ސުވާލު: ބައެއް މީހުންނަށް ހަނދުފެނުނުކަމުގެ ދަޢުވާ ކުރާއިރު ފަލަކީ ޙިސާބުގެ އަހުލުވެރިން އެރޭ ހަނދު ނުފެންނާނެކަމުގެ ދަޢުވާކުރެއެވެ. މިކަމުގައި އަޅުގަނޑަށް އޮޅުމެއް ނާރައެވެ. އެހެނީ ޙިސާބު ހެދުމުގައި މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިން ކަނޑައެޅުމުގައިވެސް ޚިލާފުތަކެއް ހުރެދާނެއެވެ. ނަމަވެސް އޮޅުން އަރާ ތަންކޮޅަކީ ފަލަކީ ޙިސާބަށް ސަމާލުކަންދޭ، އެކަމުގެ އަހުލުވެރިން ދަޢުވާކުރާގޮތުގައި އެމީހުންވެސް އެމީހުންގެ އޮބްސަވޭޓަރީތަކުގައި ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން ހަނދު ހޯދަން މަސައްކަތްކޮށްގެންވެސް ނުފެނުނުކަމަށެވެ. ފަހެ ފަހުގެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން (ހަނދު) ނުފެނުނު އިރު ހަމަލޮލަށް ފެންނާނީ ކިހިނެތް ހެއްޔެވެ؟ މިމައްސަލަ އިދިކޮޅަށް ހިނގިނަމަ، އާލަތްތަކުން ބަލާފައި ހަނދުފެނިފައި ހަމަ ލޮލަށް ބަލައިގެން ނުފެނުނު ނަމަ މިކަމުގައި ޚިލާފުވުމުގައި ބުރަދަނެއް ހުރީހެވެ. އެއީ ރޯދަ ހިފާނެތޯ ނުވަތަ ނޫންތޯއެވެ. ނުވަތަ މީސްތަކުން ރޯދަ ދޫކޮށްލާނީތޯ ނުވަތަ ނޫންތޯއެވެ. ނަމަވެސް މައްސަލައަކީ ހަމަލޮލަށް ފެނިފައި އާލާތްތައް ބޭނުންކޮށްގެން ނުފެންނާނީ ކިހިނެތް ހެއްޔެވެ؟ ޙަޤީޤަތުގައި ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ހިތުގައި އުފެދިފައިމިވާ ދަތިކަމާ ވާނުވާ ނޭނގިފައިވާވުން ސާފުކޮށް ފިލައިގެންދާފަދަ ޖަވާބެކެވެ. އަޅުގަނޑަށް ހީވާގޮތުގައި މިއީ އަޅުގަނޑުގެ އެކަނި ސުވާލެއް ނޫނެވެ.
*********************************************
ޖަވާބު: ރަމަޟާންމަސް ފެށުނުކަން ޘާބިތުކުރުމުގައި ބަރޯސާވެވޭނީ ހަނދު ފެނުމަށެވެ. ނުވަތަ ހަނދު ނުފެނިއްޖެ ޙާލަތުގައި ޝަޢުބާންމަހުގެ ތިރީސް ފުރިހަމަވުމަށެވެ. މިއީ ޞައްޙަ ސުންނަތުގައި މިކަމަށް ދަލީލުލިބޭގޮތެވެ. އަދި އެކަމުގައި ޢިލްމުވެރިން އެއްބަސްވެފައިވެއެވެ. އިމާމް ބުޚާރީ (1909) އާއި މުސްލިމް (1081) އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
((صُومُوا لِرُؤْيَتِهِ ، وَأَفْطِرُوا لِرُؤْيَتِهِ ، فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ))
މާނައީ: “އެ(އެބަހީ: ހަނދު)ފެނުމުން ރޯދަހިފާށެވެ. އަދި އެ (އެބަހީ: ހަނދު) ފެނުމުން ރޯދަދޫކޮށްލާށެވެ. ފަހެ ތިޔަބައިމީހުންނަށް ވަންހަނާވެއްޖެނަމަ ޝައުބާންމަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ.”
އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.
((…فإن غمِّي عليكم…))
މާނައީ: “…އަދި ތިޔަބައިމީހުންގެ މައްޗަށް ވިލާބޯވެއްޖެނަމަ…”
ފަލަކީ ޙިސާބަށް ބެލުމެއްނެތެވެ. އަދި ހަނދުބެލުމުގެ އަޞްލަކީ ހަމަލޮލުން ބެލުމެވެ. ނަމަވެސް ޒަމާނީ ވަޞީލަތަކުން ބަލައިގެންވެސް ހަނދު ފެނިއްޖެނަމަ ފަހެ އެފެނުމަށް ބަރޯސާވެ ޢަމަލުކުރާނެއެވެ…
ހަމަލޮލަށް ހަނދުފެނިފައި އާލާތްތަކުންނާއި އޮބްސާވޭޓަރީތަކަށް ހަނދުނުފެނުން ދަންނައެވެ. ފަހެ މިކަން ރުޖޫޢަވަނީ ހަނދުފެނުނުތަނަށާއި އޭގެ ވަޤުތަށެވެ. އަދި ކޮންމެ ޙާލެއްގައިވެސް ޙުކުމްބިނާވެގެންވަނީ ހަނދުފެނުމަށެވެ. ފަހެ މުސްލިމުންގެ ތެރެއިން އިތުބާރުހުރި އެކަކަށް ނުވަތަ ދެ މީހަކަށް އެ ފެނިއްޖެނަމަ ވާޖިބުވެގެންވަނީ އެފެނުނު ފެނުމާއި އެއްގޮތަށް ޢަމަލުކުރުމެވެ.
(ސުޢޫދީ ޢަރަބިއްޔާގެ) ޤާޟީންގެ އެންމެ މަތީ މަޖިލީސްގެ ރައީސްކަމުގައިވާ އައްޝައިޚް ސާލިޙް އިބްނު މުޙައްމަދު އައްލުޙައިދާން حفظه الله ވިދާޅުވެފައިވެއެވެ.
“އަލްއަޚް ޢަބްދުﷲ އަލްޚުޟައިރީއަކީ ހަނދުބެލާދިރާސާކުރުމަށް މަޝްހޫރު ބޭފުޅެކެވެ. ހަނދުބަލާ ދުވަސްތަކުގައިނޫނަސް ގިނަ ޙާލަތްތަކެއްގައި އޭނާ ހަނދުދިރާސާކޮށް ހައްދަވައެވެ. އޭނާގެ ގާތަށްގޮސް، “حوطة سدير” އޭ ކިޔުނު ހިސާބުގައި ފަލަކީ ޙިސާބުގެ އަހުލުވެރިން އޭނާއާ ބައްދަލުކުރިއެވެ.
އެބޭފުޅާ އަޅުގަނޑަށް ޚަބަރުދީފައިވާ ގޮތުގައި ފަލަކީ ޙިސާބުގެ އަހުލުވެރިންގެ ޙިސާބުކުތަކާއި ލަފާކުރުންތަކަށް ބުރަވެ އެރޭގެ ހަނދުފެންނާނެކަމަށް ވަކިދިމާއެއް ކަނޑައެޅިއެވެ. އެއީ އެމީހުން ގެންގުޅޭ ކޮންޕިއުޓަރުތައްފަދަ ތަކެތި ބޭނުންކޮށްގެންނެވެ. ފަހެ އޭނާ އެބައިމީހުންނަށް ޚަބަރުދިނީ އެމީހުން އެބުނާ ދިމާލުން އެރޭ އެއްވެސް ޙާލެއްގައި ހަނދުނުފެންނާނެކަމަށެވެ. އެހެނީ އެމީހުންނަށްވުރެ ކުރިން، އޭގެ ކުރީރޭ އޭނާ ހަނދުބެލިއެވެ. އޭނާއަށް ހަނދު ކޮންމެ ރެއަކުވެސްއަރާ ހަނދުގެ މަންޒިލުތައް އެނގެއެވެ. އެހެނީ ކުރިން އިސްވިތަނުން އެ ހުރަސްކުރެއެވެ.
ދެން އެންމެފަހުން ހަނދު ނުކުމެ ފާޅުވިއިރު ފަހެ ހަމަކަށަވަރުން އެކަންވީ އޭނާ ލަފާކުރިގޮތާ އެއްގޮތަށެވެ. އެމީހުން ލަފާކުރި ގޮތަކަށެއްނޫނެވެ. އޭނާ އެމީހުންނަށް އުޛުރުހޯދައިދިނެވެ. އެހެނީ އެމީހުން އެގޮތަށް ކަނޑައެޅީ ހަނދުބަލައިގެންކަމަށްނުވާތީއެވެ. ނަމަވެސް އެމީހުންގެ އަތުގައިވާ ކޮންޕިއުޓަރުތަކުންނެވެ.” (ޝޭޚުގެ ބަސްކޮޅު ނިމުނީ)
މިއީ ސުޢޫދީ ޢަރަބިއްޔާގެ الرياض ނޫހުން ޝައިޚުއާއެކު ބޭއްވި ބައްދަލުވުމެކެވެ…
والله أعلم .
____________________________________________
މިފަތުވާގެ އަޞްލު ބައްލަވާ : ލިންކު1(އިނގިރޭސި)، ލިންކު2(ޢަރަބި)