޢަޤީދާތައް ގެންގުޅެ އެވެ. އޭގެތެރޭން ބުހުތާނު ތިން ދޮގެއް މަޝްހޫރުވެފައިވެ އެވެ. އެއް ވާހަކައަކީ،  ކައު އިތުރު ނަބިއްޔާ صلى الله عليه وسلمގެ ދަނބިދަރިކަލުން ސައްޔިދިނާ ޢަލީގެފާނާއި، މާތް ނަބިއްޔާ صلى الله عليه وسلم ގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ  ފާޠިމަތުގެފާނާ ބެހޭގޮތުން ދައްކާ  ހުތުރުވާހަކަ އެކެވެ…

1 ވަނަ ވާހަކަ

ދިވެހިންގެ ބައެއް މީހުން އެމީހުންގެ ދަރީންނަށް ކިޔައިދޭ ގޮތުގައި، ޝަޢުބާންމަހު ފަނަރަ ވިލޭރޭ  އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ ޢަންހާ ދަމުނަމާދުފުޅަށް ތެދުވެވަޑައިގަތެވެ.  އެ ހިނދު އެކަމަނާގެ ފިރިކަލުން، މާތް ﷲ ރުއްސުއްލެއްވި ސައްޔިދިނާ ޢަލީގެފާނު رضي الله عنه އެކަމަނާއަށް  ބޭނުންފުޅުވި އެވެ.  ސުންނަތް ނަމާދަކަށްވާތީ،  އެ ކަމަނާ ނަމާދު ދޫކޮށްލައްވައި، ފިރިކަލުންނަށް އިޖާބަ ދެއްވި އެވެ. އެ އަށްފަހު، އަލުން ”ޠާހިރުވެވަޑައިގެން” ވުޟޫކުރައްވައި ނަމާފުޅަށް ހަށަންބެންނެވި އެވެ. އަނެއްކާ ވެސް ފިރިކަލުންގެ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. މި ގޮތުގައި މި ޢަމަލު،  96 ފަހަރު އެރޭގައި ތަކުރާރުވި އެވެ.

ކޮންމެއަކަސް، އަނެއް ދުވަހު މި ކަން ކައު އިތުރު މާތް ނަބިއްޔާ صلى الله عليه وسلم އަށް އެނގިވަޑައިގެންފި ކަމަށްވެއްޖެ އެވެ. އެ ހިނދު ޢަލީގެފާނު رضي الله عنه ގެންނަވައި  ރެވި ނާޅިއެއް އަތްޕުޅަށް ދެއްވިޔޯލަ އެވެ. އޭގައިވަނީ ވަރަށް ކުދި ކުދި ރެތްވާއި، ބޮޑެތި އޮއްޓަރުތަކެކެވެ. ޢަލީގެފާނު ކުރައްވަންވި ކަމަކީ، އެދެބައި ވަކިކޮށް ބައިއެޅުއްވުމެވެ. އެ ގޮތުން އެ އުނިވެގެން ދިޔައީ، އެކަލޭގެފާނުގެ ގައިކޮޅުގައިވާ އަނެއް ޖިންސަށް ބޭނުންފުޅުވުމުގެ ޣަރީޒާގެ ބާރުން ދެބައިކުޅަ އެއްބަޔޯލަ އެވެ. نعوذ بالله  އެވެ.  ކޮންފަދަ ހުތުރުވާހަކަ އެއްތޯ އެވެ؟ ޔަޤީނެވެ. ”ދޫނިފުޅުވާހަކަ” ”މުސަޅުފުޅުވާހަކަ” ފަދަ، އަސްލެއް ނެތް ބުހުތާނެކެވެ. ކޮންމެޔަކަސް  މިވާހަކަ ގަބޫލުކޮށްގެން  ކިޔައި އުޅޭ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެރެޔަށް ހިޔަރަކާތޭ ކިޔުނީ ފާޠިމަތުގެފާނު މި ކުރެއްވި ހިޔަ ރަކުޢަތަށް ނިސްބަތްކޮށެވެ.

2 ވަނަ ވާހަކަ

މި ވާހަކައިގައި  ކިޔާ ގޮތުންނަމަ، ހިޔަރަކާތް ދުވަހު ނުވަތަ ހިޔަރަކާތް ވިލޭރޭގެ ކުރިޔަށް އޮންނަ ދުވަހު ދިރިއުޅުމަށް ކުރާ ނަފާލިބެނިވި މަސައްކަތްތައް ކުރުމަކީ ދުވަހުގެ ޙުރުމަތާ ފުށުއަރާކަމެކެވެ. މަހަށް ފަހަރަށް ދިޔުން ފަދަ ކަންކަމީ ޢަމުދުން ވެސް ކޮށްގެން ނުވާނެ ކަންކަމެވެ.  ބޮޑެތި ކުށެވެ. އުރެދުމެވެ.

ކަންމިހެން އޮތް ނަމަވެސް، މި ދުވަހުގެ ޙުރުމަތްކަނޑައި، ދެމީހަކު ދިގުމަސް މަރަން  ނިކުތްކަމަށްވެ އެވެ. ދިގުމަހު ކެޔޮޅުކަން ކޮށްލާހިތުން ނިކުތް ދެމީހެކެވެ. މި މީހުންނަށް ވީގޮތް އެނގިވަޑައިގަންނަވާތޯ އެވެ؟ ރާމާމަކުނުގެ އަސްލަކީ މި ދެމީހުންނެވެ؟ މި ދެމީހުންކުރެ އެކަކު ބަދަލުވީ އަންހެން ރާމާމަކުނަކަށެވެ. އަނެކަކު ބަދަލުވީ ފިރިހެން ރާމާމަކުނަކަށެވެ…

3 ވަނަ ވާހަކަ

ހިޔަރަކާތާގުޅޭ ތިންވަނަ ވާހަކައެއް ވެސް އެބަ އޮވެ އެވެ. އެ ވާހަކައިގައި ބުނާ ގޮތުން، ހިޔަރަކާތްވިލޭރޭ، މޫނުބަލާ ލޯގަނޑުން މޫނު ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ، އެ އަހަރުތެރޭ މަރުވާނެ މީހުން އެރޭ ލޯގަނޑުން ފެންނައިރު ބޮލެއް ނުހުންނާނެ ޔޯލަ އެވެ. ފެންނާނީ ކަރުން ތިރި އެވެ. އެހެންވެގެން އެރޭ މީހުން ފެންވަރައި ރީތިވުމުގައި ވެސް ލޯގަނޑު ވަރަށް ބޭނުން ނުކުރާނެ އެވެ… 2

 

ހިޔަރަކާތްވިލޭރޭ ޚާއްޞަ ނަމާދެއްކުރުން

އަޅުކަމެއް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ އަޅުކަމަކަށްވަނީ އެކަމުގައި ދެ ޝަރުޠެއް ހަމަވުމުންނެވެ. އެއީ އިޚްލާޞްތެރިކަމާއެކު ﷲއަށް އެކަނި އަދާކުރާ އަޅުކަމަކަށްވުމާއި ރަސޫލާ صلى الله عليه وسلم އުނގަންނަވާދެއްވި ގޮތަށް އެކަން އަދާކުރުމެވެ. މިގޮތުން އަޅުކަންތައްކުރުމުގައި ރަސޫލާ صلى الله عليه وسلم ގެންނެވި ގޮތަށް ތަބާވުމަކީ ލާޒިމުކަމެކެވެ.

ޝަޢުބާންމަހުގެ ވަކި ދުވަހެއް ކަނޑަނާޅާ ވީހާވެސް ގިނަ ހެޔޮޢަމަލުތައް އެމަހުގައި އަދާކުރަމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޝަޢުބާންމަހުގެ ވަކި ދުވަހެއް އެއީ އަޅުކަންކުރުމަށް ޚާއްޞަ ދުވަހެއްކަމުގައި ޘާބިތުވާ ޞައްޙަ ދަލީލެއް ނެތެވެ. އަދި ޝަޢުބާންމަހުގެ ވަކި ދުވަހެއްގައި ކުރާ އަޅުކަމަށް ޚާއްޞަ ޤަދަރެއް ދިނުމަކީ ބިދުޢައެއްކަމުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. ނަމަވެސް ގިނަ އިސްލާމީ މުޖުތަމަޢުތަކުގައި ޝައުބާންމަހުގެ ފަނަރަވިލޭރޭ، ރޭއަޅުކަމަށް ޚާއްޞަކޮށް އުޅެއެވެ. އަދި 15 ވަނަ ދުވަހަ ރޯދަހިފުމަށް ޙާއްޞަކުރެއެވެ.

މިލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާ 96 ރަކުޢަތްކުރުމަކީ ސުންނަތެއްކަން  ޞައްޙަކޮށް ޘާބިތުވާކަށް ނެތެވެ. މިކަމާ އެންމެ ގާތްކުރާ ޙަދީޘްއަކީ ސަތޭކަ ރަކުޢަތްކުރުމަށް އައިސްފައިވާ ޟަޢީފު ޙަދީޘެކެވެ. އަލްޢައްލާމާ އައްޝައުކާނީ رحمه الله އަންނަނިވި ޙަދީޘް އާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ:

(ضعيف) ((يَا عَلِيُّ، مَنْ صَلَّى مِائَةَ رَكْعَةٍ لَيْلَةَ النِّصْفِ مِنْ شَعْبَانَ يَقْرَأُ فِيْ كُلِّ رَكْعَةٍ بِ(فَاتِحَةِ الكِتَابِ) وَ(قُلْ هُوَ اللهُ أَحَدٌ) عَشْر مَرَّاتٍ، قَضَى الله لَهُ كُلَّ حَاجَةٍ…))

މާނައީ: “އޭ އަލީގެފާނެވެ. ޝައުބާންމަހުގެ ފަނަރަވިލޭރޭ ސަތޭކަ ރަކުޢަތްކޮށްފިމީހެއްގެ އެންމެހާ ޙާއްޖަތްތައް ﷲ ފުއްދަވާދެއްވައެވެ. އެނަމާދުގެ ކޮންމެ ރަކުޢަތެއްގައި ފާތިޙާ ސޫރަތުގެ އިތުރުން އިޚްލާޞް ސޫރަތް ދިހަފަހަރު ކިޔަވާނީއެވެ.”

“މިއީ މައުޟޫޢު (ބަޔަކު ހަދާފައިވާ) ޙަދީޘްއެކެވެ. މިޙަދީޘްގައި އޮތްގޮތަށް ކަންކުރާމީހާއަށް ލިބޭ ޘަވާބު ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައި އެލަފްޒުން، ޙަދީޘް ވަކިކުރަން އެނގޭ ބޭފުޅުންނަށް ޝައްކުނުވާނެވަރަށް މިއި ހަދާފައިވާ ޙަދީޘެއްކަން އެނގެއެވެ. އަދި މިޙަދީޘް ރިވާކޮށްފައިވަނީ މަޖްހޫލުންތަކެކެވެ. (ކޮން ބައެއްކަން ނޭނގޭ ބައެކެވެ.) އަދި މިނޫނަސް އެހެން މަގުމަގުން މިޙަދީޘް ހަދަހަދައިގެން މަޖްހޫލުން ރިވާކޮށްފައިވެއެވެ…” [الفوائد المجموعة للشوكاني / ص: 63 / طبعة: المكتب الإسلامي ]

އަދިވެސް ހިޔަރަކާތްވިލޭރޭގައި ދިވެހިން އެހެން ނަމާދެއްވެސް ކުރެއެވެ. އެއީ ހަރަކުޢަތުގެ ނަމާދެކެވެ. ކޮންމެ ދެރަކުޢަތަކަށްފަހު ޔާސީން ސޫރަތް ކިޔަވާ ޚާއްޞަ ދުޢާއެއްކުރަމުންނެވެ. މިއީވެސް ޞޫފީންގެ ބައެއްމީހުން ތަޢާރަފްކޮށްފައިވާކަމެކެވެ. އަބްދުއްސަލާމް އައްޝުޤައިރީ رحمه الله ވިދާޅުވެފައިވެއެވެ:

“ޝަޢުބާންމަހުގެ ފަނަރަވިލޭރޭ – ދެރަކުޢަތްދެމެދު ޔާސިން ސޫރާތްކިޔުމާއި ދުޢާކުރުމާއެކު ކުރާ – ހަރަކުޢަތުގެ ނަމާދަކީ ދީނަށް އަލަށް ވައްދާފައިވާ ކަމެކެވެ. އަދި ހަމަކަށަވަރުން އެއީ ރަސޫލުންގެ ސައްޔިދު (މުޙައްމަދު صلى الله عليه وسلم)ގެ ސުންނަތާވެސް ޚިލާފުކަމެކެވެ. އެކަންކުރަނީ މުޞީބާތްތަކުން ސަލާމަތްވުމަށާއި ޢުމުރު ދިގުކުރުމަށާއި ފުދުންތެރިވުމަށްޓަކައެވެ. “الإحياء” ޝަރަޙަކުރެއްވި ބޭފުޅާ ވިދާޅުވެފައިވެއެވެ. މިއީ ޞޫފީންގެ ފަހުގެ ބޮޑުންގެ ފޮތްތަކުގައި މަޝްހޫރުވެފައިވާ ނަމާދެކެވެ. އެނަމާދަށާއި އޭގެ ދުޢާއަށް ޞައްޙަ ދަލީލެއްވާކަމަށް ތިމަން ނުދެކެމެވެ…” [السنن والمبتدعات للشقيري / ص: 138 / فصل: في حديث وصلاة ودعاء ليلة النصف / طبعة: مكتبة ابن تيمية ]

އަދި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، ސަމާޙަތުއް ޝައިޚް ޢަބްދުލްޢަޒީޒް އިބްނު ބާޒު رحمه الله ވިދާޅުވެފައިވެއެވެ: “… އަދި ބައެއްމީހުން އަލަށް އުފައްދާފައިވާ ބައެއް ބިދުޢަތަކުގެ ތެރޭގައި: ޝަޢުބާންމަހުގެ ފަނަރަ ވިލޭރޭ ޙަފްލާބޭއްވުމާއި  ރޯދިހިފުމަށް އެދުވަސް ޚާއްޞަކުރުން ހިމެނެއެވެ. އެކަމަށް ބުރަވުން ހުއްދަވާފަދަ ދަލީލެއް ނުވެއެވެ. އެ ޙަދީޘްތަކަކަށް ބަރޯސާވުން ހުއްދަނުވާފަދަ ޟަޢީފު ޙަދީޘްތަކެއް އެކަމުގައި ވާރިދުވެފައިވެއެވެ. އެ ރޭ ނަމާދު ކުރުމުގެ މާތްކަމާ ބެހޭގޮތުން ދަންނައެވެ. ފަހެ އެ ހުރިހާ ޙަދީޘްތަކަކީވެސް މީހުން ހަދާފައިވާ ޙަދީޘްތަކެވެ.  ޢިލްމުގެ އަހުލުވެރިންވަނީ އެކަމަށް މީސްތަކުންގެ ސަމާލުކަމަށް ގެންނަވާފައެވެ…” [مجموع فتاوى لابن باز (1 / 186 – 187)].

ހިޔަރަކާތްދުވަހު އަދި އޭގެ ކުރީދުވަހު ނަފާލިބެނިވި މަސައްކަތްތައްކުރުން

އަޅުގަނޑުމެންގެ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެކެވެ. އެޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތައްވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން ހިޔަރަކާތްދުވަހު އަދި އޭގެ ކުރީދުވަހު ނަފާލިބެނިވި މަސައްކަތްތައްކުރުން މަނާކުރާ ޞައްޙަ ޙަދީޘެއްވެސް އަދި ޟަޢީފު ޙަދީޘެއްވެސް އޮތްކަން އެނގޭކަށް ނެތެވެ.

މީސްތަކުން ކިޔައި އުޅޭ ވާހަކަތަކުގެ މައްޗަށް ޝަރުޢީ ޙުކުމެއް ބިނާ ނުކުރެވޭނެއެވެ. ﷲ ތަޢާލާ އަކީ އެންމެ ޢަދުލުވެރި ފަރާތެވެ. ޢުޤޫބާތްދެއްވުމުގައިވެސް އެއިލާހު  ޢަދުލުވެރިވެވޮޑިގެންވެއެވެ. އެހެންކަމުން އެދުވަހު މަސައްކަތްކުރުމަކީ ހުއްދަކަމެކެވެ.

 

ހިޔަރަކާތްވިލޭރޭ ލޯގަނޑުބެލެން

އިސްވެ ބަޔާންކުރެވުނު ފަދައިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ހިޔަރަކާތްވިލޭރޭ ލޯގަނޑު ބެލުމުން އެއަހަރު މަރުވާނޭމީހުން އެނގޭނެއެވެ. މިބައިމީހުން މިފަދައިން ހީކުރާ އެންމެ ބޮޑު އެއްސަބަބަކީ އެރެއަކީ ނިޔާ ކަނޑައެޅުއްވޭ ރޭކަމަށް މިބައިމީހުން ޤަބޫލުކުރުމެވެ. އަންނަނިވި އާޔަތުގެ މުރާދަކީ ހިޔަރަކާތްވިލޭރޭކަމަށް މިބައިމީހުން ހީކުރެއެވެ.

﴿فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾ (سورة الدخان ٤)

މާނައީ: ” އެ ރޭ ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވައެވެ.”

ނަމަވެސް މިއާޔަތުގެ އަޞްލު މުރާދަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެހެނީ އާޔަތަށް ބަލާލުމުން އެނގެނީ ކަންތައްތައް ކަނޑައެޅެނީ ޤުރުއާން ބާވައިލެއްވުނު ރޭގައި ކަމަށެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. މިއާޔަތުގެ ކުރީ އާޔަތުންވެސް އެކަން ދޭހަވެއެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ﴾ (سورة الدخان ٣)

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން އިންޛާރުކުރައްވާ އިލާހަކުކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ.”

މިސޫރަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ.
“އެ ރޭ ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވައެވެ.” އެބަހީ: ލައިލަތުލް ޤަދްރިވިލޭރޭގައެވެ.”

އަދި އިންސާނާ މަރުވާނޭ ބިން އޭނާއަށް ނޭނގޭފަދައިން މަރުވާނޭ ވަގުތެއްވެސް ނޭނގޭނެއެވެ. އެއީ ﷲ ތަޢާލާއަށް ޚާއްޞަވެވޮޑިގެންވާ ޣައިބުގެ ޢިލްމުގެ ތެރެއިން ހިމެނޭކަމެކެވެ.

﴿وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ﴾ (سورة لقمان ٣٤)

މާނައީ: “އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެއެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ﴾ (سورة النمل ٦٥)

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. اﷲ އަށް މެނުވީ އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް ޣައިބު ގައިވާކަމެއް ނޭނގޭނެއެވެ. އަދި އެބައިމީހުން އަލުން ދިރުއްވައި، މަޙްޝަރަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެބައިމީހުންނަކަށް ނުމެއެނގޭމެއެވެ.”

ޚުލާޞާ

ޝަޢުބާން މަހަކީ ރޯދަހިފުން އިތުރުކުރުން ސުންނަތްވެގެންވާ މަހެކެވެ.

އެމަހުގެ ވަކި ދުވަހެއް ކަނޑައެޅުމެއްނެތި ރޯދަހިފުމާއި އެހެނިހެން އަޅުކަންތައް އިތުރުކުރުން އެދެވިގެންވެއެވެ.

ހިޔަރަކާތްވިލޭރޭ ނުވަތަ ޝަޢުބާންމަހުގެ އެހެން ރެއެއްގައިވެސް ޚާއްޞަ ނަމާދެއްކުރުން ޘާބިތުވެފައިނުވެއެވެ. މިގޮތުން ހިޔަރަކާތްވިލޭރޭ (ދެރަކުޢަތްދެމެދުގައި ޔާސީންސޫރަތާއި ޚާއްޞަ ދުޢާއެއްކިޔައިގެން)  ކުރާ 6 ރަކުޢަތުގެ ނަމާދުކުރުމަކީ ބިދުޢައެކެވެ.

ހިޔަރަކާތްވިލޭރޭ މޫނު ބަލާ ލޯގަނޑުބެލުން އެއީ ހުއްދަ ކަމެކެވެ. އަދި އެރޭ ލޯގަނޑަށް ބަލާއިރު، އެއަހަރު މަރުވާނޭ މީހުންގެ ބޯ ލޯގަނޑުން ނުފެންނާނެކަމަށް ކުރެވޭ އިޢުތިޤާދަކީ ބާޠިލު އިޢުތިޤާދެކެވެ.

ހިޔަރަކާތްދުވަހު އަދި އޭގެ ކުރީ ދުވަހު ނަފާ ލިބެނިވި މަސައްކަތްތައްކުރުމަކީ ހުއްދަ ކަމެކެވެ. އަދި އެދުވަހު މަސައްކަތްކުރުމުން މަކުނުތަކަކަށް ބަދަލުވެދާނެއޭ ބުނާ ބަހަކީ ބޯދާ ޚުރާފީ ވާހަކައެކެވެ.

والله أعلم.

______________________________

[1] ޝަޢުބާން މަހާ ބެހޭގޮތުން އިތުރު ތަފްޞީލު ދެނެގަތުމަށް މިލިޔުން ވިދާޅުވާށެވެ.

[2] މިލިޔުމުގައިވާ ދިވެހިންގެ ޘަޤާފަތާ ގުޅުންހުރި މައުލޫމާތުތައް ނަގައިފައިމިވަނީ އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް (ހިޔަރަކާތްވިލޭރޭ) މިނަމުގައި ލިޔުއްވާފައިވާ ލިޔުމަކުންނެވެ. އެލިޔުމުން އުނިކުރެވިފައިވާ ބައިތައް (…) މިއަލާމާތުން ފާހަގަ ކުރެވިފައިވާނެއެވެ.